Support Us

400 ފޫޓު މަތީގައިވާ "ޖޯލި" ޕެސްކާލް ވެންޓް ހެއްލަނީ

"އުޑު"ގައި ހެއްލާ "ޖޯއްޔެ"އް

މިއީ އުސް އިމާރާތަކަށް އަރައިފައި ތިރި ބަލައިލުމުން ބޯއަނބުރައިގަންނަ މީހުންނަށް އެއްގޮތަކަށް ވެސް ކަމުދާނެ އެއްޗެއް ނޫނެވެ.

ޖަރުމަނީގެ ވެރިރަށް ބާލިންގެ ފަތުރުވެރިކަމަށް އެންމެ ފަހުން ތައާރަފުވެގެން މިދިޔައީ 40 ބުރި އުސް އިމާރާތެއްގައި ހަރުކޮށްފައިވާ ހެއްލާ "ސްވިންގް" ނުވަތަ "ޖޯއްޔެ"ކެވެ.

ޕެސްކާލް ވެންޓް ނަމަކަށް ކިޔާ ޓޫރިސްޓަކު މި ހެއްލާ ޖޯލީގައި އިށީނެވެ. އަދި ހާސްވެފައި ހުރި ނަމަވެސް ހިނިގަނޑެއްޖަހައިލިއެވެ.

މިއީ މިހާރު މުޅި ޔޫރަޕްގައި ވެސް ހުރި އެންމެ އުހުގައި ހަދައިފައިވާ ހެއްލާ ޖޯއްޔެވެ. މި ޖޯއްޔަކީ ބާލިންގެ މަޝްހޫރު ޓީވީ ޓަވަރުގެ ކައިރީގައިވާ ހޮޓެލްއެއްގައި ހަދައިފައިވާ ޖޯއްޔެކެވެ. ބާލިން ސިޓީގެ ރީތިކަން ތަފާތު ގޮތަކަށް މަތިން ބަލައިލަން ބޭނުންވާ މީހުންނަށް ލިބިފައިވާ އާދަޔާހިލާފު ފުރުސަތެކެވެ.

މި ޖޯއްޔަށް ހެއްލަން އިށީނދެވެނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅައިގެންނެވެ. އެ ގޮތުން ހޮޓަލާ ގުޅުވައިލައިފައިވާ ކަމަރެއް އަޅަން ޖެހެއެވެ. ސަބަބަކީ އެންމެ ދުރަށް ހެއްލާ ވަގުތު ޖޯލީގައި އިންނަ މީހާ އާއި ބިންމައްޗާ ދެމެދުގައިވާ 400 ފޫޓު (120 މީޓަރު)ގެ ދެމެދުގައި އެއްވެސް އެހެން ރައްކާތެރިކަމެއް ނެތީމައެވެ.

"ފުރަތަމަ ދެތިން ފަހަރު ހެއްލައިލުމުން އެއްގޯސްވޭ. އަދި ވަރަށް މިނިވަންވެފައިވާކަމުގެ އިހުސާސެއްކުރެވޭ. އަހަރެން މި ތަނަށް އައީ ތަންކޮޅެއް ބޮޑަށް ޒުވާންކަން އަލުން އިހުސާސްކޮށްލުމަށް،" މީޑިއާގައި މަސައްކަތްކުރާ ޕެސްކާލް އޭނާގެ 36 ވަނަ އުފަންދުވަހު މި ޖޯލި ތަޖުރިބާކޮށްލީ ކީއްވެކަން ކިޔައިދެމުން ބުންޏެވެ.

ޖޯއްޔަށް އެރުމަށް ކޮންމެ ފަސް މިނެޓަކަށް 22 ޑޮލަރު (339ރ.) ދައްކަންޖެހެއެވެ. މިދިޔަ ޖޫން މަހު ޖޯލި ތައާރަފުކުރުމާއެކު މިހާތަނަށް 100 އަށްވުރެ ގިނަ ޓޫރިސްޓުން އަޖުމަބަލައިލައިފައިވެއެވެ.

އުމުރުން 34 އަހަރުގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ވިކްޓޯރިއާ ވޮއިޓް ބުނީ މި ޖޯލި ހުރިކަން އެނގުނީ ސޯޝަލް މީޑިއާގެ ޒަރީއާއިން ކަމަށެވެ.

"ހީވަނީ އުދުހިލެވޭހެން،" އޭނާ ބުންޏެވެ.

ހޮޓެލްއެއްގައި މަސައްކަތްކުރާ އުމުރުން 30 އަހަރުގެ ވެންޑީ ސޮރިސް ބުނީ މި ތަޖުރިބާ ވައްތަރީ "އެޑްރިނަލިން ރަޝް"އަކާހެންނެވެ.

"ފަސް މިނެޓަށްވުރެ ގިނައިރު ވެސް އުފާވެރިކަމާއެކު މި ތަޖުރިބާކޮށްލެވިދާނެ،" އޭނާ ބުންޏެވެ.

ނަމަވެސް އޭނާގެ ލޯބިވެރިޔާގައި "ވާޓިގޯ" ނުވަތަ މަތީގައި ހުރެފައި ތިރިއަށް ބެލުމުން ބޯއަނބުރާތީ މި ތަޖުރިބާ ކަމުނުދާނޭ ކަމަށް ބުނެ އޭނާ ހުރީ ވެންޑީގެ ވީޑިއޯ ނަގާށެވެ.

"އަހަރެމެން ބޭނުންވީ އާދައިގެ، ނަމަވެސް އަތްފޯރާފަށުން ލިބޭނެ ޓޫރިސްޓު ތަޖުރިބާއެއް ތައާރަފުކުރަން،" މި ޖޯލީގެ ކަންތައް ހަމަޖައްސައިދިން ކުންފުނީގެ މެނެޖިން ޑައިރެކްޓަރު އެންޑީ ހޯފާ ވިދާޅުވިއެވެ.

އޭނާގެ ކުންފުންޏަކީ ޖަރުމަނީގެ ފަތުރުވެރިންނަށް ކަމުދާނެ ތަޖުރިބާތައް ހަމަޖައްސައިދެމުންދާ ކުންފުންޏެކެވެ. މީގެ ކުރިން މި ކުންފުނިން ވަނީ ވައިކުޑައިގައި އުސް އިމާރާތެއްގެ މަތިން ފުއްމައިލައި ތަޖުރިބާއެއް ތައާރަފުކޮށްފައެވެ. ނަމަވެސް އެ ކަން ވައިގައިހިފައިގޮތެއްނުވިއެވެ.

ބާލިންގެ ޓީވީ ޓަވަރުގެ އުސްމިންކަމަށްވާ 1،207 ފޫޓު (368 މީޓަރު) ނުހުއްޓަސް އެންޑީ ތައާރަފުކުރި ޖޯއްޔަކީ ކޮންމެވެސް ވަރެއްގެ ވާދަވެރިކަމެއް ޓީވީ ޓަވަރާދެމެދު އުފެދޭނެ ކަމެކެވެ. ސަބަބަކީ ބާލިންގެ މަތިން ފެންނަ ހިތްގައިމު މަންޒަރު މި ޖޯލިން ވެސް މިހާރު ބަލައިލެވޭނެތީއެވެ.

"ޓީވީ ޓަވަރުގައި ހުރީ ކުޑަދޮރު. ނަމަވެސް އަހަރެމެން މި ޖޯލި ހެދީ ޓެރެސްއެއްގައި. އަދި މި ތަނަށް ތާޒާ ވައި ލިބޭ،" އެންޑީ ބުންޏެވެ.

ޔޫރަޕްގައި އެންމެ އުހުގައި ހަދައިފައިވާ ހެއްލާ ޖޯލި ކުރިން ހުރީ ނެދަލެންޑްސްގެ ވެރިރަށް އަމްސްޓަޑަމްގައެވެ. އެއީ 328 ފޫޓު (100 މީޓަރު) މަތީގައެވެ. އެންޑީ ހެދި ޖޯލި މި ރެކޯޑު މުގުރައިލުމަކީ "އިއްތިފާގެއް"ކަމަށް އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް