ޔޫރަޕްގެ ހުރިހާ ގައުމެއްގައި 13 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރަން ހުށަހަޅައިފިއެވެ.
"އީ.ޔޫ ކިޑްސް އެކްޓް" ނުވަތަ "ޔޫރަޕް އިއްތިހާދުގެ ކުޑަކުދިންގެ ގާނޫނު"ގެ ނަމުގައި ބުރާސްފަތި ދުވަހު ޔޫރަޕް އިއްތިހާދު ނުވަތަ އީ.ޔޫ ހިންގާ އިދާރާކަމަށްވާ ޔޫރަޕިއަން ކޮމިޝަނުން ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ 13 އަހަރާއި 14 އަހަރާ ދޭތެރޭގެ ކުދިންނަށް ބެލެނިވެރިންގެ ސަމާލުކަމުގެ ދަށުން އަދި ސޯޝަލް މީޑިއާ ކުންފުނިތަކުން ހުރަސްތައް ކުރިމަތިކޮށްފައިވާ "މިނި އެކައުންޓް"ތަކެއް ބޭނުންކުރެވިދާނެކަމަށެވެ.
ފުރިހަމަ މިނިވަންކަމާއެކު ސޯޝަލް މީޑިއާ ބޭނުންކުރެވޭނީ އުމުރުން 15 އަހަރުވީމާ ކަމަށް އެ ހުށަހެޅުމުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ހުށަހެޅުމުގައިވާ ބައެއް ކަންތައްތަކަކީ:
- ހައްދެއް ނެތި ސްކްރޯލްކުރުމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާ މަންސަ ފަރުމާނުކުރުން.
- މެންބަރެއްގެ ވަނަވަރާ ދިމާވާ ގޮތަށާއި އެ މެންބަރަކަށް ކަމުދާ ޒާތުގެ މައުލޫމާތުތަކަށް އެ މެންބަރު ހުށަނޭޅޭ ގޮތަށް ސޯޝަލް މީޑިއާ މަންސަތައް ފަރުމާކުރުން.
- އުމުރު ޗެކުކުރުމުގައި ހަރުކަށި ގަވައިދުތަކެއް ގެންގުޅުން.
"ކުޑަކުދިން މިހާރު ބޭނުންކުރަމުން އެ ދަނީ މިހާތަނަށް ހެދި އެންމެ މުރައްކަބު ޓެކްނޮލޮޖީ. އެކަމަކު އެ ޓެކްނޮލޮޖީއަކީ އެ ކުދިންގެ ދުޅަހެޔޮކަމާއި އެ ކުދިން ބޮޑުވުމުގައި އެހީއަކަށްވާނެ ގޮތަށް އީޖާދުކޮށްފައިވާ ޓެކްނޮލޮޖީއެއް ނޫން،" ކޮމިޝަންގެ ރައީސް އޫރްޒޫލާ ފޮން ޑަ ލައިއަން (ފޮޓޯ) ބުންޏެވެ.
ކޮމިޝަންއާ ހިޔާލުތަފާތު ފަރާތެއްކަމަށްވާ، ކޮމްޕިއުޓަރާއި މުވާސަލާތާ ބެހޭ، ބައިނަލްއަގުވާމީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ، ކޮމްޕިއުޓާ އެންޑް ކޮމިއުނިކޭޝަންސް އިންޑަސްޓްރީ އެސޯސިއޭޝަން (ސީ.ސީ.އައި.އޭ)ގެ ޔޫރަޕް ގޮފީގެ ވެރިޔާ ޑަންޔަލް ފްރީޑްލެންޑާ އިންޒާރުދިނީ އުމުރު ކަށަވަރުކުރާނަމަ މީހާގެ ޒާތީ ކަންތައްތައް ނުރައްކަލަށް ހުށަހެޅިދާނެކަމަށެވެ.
"މި ކަމުގެ ސަބަބުން އޮންލައިން ދުނިޔޭގައި އުޅޭ ކުށްވެރިންގެ ޝިކާރައަކަށް މީހާ ވެދާނެ،" އޭނާ ބުންޏެވެ.
މި ހުށަހެޅުން ގާނޫނަކަށްވާނީ އީ.ޔޫގެ ގާނޫނު ހަދާ މަޖިލީހާއި ޔޫރަޕް ގައުމުތަކުގެ ސަރުކާރުތަކުން ފާސްކުރުމުންނެވެ.



advertisment