Support Us

ހުކުރު ދުވަހު މުޅިއެކު 7،000 ފްލައިޓް ކެންސަލްކޮށްފައިވޭ

މައިކްރޮސޮފްޓްގެ ހިދުމަތްތައް އަނެއްކާވެސް މެދުކެނޑިއްޖެ

ޓެކްނޯލޮޖީގެ ބޮޑު ކުންފުނި މައިކްރޮސޮފްޓްގެ ހިދުމަތްތައް މިއަދު މެދުކެނޑިއްޖެއެވެ. މިއީ ދެ ހަފުތާ ވެސް ނުވަނީސް މައިކްރޮސޮފްޓްގެ ހިދުމަތްތަކުގައި މައްސަލަ ޖެހުނު ދެވަނަ ފަހަރެވެ.

މައިކްރޮސޮފްޓުން މިހާރު ވަނީ މި ކަމަށް މައާފަށް އެދިފައެވެ. އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކު މައިކްރޮސޮފްޓްގެ ހިދުމަތްތައް މެދުކެނޑުނު ކަމަށް މިއަދު މެންދުރުފަހު ރިޕޯޓްކުރުމުންނެވެ. މި ކަން ހާމަކޮށްފައިވަނީ ވެބްސައިޓްތަކުގައި ޖެހޭ މައްސަލަތައް ބަލާ ސައިޓު ޑައުންޑިޓެކްޓާއިންނެވެ.

މައްސަލަ ޖެހުނު ހިދުމަތްތަކުގެ ތެރޭގައި އައުޓްލުކް އީމޭލް ހިދުމަތާއި މަޝްހޫރު ގޭމް މައިންކްރާފްޓް ހިމެނެއެވެ.

އެންމެ ފަހުން މައިކްރޮސޮފްޓްގެ ހިދުމަތްތައް މެދުކެނޑުނީ ސައިބަސެކިއުރިޓީ ކުންފުނި ކްރައުޑްސްޓްރައިކުން ބަހައިލި ކޮރަޕްޓްވެފައިވާ ސޮފްޓްވެއާ އަޕްޑޭޓެއްގެ ސަބަބުންނެވެ. އެ ފަހަރު މައިކްރޮސޮފްޓްގެ ނިޒާމުތައް ބޭނުންކުރާ އަށް މިލިއަން ކޮމްޕިއުޓަރުގައި މައްސަލަ ޖެހުނެވެ. އަދި އެ ކަމުގެ ސަބަބުން ދަތުރުފަތުރާއި ސިއްހަތާއި ބޭންކްތައް ފަދަ ތަންތަނުގެ ހިދުމަތްތައް ހުއްޓުމަކަށް އައެވެ.

މިއަދު ޖެހުނު މައްސަލަ ހައްލުކުރުމަށް ގޮތެއް ފެނިފައިވާ ކަމަށާއި ފުރިހަމަ ހައްލެއް ލިބެންދެން މައްސަލަ ރަނގަޅުކުރަން މަސައްކަތްކުރާނެ ކަމަށް މައިކްރޮސޮފްޓުން ބުންޏެވެ.

"ފުރިހަމަ ހައްލެއް އަންނަންދެން ކަންތައްތައް މޮނިޓަރ ކުރަމުންދާނަން،" މައިކްރޮސޮފްޓުން އެކްސްގައި ބުންޏެވެ.

ނަމަވެސް ފުރިހަމަ ހައްލު ލިބޭނީ ސީދާ ކޮންއިރަކުންކަން ބުނަން ދަތިކަމަށް އެ ކުންފުނިން ބުންޏެވެ.

"މި ކަމުން ލިބިދާނެ އުނދަގުލަކަށް މައާފަށް އެދެން. އަހަރެމެންގެ ފަންނީ މުވައްޒަފުން މިހާރު ދަނީ މި މައްސަލަތައް ތަހުގީގުކުރަމުން. ވީހާ ވެސް އަވަހަށް މިކަން ހައްލުވޭތޯ،" މައިކްރޮސޮފްޓުން ބުންޏެވެ.

މައިކްރޮސޮފްޓްގެ ހިދުމަތްތަކަށް މި މައްސަލަތައް މިއަދު ދިމާމިވީ އެ ކުންފުނީގެ އެންމެ ފަހުގެ މާލީ ހިސާބުތައް މި ރޭ އާއްމުކުރުމަށް ތައްޔާރުވެފައިވަނިކޮށެވެ.

މައިކްރޮސޮފްޓުން ބުނީ މެދުކެނޑުނު ހިދުމަތްތަކުގެ ސަބަބުން މައިކްރޮސޮފްޓް އެޒުއަގެ ހިދުމަތަށް ވެސް ބުރޫއެރިކަމަށެވެ. މިއީ އެ ކުންފުނިން ދޭ އެތައް ހިދުމަތްތަކުގެ ފަހަތުގައިވާ ކްލައުޑް ކޮމްޕިއުޓިން ޕްލެޓްފޯމެވެ. އަދި މައްސަލަ ޖެހުނު ހިދުމަތްތަކުގެ ތެރޭގައި މައިކްރޮސޮފްޓް 365 ހިމެނެއެވެ. މިއީ މައިކްރޮސޮފްޓް އޮފިސް އާއި އައުޓްލުކްގެ ނިޒާމުތައް ހިމެނޭ ހިދުމަތެވެ.

މީގެ އިތުރުން އިންޓިއުން އާއި އެންޓްރާ ފަދަ ކްލައުޑް ސިސްޓަމްތަކަށް ވެސް މައްސަލަ ޖެހުނު ކަމަށް މައިކްރޮސޮފްޓުން ބުންޏެވެ.

"މައިކްރޮސޮފްޓްގެ އޮންލައިން ހިދުމަތްތައް އަލުން ވަރަށް ސީރިއަސްކަމާއެކު މެދުކެނޑުމުން ބުއްދި ގަބޫލުކުރަން ދަތި ކަހަލަ އިހުސާސެއް ކުރެވެނީ،" ކޮމްޕިއުޓަރު ސެކިއުރިޓީ ތަޖުރިބާކާރު ޕްރޮފެސަރު އެލަން ވުޑްވަޑް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މައްސަލަޖެހުނީ މައިކްރޮސޮފްޓްގެ އިންފްރާސްޓްރަކްޗަރުގެ ވިއުގަތަކުގައި ކަމަށް ފެންނަ ކަމަށެވެ. ނަމަވެސް ކްލައުޑް ބޭނުންކުރާ މުހިންމު ސިސްޓަމްތައް ހުރުމުން ވަކި އެކަތި ފޭލިވުމަށް ހީނުކުރެވުން އެކަށީގެންވާ ކަމަށެވެ.

"މައިކްރޮސޮފްޓްގެ އިންފްރާސްޓްރަކްޗަރުގެ ވިއުގައަށް ބޮން ނޭޅޭނެ ކަމަށް ހީވެދާނެ،" އެލަން ވިދާޅުވިއެވެ.

މިއަދު ދިމާވި މައްސަލަތައް ކުރިމަތިވި އެއް ކުންފުންޏަކީ ކެމްބްރިޖް ވޯޓަރއެވެ.

"މައިކްރޮސޮފްޓް އެޒުއައަށް މުޅި ދުނިޔެއިން ދިމާވި މައްސަލަތަކުގެ ސަބަބުން އަހަރެމެންގެ ވެބްސައިޓުން ދޭ މައިއެކައުންޓް އަދި ޕޭނައުގެ ހިދުމަތުގައިވަނީ މައްސަލަޖެހިފައި،" އިނގިރޭސި ވިލާތުގެ ކެމްބްރިޖް ސިޓީއަށް ފެނުގެ ހިދުމަތް ފޯރުކޮށްދޭ ކެމްބްރިޖް ވޯޓަރއިން އެކްސްގައި ބުންޏެވެ.

އިނގިރޭސި ވިލާތުގެ ޝަރުއީ ވުޒާރާގެ ދަށުން ހިންގާ ހިސް މެޖެސްޓީސް ކޯޓްސް އެންޑް ޓްރައިބިއުނަލްސް ސާވިސްއިން ބުނީ އެތައް އޮންލައިން ހިދުމަތްތަކުގައި މައްސަލަ ޖެހުނުކަން ފާހަގަކުރެވުނު ކަމަށެވެ. މި ތަނަކީ ޖިނާއީ، މަދަނީ އަދި އާއިލާއާ ބެހޭ ކޯޓުތަކުގެ ބެލެނިވެރި އިދާރާއެވެ.

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގައި ހުންނަ ރީޓޭލް އަދި ކޮމާޝަލް ބޭންކް ކަމަށްވާ ނެޝަނަލް ވެސްޓްމިންސްޓަރ ބޭންކް ނުވަތަ ނެޓްވެސްޓުން ބުނީ އެ ތަނުގެ ހިދުމަތްތަކުގައި ވެސް މައްސަލަ ޖެހުނު ކަމަށެވެ.

"އަހަރެމެންގެ ވެބްސައިޓަށް ވަނުމުގައި ބައެއް ކަސްޓަމަރުންނަށް މިއަދު ދަތިތަކާ ކުރިމަތިވިކަން އަހަރެމެންނަށް އެނގޭ. މިއީ މުޅި ދުނިޔެއަށް ދިމާވި މައިކްރޮސޮފް އެޒުއައާ ގުޅުން ހުރި މައްސަލަތަކާ ގުޅޭ ކަމަށް. މިހާރު މި މައްސަލަވަނީ ހައްލުކުރެވިފައި. އަދި އަހަރެމެންގެ ވެބްސައިޓް މިހާރު ރަނގަޅަށް މަސައްކަތްކުރޭ،" ނެޓްވެސްޓްގެ ތަރުޖަމާނެއް ވިދާޅުވިއެވެ.

ނެދަލެންޑްސްގެ ފުޓްބޯޅަ ޓީމު އެފް.ސީ ޓްވެންޓެއިން އެކްސްގައި ބުނީ އެ ކްލަބްގެ ޓިކެޓް ވިއްކާ ވެބްސައިޓާއި ކްލަބްގެ އެޕްގައި މައްސަލަ ޖެހިފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *