Support Us

ކެރަލާގެ ވަޔަނަދު ސަރަހައްދުގައި ބިންގަނޑު ކަނޑައިގެން ދިއުމުން ސަލާމަތީ ފަރާތްތަކުން ހަރަކާތްތެރިވަނީ

އިންޑިއާގައި ބިންގަނޑު ކަނޑައިގެން ދިއުމުން 107 މަރު

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިންޑިއާގެ ދެކުނު ސްޓޭޓެއް ކަމަށްވާ ކެރަލާގައި މަދުވެގެން 107 މީހުން މިއަދު މަރުވެއްޖެއެވެ. އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވިދާޅުވީ އެތައް ބަޔަކު ފަސްގަނޑުގެ އަޑީގައި ތާށިވެފައިވާކަމަށެވެ.

ސިއްހީ ވަޒީރު ވީނާ ޖޯޖް ވިދާޅުވީ އިތުރު 116 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

"ޗާލިޔަރު ކޯރުގައި އެތައް ބަޔަކު އޮޔާ ގޮސްފައިވާ ކަމަށް ވެސް ބެލެވޭ،" ވީނާ ވިދާޅުވިއެވެ.

ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ ހިނގީ ވަޔަނަދު ނަމަކަށް ކިޔާ ސަރަހައްދެއްގައެވެ. އެ ތަނުގެ މައި ބްރިޖް ވަނީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހަލާކުވެފައެވެ. މިހެންވެ ބިންގަނޑު ކަނޑައިގެން ދިޔަ ސަރަހައްދު ޗޫރަލްމަލަ ކިޔާ އަވަށަކާ ގުޅައިލަން ވަގުތީ ބްރިޖެއް ހަދަން ސިފައިން މިހާރުވަނީ މަސައްކަތް ފަށައިފައެވެ.

ކެރަލާގެ ވަޔަނަދު ސަރަހައްދުގައި ބިންގަނޑު ކަނޑައިގެން ދިއުމުން އާއިލާއެއް ރައްކާތެރި ތަނަކަށް ގެންދަނީ

"ހާލަތު ވަރަށް ސީރިއަސް. ކަމާ ބެހޭ ހުރިހާ އިދާރާއެއް ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަމުން އެބަދޭ،" ކެރަލާގެ ޖަންގަލިތަކާ ބެހޭ ވަޒީރު އޭ. ކޭ. ސަސީންދްރަން ވިދާޅުވިއެވެ.

ވީޑިއޯތަކުން ފެންނަނީ ސަލާމަތީ ބާރުތައް ހިލަތަކާއި ވެއްޓިފައިވާ ގަސްތަކާއި ކިސަޑު ފެންގަނޑު ތެރެއިން ލާފައި ހިނގާފައި ދާ މަންޒަރުތަކެވެ. ވަރަށް ގިނަ ގެތައް ވަނީ ވެއްޓިފައެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ އާދަޔާހިލާފަށް މިއަދު ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަޔަނަދަށްވަނީ 11 އިންޗީގެ ވާރޭ ވެހިފައެވެ. މި ކަމުގެ ސަބަބުން މަދަރުސާތައް މިއަދުވަނީ ބަންދުކޮށްފައެވެ.

ކެރަލާއަކީ އާއްމު ގޮތެއްގައި ބޯކޮށް ވާރޭ ވެހޭ ސްޓޭޓެކެވެ. އެ ގޮތުން ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައެވެ. މި ފަދަ ހާދިސާތަކުގައި 2018 ގައި 500 އެއްހާ މީހުން މަރުވިއެވެ.

ކެރަލާގެ ވަޔަނަދު ސަރަހައްދުގައި ކިސަޑު ފެންގަނޑުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ވަޔަނަދުގެ މެންބަރުކަން ކުރިންކުރެއްވި ރާހުލް ވިދާޅުވީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް އާދަޔާހިލާފަށް ގިނަވެފައިވާ ކަމަށެވެ.

"ހާލުގައި ޖެހިފައިވާ މީހުންނަށް ބަދަލު ދިނުމަށް ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރަށް ގޮވައިލަން،" ރާހުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީހުން ސަލާމަތް ކުރުމާއި ސިއްހީ ފަރުވާ ފޯރުކޮށްދިނުމާއި ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތް ދިނުމަކީ މި ވަގުތުން ވަގުތަށް ކުރަންޖެހިފައިވާ ކަންތައްތަކެއް ކަމަށެވެ.

މޯދީ މިހާރުވަނީ މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 2،438 ޑޮލަރު (37،593ރ.) އަދި ޒަހަމްވި ކޮންމެ މީހެއްގެ އާއިލާއަށް 609 ޑޮލަރު (9،390ރ.) ދެއްވަން ހަމަޖައްސަވައިފައެވެ.

"މި ވޭތުވެދިޔަ އަހަރުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވަނީ އާދަޔާހިލާފަށް ގިނަވެފައި،" ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ރާހުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކެރަލާއަކީ ތިމާވެށީގެ ގޮތުން ނާޒުކު ސްޓޭޓެއް ކަމަށެވެ.

"ބިންގަނޑު ކަނޑައިގެން ދިއުން އެކަށީގެންވާ ސަރަހައްދުތައް ދެނެގަތުމާއި އެ ކަމަށް ފިޔަވަޅު އެޅުމަށް ރޭވުމެއް އެކުލަވައިލުމަކީ މުހިންމު ކަމެއް،" ރާހުލް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް