ތިޔައީ މުހިންމު ސުވާލެކެވެ. މަތިންދާބޯޓަށް އެރުމަށާއި މަތިންދާބޯޓުން ފޭބުމަށް ބޯޓުގެ ވައަތް ފަޅި ބޭނުންކުރަނީ ކީއްވެހެއްޔެވެ؟ ޖަވާބަކީ މިއެވެ. ބައިވަރު ސަބަބުތައްވެއެވެ.
އެއް ސަބަބަކީ ދަތުރުފަތުރުގެ ސަގާފަތް މިހާ ހިސާބަށް އައިސްފައިވާ ގޮތެވެ. އެމެރިކާގެ ވައިގެ ސިފައިންގެ ޕައިލެޓެއް ބުނީ އެއާޕޯޓްތައް ޑިޒައިންކޮށްފައިވަނީ ފަސިންޖަރުން ބޭލުމަށްޓަކައި ޓާމިނަލްގެ ކުރިމައްޗަށް މަތިންދާބޯޓު ހުއްޓާ ގޮތަށް ކަމަށެވެ. މިކަމުގެ ސަބަބުން ޓާމިނަލް އިމާރާތާ ދިމާވާ ގޮތަށް މަތިންދާބޯޓުގެ ފިޔަގަނޑު ދިމާވާނޭހެން މަތިންދާބޯޓު ޕާކުކުރަން ޕައިލެޓަށް ފަސޭހަވެއެވެ. އެހެނީ މިހެން ހެދުމުން ޓާމިނަލްގެ ދޮރާއި މަތިންދާބޯޓުގެ ދޮރު ސީދާވާނޭ ގޮތަށް މަތިންދާބޯޓު ޕާކުކުރެވޭތީއެވެ. ބައެއް މުސްކުޅި މަތިންދާބޯޓުތަކުގައި ފަސިންޖަރުން ފައިބައިށާއި މަތިންދާބޯޓަށް އެރުމަށް މަތިންދާބޯޓުގެ ކަނާތްފަރާތުގައި ދޮރު ހުރި ނަމަވެސް، އެންމެ ބޮޑު އިސްކަމެއް އަބަދުވެސް ދެވެނީ ޕައިލެޓަށް ތަންތަން ފެންނާނެ ގޮތަށެވެ.
ވިޔަފާރިއަށް ހިންގާ މަތިންދާބޯޓެއްގެ ޕައިލެޓެއް ކަމަށްވާ އެންޑްރޫ ސްޓެގް ބުނީ މަތިންދާބޯޓުގެ ޑިޒައިންގެ އަސްލު ފެށިފައިވަނީ މަނަވަރުތަކުގެ ކަންތައްތައް ހަމަޖެހިފައިވާ ގޮތަށް ބަލައިގެން ކަމަށެވެ. އެ ގޮތުން މަނަވަރުގައި ކަނާތްފަރާތް ކަމަށްވާ "ސްޓާބޯޑް" ހުރި ކަމަށް ވިޔަސް، ފަސިންޖަރުން އަރައި ފައިބަނީ ވައަތް ފަރާތް ނުވަތަ "ޕޯޓް" ފަރާތުންނެވެ. އޭނާ ބުނީ މަތިންދާބޯޓާއި ޖެޓު ޑިޒައިންކުރާ ފަރާތްތަކުން ވެސް މި އާދަ މިސާލެއްގެ ގޮތުގައި ބެލީކަމަށެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަދި އޮޅުން ނާރާނެގޮތް ހެދުމަށްޓަކައި ފަސިންޖަރުންގެ ހަރަކާތްތައް ފޯކަސްކޮށްފައިވަނީ މަތިންދާބޯޓުގެ އެއް ފަޅިއަށެވެ. އެ ގޮތުން ކަނާތްފަރާތް ހަމަޖައްސައިފައިވަނީ ތެޔޮ އެޅުމަށާއި ލަގެޖާއި މުދާ އަރުވައި ބޭލުމަށެވެ. މިހެން ހެދުމުން މި ކަންތައްތައް ފަސިންޖަރުންގެ ހަރަކާތްތަކާ ވަކިން ބާއްވަން މަގުފަހިވެއެވެ.

މި ޒަމާނުގެ ގިނަ މަތިންދާބޯޓުތަކުގައި ފަސިންޖަރުން އެރުމަށާއި މަތިންދާބޯޓުން ފަސިންޖަރުން ފޭބުމަށް ބޭނުންކުރަނީ މަތިންދާބޯޓުގެ ވައަތްފަރާތެވެ. ޓެކްނިކަލް މަސައްކަތްތައް ކުރިއަށްގެންދަނީ މަތިންދާބޯޓުގެ ކަނާތްފަރާތުގައެވެ. އެއާޕޯޓުތައް މަސައްކަތްކުރާ ގޮތަށް ބަލާއިރު 1960 ގެ އަހަރުތަކުގައި "ޖެޓް ބްރިޖް"ތައް އާއްމު އެއްޗަކަށް ނުވާއިރު މަތިންދާބޯޓުތައް އާއްމު ގޮތެއްގައި ޕާކުކުރީ ޓާމިނަލް އިމާރާތާ ކައިރީގައެވެ. ޖެޓް ބުރިޖަކީ ޓާމިނަލްއާ ގުޅުވައިލައިފައިވާ "ހޮހަޅަ"ތަކެއް ގޮތަށް ހުންނަ މަތިންދާބޯޓަށް އަރައި ފައިބައި ބްރިޖެވެ.
މަތިންދާބޯޓުގައި ތިބެނީ ދެ ޕައިލެޓުންނެވެ. އެކަކު އެއީ ކެޕްޓަނެވެ. އަނެކަކު އެއީ ފަސްޓް އޮފިސަރެވެ. އެ ގޮތުން ކެޕްޓަން އިންނާނީ ޕައިލެޓުން ތިބޭ ކޮކްޕިޓް ތެރޭގައި އިންނަ ވައަތު ސީޓުގައެވެ. އޭނާގެ ޒިންމާތަކުގެ ތެރޭގައި މަތިންދާބޯޓު ރަންވޭގައި ދުއްވައި އަދި އެޕްރޮންގައި ޕާކުކުރުން ހިމެނެއެވެ. މިހެންވުމުން ފަސިންޖަރުންގެ ކަންތައްތައް މަތިންދާބޯޓުގެ ވައަތްފަރާތުގައި ހަމަޖައްސައިފައިވުމުން ކެޕްޓަންއަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދެއެވެ. ކަންތައްތައް ކޮންޓްރޯލްކުރާށާއި ރަނގަޅު ނިންމުންތައް ނިންމުމަށެވެ. މަތިންދާބޯޓުތަކަށް ތެޔޮ އަޅަނީ ކަނާތްފަރާތުންނެވެ. ލަގެޖާއި ކާގޯ އަރުވައި ބައިލަނީ ވެސް ކަނާތްފަރާތުންނެވެ. އަދި ސާފުކުރުމާއި ކާބޯތަކެތި އަރުވައި ބައިލަނީ ވެސް ގިނަ ފަހަރަށް ކަނާތްފަރާތުންނެވެ.
