މި ބަލައިލަނީ ބައިވެރިޔާއާ ގުޅުން ކަނޑައިލަން ބޭނުންވާ އަންހެނުންގެ ފަރާތުން ލިބިދާނެ 10 ސިގްނަލް ނުވަތަ އިޝާރާތަށެވެ.
ބައިވެރިޔަކާއެކު އުޅުމަކީ ގޮންޖެހުންތަކާއި އާ ކަންތައްތައް ހާމަވާ ކަމެކެވެ. ޖަޒުބާތީ ހަމަޖެހުމަށްޓަކައި މި ފަދަ ގުޅުންތައް ބަދަލުވަމުންދާ ގޮތުގެ ސިގްނަލްތަކަށް ބަލައިލުމަކީ މުހިންމު ކަމެކެވެ.
މި މައުލޫއަށް ބަލައިލައިއިރު ފާހަގަކޮށްލަންޖެހެނީ ކޮންމެ ގުޅުމަކީ ވެސް ތަފާތު ގުޅުމެއް ކަމެވެ. ތިބާގެ އަނބިމީހާ ނުވަތަ ލޯބިވެރިޔާއާއި ތިބާގެ ދެމެދުގައިވާ ގުޅުން އެހެން ޖޯޑުތަކުގެ މެދުގައި އޮންނަ ގުޅުމާ ތަފާތުވެދާނެއެވެ. މިހެންވެ ކޮންމެ މީހެއްގެ އަމަލުތައް ވެސް ތަފާތުވާނެއެވެ. އެހެންކަމުން، މި ލިޔުމުގެ ބޭނުމަކީ "ސްޓީރިއޮޓައިޕް" ނުވަތަ "ޖެނެރަލައިޒް"ކޮށް ވަކި ގޮޅިއަކަށް އެންމެން ފައްތައިލުމެއް ނޫނެވެ. މި ރިޕޯޓްގެ ބޭނުމަކީ ތިބާގެ ބައިވެރިޔާއާ އޮތް ގުޅުމަކީ ކޮން ކަހަލަ ގުޅުމެއްކަން ކޮންމެވެސް ވަރަކަށް ދޭހަކޮށްދެވޭތޯ ތައްޔާރުކޮށްލި ލިޔުމެކެވެ. މި މޭރުމުން ބަލާއިރު، މި ރިޕޯޓްގެ ބޭނުމަކީ އަންހެނަކު ތިބާއާ ގުޅުން ކަނޑާލަން ބޭނުންވުމުން އަމަލުކުރަން ފަށައިފާނެ ގޮތްތަކަށް ބަލައިލުމެވެ. މި ގޮތުން އޭނާގެ ފަރާތުން ފެންނަން ފަށާ އަމަލުތައް އެހެން އަންހެނުންގެ ކިބައިން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އޭގެ މާނައަކީ ކޮންމެ އަންހެނެއްގެ ފަރާތުން ކޮންމެ ފަހަރަކު ފެންނާނެ އަމަލުތަކެއްގެ ވާހަކައެއް ނޫނެވެ.
މި ރިޕޯޓްގައި ފާހަގަކޮށްލާ ސިގްނަލްތަކަކީ ހަމައެކަނި ވެދާނެއޭ ބުނެވޭ ކަހަލަ ކަންތައްތަކެވެ. އެއްގޮތަކަށް ވެސް ވަކި ގޮތަކަށް ހެކި ލިބޭ ސިގްނަލްތަކެއް ނޫނެވެ. އެހެންކަމުން މި ލިޔުން ތިބާ ކިޔައިލަން އެންމެ ރަނގަޅުވާނީ ތިބާގެ ބައިވެރިޔާއަށް ހަމްދަރުދީ ވުމާއެކު އޭނާގެ އަމަލުތައް ފަހުމްވުމަށް އެދެވޭ އެދެވުމަކާއެކުއެވެ.
- ޖަޒްބާތީގޮތުން ދުރުވެލުން:
ތިބާއާއެކު އޮތް ގުޅުން ނިންމައިލުމަށް ބޭނުންވާކަން އެންމެ ރަނގަޅަށް އެނގޭނީ ޖަޒުބާތީ ގޮތުން އޭނާ ތިބާއާ ދުރުވާން ފެށުމުންނެވެ. ޖަޒުބާތީ ދުރުކަން ގެންނާނީ މަޑުމަޑުން ކަމަށްވާތީ މިއީ އެހާ ފަސޭހައިން ފާހަގަނުކުރެވޭ ސިގްނަލެއް ކަމަށް ވެސް ވެދާނެއެވެ. މިސާލަކަށް، ދެ މީހުން އެކުގައި ކުރާ ކަންތައްތަކަށް ހުންނަ ޝައުގުވެރިކަން ކުޑަވުމާއި ވާހަކަ ދެއްކުން މަދުކޮށްލުމާއި އޭނާގެ ވިސްނުންތަކާއި އިހުސާސްތައް ހިއްސާކުރުން މަދުކޮށްލަފާނެއެވެ.
ޖަޒުބާތީ ދުރުވުމެއް އުފެދެނީ ކީއްވެ ހެއްޔެވެ؟ އަދި މި ކަމުން ގުޅުމަށް އަންނަނީ ކޮން ބަދަލެއް ހެއްޔެވެ؟ ދެ މީހުންގެ ދެމެދުގައި ހައްލު ނުކުރެވިހުރި މައްސަލަތަކުން ވެސް ޖަޒުބާތީ ދުރުކަމެއް އުފެދިދާނެއެވެ. ޖަޒުބާތީ ބޭނުންތައް ނުފުއްދައިދިނުމުން ވެސް މެއެވެ. ދެ މީހުންގެ ދެމެދުގައި އޮތް ގުޅުމުގައިވާ ލަނޑުދަނޑިތަކާއި އަގުކުރާ ކަންތައްތަކަށް ހައްލު ނުލިބި އޮތުމުން ވެސް ޖަޒުބާތީ ދުރުކަމެއް އުފެދިދާނެއެވެ. ޖަޒުބާތީ ދުރުކަމެއް ބާއްވަން ބައެއް އަންހެނުން ފަށަނީ އަމިއްލަ ނަފުސުގެ ދިފާއުއެއްގެ ގޮތުގައެވެ. ގުޅުން އެއްކޮށް ކެނޑޭނެ ދުވަހަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެހެން އަންހެނުންގެ ޖަޒުބާތީ ދުރުކަމަކީ އެ މީހުން ތަހައްމަލުކުރަމުންދާ ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ފާޅުކުރަން ކުރާ ކަމެކެވެ.
ޖަޒުބާތީ ދުރުކަމަކީ ބޮޑު މައްސަލައެކެވެ. ދެ މީހުންގެ ދޭތެރޭގައި ކުރާ މުއާމަލާތް ހުއްޓުމަކަށް އައިސްފާނެއެވެ. ދެ މީހުންގެ ދޭތެރޭގައި އޮތް ގާތްކަން ނެތިގެން ހިނގައިދާނެއެވެ. އަދި މި ގުޅުން ކެނޑުމުން އެ އުފެދޭ ބާގަނޑު ބެއްދުމަކީ ބޮޑު ގޮންޖެހުމަކަށް ވެދާނެއެވެ. ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުމުގައި ޖަޒުބާތީ ގާތްކަމަކީ އިތުބާރު ކުރުމާއި ކަންތައްތައް ފަހުމް ވުމާއި ދެ މީހުން ދެ މީހުންނަށް ވެދޭ އެހީތެރިކަމުގެ ބިންގަލެވެ. މި ބިންގާ ނިކަމެތިވާން ފެށުމުން އެ ފެންނަން ފަށަނީ ދެ މީހުންގެ ދެމެދުގައިވާ ގުޅުމަށް ބޮޑެތި ބަދަލުތަކާއި ގޮންޖެހުންތައް އަންނަ މަންޒަރެވެ. އުފެދެމުންދާ މި ދުރުކަމުގެ ފަހަތުގައިވަނީ ކޮން ސަބަބުތަކެއްތޯ ފަހުމްވެ، އެ ކަމަށް ހައްލު ގެނައުން މުހިންމެވެ. ގުޅުން އަލުން ރަނގަޅު ކުރުމަށްޓަކައެވެ. ނުވަތަ ގުޅުން ކަނޑާލަންވީތޯއާމެދު ވިސްނުމަށެވެ.
- މުއާމަލާތްކުރުން މަދުވުން:
ރަނގަޅަށް މުއާމަލާތްކުރުމަކީ ދުޅަހެޔޮ ގުޅުމެއްގެ ތަޅުދަނޑިއެވެ. އަހަރެމެންގެ ބައިވެރިންނާ އަހަރެމެން ވަރުގަދަ ގުޅުންތަކެއް ގާއިމުކުރަނީ ހިޔާލުތަކާއި ޖަޒުބާތުތަކާއި ކޮންމެ ދުވަހެއްގެ ތަޖުރިބާތައް ހިއްސާކުރުމުންނެވެ. މުއާމަލާތްކުރުމަށް މުއްސަނދިކަން އައިސް، ގިނަގިނައިން މުއާމަލާތްކުރަން ފެށުމުން، ދެ މީހުންގެ ދެމެދުގައި ހުންނަ ކަންތައްތައް ފަހުމް ވާން ފަސޭހަވެއެވެ. ދެ މީހުންގެ ދެމެދުގައި ގާތްކަމާއި އިތުބާރު އުފެދެއެވެ. އެއާހިލާފަށް މުއާމަލާތް ކުރުން ފާހަގަ ކުރެވޭ ވަރަށް ދަށްވަމުންދާ ނަމަ އޭގެން އެ ލިބޭ ސިގްނަލަކީ ތިބާއާ ދެމެދު އޮތް ގުޅުމާމެދު އޭނާ ދެވަނަ ވިސްނުމަކަށް ދަނީ ކަމެވެ.
