އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގައި ޗައިނާ އާއި އުތުރު ކޮރެއާގެ ނުފޫޒު ގަދަކުރަމުންދާތީ އެ ކަމަށް އަޅާނެ ފިޔަވަޅުތައް ދެނެގަތުމަށް އެމެރިކާ، ޖަޕާން، އަދި ދެކުނު ކޮރެއާއިން މިއަދު ބައްދަލުކޮށްފިއެވެ. މިއީ މި ތިން ގައުމުން ގުޅުން ވަރުގަދަ ކުރުމަށްޓަކައި 15 އަހަރުގެ ތެރޭގައި އެއް މޭޒަކުން ބައްދަލުކުރި ފުރަތަމަ ފަހަރެވެ.
ބައްދަލުވުމަށް ފަހު އެމެރިކާއިން ބުނީ ޖަޕާނުގައި ތިބޭ އެމެރިކާގެ ސިފައިންގެ ހަރަކާތްތަކަށް ބަދަލުތަކެއް ގެންނާނެކަމަށެވެ.
ޕެސިފިކް ސަރަހައްދުގައިވާ ބައެއް ޖަޒީރާތަކަކީ ޗައިނާގެ ތަންތަންކަމަށް ދައުވާކޮށް މި ފަހަކުން ޗައިނާއިން ދަނީ ސަރަހައްދުގެ އެހެން ގައުމުތަކަށް ބިރުދައްކަމުންނެވެ. އަނެއްކޮޅުން އުތުރު ކޮރެއާއިން ދަނީ ބައިނަލްއަގުވާމީ ގާނޫނާހިލާފު ހަތިޔާރުތައް ތަރައްގީކުރަމުންނެވެ. މީގެ އިތުރުން ޗައިނާ އާއި އުތުރު ކޮރެއާއިން ދަނީ ޔޫކްރެއިން ހިފުމަށް ރަޝިއާއިން ކުރަމުންދާ ހަނގުރާމައަށް އެހީވަމުންނެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން އާއި އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން އާއި ޖަޕާނުގެ ދިފާއީ ވަޒީރު މިނޮރު ކިހަރަ އަދި ޖަޕާނުގެ ހާރިޖީ ވަޒީރު ޔޯކޯ ކަމިކަވާ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބައްދަލުކުރެއްވުމަށްފަހު ދެއްވި ގުޅިފައިވާ ބަޔާނެއްގައި ވިދާޅުވީ ޗައިނާގެ ސިޔާސީ، އިގުތިސާދީ އަދި އަސްކަރީ ނުފޫޒަކީ އޭޝިއާ-ޕެސިފިކް ސަރަހައްދާއި އޭގެ ދުރަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
ތިން ގައުމުގެ ބައްދަލުކުރުންވެގެންދާނީ ޗައިނާއަށް ނުތަނަވަސްކަން ގެނެސް ދޭ ބައްދަލުވުމެއް ކަމަށާއި ސަބަބަކީ އޭޝިއާ-ޕެސިފިކް ސަރަހައްދުގައި ޗައިނާ ނުފޫޒު ފޯރުވަން ބޭނުންވާތީ ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވިއެވެ.
"އެމެރިކާއިން ގެންގުޅެނީ 'ފިނި ހަނގުރާމަ’އެއް ކަހަލަ ވިސްނުމެއް ކަމަށް ޗައިނާއިން ދެކޭ،" ސިޔާސީ ތަޖުރިބާކާރެއް ވިދާޅުވިއެވެ.
ޖަޕާނާއި އެމެރިކާއިން ނިންމީ ދެ ގައުމުގެ ސިފައިން އެމެރިކާގެ އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގެ ފައުޖަށް ތަބާވުމަށެވެ. އެއީ ސުލްހައިގެ ދުވަސްތަކާއި އަދި ނުރައްކާތެރި ދުވަސްތަކުގައި ވެސް މެއެވެ.
މިދިޔަ އެޕްރިލް މަހު އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ބޭއްވި ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޖަޕާނުގެ ބޮޑު ވަޒީރު ފުމިއޮ ކިޝިޑާ ވިދާޅުވީ މިނިވަން އަދި ހުޅުވައިލެވިފައިވާ އިންޑިއާ ކަނޑަކާއި ޕެސިފިކް ކަނޑެއް އޮތުމަކީ މުހިންމުކަމެއް ކަމަށާއި އެ ކަމަށް އޮތް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.
ޖަޕާނުގެ ޔޮކޮޓަ ވައިގެ ސިފައިންގެ މަރުކަޒުގައި އެމެރިކާގެ 54،000 ސިފައިން ތިބެއެވެ.
"އަލަށް ގެންނަން އުޅޭ ބަދަލުތަކަކީ ވޭތުވެދިޔަ 70 އަހަރުގެ ތެރޭގައި އެމެރިކާ އާއި ޖަޕާނާ ދެމެދު ގާއިމު ކުރެވޭނެ އެންމެ މުހިންމު ގުޅުން،" އޮފިޝަލަކު ވިދާޅުވިއެވެ.



advertisment