ސަރުކާރުގެ ވަޒީފާތަކުގެ ކޯޓާތަކެއް ކަނޑައެޅުމާ ގުޅިގެން ބަންގްލަދޭޝްގައި މިދިޔަ މަހު ފެށުނު ހަމަނުޖެހުންތަކާހުރެ ބޮޑު ވަޒީރު ޝައިހު ހަސީނާ މަގާމުން އިސްތިއުފާދެއްވައި މިއަދު ގައުމުން ފިއްލަވައިފިއެވެ.
މި ކަމާ ގުޅިގެން އަސްކަރިއްޔާއިން ބުނީ ވަގުތީ ސަރުކާރެއް ގާއިމުކުރާނެ ކަމަށާއި ހަމަނުޖެހުންތަކުގައި މަރުވި 250 އެއްހާ މީހުންނަށް އިންސާފު ހޯދައިދޭނެ ކަމަށެވެ.
ސަރުކާރުގެ ވަޒީފާތަކުގެ 30 ޕަސެންޓް ބަންގްލަދޭޝްއިން ޕާކިސްތާނު އަތުން މިނިވަންވުމަށް ކުރި ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އާއިލާތަކަށް ދެއްވަން ހަސީނާ ނިންމެވިއެވެ. އެ ކަމާ ގުޅިގެން ދަރިވަރުން ފެށި މުޒާހަރާތައް ހޫނުވެ، އާއްމު މީހުން ބައިވެރިވެ، ހަސީނާގެ 15 އަހަރުގެ ވެރިކަން ވައްޓައިލުމަށް މަސައްކަތް ކުރަން ފެށިއެވެ. އެއަށް ފަހު ސަލާމަތީ ބާރުތަކާއެކު ހަސީނާއަށް ތާއީދުކުރާ މީހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކަކަށް މުޒާހަރާތައް ބަދަލުވެގެންދިޔައެވެ.
އުމުރުން 76 އަހަރުގެ ހަސީނާ މިއަދުވަނީ ފިއްލަވައިގެން އިންޑިއާގެ ވެރިރަށް ނިއު ޑެލްހީއަށް ވަޑައިގެންފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެއަށް ފަހު މުޒާހަރާކުރާ މީހުންވަނީ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައިވާ ބޮޑު ވަޒީރުގެ ގަނޑުވަރަށް ވަދެގެންފައެވެ. އަދި އެ ތަނުން ބައެއް ތަކެތި ލޫޓުވައި، ބޭރަށް ގެންދާ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ.
ވެރިރަށް ދާކާގައި ފެނުނީ އެތައް ހާސް ބަޔަކު އުފާ ފާޅުކުރާ މަންޒަރެވެ. އެ ގޮތުން ބަންގްލަދޭޝް އުފެއްދެވި ހަސީނާގެ ބައްޕާފުޅު ޝައިހް މުޖީބުއްރަހްމާންގެ ސިފަފުޅަށް ހަދައިފައިވާ ބުދަކަށް އަރައި ކޯރާޑިއަކުން އެ ބުދުގެ ބޯ ތަޅާލައި މަންޒަރު ވެސް ފެނުނެވެ.
ވޭތުވެދިޔަ 30 އަހަރުގެ ތެރެއިން 20 އަހަރު ވެރިކަން ކުރައްވައިފައިވަނީ ހަސީނާއެވެ. އޭނާގެ ބައްޕާފުޅުވަނީ އާއިލާގެ ގިނަ މެންބަރުންނާއެކު އަވަހާރަކޮށްލައިފައެވެ. އެއީ 1975 ގައި ގެނައި ބަޣާވާތުގައެވެ. މިދިޔަ 15 އަހަރުގެ ވެރިކަން އޭނާ ކުރެއްވީ ޖެހިޖެހިގެން ދެ ދައުރު ލިބިވަޑައިގަތުމުންނެވެ.
އަސްކަރީ ވެރިޔާ ވާކިރުއްޒަމާން ހަސީނާގެ އިސްތިއުފާ އިއުލާންކުރެއްވީ ޓީވީގެ ޒަރީއާއިން ގައުމާ މުހާތަބުކުރައްވަމުންނެވެ. އޭނާވަނީ ގައުމުގެ އަމާންކަމަށް ގޮވައިލައްވައިފައެވެ.

ވާކިރުއްޒަމާން ވިދާޅުވީ ހަސީނާގެ އަވާމީ ލީގް ޕާޓީ ނުހިމެނޭ ގޮތަށް އެހެން ހުރިހާ ޕާޓީތަކުގެ ލީޑަރުންނާއެކު މަޝްވަރާތައް ބޭއްވެވިކަމަށެވެ. އަދި ގައުމުގެ ކަންތައްތައް ކުރިއަށްގެންދާނެ ގޮތެއް ނިންމަން ރައީސް މުހައްމަދު ޝަހާބުއްދީންއާ ބައްދަލުކުރައްވާނެ ކަމަށެވެ.
"މި ގައުމުގައި މިހާރު ކުރިއަށް މި ދަނީ އިންގިލާބީ މަރުހަލާއެއް. އަސްކަރިއްޔާއަށް އިތުބާރުކުރަން އަހަރެމެން ގޮވައިލަން. އަހަރެން ހުރިހާ ކަމެއްގެ ޒިންމާ ނަގައިނަން. ކަންތައްތަކާމެދު އުއްމީދު ކަނޑައިނުލަން އަހަރެން އިލްތިމާސްކުރަން،" އުމުރުން 58 އަހަރުގައި މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އަސްކަރިއްޔާގެ ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތް ވާކިރުއްޒަމާން ވިދާޅުވިއެވެ.
ރައްޔިތުންނަށް އޭނާ ގޮވައިލެއްވީ "ކުޑަކޮށް ކެތްކޮށްލުމަށާ"އި "އެއިރުން ހުރިހާ މައްސަލައެއް ހައްލުވާނެ" ކަމަށެވެ.
"އަނިޔާވެރިކަމުގެ މަގަށް އެނބުރި ނުގޮސް، ސުލްހައިގެ މަގަށް އެނބުރި އައުމަށް އަހަރެން ގޮވައިލަން،" ވާކިރުއްޒަމާން ވިދާޅުވިއެވެ.



advertisment