Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ފިނިހަކަ- ތިން އަހަރު ވަންދެން ވެސް ނިދައިފާނެ

ފިނިހަކަ ނިދާ ގޮތަށް ބަލައިލަމާ ހިނގާށެވެ.

ފުރަތަމަ ނަޒަރުން ބަލާއިރު، އެއްގަމުގައި އުޅޭ ފިނިހަކައިގެ ދިރިއުޅުން ވަރަށް އާދަޔާހިލާފުކަން ނޭނގިދާނެއެވެ. ނަމަވެސް ހަގީގަތުގައި ފިނިހަކަ ދިރިއުޅެނީ ތަފާތު ލައިފްސްޓައިލަކަށެވެ.

ފިނިހަކައަކީ "ހާމޭފްރޮޑައިޓްސް"އެވެ. މާނައަކީ ކޮންމެ ފިނިހަކައެއްގައި ވެސް ދެ ވައްތަރުގެ ޖިންސީ ގުނަވަންވެއެވެ.

މި ސުއިއްޕަކީ އަޑުއެހުމުން މަހްރޫމްވެފައިވާ ދިރުންތަކެކެވެ. އަދި ލޮނަކީ އެ ސޮރަށް ވިހައެކެވެ.

ފިނިހަކަގެ އެންމެ ޝައުގުވެރި ސިފައަކީ އޭތީގެ ނިދުން ހުންނަ ގޮތެވެ.

ފިނިހަކަ ކިހާ ގިނަ ދުވަހަކު ނިދާތަ؟

މި ސުވާލުގެ ޖަވާބު ވަރަށް ހައިރާންކުރަނިވިއެވެ.

ހައިބަނޭޝަން ނުވަތަ އެސްޓިވޭޝަންގެ ޒަރީއާއިން ފިނިހަކަ ތިން އަހަރެއްހާ ދުވަހު ނިދައެވެ. މިއީ މޫސުމާ ގުޅިފައިވާ ދިގު ނިންޖެކެވެ. ރަބީއު މޫސުން އަދި ހަރީފު މޫސުމާއެވެ.

މިހާ ދިގު ނިންޖަކުން ފިނިހަކަ ނިދާތީ އެއީ ރަނގަޅު ކަމެއް ކަމަށް ފެނިދާނެއެވެ. ނަމަވެސް ހަގީގަތަކީ އެހާ ދިގު ނިންޖަކުން ފިނިހަކަ ނިދުމަކީ އެ ސޮރުމެންގެ މާހައުލު ރަނގަޅު ނުވުމުން ވާ ގޮތެއް ކަމެވެ.

ދިރިހުރުމަށްޓަކައި ފިނިހަކައަށް ތެތްކަން ބޭނުންވެއެވެ. މިހެންވެ ހޫނު މޫސުމާ ހެދި ފިނިހަކަ ތިން އަހަރު ވަންދެން ވެސް ނިދައިފާނެއެވެ.

އުޅޭ ސަރަހައްދެއްގެ ގޮތުން ފިނިހަކަ ހައިބަނޭޓް ކޮށްފާނެއެވެ. މިއީ ފިނި، ހަރީފު މޫސުމުގައި ދިމާވާ ގޮތެކެވެ.

ރަބީއު މޫސުމުގައި އެސްޓިވޭޝަންގެ ދަށުން ވެސް ނިދައިފާނެއެވެ. މިއީ ހޫނު މޫސުމުން ސަލާމަތްވުމަށެވެ. ހޫނު މޫސުމުގައި ނިދާއިރު ފިނިހަކަ އޭގެ ހަށިގަނޑުގެ ވަށައިގެން ދަވައެއް ނުވަތަ "މިއުކަސް"އެއް ލައެވެ. އެއީ ތެތްކަމެއް ނެތް މާހައުލާއި ހޫނު މޫސުމުން ރައްކާތެރިވުމަށެވެ. ނަމަވެސް މި މިއުކަސްގެ ތެރޭގައި ތިން އަހަރު ނުނިދުން އެކަށީގެންވެއެވެ. ފިނިހަކައަށް ކަމުދާ ގޮތަށް މޫސުން ބަދަލުވުމުން އެ ސޮރު އާއްމުކޮށް ނިދާ ގޮތަށް ނިދުމުގެ ވައްޓަފާޅި ބަދަލުވެއެވެ.

އިންސާނުންނާ ހިލާފަށް ފިނިހަކައިގެ ނިދުމުގެ އިންތިޒާމު ބިނާވެފައިވަނީ ދުވާލާއި ރޭގަނޑު ބަހާލާ ގޮތަކަށް ނޫނެވެ. އެ ސޮރުމެން 13 އާއި 15 ގަޑިއިރުގެ މުއްދަތުގެ ތެރޭގައި ނިދަމުން، ހޭލަމުން، އަނެއްކާވެސް ނިދަމުން އަދި ހޭލަމުންދެއެވެ. އެއަށް ފަހު ދެން އަންނަ 30 ގަޑިއިރުގެ ތެރޭގައި ކުއްލިއަކަށް ހަށިގަނޑަށް ހަކަތަ ލިބި، ދިރިއުޅުމުގައި ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް ކޮށްލައި ނިންމައިލައެވެ!

ފިނިހަކައެއް އޮތީ ނިދައިފައިކަން އެނގޭނީ ކިހިނަކުން؟

މިއީ ޖަވާބު ލިބުން ދަތި ސުވާލެކެވެ. ސަބަބަކީ އެ ސޮރުގެ ލޯ ހުރީ މަރައިގެންތޯ ނޭނގޭތީއެވެ. އަދި އެއީ ގުގުރިދަމާ ސުއިއްޕެއް ވެސް ނޫނެވެ. ނަމަވެސް ފިނިހަކައެއް އޮތީ ނިދައިފައިކަން އެނގޭ ނިޝާންތަކެއްވެއެވެ. އެ ގޮތުން ތިން ކަންތަކެއް ފާހަގަ ކުރެވޭނެވެ:

  1. ފިނިހަކަގެ ތޮށިގަނޑު ހަށިގަނޑާ ކުޑަކޮށް ދުރަށް އަރިއަޅައިލައިފައިވުން.
  2. ބިންމަތީގައި ޖެހޭ އެ ސޮރުގެ ބަނޑުދަށްފަރާތް ހަމަޖެހިލައިފައިވުން.
  3. ދެ ލޯ ހުންނަ "ޓެންޓެކްލް" ކުޑަކޮށް އެތެރެއަށް ވަދެފައިވުން.

މ ގޮތަށް ތިބޭ ފިނިހަކަ އެއީ މަރުވެފައިވާ ފިނިހަކައެއް ކަމަށް ހީވެދާނެއެވެ. ނަމަވެސް އެހެނެއް ނޫނެވެ. ބަގީޗާގެ ތެރޭގައި ނުދުވެ އޮންނަ ފިނިހަކައަކީ މަރުވެފައިވާ އެއްޗެއް ނޫނެވެ. އެއީ ފަހަރެއްގައި ވަގުތީ ގޮތުން އަރާމުކޮށްލަން "ޕަވާ ނެޕެ"އްގެ ނިދި ހޯދައިލަނީ ކަމަށް ވެސް ވެދާނެއެވެ.