މުއާމަލާތްކުރުން މަދުކަން ފާހަގަކުރެވޭނީ ވާހަކަދެއްކުންތައް ކުރުވާން ފެށުމުންނެވެ. މާނަހުރި މަޝްވަރާތަކުގައި ބައިވެރިވުމަށް ނުރުހެން ފެށުމުންނެވެ. ދޭ މެސެޖްތަކަށް ޖަވާބު ދޭން ލަސްވާން ފެށުމުންނެވެ. މި ފަދަ ބަދަލުތައް އަންނަނީ އޭނާ އޭނާގެ ނަފުސުގެ ތެރެއަށް ގެއްލެން ފެށުމުންނެވެ. ދެ މީހުންގެ ދެމެދުގައިވާ ގުޅުމާމެދު އޭނާ ނުތަނަވަސްވާން ފެށުމުންނެވެ. ނުވަތަ ސިކުނޑިއަށް އުނދަގޫވާ ކަންތައްތަކެއް އޭނާއަށް ތަޖުރިބާކުރެވެން ފެށީމައެވެ. މުއާމަލާތްކުރުމަކީ ހަމައެކަނި މުވާސަލާތްކުރާ މިންވަރު އިތުރުވުމެއް ނޫނެވެ. ނަމަވެސް މުއާމަލާތް ކުރާ ފުންކަމާއި މުއާމަލާތްކުރުމުގައި ދެފުށްފެންނަ މިންވަރު ވެސް މުހިންމެވެ. މުއާމަލާތްކުރުން މަދުކޮށްލުމުން އެ ކަމުން ދޭހަވަނީ އަންހެންމީހާ ތިބާއާ ޖަޒުބާތީ ގޮތުން ދުރުވަނީ ކަމެވެ. މިއީ ޖިސްމާނީ ގޮތުން ތިބާއާ އޮތް ގުޅުމާ ދުރުވުމުގެ ސިގްނަލެއް ވެސް މެއެވެ.
- ކުރިމަގުގެ ކަންތައްތަކުގައި ބައިވެރިނުވުން:
ކުރިމަގުގެ ރޭވުންތައް ރޭވުމަކީ ގިނަ ދެމަފިރިންގެ ދޭތެރޭގައިވާ ގުޅުމުގެ މުހިންމު ތަނބެކެވެ. އުއްމީދާއި އެއްބައިވަންތަކަމާއި ކުރިމަގު ދެކޭ ގޮތް އެއްގޮތްކަން ދޭހަކޮށްދޭ ނިޝާނެކެވެ. ކުރިމަގު ކަނޑައަޅަން ދެމަފިރިން އެކުގައި ރާވަން ފެށުމުން އޭގެން އެނގެނީ ދެމީހުން އެކުގައި ކުރާ ދިރިއުޅުމުގެ ދަތުރުގައި އޮތް ބާރުގަދަ ކަމެވެ. ނަމަވެސް ކުރިމަގުގެ ރޭވުންތައް ރޭވުމާ އަންހެނުން ދުރުވާ ނަމަ އޭގެ މާނައަކީ ދެމީހުންގެ ދެމެދުގައި އޮތް ގުޅުމާމެދު އޭނާގެ ހިތުގައި ޝައްކުތަކެއް އުފެދިފައިވާ ކަމެވެ.
އެ ގޮތުން ފާހަގަކުރެވޭ ކަންތައްތަކަކީ:
ހ. އެއް ފުރާޅެއްގެ ދަށުގައި އުޅެން ބޭނުންނުވުން.
ށ. ދުރު މުސްތަގުބަލުގެ ލަނޑުދަނޑިތަކާމެދު ގޮތެއް ނުނިންމުން.
ނ. ކުރިމަގުގެ ކަންތައްތަކާ މަޝްވަރާކުރުމާ ދުރުހެލިވުން.
ކުރިމަގުގެ ރޭވުންތަކާ އަންހެނަކު ދުރުވާ ނަމަ އޭގެން ދޭހަކޮށްދެނީ އޭނާގެ ހަޔާތުގެ މަގާއި ދުރު ކުރިމަގެއްގެ ލަނޑުދަނޑިތައް އޭނާ އާއި ތިބާއާދެމެދު އޮތް ގުޅުމާ "ނުގުޅެނީ" ކަމެވެ. ތިބާއާއެކު ރާވާ ކުރިމަގާ ދުރުކަމެއް ބަހައްޓަނީ ނަމަ ތިބާއާ އޭނާއާ ދެމެދު އޮތް ގުޅުމާމެދު އޭނާ ދެކޭ ގޮތް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ތިބާއާ އޭނާއާ ދެމެދު އޮތް ގުޅުމާމެދު ފުން ކަނބޮޑުވުންތަކެއް އޮތީ ކަމަށްވެދާނެއެވެ. ނުވަތަ އޭނާގެ ޖަޒުބާތުތަކަށް ބަދަލުތަކެއް އައީ ކަމަށްވުން އެކަށީގެންވެއެވެ.
- ޖިސްމާނީ ގޮތުން ދުރުކަމެއް ބެހެއްޓުން:
ޖިސްމާނީ ގާތްކަމާއި ޖަޒުބާތީ މުއާމަލާތަކީ ދެ މީހެއްގެ ދެމެދުގައި އޮންނާނެ ވަރަށް މުހިންމު ގުޅުމެކެވެ. ޖިސްމާނީ ލޯތްބަކީ ދެ މީހެއްގެ ދެމެދުގައި އޮންނަ ޖަޒުބާތީ ގުޅުން ހާމަކޮށްދޭ ކަމެކެވެ. އޭގެ ސަބަބުން ދެ މީހުންގެ ދެމެދުގައި އޮންނަ ގުޅުމާއި އިތުބާރާއި އެކަކު އަނެކަކަށް ބޭނުންވުމުގެ ބާރު ވަރުގަދަކޮށްދެއެވެ. އަންހެނެއްގެ ފަރާތުން ޖިސްމާނީ ލޯބި ވުން ދަށަށް ދާ ކަމަށް ފެންނަ ނަމަ އޭގެ މާނައަކީ ޖަޒުބާތީ ގުޅުމަށް ބުރޫ އަރަން ފެށުމެވެ. މިކަމުގެ ނިޝާނެއްގެ ގޮތުގައި ފެންނާނީ ތިބާގެ ގައިގައި އޭނާ ބައްދާލުމާއި ބޮސް ދިނުމާއި އެހެނިހެން ޖިސްމާނީ ގާތްގުޅުންތައް ނެތެމުންދާ ތަނެވެ.
