ބަންގްލަދޭޝްގެ ބޮޑު ވަޒީރުކަމުން ޝައިހު ހަސީނާ އިއްޔެ އިސްތިއުފާދެއްވައި ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތުމުން އަސްކަރިއްޔާއިން ގާއިމުކުރާ އިންތިގާލީ ސަރުކާރާ ހަވާލުވެވަޑައިގަންނަވަން ބޭނުންވަނީ ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަތްފައިވާ މުހައްމަދު ޔޫނުސް ކަމަށް ދަރިވަރުން ބުނެފިއެވެ.
ކުދި ލޯނުތައް ތައާރަފުކުރައްވައިގެން އެތައް މިލިއަން ބައެއްގެ ފަގީރުކަން ނައްތައިލެއްވި އުމުރުން 84 އަހަރުގެ ޔޫނުސްއަށް ތާއީދުކުރާ ކަމަށް ދަރިވަރުންގެ ހަރަކާތް "ސްޓޫޑެންޓްސް އެގެއިންސްޓް ޑިސްކްރިމިނޭޝަން"ގެ ލީޑަރު އުމުރުން 26 އަހަރުގެ ނާހިދު އިސްލާމް ސޯޝަލް މީޑިއާއަށް ރޭ ދޫކޮށްލި ވީޑިއޯއެއްގައި ބުންޏެވެ. އަދި ޔޫނުސް މި ކަމާ ރުހޭ ކަމަށް ވިދާޅުވެއްޖެ ކަމަށް ނާހިދު ބުންޏެވެ.
"އަހަރެމެން ރައީސް މުހައްމަދު ޝަހާބުއްދީންއަށް ގޮވައިލަނީ މިއަދު ހެނދުނު މި އިޖުރާއަތްތައް ކުރިއަށްގެންދަވަން،" ނާހިދު ބުންޏެވެ.
ގާނޫނު ހަދާ މަޖިލިސް އުވައިލައްވައިފި ކަމަށާއި އާ އިންތިހާބެއް ވީ އެންމެ އަވަހަކަށް ބާއްވަވާނެ ކަމަށް ޝަހާބުއްދީން މިއަދު ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީ ނާހިދު އާއި އޭނާއާއެކު ދަރިވަރުންގެ މުޒާހަރާތައް ރާވައި ވިލަރެސްކުރި ދަރިވަރުން އަސްކަރީ ވެރިޔާ ވާކިރުއްޒަމާނާއެކު ބޭއްވި ބައްދަލުވުމަކަށްފަހުއެވެ.
ދަރިވަރުން ބުނީ ވަގުތީ ސަރުކާރާ އަސްކަރިއްޔާއިން ހަވާލުވުމަށް ނޭދޭ ކަމަށެވެ.
"އަހަރެމެންގެ ލެއިން ގުރުބާންވެއްޖައިން. އަހަރެމެން ޝަހީދުވެއްޖައިން. އާ ގައުމެއް އުފަންކުރަން އަހަރެމެން ވީ ވައުދު ފުއްދައިދޭނަން،" ނާހިދު ބުންޏެވެ.
މަޖިލިސް އުވައިލީ އޭނާގެ "ސްޓޫޑެންޓްސް އެގެއިންސްޓް ޑިސްކްރިމިނޭޝަން" ހަރަކާތުގެ އެދުމުގެ މަތިންނެވެ. މި ކަން ނުކޮށްފި ނަމަ އަލުން މުޒާހަރާތައް ކުރިއަށްގެންދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޔޫނުސްއަށް ނޮބެލް ސުލްހައިގެ އިނާމު 2006 ގައި ލިބިވަޑައިގަތީ "މައިކްރޯލެންޑިން"ގެ ޒަރީއާއިން ކުދި ލޯންތައް ތައާރަފުކުރައްވައި، އެތައް މިލިއަން މީހުންގެ ފަގީރުކަން ނައްތަވައިލުމުންނެވެ.
ހަސީނާގެ ވެރިކަމުގައި ކޮރަޕްޝަންގެ ތުހުމަތުގައި ޔޫނުސްއާ ދެކޮޅަށް ޝަރީއަތްކުރިއެވެ. ޔޫނުސް ވިދާޅުވީ މިއީ ސިޔާސީ ގޮތުން އޭނާއާ ދެކޮޅަށް ރާވައިގެން ކުރިއަށް ގެންދިޔަ ޝަރީއަތެއް ކަމަށެވެ.
