Support Us

ޗައިނާގެ ޝެންހާއީ ދާރުލްއާސާރުގައި ފުރަތަމަ ފަހަރަށް ބޭއްވި ބުޅަލާ ބެހޭ މައުރަޒަށް މީހުން ޒިޔާރަތްކުރަނީ

ޗައިނާގައި ފުރަތަމަ ފަހަރަށް ބުޅާ މައުރަޒެއް

ޗައިނާގެ ޝެންހާއީގައި ހުންނަ ޝެންހާއީ ދާރުލްއާސާރު ނުވަތަ ޝެންހާއީ މިއުޒިއަމްގައި ފުރަތަމަ ފަހަރަށް މިސްރުގެ ބޯދާ ޒަމާނުގެ ބުޅާތަކާ ބެހޭ މައުރަޒެއް ބާއްވައިފިއެވެ.

މި ދިޔަ ހަފުތާގައި ޓިކެޓް ވިއްކަން ހުޅުވާލުމާއެކު މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ ޓިކެޓެއްވަނީ ވިކި ހުސްވެ ހައުސްފުލްވެފައެވެ.

މި ދިޔަ ހަފުތާގެ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި މައުރަޒަށް ގިނަ މީހުން ދިޔައީ އެ މީހުންގެ ބުޅާތައް ގޮވައިގެންނެވެ. އަދި ފޮޓޯ ނަގައި، އެ ބުޅާތަކަށް ހާއްސަކޮށްގެން ހަދައިފައިވާ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އެ ފޮޓޯތައް ވަނީ ހިއްސާކޮށްފައެވެ.

ޕެޓެއްގެ ގޮތުގައި ބުޅަލެއް ގެންގުޅޭ އަންހެނަކު ބުނީ ޔޫރަޕަށް އޭނާ ކުރަން އޮތް ދަތުރެއް ވެސް ފަސްކޮށްލި ކަމަށެވެ.

"ވިއްކި 200 ޓިކެޓްގެ ތެރެއިން ޓިކެޓެއް ގަނެ، މައުރަޒަށް ދިއުން އަހަރެންނަށް އެންމެ މުހިންމު ކަމަކަށްވީ،" ރީގަލް ޖިންޖަރ ބާވަތުގެ ބުޅަލެއް ގެންގުޅޭ މި އަންހެންމީހާ ބުންޏެވެ.

އޭނާ ބުނީ އޭނާގެ ބުޅަލަކީ އޭނާގެ "ދަރިއެއް ފަދަ" ޕެޓެއް ކަމަށެވެ.

އެމެރިކާގެ ކުރީގެ ރައީސް އަދި މިހާރު ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ޑޮނަލްޑް ޓްރަމްޕްގެ ނަން "ޓްރަމްޕް" ނަމަކަށް ދީފައިވާ ބުޅަލެއްގެ ވެރިޔާ މި މައުރަޒުގައި ބުނީ ބުޅަލަކާ ނުލައި އޭނާގެ ހަޔާތް ވޭތުކުރުމަކީ ކުޅަދާނަ ކަމެއް ކަމަށް ނުފެންނަ ކަމަށެވެ.

"އެހެންކަމުން އަހަރެންނަށް އިހުސާސް ކުރެވޭ ކުރީ ޒަމާނުގައި މިސްރު މީހުން ވެސް ބުޅަލުގެ އަގުވަޒަންކުރީ ކީއްވެކަން،" ޓްރަމްޕްގެ ވެރިޔާ ބުންޏެވެ.

ޗައިނާގައި ޕެޓް ގެންގުޅޭ އަދަދު މިދިޔަ އަހަރު ހުރީ 120 މިލިއަނަށްވުރެ މަތީގައެވެ. އެ ގޮތުން ޕެޓްގެ ގޮތުގައި އެންމެ ގިނަ މީހުން ގެންގުޅެނީ ބުޅަލެވެ.

ބުޅާ އެންމެ މަގުބޫލީ ޒުވާން ޖީލުގެ މެދުގައެވެ.

