ރޭލު ދަގަނޑެއް މައްޗަށް ކަހަނބެއް އެރުމުން އިނގިރޭސި ވިލާތުގެ އެސްކޮޓް އާއި ބެގްޝޮޓް އާދެމެދު ދަތުރުކުރި ރޭލެއް ޑިލޭ ވެއްޖެއެވެ.
"ސޮލޮމޮން"ގެ ނަމުން ނަން ދީފައިވާ، މީހަކު ޕެޓެއްގެ ގޮތުގައި ގެންގުޅޭ މި ކަހަނބު ރޭލު ދަގަނޑު މައްޗަށް އެރީ އެ ސޮރުގެ އަމިއްލަ ލަސް ދުވެލީގައެވެ.
ރޭލު ދަގަނޑުމަތިން ސޮލޮމޮން ނެގީ އިންޖިނޭރުންނެވެ. އަދި ހައިވާނުންނާ ބެހޭ ޑޮކްޓަރެއްގެ ގާތަށް ގެންދަން ރޭލު އޮޕަރޭޓްކުރާ ކުންފުނީގެ މުވައްޒަފުން ނިންމިއެވެ.
ރޭލު އޮޕަރޭޓްކުރާ ސައުތު ވެސްޓަން ރެއިލްވޭއިން ބުނީ ކަހަނބު ފެނުނީ އެސްކޮޓް ސްޓޭޝަން ކައިރިން ރޭލު ދަގަނޑު މަތީގައި އޮއްވައި ހަވީރު ގަޑިން ހައެއް ޖެހުމުގެ ފަހުން ރޭލު ދުއްވާ ޑްރައިވަރަކަށްކަމަށެވެ.

"އެ ސޮރުގެ އަމިއްލަ މަޑު ދުވެލީގައި ބެގްޝޮޓް ސްޓޭޝަންއާ ދިމާއަށް މިސްރާބު ޖަހައިފައި އޮތީ،" ސްޓޭޝަންގެ މުވައްޒަފެއް ސަމާސާކުރަމުން ބުންޏެވެ.
ރޭލު ދަގަނޑުން ނަގައިގެން ރޭލެއްގައި އެސްކޮޓްއަށް ގެންގޮސް ރޭލުދަގަނޑާ ތަންކޮޅެއް ދުރުގައި ޕްލެޓްފޯމްގައި ބާއްވައިފައި މުވައްޒަފުން ނިންމީ ހައިވާނުންނާ ބެހޭ ޑޮކްޓަރެއް ނުވަތަ ވެޓްއަކަށް ކަހަނބު ގެންދާށެވެ.
މި ހާދިސާ ހިނގައިގެން އުޅޭކަން ސޮލޮމޮންގެ ވެރިޔާއަށް އެނގިގެން ސޮލޮމޮން ބަލައި އައީ ރޭގަނޑު އަށެއް ޖަހަން އުޅެނިކޮށެވެ.
ރޭލު ހިންގާ ކުންފުނިން ބުނީ ސޮލޮމޮންއަށް އަނިޔާއެއްވެފައި ނުވާ ކަމަށެވެ.
"އަދި އަހަރެމެންގެ ރޭލުގެ ހިދުމަތަށް ވެސް މާކަ ބޮޑު ބުރޫއެއް ނާރާ،" އެ ކުންފުނިން ބުންޏެވެ.
އެ ތަނުން ބުނީ ދަތުރުވެރިންގެ ފަރާތުން މައާފަށް އެދޭކަމަށެވެ.
"ރޭލު ދަގަނޑު މައްޗަށް ސޮލޮމޮންއަށް އެރުނީ ރޭލު ދަގަނޑު ކައިރިއަށް ނުވަދެވޭ ގޮތަށް ޖަހައިފައިވާ ފެންސެއްގައި ބާގަނޑެއް ހުރުމުން ކަމަށް ފެނޭ،" ކުންފުނިން ބުންޏެވެ.
"މި ވާހަކައަށް އުފާވެރި ނިމުމެއް އައިސްފައިވާތީ އަހަރެމެން އުފާކުރަން،" އެ ކުންފުނިން އެކްސްގައި ބުންޏެވެ.



advertisment