ވަގުތީ ސަރުކާރެއްގެ މުސްތަޝާރެއްގެ ދައުރު އަދާކުރައްވަން ޔޫނުސް ތައްޔާރުކަމަށް އޭނާގެ ގާތް މީހަކު ބުންޏެވެ. އެއީ ފްރާންސްގައި މިހާރު ކުރިއަށްގެންދާ ސިއްހީ ފަރުވާއަކަށް ފަހު އެނބުރި ގައުމަށް ވަޑައިގެންފައެވެ.
ސިޔާސީ ބާރެއް ނޯންނަ ހަމައެކަނި ރަމްޒީ ވެރިއެއްގެ ގޮތުގައި ހުންނަވާ ރައީސް ޝަހާބުއްދީން ވިދާޅުވީ އިދިކޮޅު ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ)ގެ ލީޑަރު ބޭގަމް ހާލިދާ ޒިއާ ދޫކޮށްލައްވަން ނިންމަވައިފައިވާ ކަމަށެވެ. ކޮރަޕްޝަންގެ މައްސަލައެއްގައި 2018 ގައި ޖަލަށް ލުމަށްފަހު އޭގެ އެއް އަހަރު ފަހުން ސިއްހީ ހާލަތު ހުރި ގޮތުން ހާލިދާ ވަނީ ހޮސްޕިޓަލަކަށް ބަދަލުކޮށްފައެވެ. ކޮރަޕްޝަންގެ ތުހުމަތާ ހާލިދާ ވަނީ ދެކޮޅުހައްދަވައިފައެވެ.
ހަސީނާ ފިއްލަވައިގެން ވަޑައިގަތީ އިންޑިއާއަށް ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަހްމަންޔަމް ޖައިޝަންކަރު މިހާރު ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.
"ގާނޫނާއި އަމާންކަން އަހަރެމެންގެ އަވަށްޓެރި ބަންގްލަދޭޝްއަށް އަންނަންދެން އަހަރެމެންގެ ފިކުރުބޮޑުވާނެ. ހަސީނާ އިންޑިއާއަށް ވަޑައިގަތުމަށް ހުއްދައަކަށް އެދިވަޑައިގަތީ މާ ގިނަ ވަގުތުތަކެއް ނުދެއްވައި. ބަންގްލަދޭޝް އާއި އިންޑިއާގެ ބޯޑަރަކީ 4،000 ކިލޯމީޓަރު (2،545 މޭލު)ގެ ދިގުމިން ހުރި ބޯޑަރަކަށް ވާތީ ބޯޑަރު ބަލަހައްޓާ ސިފައިން ސަމާލުވެގެން ތިބުމަށް ވާނީ އަމުރުކޮށްފައި،" އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ޖައިޝަންކަރު ވިދާޅުވިއެވެ.
ހަސީނާ ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އިނގިރޭސި ވިލާތަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވައި ގައުމުން އިއްޔެ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތީ އޭނާ އާއި އޭނާގެ ސަރުކާރު އިސްތިއުފާ ދިނުމަށް ދަރިވަރުން މިދިޔަ މަހު ފެށި މުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުވެ 250 އެއްހާ މީހުން މަރުވުމާ ގުޅިގެންނެވެ. ނާހިދުގެ ދަރިވަރުންގެ ހަރަކާތުން ބުނަމުންދިޔައީ ޕާކިސްތާނު އަތުން ބަންގްލަދޭޝް 1971 މިނިވަންވުމަށްކުރި ހަނގުރައިމައިގައި ބައިވެރިވި ސިފައިންގެ އާއިލާތަކަށް ސަރުކާރުގެ ވަޒީފާތަކުގެ 30 ޕަސެންޓް ދިނުމަކީ ތަފާތުކުރުން ގެންގުޅުން ކަމަށެވެ. ގާތްގަނޑަކަށް 171 މިލިއަން މީހުން އާބާދީގައި ހިމެނޭ ގައުމުގެ 18 މިލިއަން ޒުވާންނަކީ ވަޒީފާ ނެތް ބަޔަކަށްވާއިރު، ވަޒީފާ ދޭން ޖެހޭނީ މީހާގެ ގާބިލުކަމަށް ބަލައިފައި ކަމަށް ނާހިދުގެ ބައިވެރިން ބުނަމުންގެންދިޔައެވެ.



advertisment