"ދަރިން ހޯދުމުގެ ބަދަލުގައި ބުޅާ ގެންގުޅުން މިހާރު ވަރަށް ގިނަ މީހުންނަށް ކަމުދޭ،" ޗައިނާގެ އިޖުތިމާއީ ތަޖުރިބާކާރަކު ވިދާޅުވިއެވެ.

ޝެންހާއީ ދާރުލްއާސާރުން ފައިދާ ނެގީ މި ޓްރެންޑުންނެވެ. އެ ގޮތުން ބޭއްވި ފުރަތަމަ ބުޅަލާ ބެހޭ މައުރަޒުގެ އިތުރުން އަދި އިތުރު ނުވަ މައުރަޒު ބާއްވަން ހަމަޖައްސައިފައިވެއެވެ.

ފުރަތަމަ މައުރަޒަށް ވެއްދީ ވެކްސިން ދީފައިވާކަމާއި އިންޝުއަކޮށްފައިވާކަމުގެ ލިޔުންތައް އޮތް ބުޅާތަކެވެ.

"ބުޅަލަކީ އަބަދުވެސް އިންސާނުންގެ ގާތް ރަހްމަތްތެރިން. އަދުގެ ޒުވާނުންނަކީ ޕްރެޝަރާއި ސްޓްރެސްގައި އުޅޭ ބައެއް. މި ކަހަލަ ސިކުނޑީގެ އުދާސްތައް ނައްތައިލުމުގައި ބުޅާ މުހިންމު ދައުރެއް އަދާކުރޭ. ކުރީ ޒަމާނުގައި ވެސް ކަންތައްތައް އޮތީ މިހެންކަމަށް އެކަށީގެންވޭ،" މައުރަޒަށް ދިޔަ ކްލެއާ ނަމަކަށް ކިޔާ އަންހެނަކު ބުންޏެވެ.

ބޯދާ ޒަމާނުގައި މިސްރު މީހުން ގަބޫލުކުރީ ބުޅަލަކީ "މާތް އަދި ބަރަކާތްތެރި" ޖަނަވާރުން ކަމުގައެވެ. އިންސާނުންގެ ދަރިމައިވުމުގެ ނިޒާމުގެ ދުޅަހެޔޮކަމާއި ދަރިން އުފަންވުމާއި ރައްކާތެރިކަމުގެ ނިޝާނެއް ކަމުގައެވެ.

"މި ޒަމާނުގައި ބުޅަލަކީ ލޯބިކަމުގެ ރަމްޒެއް. ބޯދާ ޒަމާނުގެ މިސްރާއި އަދުގެ ހާލަތު ވަރަށް ތަފާތު،" މައުރަޒަށް ދިޔަ ޒުވާން އަންހެނެއް ކަމަށްވާ ފައިފައި ބުންޏެވެ.

މި ފަދަ ލޯބިކަން ނުވަތަ "ކިއުޓް"ކަމުގެ ސަބަބުން ސޯޝަލް މީޑިއާގައި ނުފޫޒު ފޯރުވާ ނުވަތަ "އިންފްލުއެންސަރ"އިންގެ ތެރޭގައި ވެސް ޕެޓުންގެ ގޮތުގައި ގެންގުޅޭ ބުޅާ ހިމެނެއެވެ. މައުރަޒުގައި ދައްކައިލި ގިނަ ބުޅާތަކުގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތައް ވެސް ހުއްޓެވެ. އަދި އެ ޕްލެޓްފޯމްތަކަށް ލާން ފޮޓޯ އާއި ވީޑިއޯ ނަގަން މައުރަޒު ތެރޭގައި ވެސް ޓީމުތަކުން ހަރަކާތްތެރިވިއެވެ.

ދާދި ފަހުން މިސްރުގެ ސަކަރަ ގަބުރުސްތާނުން ވަނީ ބޯދާ ޒަމާނުގެ ބުޅަލުގެ ގަބުރުތައް ފެނިފައެވެ.

ފައިފައި ބުނީ މައުރަޒަށް ޒިޔާރަތްކުރި މީހުން ގެންގުޅޭ ބުޅާތަކުގެ "ކާބަފައިން"ގެ ގަބުރުތައް މި މައުރަޒުގައި ހުރުން އެކަށީގެންވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް