އިނގިރޭސި ވިލާތުގެ އެތަންމިތަނުގައި މުސްލިމުންނާއި ހިޖުރަކުރާ މީހުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގަން ފުރުސަތު ނުދޭނެ ކަމަށް ހޯމް މިނިސްޓަރު އިވެޓް ކޫޕަރ ވިދާޅުވެއްޖެއެވެ.
އެ ގައުމުގައި ރޭ ވަނީ މިސްކިތްތަކާއި ހިޖުރަކުރާ މީހުން ތިބޭ ހޮޓެލްތައް ސުންނާފަތިކުރަން ހައްދަނުފަހަނަޅާފައިވާ ކަނާތުފިޔައިގެ ގްރޫޕްތަކުން މަގުމައްޗަށް ނުކުމެފައެވެ.
"ގޭންގު މެންބަރުން ފަދައިން ހަރަކާތްތެރިވަމުންދާ ކުށްވެރިން މި ފަދަ ހަމަނުޖެހުންތައް ހިންގަން ފުރުސަތެއް ނުދޭނަން. މިއީ މުޒާހަރާ ކުރާ ގޮތެއް ނޫން. މި ފަދަ ކުށްވެރިން ހައްޔަރުކުރަން ޖަލުތައް މިހާރު ހުންނާނީ ތައްޔާރީ ހާލަތަކަށް ގެނެސްފައި،" އިވެޓް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވަން ހަމަޖައްސައިފައިވާ ކަމަށެވެ. މި ބައްދަލުވުން ބާއްވަނީ ހަފުތާއެއްހާ ދުވަހަށް ދެމިގެންދާ ހަމަނުޖެހުންތައް އަދިވެސް ކުރިއަށްދާތީއެވެ.
މި ހަމަނުޖެހުންތައް ފެށުނީ ތިން ކުޑަކުދިންނަށް ވަޅިން ހަމަލާ ދީ މަރައިލުމުން، އެ ކުށް ކުރި 17 އަހަރުގެ ފިރިހެންކުއްޖަކީ މުސްލިމެއް ކަމަށް ސައްހަ ނޫން މައުލޫމާތު ސޯޝަލް މީޑިއާގައި ފެތުރުމުންނެވެ. އޮފިޝަލުން ވިދާޅުވީ މިއީ މުސްލިމުންނާއި ހިޖުރަކުރާ މީހުންނަށް ހަމަލާ ދޭން ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ގްރޫޕްތަކުން ރާވައިގެން ފެތުރި ދޮގު މައުލޫމާތެއް ކަމަށެވެ.
"ތިން ކުދިންގެ މަރާއި މި ހަމަނުޖެހުންތަކާ ގުޅުމެއް ނެތް،" އޮފިޝަލަކު ވިދާޅުވިއެވެ.
ހަމަނުޖެހުންތަކާ ގުޅިގެން 140 އަށްވުރެ ގިނަ މީހުންވަނީ ހައްޔަރުކޮށްފައެވެ.
އިވެޓް ވިދާޅުވީ މި މީހުންވަނީ ހަމަލާ ދީ ފުލުހުންގެ އެތައް ބަޔަކު ޒަހަމްކޮށްލައިފައި ކަމަށެވެ.
"މިއީ އިނގިރޭސި ވިލާތުގެ އާއްމު ރައްޔިތުން ތަރުހީބު ދޭ އަމަލުތަކެއް ނޫން. ހަމަނުޖެހުންތައް ހިންގާ ކުށްވެރިންނާ ދެކޮޅަށް ޝަރީއަތްކުރަން ކޯޓުތައް ވެސް މިހާރު ހުންނާނީ ތައްޔާރީ ހާލަތަކަށް ގެނެސްފައި،" އިވެޓް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހަމަނުޖެހުންތައް ހިންގާ މީހުންނާ ދެކޮޅަށް ފުރިހަމަ ޝަރީއަތްތަކެއް ހިންގައި، ޖަލު ހުކުމް އިއްވައި، ޓެގުކޮށް، ދަތުރުފަތުރުނުކުރެވޭ ގޮތް ހަދައި، އަދި އިތުރު އެތައް ފިޔަވަޅެއް ވެސް އަޅުއްވާނެކަމަށެވެ.
ކުރީގެ ހޯމް މިނިސްޓަރު ޕްރިތީ ޕާޓިލް ވިދާޅުވީ މަގުތައް ބަންދުކުރުމާއި ތަކެއްޗެށް ގެއްލުން ދިނުމަކީ ތަފާތު ދެ ކަމެއް ކަމަށެވެ.
"ކުތުބުހާނާތަކާއި ހޮޓެލްތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނާއި އަޅުކަންކުރާ ތަންތަން އަންދައިލުމަކީ މުޅިން އެހެން ކަމެއް. އަހަރެމެންނަށް މި ފެންނަނީ ގޭންގުތައް އަމަލުކުރާ ގޮތާއި އަނިޔާވެރިކަމާއި ނަސްލީ ތަފާތުކުރުން ގެންގުޅޭ މަންޒަރު،" ޕްރިތީ ވިދާޅުވިއެވެ.



advertisment