މިއީ ހަމައެކަނި ޖިންސީ އެދުން ދަށްވުމުން ވާ ކަމެއް ނޫނެވެ. ނަމަވެސް ޖަޒުބާތީ ދުރުކަމެއް އަންނަ ކަމުގެ ސިގްނަލެކެވެ. ސަބަބެއް ކަމަށް ވެދާނެ ކަންތައްތަކުގެ ތެރޭގައި އުފާވެރިކަން ގެއްލުމާއި ހައްލުނުކޮށް ހުންނަ މައްސަލަތަކެއް ހުރުމާއި ތިބާ އާއި އޭނާއާ ދެމެދުގައި އޮތް ގުޅުމުން ޖަޒުބާތީ ހިތްހަމަޖެހުން އޭނާއަށް ނުލިބުން އެކަށީގެންވެއެވެ. ޖިސްމާނީ ލޯތްބަކީ ތިބާ އާއި އޭނާއާ ދެމެދު އޮތް ގުޅުމުގެ ޖަޒުބާތީ ކަންތައް މިނެލަދޭ އާލާތެކެވެ. އަންހެނަކު ޖިސްމާނީ ލޯބިން ދުރުވާން ފަށައިފި ނަމަ އޭގެން ދައްކައިދެނީ ތިބާއާއެކު ބާއްވާ ގުޅުމަށް އޭނާ ކުރި ޖަޒުބާތީ "އިންވެސްޓްމެންޓް"އާ ދުރުވުން ކަމަށް ވެދާނެއެވެ. ތިބާއާ ދެމެދު އޮތް ގުޅުމުގައި އެއް އިރެއްގައި އޮތް އޭނާގެ ބޭނުންތައް މިހާރު ނުފުދެނީ ކަމުގެ އަސަރެއް ކަމަށް ވެދާނެއެވެ.
- އަމިއްލަ ހައްޓައިގެން ގިނަ ވަގުތު އުޅުން:
އޭނާގެ ނަފުސުގެ ތަރައްގީ އާއި ތިބާއާދެމެދު އޮންނަ އޭނާގެ ގުޅުން ރަނގަޅުވުމަށް، އޭނާ އޭނާގެ ނަފުސާއެކު ހޭދަކުރާ ވަގުތާއި ތިބާއާއެކު ހިއްސާކުރާ ވަގުތުގެ ބެލެންސެއް އޮތުން މުހިންމެވެ. ދެ މީހުން އެކުގައި ހޭދަކުރާ ވަގުތަކީ ދެ މީހުންގެ ގާތްކަމާއި ދެ މީހުންގެ ގުޅުން ރަނގަޅުކޮށްދޭ އެއްޗެކެވެ. އޭނާ އޭނާގެ އަމިއްލަ ނަފުސާއެކު ހޭދަކުރާ ވަގުތަކީ ފަރުދީ ނަޒަރަކުން ބަލާއިރު އޭނާ ޝައުގުވެރިވާ ކަންތައްތައް ކުރަން އޭނާއަށް ލިބޭ ވަގުތެވެ. އޭނާގެ އަމިއްލަވަންތަކަމެއް ނުވަތަ "އައިޑެންޓިޓީ"އެއް ގާއިމުކުރަން އޭނާއަށް ލިބޭ ފުރުސަތެކެވެ. ނަމަވެސް ތިބާއާ ދުރުގައި ހޭދަކުރާ ވަގުތު އިތުރުވަމުންދާ ނަމަ އޭގެ މާނައަކީ ތިބާއާ އޭނާއާ ދެމެދު އޮންނަ ގުޅުމުގައި އޭނާ ހިތްހަމަނުޖެހޭ ކޮންމެވެސް ކަމެއް އޮތުމެވެ. މިއީ އަމިއްލަ ނަފުސަށް "ފަރުވާ"ކުރުމަށް އޭނާ ހޭދަ ކުރާ އަމިއްލަ ވަގުތަށްވުރެ ތިބާއާއި އޭނާއާ ދެމެދު އޮންނަ ގުޅުމުގައި ކޮންމެވެސް ހިތްހަމަ ނުޖެހޭ ކަމެއް އޮތީކަމުގެ ސިގްނަލަކަށްވެދާނެއެވެ.
