ބްރެޒިލްގެ އުމުރުން 80 އަހަރުގެ ރައީސް ލޫއީސް އީނާސިއޫ ލޫލާ ޑާ ސީލްވާ މޮބައިލް ފޯނެއް ނުގެންގުޅުއްވައެވެ. ނަމަވެސް މި މަހު ހަތަރެއްގައި އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ދެ ވަނަ ލިބިވަޑައިގަތުމުން މި މަހު 25 ގައި ބާއްވާ ދެވަނަ ބުރު ކާމިޔާބުކުރެއްވޭތޯ ސެލްފީގެ އެހީގައި ވޯޓު ލައި މީހުންނާ ހަމައަށް ކެމްޕޭން ފޯރުކުރެއްވުމުގެ މަސައްކަތް ފަށްޓަވައިފިއެވެ.
ފުރަތަމަ ބުރުން އެއްވަނަ، ގާނޫނު ހަދާ މަޖިލީހުގެ ކަނާތު ފިޔައިގެ މެންބަރު ފްލާވީއޫ ބޮލްސޯނާރޫއަށް ލިބުންވީ ލޫލާ (ފޮޓޯ) ހީނުކުރައްވައި ކަހަލަ ނަތީޖާއަކަށެވެ.
ވާތު ފިޔައިގެ ޒުވާން އިންފްލުއެންސަރުންނާ ބައްދަލުކުރައްވަމުން ސްމާޓް ފޯން ގެންގުޅުއްވަން ހިތްހަމަޖެހިވަޑައިނުގަންނަވާ ސަބަބު ލޫލާ ވިދާޅުވެދެއްވިއެވެ.
"އަހަރެން ސެލް ފޯނެއް ނުގެންގުޅެން. ސަބަބަކީ އެހެން ކަންތައްތައްކުރަން އަހަރެންގެ އަތް ބޭނުންވާތީ. އަދި އަހަރެން ބުނަން ބޭނުންވަނީވެސް ހަމައެކަނި އެ ބުނަން ޖެހޭ އެއްޗެއް،" ލޫލާ ވިދާޅުވިއެވެ.
އޭނާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ހޮޒަންޒެލާ "ޒަންޒާ" ޑާ ސީލްވާގެ ފަރާތުން ޕްރެޝަރު ލިބިވަޑައިގަންނަވާކަމަށް ލޫލާ ވިދާޅުވިއެވެ.
"މީހުން އަބަދުވެސް އަހަރެންނަށް ޕްރެޝަރުކުރޭ. ޒަންޒާ ކޮންމެ ދުވަހަކު ހޭލައިގެން އައިސް ބުނާނެ 'އާދެބަލަ، ސެލްފީއެއް ނަގައިބަލަ.' އަހަރެން އެ ކަމާ ގަޔައެއްނުވޭ. ނަމަވެސް މިއަދު އަހަރެން ނިންމީ އެ ކަން ކުރަން،" ލޫލާ ވިދާޅުވިއެވެ.
ކަނާތު ފިޔައިގެ ފަރާތްތަކުގެ ސޯޝަލް މީޑިއާގެ ވަރުގަދަކަމާ ކުރިމަތިލުމަށްޓަކައި ލޫލާގެ ކެމްޕޭނުން ދަނީ ޒުވާން ސިޔާސީ އަޑުތަކާއި އޮންލައިން ވީޑިއޯތަކުގެ ބޭނުން ހިފަމުންނެވެ.
"މިއަދު އަހަރެމެންގެ އެންމެ މުހިންމު ކެމްޕޭން އިޝްތިހާރު ކަރުދާހަކީ މޮބައިލް ފޯނު،" ގާނޫނު ހަދާ މަޖިލީހަށް އަލަށް އިންތިހާބުވެވަޑައިގަތް އުމުރުން 21 އަހަރުގެ އަނާ އެލީޒާ ސަންޓޫސް ސީލްވާ ވިދާޅުވިއެވެ.



advertisment