ފިރިއެއްގެ ހައިސިއްޔަތުން ތިބާއަށް ހެދޭނެ އެންމެ ބޮޑު 18 ގޯސް ފާހަގަކޮށްލާނަމެވެ.
1. ޒަވާޖީ ހަޔާތް ސަލާމަތްކުރުމަށްވުރެ ބޮޑަށް ތިބާގެ ވަޒީފާ އާއި ވިޔަފާރި ސަލާމަތްކުރަން އުޅުން:
ތިބާގެ މަސައްކަތާއި ކުންފުނި ކުރިއަރައިގެންދަނީ ތިބާގެ އިސްނެގުމުގެ މަތިން މަސައްކަތްކުރާތީއެވެ. ހަމަ މި ފަދައިން ތިބާގެ ޒަވާޖީ ހަޔާތް ވެސް ކުރިއަރައިދާނީ ތިބާގެ އިސްނެގުމުގެ މަތިން މަސައްކަތްކޮށް، އެ ކަމަށް ވަގުތު ދިނިއްޔާއެވެ.
2. އެހެން އަންހެނުންނާ ސަމާސާކުރުމަކީ ބޭވަފާތެރިވުން ކަމަށް ނުދުށުން:
އެހެން އަންހެނުންނާ އެއްދާންނުކުރިޔަސް އެ މީހުންނާ "ފްލާޓް" ކުރުން ފަދަ ކަންކަމަކީ ޖަޒުބާތީ ގޮތުން ތިބާގެ އަނބިމީހާއަށް ބޭވަފާތެރިވުމެވެ. އެހެން އަންހެނުންގެ ބަރަހަނާ ފޮޓޯ ތިބާގެ ފޯނުގައި ގެންގުޅުމަކީ ވެސް ބޭވަފާތެރިވުމުގެ ވައްތަރެކެވެ. ފޯނުގެ ޒަރީއާއިން ވެސް އެހެން އަންހެނުންނާ ގުޅުން ބޭއްވުމަކީ ބޭވަފާތެރިވުމެވެ. އެ މީހުންނާ ޖިންސީ ވާހަކަދެއްކުމަކީ ވެސް ބޭވަފާތެރިވުމެވެ. ޖިންސީ ސަމާސާ ކުރަން ބޭނުން ނަމަ، އެ ފަދަ ގޮތަކަށް ތިބާގެ އަންހެނުންނާ ފްލާޓް ކުރާށެވެ. އޭނާއަކީ މާ "ހަރުކަށި" އަނތްބެއް ކަމަށްވާ ނަމަ އޭނާއާމެދު ރަނގަޅަށް ކަންތައްކުރާށެވެ. އެއިރުން އޭނާ ތިބާގެ ޖިންސީ އެދުންތަކަށް "ލެބޭނެ"އެވެ. އޭނާ ވެސް ބޭނުންވާނީ ތިބާއާ ވީހާވެސް ގާތްގުޅުމެއް ބާއްވާށެވެ. ތިބާ އޭނާއަށް ބޭނުންވެފައިވާކަން އޭނާއަށް އިހުސާސްކުރުވަދޭށެވެ.
3. ތިބާގެ އާއިލާއަށް އަޅާނުލުން:
ތިބާގެ އެހީ އާއި ވަގުތާއި ފައިސާ ތިބާގެ އަނބިމީހާ އާއި ދަރިންނަށް ފޯރުކޮށްނުދީ، އެހެން މީހުންނަށް އެ އެހީތައް ނުދޭށެވެ. ތިބާ އެންމެ ފުރަތަމަ އިސްކަން ދޭން ޖެހޭނީ ތިބާގެ އާއިލާއަށެވެ. ތިބާގެ އިމޭޖް ނުވަތަ އެހެން މީހުން ތިބާ ދެކޭ ނަޒަރު ރަނގަޅު ކުރުމަށްޓަކައި ކަމަށް ވިޔަސް ތިބާ އިސްކަން ދޭންޖެހޭނީ ތިބާގެ އާއިލާއަށް އެހީތެރިވުމަށެވެ.
4. ލޯބިވާކަން ދެއްކުމަކީ "ފިރިހެންވަންތަ" ނޫން އަމަލެއް ކަމަށް ދުށުން:
އަނބިމީހާއާ ރައްޓެހިވެގެން އުޅުނު ދުވަސްކޮޅު ތިބާ އުޅުނީ ވަރަށް ލޯބިން، ރޮމޭންޓިކްކޮށެވެ. ނަމަވެސް މިހާރު ކައިވެނިކުރުމަށްފަހު ތިބާއަށް ހީވަނީ ލޯބިވާކަން ދެއްކުމަކީ "ފެންވަރު ދަށް" ކަމެއްހެންނެވެ. ތިބާ ހަގީގަތުގައި ވެސް އޭނާ ދެކެ ލޯބިވާ ނަމަ އެހެން އޭނާގެ ގާތުގައި ބުނާށެވެ. އެއީ އޭނާ އަޑުއަހަން ބޭނުންވާނެ އެއްޗެކެވެ. އޭނާގެ ހިތަށް ފިނިކަން ގެނެސްދޭށެވެ. ރޮމޭންޓިކް ގުޅުން ކުރިއަށްގެންދާށެވެ. ޑޭޓް ކުރުން ވެސްމެއެވެ. އަނތްބަކަށް ވުމުގެ މާނައަކީ އޭނާ ދެކެ ތިބާ ލޯބިވާކަން އޭނާ އިހުސާސްކުރަން ހުއްޓާލަންޖެހޭ ކަމެއް ނޫނެވެ. ލޯބިވާކަން ދައްކަން "ހަގީގީ ފިރިހެނުން" ޖެހިލުމެއް ނުވާނެއެވެ.
5. ފައިސާ އާއި ހަދިޔާއިން ކޮންމެ ފަހަރަކު މައްސަލަތައް ހައްލުކުރަން އުޅުން:
ތިބާ ގެއިން ދުރުގައި މާގިނައިރު އުޅޭ ކަމަށް އަނބިމީހާ އާއި ދަރިން ކަންބޮޑުވުން ފާޅުކުރާ ނަމަ، ތިބާ ކަންތައްތައްކުރާ ގޮތް ބަދަލުކުރާށެވެ. އާއިލާ ހިމޭންކުރުމަށްޓަކައި ފައިސާ އާއި ހަދިޔާތައް އޮއްސާނުލާށެވެ. އާއިލާއިން ހަގީގަތުގައި ބޭނުންވަނީ ތިބާ އެ މީހުންގެ ގާތުގައި ވަގުތު ހޭދަކުރުމަށެވެ. ތިބާ އެ މީހުންގެ ގާތުގައި ވުމަށެވެ. އެ މީހުން ބޭނުންވަނީ ދިރުމެއް ނެތް "އިނާމުތަކެއް" ނޫނެވެ.
6. އެހެން އަންހެނުންގެ ރީތިކަމަށް ބެލުން:
ތިބާގެ އަނބިމީހާއަށްވުރެ އެހެން އަންހެނުން ރީތިކަމަށް ފެންނަނީ ނަމަ، ތިބާގެ އަންހެނުން ރީތިކުރުމަށް އިސްކަން ދޭށެވެ. އޭނާއަށް ތައުރީފު އޮއްސާލާށެވެ. އޭނާގެ ރީތިކަން ފާޅުވާނެ ފަދަ އަންނައުނު އޭނާއަށް ގަންދޭށެވެ. އޭނާއާއެކު ބާޒާރުކުރަން ދާށެވެ. އޭނާއަށް އަރާމުކަން ލިބޭނެ ހުރިހާ ހިތްހަމަޖެހުންތަކެއް ހޯދައިދޭށެވެ. ޖިމްއަށް އޭނާއާއެކު ދާށެވެ. ޖޮގިންނަށް ވެސް އޭނާއާއެކު ދާށެވެ. އޭނާގެ ރީތިކަން ހާމަވަންދެން އޭނާ ދެކެ ލޯބިވާށެވެ.
7. އާއިލާއަށް ހަރަދުކުރަން ހުރި ފައިސާ ބޭކާރުކޮށްލުން:
ބަނގުރަލާއި މަސްތުވާތަކެއްޗާއި ހަށިވިއްކާ އަންހެނުންނާ ދުރުގައި ހުރެވޭތޯ ބަލާށެވެ. ތިބާގެ މާލު ތިބާގެ އާއިލާއަށް ހަރަދުކުރާށެވެ. ތިބާގެ ދަރިންގެ ކުރިމަގަށެވެ. ތިބާއަކީ ހައްދުފަހަނަޅާ ވަރަށް މުއްސަނދި މީހަކަށް ވިޔަސް، މަޖަލާއި އުފާކުރުމަށް ރަނގަޅު މަގުތައް އިހުތިޔާރުކުރެވިދާނެއެވެ. އެ ގޮތުން އާއިލާގެ އެކި ކަންތައްތަކަށް ވެސް ފައިސާ ހަރަދުކުރެވިދާނެއެވެ. ތިބާގެ މައިންބަފައިންނާއި އެއްބަނޑުއެއްބަފާ މީހުންނާއި ފަގީރުންނާއި މުޖުތަމައުގައި އުޅޭ ނިކަމެތިންގެ ކަންތައްތަކަށް ވެސް ތިބާގެ ފައިސާ ހަރަދުކުރެވިދާނެއެވެ. މަހުޖަހަނަކަށް ވިޔަސް އޭގެ މާނައަކީ އަނބިމީހާއަށް ބޭވަފާތެރިވެ، ބޭކާރު ކަންތައްތަކުގައި މަސްއޫލުވެ އުޅޭށެކޭ ނޫނެވެ.
8. ބަރަހަނާ ފޮޓޯތަކާއި ފިލްމްތައް ދިފާއުކުރުން:
ބަރަހަނާ ފޮޓޯތަކާއި ފިލްމްތައް ބެލުމަކީ އެހެން އަންހެނުންނާއެކު ޝަހުވާނީ ގުޅުން ހިންގުމަށް އެދެވޭ އެދެވުމެކެވެ. މިއީ ހަގީގަތުގައި ތިބާގެ އަނބިމީހާއަށް ބޭވަފާތެރިވުމެވެ. ސަބަބަކީ މިކަމަކީ އެހެން އަންހެނުންނަށް ތިބާ ހިތްކިޔުމެވެ. މިއީ ކުރިމަގުގައި ތިބާގެ އަންހެނުންނަށް ބޭވަފާތެރިވުމަށް އަޅާ ބިންގަލެކެވެ. ސަބަބަކީ ފޮޓޯތަކާއި ވީޑިއޯތަކުން ތިބާއަށް ފެންނަ، ނުދަންނަ އަންހެނުންނަށް ހިތްކިޔަން ފަށައިފި ނަމަ މަގުމަތިންނާއި ވަޒީފާއަދާކުރާ ތަނުންނާއި އަވަށުން ފެންނަ އަންހެނުންނަށް ތިބާ ހިތްކިޔަން ފަށައިފާނެއެވެ. އަދި އިސާހިތަކު އެއިން އަންހެނަކާ އެއްދާންކޮށްފާނެއެވެ.
9. އާއިލާގެ "ވެރިޔާ"ގެ ގޮތުގައި ހުދުމުހުތާރު ގޮތް ދެއްކުން:
މިއީ އަނބިމީހާއަށް ގެވެށިއަނިޔާކޮށް، އޭނާގެ ކުރިއެރުމަށް ހުރަސްއަޅާ އެންމެ ބޮޑު ސަބަބެވެ. އޭނާއަކީ ތިބާގެ ދަށަށް ހުންނަ މީހެއް ނޫނެވެ. އޭނާއަކީ ތިބާގެ ބައިވެރިޔާ ނުވަތަ ޕާޓްނަރެވެ. ތިބާ އާއި އޭނާއަކީ ގުޅިފައިވާ ދެ މީހުންނެވެ. އޭނާއަށް ދޭ ވޭނަކީ ތިބާއަށް ވެސް ލިބޭ ވޭނެކެވެ. އޭނާއަކީ ތިބާގެ ވާދަވެރިޔާއެއް ނޫނެވެ. އެހެންވީމާ އޭނާގެ ތަރައްގީއާމެދު އުފާ ފާޅުކުރާށެވެ. އާއިލާގެ ވެރިޔަކީ ތިބާ ކަމަށް ވުމުގެ މާނައަކީ ތިބާ ބުނާ ކޮންމެ އެއްޗަކީ ގާނޫނެއް ނޫން ކަމެވެ. ނުވަތަ ތިބާގެ އަނބިމީހާއަކީ ތިބާގެ އަޅެއް ވެސް ނޫން ކަމެވެ. އެއާމހިލާފަށް އާއިލާގެ ވެރިއެއްގެ ގޮތުން ތިބާއަށް ޖެހޭނީ އާއިލާއަށް އިތުރު ހިދުމަތްތައް ދޭށެވެ. ތިބާގެ އަނބިމީހާ އާއި ދަރިންގެ ލާބައަށެވެ.
10. އަނބިމީހާ ދޭ ނަސޭހަތް ގަބޫލުނުކުރުން:
ތިބާގެ ސިއްރުތައް ތިބާގެ އަނބިމީހާއަށް ނުފޮރުވާށެވެ. އާއިލާގެ ކަންތައްތައް ނިންމުމުގައި އޭނާގެ ހިއްސާ ހޯދާށެވެ. ތިބާގެ ވަރުގަދަކަން ފެންނާނީ ވެސް އޭނާއާއެކު ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުންނެވެ. އޭނާގެ ވިސްނުން ތޫނުވާނެއެވެ. އަދި މިހެންވެ ހަޔާތުގެ މައްސަލަތަކުގެ ތެރެއިން ރަނގަޅު މިސްރާބުތަކަށް ދަތުރުކުރުމަށް އޭނާ އެހީއަކަށްވާނެއެވެ.
11. މައާފަށް ނޭދުމާއި އަޑުނޭހުން:
ތިބާއަކީ ވެސް ކުށްކުރެވޭނެ މީހެކެވެ. މައްސަލައެއް ނެތް ކަމަށް ހެދިގެން އުޅޭ ނަމަ އެއްވެސް މައްސަލައެއް ހައްލު ވެސް ނުކުރެވޭނެއެވެ. ތިބާއަކީ ފުރިހަމަ ނުވަތަ "ޕާފެކްޓް" މީހެއް ނޫނެވެ. އެހެންކަމުން އަންހެނުންނާއި ދަރިންގެ ކިބައިން ވެސް މައާފަށް އެދެން ދަސްކުރާށެވެ. "ސޮރީ" ނުވަތަ "މައާފު ކުރާށޭ" ބުނަން ނޭނގޭ ނަމަ އޭގެން ދޭހަވާނީ ތިބާއަކީ ކަންތައްތަކަށް އަޅާނުލައި "ސެންސިޓިވް" ނޫން މީހެއް ކަމެވެ. ނަތީޖާއަކަށް ވާނީ އަނބިމީހާ އެ ކަމާ ދެރަވުމެވެ. ގޭތެރޭގެ ރަނގަޅު "މޫޑު" ގެއްލުމެވެ. ބައެއް ފަހަރަށް އަންހެނަކަށް ބޭނުންވާނީ "އަހަރެންނަށް މައާފު ކުރާށޭ" މިހެން އޭނާގެ ގާތުގައި ބުނެލުމެވެ. ދިމާވާ މައްސަލަތަކުން ފިލާވަޅު ލިބިގަންނާށެވެ. ކުށެއް ކުރެވިއްޖެއްޔާ އެ ކަން ރަނގަޅުކޮށްލާށެވެ. އަމިއްލަ ނަފުސުގެ ފަހަރުވެރިކަމާހުރެ ގޭތެރޭ ހަލަބޮލިކޮށްލަނީ މަދު ފިރިހެނުންނެއް ނޫނެވެ.
12. ރޫހީ ކަންތައްތައް ދޫކޮށްލުން:
އާއިލާގެ ކަންތައްތަކުގައި އިސްނަގާއިރު ރޫހީ އަދި ދީނީ ގޮތުން ވެސް ތިބާ އިސް ދައުރެއް އަދާކުރަންޖެހެއެވެ. މި ކަން ކުރަން ހަމައެކަނި އަނބިމީހާއަށް ދޫނުކޮށްލާށެވެ. ތިބާގެ ދުއާ ވާންޖެހޭނީ އޭނާއާއެކުވެސް ވާ އެއްޗަކަށެވެ. މާތްކަލާނގެއަށް އަޅުކަންކުރުމުގައި ވެސް އޭނާއާ ބައިވެރިވާށެވެ. މާތްކަލާނގެއަށްޓަކައި ދިރިއުޅެ، ދުއާ އާއި ޒިކުރުކޮށް، އަދި އެ ކަލާނގޭގެ ސިފަތައް ދަސްވުމަށް ތިބާގެ ދަރިން ވެސް އެދޭނެއެވެ. އެހެންކަމުން ދީނީ ގޮތުން ރަނގަޅު ފިރިއަކަށާއި ބައްޕައަކަށްވާށެވެ.
13. ގޭތެރެއަކީ ވަޒީފާއަދާކުރާ ތަން ކަމަށް ބެލުން:
ތިބާއަކީ މަސައްކަތު ނުވަތަ ވަޒީފާގެ ދާއިރާގައި ސީ.އީ.އޯ.އެއް ނުވަތަ މެނޭޖަރެއް ނުވަތަ ޑައިރެކްޓަރެއް ނުވަތަ އެވޯޑު ލިބިފައިވާ ފަންނީ މީހެއް ނަމަވެސް، ތިބާ ގޭގައި އުޅޭއިރު އެ މަގާމުތައް އެއްފަރާތްކުރާށެވެ. އާއިލާއާއެކު އުޅޭއިރު ފިރިއެއް އަދި ބައްޕައެއްގެ ދައުރު އަދާކުރާށެވެ. ތިބާގެ އަނބިމީހާ އާއި ދަރިންނަކީ ތިބާގެ ދަށަށް ތިބާގެ ވަޒީފާތަކުގައި އުޅޭ މީހުން ކަމަށް ނުދެކޭށެވެ. ގެދޮރަކީ ލޯބީގެ މެހެފިލެކެވެ. ގޭތެރެއަކީ އަމުރުކުރުމާއި ޕްރެޝަރުކުރުމާއި އެހެން މީހުންގެ އަމަލުތަކަށް ހުރަސްއެޅުމާއި އަދި އެ މީހުންނަށް ނުތަނަވަސްކަން ގެނެސްދީފާނެ އިންޒާރުތައް ދޭ ތަނެއް ނޫނެވެ.
14. ފޭލިވުންތައް ސިއްރުކުރުން:
ވަޒީފާގެ މާހައުލުގައި ކަންތައްތައް ރަނގަޅަށް ނުދާ ނަމަ، ނުވަތަ ތިބާ ވަޒީފާއިން ކަނޑައިލައިފި ނަމަ، ނުވަތަ މަސައްކަތުގެ މާހައުލުގައި ތިބާއަށް ނުބައި ނިންމުމެއް ނިންމިއްޖެ ނަމަ، އެ މައުލޫމާތު އަނބިމީހާއާ ހިއްސާކުރާށެވެ. "ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް" ކަމަށް ނުބުނާށެވެ. ތިބާގެ އަނބިމީހާއަކީ ތިބާގެ ކަންތައްތަކަށް ހިތްވަރު ދޭން ހުންނަ މީހާއެވެ. ތިބާ ހިނގާ މަގުން ތިބާއާއެކު ހިނގާ މީހާއެވެ. އެހެންކަމުން ތިބާގެ ފޭލިވުންތަކާއި ނުކުޅެދުންތައް އޭނާއާ ހިއްސާކުރާށެވެ. ސަބަބަކީ އެންމެ ފަހުން ވެސް ކާމިޔާބީ ލިބޭނީ ލޯތްބަށެވެ.
15. ތިބާގެ "ނިއުކްލިއާ" އާއިލާއާމެދު އެހެން މީހުން ދައްކާ ވާހަކަތައް ބަލައިގަތުން:
ތިބާގެ ޒަވާޖީ ހަޔާތުގެ ހިންގުން ތިބާގެ ރަހްމަތްތެރިންނަށާއި މައިންބަފައިންނަށް ދޫކޮށްނުލާށެވެ. ތިބާއަކީ އަނބިދަށުވެފައިވާ މީހެއް ކަމަށް ބުނެ ތިބާއަށް ނުފޫޒު ފޯރުވަން ރައްޓެހިންކުރާ މަސައްކަތް ކުރިޔަ ނުދޭށެވެ. އެ ގޮތުން ތިބާގެ ހުރި "ފިރިހެންވަންތަކަން" ދައްކައިލަން އަނބިމީހާއާމެދު ހަރުކަށިކޮށް އަމަލުކުރަން ރަހްމަތްތެރިން ދޭ ނަސޭހަތް އަޑުނާހާށެވެ. ހަގީގީ ރަހްމަތްތެރިންނަކީ ތިބާގެ ޒަވާޖީ ހަޔާތާ ވެސް ރަހްމަތްތެރިކަން ބަހައްޓާ މީހުންނެވެ. ތިބާގެ މައިންބަފައިންގެ ހިތް ސާފުވިޔަސް އެ ދެމައިންނަށް ނޭނގި ނަމަވެސް ތިބާ އާއި ތިބާގެ އަނބިމީހާއާދެމެދު ހުރަސް ފާރެއް ރާނާލައިފާނެއެވެ. ތިބާ ކައިވެނިކުރީ މައިންބަފައިން ދޫކޮށްލައިފައި ތިބާގެ އަމިއްލަ "ނިއުކްލިއާ ފެމިލީ"އެއް ގާއިމުކުރާށެވެ. އެހެންކަމުން ތިބާގެ އާ ގެ ދިފާއުކުރާށެވެ.
16. ޖިސްމާނީ ދުރުކަމެއް ބެހެއްޓުން:
ތިބާގެ އަނބިމީހާ ވެސް ބޭނުންވާ ޖިސްމާނީ ކަންތައްތަކެއް ހުންނާނެއެވެ. މިހެންވެ ހަމައެކަނި ތިބާގެ އެދުންތައް ފުއްދައިލައި، އެއްދާންކުރުމަށް ފަހު އޭނާއަށް އިތުރު އަޅާލުމެއް ނުދީ އޭނާ ދޫކޮށްލައި ތިބާ ނިދަން ނޯށޮންނާށެވެ. އޭނާގެ ޖިސްމާނީ އެދުންތައް ފުރިހަމަކޮށްދޭށެވެ. ބޮސް ދޭށެވެ. އަތްލާށެވެ. ބައްދައިލައިށެވެ. މަސާޖްކޮށްލަދޭށެވެ. ހިއްސުތައް ހިންގުވައިލައިށެވެ. އޭނާގެ ހަށިގަނޑުގެ "އަޖުމަ ބަލައިލައި"ށެވެ. އޭނާ ލޯބިކުރާ އިހުސާސްތައް ނެރެދޭށެވެ. ތުރުތުރުއަޅާ ވަރަށް އޭނާގެ އިހުސާސްތަކާ "ކުޅެލާށެ"ވެ. އޭނާއަކީ ތިބާއަށް ހަޔާތް ހިބަކޮށްދީފައިވާ މީހެކެވެ. މީގެ ބަދަލުގައި އޭނާއަށް ބޭނުންވާ ކަންތައްތައް ކޮށްދެވޭނީ ހަމައެކަނި ތިބާއަށެވެ. އެހެންކަމުން އޭނާގެ ހުރިހާ އެދުމެއް ފުއްދައިދޭށެވެ. މިހެން ހެދުމުން އޭނާ ވެސް ތިބާގެ ހުރިހާ ކަމެއް ފުރިހަމަކޮށްދޭނެއެވެ. ތިބާގެ ޒިންމާއަކީ އޭނާގެ ޖިންސީ އެދުން އެންމެ ގާތުން ފުއްދައިލަދިނުމެވެ. ނަތީޖާއަކީ އުފަލުގައި އުޅޭ އަންތްބަކަށް އޭނާ ވުމެވެ. ގޭތެރޭގައި ހަމަޖެހުން ގާއިމުވުމެވެ. މިހެންވެ، އޭނާއާ ލޯބިކުރާށެވެ.
17. އެކަނިވެރިއަކަށް އަނބިމީހާ ހެދުން:
އޭނާ ބަނޑުބޮޑުވުމުން އޭނާ ދޫނުކޮށްލާށެވެ. ތިބާގެ ދަރިފުޅު އޭނާގެ ބަނޑުގައި އޮންނައިރު އޭނާ ދާ ކޮންމެ މިސްރާބަކަށް ތިބާ ވެސް ހިނގާށެވެ. ދަރިފުޅު ވިހެއުމަށް ފަހު އެ ދަރިފުޅަށް ކިޔަވައި ދީ، ކަންތައްތައް ދަސްކޮށް ދީ، ހަޔާތުގެ މަގު ދައްކައިދޭށެވެ. ދަރިންނަށް ކުށެއް ކުރެވޭއިރަށް އެއީ ތިބާގެ އަނބިމީހާގެ ޒިންމާއެއް ކަމަށް ނުހަދާށެވެ. ސަބަބަކީ ދަރިފުޅު ރަނގަޅަށް ކަންތައްތައް ކުރުމުން އެކަމުން ތިބާއަކީ ފަހުރުވެރި ބައްޕައަކަށްވާނެއެވެ.
18. ދަރިންގެ ކުރިމަގު ހަމަނުޖެއްސުން:
ތިބާ ވިޔަފާރިއެއް ފަށައި ނަމަ އެ ކަމުގައި ތިބާގެ ދަރިން ބައިވެރިކުރާށެވެ. ތިބާގެ މުދަލާއި އަރަންޏާއި ވެންޗާތަކާ ބެހޭ މައުލޫމާތު އަނބިމީހާއާ ހިއްސާކުރާށެވެ. ތިބާގެ ދަރިންގެ ކުރިމަގުގެ ރޭވުންތައް ކަނޑައަޅައިށެވެ. ތިބާގެ ވަސިއްޔަތް ލިޔާށެވެ. މި ފަދަ މައުލޫމާތުތައް ސިއްރެއްގެ ގޮތުގައި ނުބަހައްޓައި، އަނބިމީހާ އާއި ދަރިންނާ ހިއްސާކުރާށެވެ. މި ފަދަ ކަންތައްތައް ހަމަނުޖެއްސުމުން ވަރަށް ގިނަ އާއިލާތަކުގައި އޮޅުންއަރައި މައުލޫމާތުތައް ގިނަވެ، ތަފާތު އާއިލީ މައްސަލަތަކާ ކުރިމަތިވެއެވެ.
މިއީ ދުރަށް ނުވިސްނާ ފިރިންނަށް ޒަވާޖީ ހަޔާތުގައި އާއްމު ގޮތެއްގައި ހެދޭ 18 ގޯހެވެ. މި ކަންތައްތައް ރަނގަޅުކޮށްލުމުން ތިބާގެ އާއިލާގެ ކުރިމަގު ރަނގަޅުމަގުން ހަމަޖެހެމުންދާނެއެވެ.
ނޯޓު: ތަރުޖަމާއެއް
