އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިނަކަށް ފަރިއްކޮޅެއް ތައްޔާރުކޮށްދިނުމަކީ ހަރަދު ބޮޑު ކަމެއްކަން ފްރާންސަށް ރޭކާލައިފިއެވެ.
ވެރިރަށް ޕެރިސްއިން މަރުހަބާ ދެންނެވުމަށް ޗާލްސް އާއި ރާނީ ކެމީލާއަށްޓަކައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންގެ ދެކަނބަލުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ބޭއްވެވި ފަރިއްކޮޅަށް 515،000 ޑޮލަރު (7.94 މިލިއަން ރުފިޔާ) އެރިކަން މި ހަފުތާގައިވަނީ ހާމަވެފައެވެ.
ދައުލަތުގެ އޮޑިޓަރު އާއްމު ކުރެއްވި ރިޕޯޓުން އެނގުނު ގޮތުގައި 180 މެހެމާނުންނަށް ދައުވަތު ދިން ފަރިއްކޮޅުގައި ޗާލްސްއަށް ވަނީ އިއްސާއި ކަކުންޏާއި އަދި ކުކުޅު ތައްޔާރުކޮށްފައެވެ.
"މި ފަރިއްކޮޅުގެ ސަބަބުން ފްރާންސްގެ ރިޔާސީ ގަނޑުވަރުގެ ބަޖެޓުގައި ނުވަ މިލިއަން ޑޮލަރު (138 މިލިއަން ރުފިޔާ)ގެ ބާގަނޑެއް އެޅުނު،" ފްރާންސްގެ އޮޑިޓް އޮފީހުން ބުންޏެވެ.
އޮޑިޓް ރިޕޯޓުން ދެއްކި ގޮތުގައި މެކްރޮންގެ އޮފީހުގެ މުވައްޒަފުންނާއި ސަލާމަތާއި ޑިޕްލޮމެޓިކް މަސައްކަތްތަކަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) މިދިޔަ އަހަރު ހަރަދުވިއެވެ. މިއީ 2022 އާ އަޅާބަލާއިރު 14 ޕަސެންޓްގެ އިތުރުވުމެކެވެ.
ޗާލްސްގެ އިއްޒަތުގައި ބޭއްވި ފަރިއްކޮޅުގައި ކޭޓަރިންއަށް 180،000 ޑޮލަރު (2.77 މިލިއަން ރުފިޔާ) އާއި ބުއިންތަކަށް 46،000 ޑޮލަރު (709،320ރ.) ހަރަދުވިއެވެ. މިއީ ފަރުނީޗަރާއި، މާމެލާމެއްޔާއި، އަދި މޭޒުތަކުގެ ރީތިކުރުންތަކަށް ކުރި ހަރަދު ނުލައެވެ.
ޗާލްސްގެ ދަތުރު ފުރަތަމަ ކުރައްވަން އޮތީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. ނަމަވެސް މެކްރޮންގެ ޕެންޝަން އިސްލާހުތަކާ ދެކޮޅަށް ރައްޔިތުން ކުރި މުޒާހަރާތަކާ ގުޅިގެން ޗާލްސްގެ ދަތުރު ފަސްކުރެއްވީއެވެ.
ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރައްވަމުން ޗާލްސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތީ ވަކިނުކުރެވޭނެ ގުޅުމެއް ކަމަށެވެ.
އޮޑިޓް އޮފީހުން ބުނީ މި އަހަރުން ފެށިގެން ރިޔާސީ ހަރަދުތައް ބޮޑު ނުވާނޭ ގޮތަށް ސަރުކާރުން އަމަލުކުރަންޖެހޭނެ ކަމަށެވެ.
ހަމަ މިދިޔަ އަހަރު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ފްރާންސުން އެރުވި ފަރިއްކޮޅަކަށް 447،000 ޑޮލަރު (6.89 މިލިއަން ރުފިޔާ) ހަރަދު ވި ކަމަށް ވެސް އޮޑިޓު އޮފީހުން ބުންޏެވެ.
މިދިޔަ އަހަރު ފްރާންސްގެ ބަޖެޓް ޑެފިސިޓް، އުފެއްދުންތެރިކަމުގެ 5.5 ޕަސެންޓަށް އެރުމުން ޔޫރަޕްގެ އިއްތިހާދުން މިދިޔަ މަހު ފްރާންސަށް އިންޒާރު ދީފައިވެއެވެ. ގައުމުގެ ދަރަނި ވެސް ވަނީ އުފެއްދުންތެރިކަމުގެ 111 ޕަސެންޓަށް އަރައިފައެވެ.



advertisment