އަންހެނަކު އޭނާގެ ބައިވެރިޔާއާ ނުލައި އޭނާކުރާ ކަންތައްތަކުގައި ހޭދަކުރާ ވަގުތު އިތުރުވާ ނަމަ، އޭގެން ދޭހަކޮށްދެނީ އޭނާގެ ނަފުސަށް އޭނާގެ އަމިއްލަ ޖާގަ ބޭނުންވާކަމެވެ. ނުވަތަ އޭނާގެ ބައިވެރިޔާއާމެދު އޮންނަ ޖަޒުބާތީ އިހުސާސްތަކަށް ބަދަލެއް އައީ ކަމަށް ވެދާނެއެވެ. މި ކަމުގެ ނިޝާންތަކަކީ އޭނާގެ ރަހްމަތްތެރިންނާއެކު ގިނަ ވަގުތު ހޭދަކުރުމާއި ހުސްވަގުތުގައި އަމިއްލައަށް ކޮށްލެވިދާނެ ހޮބީތަކުގައި މަސްއޫލުވުމާއި އޭނާގެ ބައިވެރިޔާ އެކަހެރިކޮށްލެވޭ ރޭވުންތަކުގައި އުޅުމެވެ. ވަކިވަކިން ކޮށްލެވޭ ކަންތައްތަކުގައި އުޅުމަކީ އާއްމު އަދި ރަނގަޅު ކަމެކެވެ. ނަމަވެސް ބައިވެރިޔާއާއެކު ހޭދަކުރާ ވަގުތު ގުރުބާންކުރަމުން އެކަނިވެރިކަމަށް ހޭދަކުރާ ވަގުތު އިތުރުކުރުމަކީ ބައިވެރިޔާއާއެކު ކަންތައްތައް ތަޖުރިބާކުރަން ބޭނުންނުވާކަމުގެ އިޝާރާތެކެވެ. އަދި އޭގެން ދައްކައިދެނީ ބައިވެރިޔާއާއެކު އޮތް ގުޅުމުގެ ބޭރުން ވެސް އޭނާއަށް ހިތްހަމަޖެހުން ލިބޭ ކަމެވެ. މިހެންވަނީ ބައިވެރިޔާއާއެކު އޮންނަ ގުޅުމުން ލިބޭ އުފާވެރިކަން ކުޑަވުމުން ކަމަށް ވެދާނެއެވެ.
- މުހިންމުކަން ދޭ ކަންތައްތަކަށް ބަދަލު އައުން:
ކަންތައްތަކަށް ދެވޭ އިސްކަމަކީ ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުމަށް ބަދަލު އަންނަ ކަމެކެވެ. ދެ މީހަކު ގުޅުމެއް ގާއިމު ކުރުމުގެ ކުރީކޮޅު އެންމެ އިސްކަމެއް ދެނީ އެ ގުޅުން ވަރުގަދަ ކުރުމަށެވެ. ނަމަވެސް ވަގުތު ފާއިތުވީވީހެން، ދެ މީހުންގެ ދެމެދުގައި އޮންނަ ގުޅުމަށް ދޭ އިސްކަމަށް ބަދަލު އައިސް، އަންހެންމީހާ އިސްކަން ދޭ ކަންތައްތަކަށް ބަދަލު އަތުވެއްޖެ ނަމަ، އޭނާ އާއި އޭނާގެ ބައިވެރިޔާގެ ދެމެދުގައި އޮތް ގުޅުމަށް އަސަރުކުރެއެވެ.
އެ ގޮތުން ދެ މީހުންގެ ދެމެދުގައި އޮތް ގުޅުން ހީނަރުވުމުގެ ނިޝާންތަކުގެ ތެރޭގައި ކެރިއަރާއި އިޖުތިމާއީ ހަޔާތާއި ހޮބީތަކާއި އެހެނިހެން ކަންތައްތަކަށް އަންހެންމީހާ އިސްކަންދޭ ދިނުން ހިމެނެއެވެ. ވަގުތާއި ހަކަތައިންނެވެ. ދެ މީހުންގެ ދެމެދުގައި އޮތް ގުޅުމަށް ދޭ ސަމާލުކަން ކުޑަކޮށްލައިގެންނެވެ. މި ފަދަ ކަމެއް މެދުވެރިވެދާނެ ސަބަބުތަކަކީ އަންހެންމީހާގެ ނަފުސުގެ ތަރައްގީއަށް އޭނާ އިސްކަން ދޭން ބޭނުންވުމެވެ. ވަޒީފާއެއްގެ ގޮތުގައި ކުރާ މަސައްކަތަށް ދޭ މުހިންމުކަން އިތުރުވުމެވެ. ނުވަތަ އޭނާގެ ބައިވެރިޔާއާ އޭނާއާ ދެމެދު އޮތް ގުޅުމާމެދު އޭނާ ދެކޭ ގޮތް ބަދަލުވުމެވެ. އެ ގޮތުން އޭނާގެ ބައިވެރިޔާއާއެކު އޮތް ގުޅުން އޭނާގެ ހަޔާތުގައި އެންމެ ބޮޑަށް ސަމާލުކަން ދޭ ކަންތައް ކަމުގައި ނުވާ ހިސާބުން އޭނާގެ ބައިވެރިޔާއަށް އިހުސާސްކުރެވޭނީ ދެ މީހުންގެ ގުޅުން ކެނޑިއްޖެ ކަމުގައެވެ. އަދި އަންހެން މީހާ އޭނާއާމެދު އިހުމާލު ވެއްޖެ ކަމަށެވެ. ފަހުމް ވާން ޖެހޭ މުހިންމު ނުގުތާއަކީ ހަޔާތުގައި މުހިންމުވާ ކަންތައްތަކަށް ބަދަލު އައުމަކީ ގުދުރަތީ ކަމެއް ކަމަށް ވިޔަސް، ދެ މީހުންގެ ދެމެދުގައި އޮތް ގުޅުން އެއްފަރާތްކޮށްލުމުން އޭގެ މާނައަކީ ފުން މައްސަލަތަކެއް އުޅެނީ ކަމެވެ.
