Support Us

ޣައްޒާއަށް ދިން ހަމަލާއެއްގައި ރޯވެފައިވާ އަލިފާންގަނޑެއް ނިއްވަން މަސައްކަތްކުރަނީ

ސުލްހައިގެ ވާހަކަތައް އަލުން ފަށަން އެމެރިކާ، މިސްރު, ގަތަރުން ގޮވައިލައިފި

ހަމާސް އާއި އިސްރާއީލުން ކުރަމުންދާ 10 މަސްވީ ހަނގުރާމަ ހުއްޓައިލުމަށާއި ހަމާސްއިން ރަހީނުކޮށްފައިވާ ޔަހޫދީން ދޫކޮށްލުމާ ގުޅޭ ގޮތުން އަލުން ވާހަކަތައް ފެށުމަށް އެމެރިކާ، މިސްރު އަދި ގަތަރުން ގޮވައިލައިފިއެވެ.

ތިން ގައުމުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އަސާސީ ނުގުތާތައް ހިމެނޭ އެއްބަސްވުމެއް އެކުލަވައިލައިފި ކަމަށާއި ދެން އޮތީ ތަންފީޒުކުރާނެ ތަފުސީލުތައް ހިމެނުންކަމަށެވެ.

މި މަހުގެ 15 ވަނަ ދުވަހު ގަތަރުގެ ވެރިރަށް ދޫހާ ނޫނީ މިސްރުގެ ވެރިރަށް ގާހިރާގައި ބާއްވަން ހަމަޖައްސައިފައިވާ މި ވާހަކަތަކަށް މަންދޫބުން ފޮނުވައިވާނެކަމަށް އިސްރާއީލުން ބުނި ނަމަވެސް ހަމާސްއިން އަދި ވަކި ޖަވާބެއްނުދެއެވެ.

މެދުއިރުމަތީގެ މަސްރަހު ހޫނުވަމުންދާތީ ޑިޕްލޮމެޓިކް ހައްލެއް ގެންނަން އެމެރިކާ، މިސްރު އަދި ގަތަރުން މަސައްކަތް ފެށީ ކަންކަން ބޮއްސުންލާން ފަށައިފިކަން ފެނިގެންނެވެ. ސަބަބަކީ ހަމާސްގެ ލީޑަރު އިސްމާއީލު ހަނިއްޔާ މިދިޔަ ހަފުތާގައި ޝަހީދުކޮށްލުމުންނެވެ. އިސްރާއީލުން މި ކަމާ ވަކި އެއްޗެއް ނުބުންޏަސް އިރާނުން ވަނީ ހަނިއްޔާ އަވަހާރަކޮށްލީ އިސްރާއީލުން ކަމަށް ތުހުމަތުކޮށް، އިސްރާއީލަށް ހަމަލާ ދޭނެ ކަމަށް އިންޒާރުދީފައެވެ.

"ހަމާސް އާއި އިސްރާއީލާ ދެމެދުގެ ގުޅުމުގައިވާ 'ބާގަނޑު’ތައް ބައްދައި، އިތުރު ލަސްކަމެއް ނެތި ވާހަކަތައް ކުރިއަށް ގެންދަން ގޮވައިލަން،" ތިން ގައުމުން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ހަމާސް އާއި އިސްރާއީލުން ބޭނުންވާ ހުރިހާ ކަންތައްތަކެއް ހަމަޖައްސައިދޭނެ މެދުވެރިއެއްގެ ދައުރު އަދާކޮށްދޭނެކަމަށް ތިން ގައުމުން ބުންޏެވެ.

ގުޅިފައިވާ ބަޔާނުގައި ސޮއިކުރައްވައިފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި މިސްރުގެ ރައީސް އަބްދުލްފައްތާހު އަލް-ސީސީ އާއި ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދް އައްސާނީއެވެ.

މި އެއްބަސްވުމަކީ މިދިޔަ މޭ މަހުގެ 31 ވަނަ ދުވަހު ބައިޑެން އެކުލަވައިލެއްވި އެއްބަސްވުމުގައިވާ އުސޫލުތަކާ އެއްގޮތް އެއްބަސްވުމެކެވެ. އެ ގޮތުން ފުރަތަމަ މަރުހަލާގައި ހަނގުރާމަ އެއްކޮށް ހުއްޓައިލުމަށާއި އދ.އިން ހުށަހެޅި ފަދައިން ރަހީނުންގެ ތެރެއިން ކޮންމެވެސް ބަޔަކު ދޫކޮށްލުން ހިމެނެއެވެ.

މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ ފައުޖުތަކަށް ގެންނަ ބަދަލުތަކާއި އިސްރާއީލުގެ ދިފާއަށް އެމެރިކާއިން ކުރާ ދެ ގޮތެއް ނުވާ ތާއީދު ހާމަކުރެއްވުމުގެ ގޮތުން އިސްރާއީލުގެ ދިފާއީ ވަޒީރު ޔޮއަވް ގެލެންޓާ ވާހަކަދެއްކެވި ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އާސްޓިން ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

"ރަހީނުން ދޫކޮށްލުން ހިމެނޭ ގޮތަށް ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެއްބަސްވުމެއްގެ މުހިންމުކަމަށް ވެސް އަހަރެން އަލިއަޅުވައިލިން،" ލޮއިޑް ވިދާޅުވިއެވެ.

ހަމާސް އާއި އިސްރާއީލާ ދެމެދު ސުލްހައިގެ ވާހަކަތަކުގެ އެތައް ބުރެއް މިހާތަނަށް ބާއްވައިފައިވާ ނަމަވެސް ހަނގުރާމަ ހުއްޓައިލައި ރަހީނުން މިނިވަންކުރުމުގެ އެއްބަސްވުމަކާ ހިސާބަށް އަދިވެސް ނާދެވެއެވެ.

ހަނގުރާމަ ހުއްޓައިލުމަށް ހަމާސްއިން ގޮވައިލަމުން އައި ނަމަވެސް އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ބުނެފައިވަނީ ހަނގުރާމަ ހުއްޓައިލައިނީ ހަމާސް އެއްކޮށް ބަލިކުރެވުމުންކަމަށެވެ.

އިސްރާއީލުން އިއްޔެ ވެސް ވަނީ ޣައްޒާއަށް ބޮންއެޅުން ކުރިއަށް ގެންގޮސްފައެވެ. ހަމާސްއިން ބުނީ އިސްރާއީލު ސިފައިން ދެ ސްކޫލަކަށް ހަމަލާ ދީ 18 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވާ ކަމަށެވެ. އިސްރާއީލުން ބުނީ ހަމަލާ ދިނީ ހަމާސްގެ ހަނގުރާމަމަތީ މަރުކަޒުތަކަކަށް ކަމަށެވެ.

ހަނިއްޔާ ނެތް ތަން ފުރުއްވަން ހަމާސްގެ އާ ވެރިޔާގެ ގޮތުގައި ޔަހްޔާ ސިންވާރު އިންތިހާބު ކުރުންވެގެންދާނީ ސުލްހައިގެ ވާހަކަތައް އަލުން ފަށަން ދަތިކަމަކަށް ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވިއެވެ. ސަބަބަކީ 1،200 އެއްހާ ޔަހޫދީން މަރައިލައި، 250 އެއްހާ ޔަހޫދީން ރަހީނުކުރަން ހަމާސްއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދިން ހަމަލާ ރާވައި ހިންގީ އޭނާ ކަމަށް އިސްރާއީލުން ގަބޫލުކުރާތީއެވެ. މީގެ އިތުރުން އިސްރާއީލުން ސިންވާރު ދެކެނީ ހަމާސްގައި ހިމެނޭ އެންމެ ބޮޑަށް ހައްދުފަހަޅާފައިވާ އެކަކުގެ ގޮތުގައެވެ.

އިރާން އާއި އިރާނާ ރަހްމަތްތެރި ގައުމުތަކުން ހަމަލާއެއް ދީފައިނެތީ އިސްރާއީލުގެ ހަނގުރާމައާ ބެހޭ ކެބިނެޓް ބައްދަލުވުން ރޭގައި ބޭއްވީ ބިންގަރާސް ކޮޓަރިއެއްގައި ކަމަށް އިސްރާއީލުގެ ޗެނަލް 13 އިން ރިޕޯޓްކުރިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް