ސާރިދޯޅެއްގެ އޭ.އައި ފޮޓޯއެއް ހެދި ރަޝިޔާ އަންހެނަކު ޖޫރިމަނާކޮށްފިއެވެ.
ރަހްމަތްތެރިއަކާ ސަމާސާއެއްކުރުމުގެ ގޮތުން މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކޮށްގެން ހެދި ސާރިދޯޅުގެ ފޮޓޯއެއް ވައިރަލްވެ، އަސްލު ސާރިދޯޅެއްކަމަށް ހީކޮށް، އެ ހޯދުމަށް ރަސްމީ އިދާރާތަކުން ހަރަކާތެއް ހިންގަންޖެހުމާ ގުޅިގެން އެ ފޮޓޯ އުފެއްދި އަންހެނާ މި ހަފުތާގައި ޖޫރިމަނާކުރީއެވެ.
މާހިރުން ބުނާ ގޮތުގައި ސާރިދޯޅުގެ އާބާދީ އިތުރުވުމާއި ބެރީގެ ބާވަތްތަކާއި ޕައިން ނަޓްސް ލިބުން ދަތިވުމުގެ ސަބަބުން މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ސާރިދޯޅު އައުންވަނީ އިތުރުވެފައެވެ. އަދި ބައިވަރު ސަރަހައްދުތަކުގައި ސާރިދޯޅު ހަމަލާ ދެމުންދާތީ އެ ގައުމުގެ ރަސްމީ އިދާރާތައް މި އަހަރު ތިބީ ވަރަށް ބޮޑަށް ސަމާލުވެގެންނެވެ.
އާމޫރު ސަރަހައްދުގެ މަގްދަގާޗީ އަވަށުގައި ދިރިއުޅޭ އަންހެންމީހާ ޗެޓްޖީޕީޓީ ބޭނުންކޮށްގެން ބްރައުން ބާވަތުގެ ސާރިދޯޅެއް މަގަކުން ހިނގައިފައި ދާ ފޮޓޯއެއް ހަދައި އެ ފޮޓޯ އޭނާގެ ރަހްމަތްތެރިޔާއަށް ފޮނުވީ މި ދިޔަ މަހުއެވެ.
"މި ސަމާސާ ވަރަށް އަވަހަށް ކޮންޓްރޯލުން ނެއްޓުނު. ސާރިދޯޅުގެ ފޮޓޯ މެސެޖްކުރާ އެޕްތަކުގައި ފެތުރިގެން ދިޔުމާއެކު އާންމުން ބިރުން ފުލުހުންނަށް ފޯނުކުރަން ފެށި،" އާމޫރުގެ ކޯޓުތަކުން މައުލޫމާތު ދޭ މީޑިއާއާ ބެހޭ އިދާރާއިން ނެރުނުގެ ބަޔާނެއްގައި ބުންޏެވެ.
އަންހެންމީހާ އަމިއްލައަށް ފުލުހުންނަށް ގުޅައި، އެ ފޮޓޯއަކީ އޭނާ ހެދި ފޮޓޯއެއްކަމަށް އިއުތިރާފުވިއެވެ. އަދި މި ހަފުތާގައި ކޯޓުންވަނީ އޭނާ 15,000 ރޫބަލް (178 ޑޮލަރު ނުވަތަ 2،744.76ރ.)އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައިކަމަށް އެ ބަޔާނުގައި ބުންޏެވެ.
ރަޝިޔާގެ ގާނޫނީ ދާއިރާގެ ހަބަރުތައް ފަތުރާ ނޫސް އެޖެންސީ އާރް.އޭ.ޕީ.އެސް.އައިއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދިޔަ މަހުގެ މެދުތެރޭގައި އިރުމަތީ ޓްރާންސްބައިކާލް ސަރަހައްދުގެ އެހެން އަންހެނަކުވެސް، ރަށެއްގެ ތެރޭގައި ސާރިދޯޅެއް އުޅޭކަމަށް ދައްކުވައިދޭ ސައްހަ ނޫން ފޮޓޯއެއް އާންމުކުރުމުން 30,000 ރޫބަލް (362.55 ޑޮލަރު ނުވަތަ 5،590.52ރ.)އިން ޖޫރިމަނާކުރިއެވެ.
ނޫސް އެޖެންސީ އާރް.އައި.އޭ ނޮވޮސްތީން މި މަހު 12 ގައި ބުނީ ބަނޑުހައިވެފައިވާ ސާރިދޯޅުތައް ފިނިމޫސުމުގެ ނިދިން ހޭލައިގެން ނުކުންނަ ވަގުތުކަމަށްވާ ބަހާރު މޫސުމުން ފެށިގެން މި އަހަރުގެ މިހާތަނަށް ސާރިދޯޅު ހަމަލާތަކުގައި މަދުވެގެން 26 މީހުން މަރައިލައިފައިވައިކަމަށެވެ.
މި ހަމަލާތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ބްރައުން ބާވަތުގެ ސާރިދޯޅު އާބާދީ ކޮންޓްރޯލްކުރަން ކުއްލި ފިޔަވަޅުތަކެއް އެކުލަވައިލަމުންދާކަމަށް ސަރުކާރުން މި ދިޔަ މަހު ބުންޏެވެ. ސަބަބަކީ ކުރު އަދި ފިނިކަން ކުޑަ ފިނި މޫސުންތަކުގެ ސަބަބުން ފާއިތުވި ތިން ދަހަރުގެ ތެރޭގައި އެ ބާވަތުގެ ސާރިދޯޅުގެ އާބާދީ ދެ ގުނައަށްވުރެ އިތުރުވެ، 308,000 އަށް އަރައިފައިވައިތީއެވެ.
ދައުލަތުގެ ނޫސް އެޖެންސީ ޓީ.އޭ.އެސް.އެސްއިން އެއްކޮށް، މި މަހު 10 ގައި އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރު ފެށުނީއްސުރެ މީހުންނަށް ނުރައްކާވާކަމަށް ބެލެވުނު 3,440 އަށްވުރެ ގިނަ ސާރިދޯޅުވަނީ މަރައިލައިފައެވެ.



advertisment