- އެކުއެކީގައި ކުރާ ކަންތައްތަކާ ދުރުވުން:
އެކީގައި ކުރާ ކަންތައްތަކާއި ދެ މީހުން ވެސް ޝައުގުވެރިވާ ކަންތައްތަކަކީ ދެ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ގިނަ ފަހަރަށް ގަދަފަދަކޮށްދޭ ބާރެކެވެ. ދެ މީހުންނަށް ވެސް ކަމުދާ ހޮބީ އާއި ރޭގަނޑު ޑޭޓަކަށް ދިއުން ފަދަ ކަންތައްތަކަކީ ދެ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކޮށްދީ، ދެ މީހުންގެ ގުޅުމުގެ ހަނދާންތައް އުފަންކޮށްދޭނެ ކަންތައްތަކެވެ. ނަމަވެސް ދެ މީހުން އެކުގައި ކުރާ ކަންތައްތަކާ އަންހެންމީހާ ދުރުވާން ފަށައިފި ނަމަ އެ ކަމުން ދޭހަކޮށްދެނީ އޭނާއާ ތިބާއާ ދެމެދު އޮތް ގުޅުމަށް މިހާރު އޭނާގެ ޝައުގުވެރިކަން ކުޑަވަމުންދާ ކަމެވެ.
މި ކަމުގެ ނިޝާންތަކަކީ ކުރިން އެކުގައި ކުރި އުފާވެރި ކަންތައްތަކަށް އޭނާގެ ޝައުގުވެރިކަން މިހާރު ނެތުމެވެ. އެ ގޮތުން ކުރިން މުހިންމު ވި ކަންތައްތަކަށް ދޭ ދައުވަތު އޭނާ މިހާރު ގަބޫލެއް ނުކުރާނެއެވެ. ދެ މީހުންނަށް އެކުގައި ކުރެވިދާނެ އާ ކަންތައްތަކަށް ވެސް ޝައުގުވެރިކަން ފާޅެއް ނުކުރާނެއެވެ. މީގެން ދޭހަކޮށްދޭނީ ތިބާއާއެކު އޭނާ ހިއްސާކުރި ތަޖުރިބާތަކުގައި ކުރިން ހުރި ކަހަލަ އުފަލެއް އޭނާއަށް މިހާރު ނުލިބޭކަމެވެ. މީގެ އިތުރުން މި ކަމުން ދޭހަވެދާނެ އަނެއް ކަމަކީ ތިބާއާމެދު އޭނާ ޖަޒުބާތީ ގުޅުން ކުޑަކޮށްލަނީކަމެވެ. ދެ މީހުން އެކުގައި ކުރާ ކަންތައްތަކުން ދުރުވުމުން ދެ މީހުން އެކުގައި ކުރާ ކަންތައްތަކަށް ހޭދަކުރާ ވަގުތުގެ ކޮލިޓީ ދަށްވާނެއެވެ. އަދި ދެ މީހުންގެ ދެމެދުގައި އޮތް ގުޅުމުން އޭނާ ބޭރުވަމުންދަނީ ކަމުގެ ނިޝާނަކަށް ވެދާނެއެވެ.
- ގިނަގިނައިން ފާޑުކިއުން:
ކޮންމެ ގުޅުމެއްގައި ވެސް ބިނާކުރަނިވި ފާޑުކިއުމަކީ އެ ގުޅުމެއްގެ ދުޅަހެޔޮކަން ދަމަހައްޓައި، އެ ގުޅުން ތަރައްގީކުރަން މުހިންމު ކަމެކެވެ. ނަމަވެސް ފާޑުކިއުން އިތުރުވެ އަދި ހަރުކަށިވުމުން ނުރަނގަޅު މާހައުލަކަށް ދިރިއުޅުން ބަދަލުވެ، ދެ މީހުންގެ ދެމެދުގައި އޮތް ގުޅުމުގައި ފުން މައްސަލަތަކެއް ވަނީކަން ހާމަވެދާނެއެވެ. އަންހެނެއްގެ ފަރާތުން ފާޑުކިއުން އިތުރު ވާ ނަމަ އޭގެން ގިނަ ފަހަރަށް ދޭހަވާނީ ތިބާއާ އޭނާއާދެމެދު އޮތް ގުޅުމާމެދު އޭނާގެ ހިތުގައި އޮތް ހިތްހަމަނުޖެހުން ފުންކަމެވެ. މި ފަދަ ފާޑުކިއުން އެތައް ސިފައަކަށް ފެނިގެން ހިނގައިދާނެއެވެ. އެ ގޮތުން ކޮންމެ ދުވަހެއްގެ އާދައެއްގެ ގޮތުން ކުދިކުދި ކޫސަނި ކަންތައްތަކުން ތިބާގެ ކުށް ދެއްކުމާއި ތިބާގެ އަސާސީ ޝަހުސާއި ތިބާގެ ނިންމުންތަކާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފާނެއެވެ.
ފާޑުކިއުމަކީ އާދައަކަށް ހަދައިފި ނަމަ ދެ މީހުންގެ ދެމެދުގައި އޮންނަ އިހުތިރާމާއި ލޯބީގެ ބިންގާ ނެތިގެން ހިނގައިދާނެއެވެ. އޭގެ ސަބަބުން ތިބާގެ އަގެއް ނެތްކަމަށް ތިބާއަށް އިހުސާސް ކުރެވެން ފަށާފާނެއެވެ. ތިބާގެ ކަންތައްތައް އޭނާއަށް ފަހުމް ނުވާ ކަމަށް ތިބާއަށް ހީވާން ފަށާފާނެއެވެ. އަދި މިހެންވެ ތިބާ އަބަދުވެސް ދިފާއީ ނަޒަރަކުން ކަންތައްތައް ދެކެން ފަށާފާނެއެވެ. އަންހެނަކު އޭނާގެ ބައިވެރިޔާއަށް މާގިނައިން ފާޑުކިޔާ ނަމަ އޭގެން ދޭހަވާނީ އޭނާއާއި އޭނާގެ ބައިވެރިޔާއާދެމެދު އޮތް ގުޅުމާމެދު އޭނާ ހިތްހަމަނުޖެހޭ ކަމާއި އޭނާގެ މާޔޫސްކަމެވެ. މިހެންވެ މި ފަދަ ފާޑުކިޔުމަކީ ބޮޑެތި މައްސަލަތަކެއްގެ ސިގްނަލެއް ކަމާއި ދެ މީހުން ނުގުޅޭ ކަމާއި އަދި ދެ މީހުންނަށް އެކަކު އަނެކަކުގެ ބޭނުންތައް ނުފުއްދައިދެވުން ކަމަށްވެދާނެއެވެ.
- ބައިވެރިޔާގެ ބޭނުންތަކާ އަޅާނުލުން:
ހަމްދަރުދީވުމާއި ބައިވެރިޔާގެ ބޭނުންތަކަށް ސަމާލުކަން ދިނުމަކީ ދެ މީހުންގެ ދެމެދުގައިވާ ގުޅުން ދުޅަހެޔޮ ގޮތެއްގައި ދެމެހެއްޓޭނެ މަގެވެ. މި ކަމުގެ ސަބަބުން ދެ މީހުންނަށް ވެސް ދެ މީހުންގެ "އަގު" އިހުސާސްކުރެވި، އެކަކު އަނެކަކުގެ އެދުންތައް "އަޑުއަހައި" އަދި ދެ މީހުން ދެ މީހުންނަށް ގަދަރުކުރާނެއެވެ. ނަމަވެސް ބައިވެރިޔާގެ އެދުންތަކާއި ޖަޒުބާތުތަކާ އަންހެންމީހާ އަޅާނުލާން ފެށުމުން އެއީ ބައިވެރިޔާއާ ޖަޒުބާތީ ގޮތުން ދުރުވާން އަންހެންމީހާ ބޭނުންވާކަމުގެ ނިޝާނަކަށް ވެދާނެއެވެ.
އަޅާނުލުން ނުވަތަ "އިންޑިފަރެންސް"އަކީ ބައިވެރިޔާއަށް އޭނާގެ ދުވަސް ހޭދަވި ގޮތާއި އޭނާގެ ޖަޒުބާތުތަކާއި އަދި އޭނާ ދެކޭ ގޮތްތަކާމެދު އަޅާނުލުން ކަމަށް ވެދާނެއެވެ. ނުވަތަ ބައިވެރިޔާއަށް މުހިންމުވާ ކަންތައްތަކުގެ އަގެއް ނެތް ކަމަށްދެކި، އަދި ބައިވެރިޔާއަށް ޖަޒުބާތީ ތަރުހީބު ދިނުމަށް މަސައްކަތް ނުކުރުން ކަމަށް ވެސް ވެދާނެއެވެ. މި ކަމުން ދޭހަވާނީ ބައިވެރިޔާގެ ދުޅަހެޔޮކަމަށާއި އޭނާއާދެމެދު އޮންނަ ޖަޒުބާތީ ގުޅުމަށް އަންހެންމީހާ އެހާބޮޑަށް މިހާރު އަޅާނުލާކަމެވެ. ސީދާސީދާ ޒުވާބުކުރުމަށްވުރެ އަޅާނުލުމަކީ ބައިވެރިޔާ މާބޮޑަށް ހިތުގައިޖެހޭނެ ކަމެކެވެ. ސަބަބަކީ އަޅާނުލުމުން ދޭހަވާނީ ބައިވެރިޔާއާދެމެދު އޮތް ގުޅުމާއި އެ ގުޅުމުގެ ކުރިމަގަށް އަންހެންމީހާގެ ފަރުވާލެއް ނެތް ކަމެވެ.
- "ޕްރައިވެސީ" އަދި ސިއްރުވެރިކަން:
އިތުބާރާއި ދެފުށްފެންނަ ހާމަކަން ބޮޑު ގުޅުމަކީ ދުޅަހެޔޮ ގުޅުމެކެވެ. ދެ މީހުން ދެ މީހުންގެ ކިބައިން ސަލާމަތް ލިބިގަތްފައިވާ ކަމާއި ދެ މީހުން ދެ މީހުންގެ ކަންތައްތައް އެކަކު އަނެކަކަށް ފަހުމްވެފައިވާ ގުޅުމެކެވެ. ނަމަވެސް ޒާތީ "ޕްރައިވެސީ" އާއި ސިއްރުވެރިކަމާއެކު އަންހެންމީހާ ކަންތައްތައް ކުރަން ފަށައިފި ނަމަ ފިރިހެންމީހާ ކަންބޮޑުވާނެއެވެ. ސިއްރުވެރި ކަންތައްތަކުގެ ތެރޭގައި ހިމެނިދާނެ ކަންތައްތަކަކީ:
ހ. އުޅޭ ތަން ފިރިހެންމީހާއަށް ސިއްރުކުރުން.
ށ. ފޯނާއި އަމިއްލަ ތަކެތި ފިރިމީހާއަށް ނުދައްކަން އުޅުން.
ނ. އަންހެންމީހާ ކުރާ ކަންތައްތަކާމެދު ސުވާލުކުރުމުން ޖަވާބުނުދިނުން.
މި ކަހަލަ އަމަލުތައް ކުރުމުން ދެ މީހުންގެ ދެމެދުގައި އިތުބާރު ގެއްލުމާއި މުއާމަލާތްކުރުން ހުއްޓިދާނެއެވެ. މި ކަމުން ދޭހަވާނީ އަންހެންމީހާގެ ޖަޒުބާތުތަކެއް އޭނާ ފޮރުވަން އުޅޭ ކަމެވެ. ނަތީޖާއަކަށްވާނީ ދެ މީހުންގެ ދެމެދުގައި އޮތް ގުޅުން ހީނަރުވުމެވެ. ކޮންމެ މީހަކަށް ވެސް އެމީހެއްގެ ފަރުދީ މިނިވަންކަމާއި ޒާތީ "ޕްރައިވެސީ" އޮންނަން ޖެހޭއިރު، ހަޔާތުގެ ކަންތައްތައް ސިއްރުކުރުމުން ފިރިހެންމީހާއަށް އިހުސާސްކުރެވޭނި އޭނާއާ އަންހެންމީހާ ދުރުވާން ބޭނުންވާ ކަމެވެ. ނުވަތަ ދެ މީހުންގެ ދެމެދުގައި އޮތް ގުޅުން ނިމުމަކަށް ގެންނަން އަންހެންމީހާ ވިސްނާކަމެވެ.
މި ފާހަގަކޮށްލީ އަންހެނުން އެ މީހުންގެ ބައިވެރިންނާ ގުޅުން ކަނޑައިލަން ބޭނުންވާ ކަމުގެ ނިޝާންތަކެވެ. ނަމަވެސް މިއީ މުޅިއަކުން އެހާ ފަސޭހައިން ދެނެގަނެވޭނެ އިޝާރާތްތަކެއް ނޫނެވެ. އެކަމަކު މި ސިގްނަލްތަކުގެ ފަހަތުގައިވަނީ ކޮން ކަންތައްތަކެއްތޯ ފަހުމްވުމާއި ދުޅަހެޔޮ މުއާމަލާތްކުރުމަކީ މުހިންމު ކަމެކެވެ. ތިބާއާ ތިބާގެ ބައިވެރިޔާގެ ދެމެދުގައި މި ކަހަލަ ކަންތައްތަކެއް އުޅޭ ކަމަށް ފެންނަ ނަމަ އޭނާއާ މުއާމަލާތްކުރަންވާނީ ހުޅުވިފައިވާ ސިކުނޑިއަކުން، ތެދުވެރިކަމާއި، އިހުތިރާމާއެކުއެވެ. މުއާމަލާތްކުރުމަކީ ދެ މީހުންގެ ދެމެދުގައިވާ ގުޅުމުގައި ހުރި ކަންބޮޑުވާ ކަންތައްތައް ހައްލު ކުރެވޭނެ ގޮތެވެ.
މި ރިޕޯޓްގައި ފާހަގަ ކުރި ކަންތައްތައް ތިބާ އާއި ތިބާގެ ބައިވެރިޔާއާދެމެދުގައިވާ ގުޅުމުން ފެންނަ ނަމަ، ޕްރޮފެޝަނަލް މީހެއްގެ ގާތުން އިރުޝާދު ނުވަތަ ކައުންސެލިން ހޯދާށެވެ. އަމިއްލަ ނަފުސަށް ފަރުވާކުރުމާއި ތިބާ އާއި ތިބާގެ ބައިވެރިޔާއާދެމެދު އޮތް ގުޅުމުގެ ކުރިމަގާމެދު ރަނގަޅު ނިންމުންތަކެއް ނިންމުމަށެވެ. ކޮންމެ ގުޅުމުއްގެ ރާސްތާއަކީ އެ ދިރިއުޅުމެއްގެ މިސްރާބަށް ހާއްސަ ގޮތެކެވެ. ތިބާ އާއި ތިބާގެ ބައިވެރިޔާގެ ދިރިއުޅުމުގެ ދަތުރު ކުރިއަށްގެންދާނެ ގޮތްގޮތަށް އެހީތެރިކަން ހޯދުމަކީ ނެތްކަމެއް ނޫނެވެ. އާޚިރުގައި ތިބާގެ ސިއްހީ ދުޅަހެޔޮކަމާއި އުފާވެރިކަމަށް އިހުތިޔާރުކުރާ ނިންމުންތަކަކީ އެންމެ މުހިންމު ކަންތައްތަކެވެ.
ނޯޓު: ތަރުޖަމާއެއް
