ޕެޕުއަ ނިއު ގިނީ ޖަޒީރާގައި ޒުވާނުން ހިމެނޭ ގޭންގަކުން ތިން ވިލެޖަކަށް ހަމާލާ ދީ، 16 ކުޑަކުދިން ހިމެނޭހެން، މުޅިއެކު 26 މީހުން މަރައިލައިފިއެވެ.
ފުލުހުންގެ ކޮމާންޑަރު އިންސްޕެކްޓަރު ޕީޓަރ މަންދީ ވިދާޅުވީ ވޭތުވެދިޔަ ހަފުތާގައި އެ ގޭންގުންވަނީ ތިން ވިލެޖަށް ހަމަލާ ދީ އަންހެނުންނާއި ކުޑަ އަންހެންކުދިންތަކެއް ރޭޕްކޮށްފައި މަރައިލައިފައި ކަމަށެވެ.
"އަންހެނުންނާއި އަންހެންކުދިން ރޭޕްކޮށް މަރައިލި އަދަދެއް އަދި ނޭނގޭ. މަރައިލި ބައެއް މީހުންގެ ހަށިގަނޑު އަދިވެސް ނުފެނޭ،" ޕީޓަރ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 30 އަށްވުރެ ގިނަ ޒުވާނުން ހިމެނޭ "އައި ޑޯންޓް ކެއާ" ("މަގޭ ފަރުވާލެއް ނެތް")ގެ ނަމުން ނަން ދީފައިވާ ގޭންގުންވަނީ ވިލެޖްގެ އެކި ތަންތަނުގައި ހުޅު ވެސް ޖަހައިފައި ކަމަށެވެ.
އޭގެ ކުރީ ހަފުތާގައި ބަޑި އާއި ކަތިވަޅި އާއި ސާޅަނގަ ހިފައިގެން ގޮސް ވިލެޖެއްގައި ހުރި ގެތަކެއް އަންދައިލައި މުސްކުޅި މީހަކާއި ފަސް އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް މި ގޭންގުން މަރައިލި ކަމަށް ވެސް ޕީޓަރ ވިދާޅުވިއެވެ.
ހަމަލާ ދިން ވިލެޖްތައްވަނީ ވަރަށް އެކަހެރި ހިސާބެއްގައި ކަމަށާއި އެ ތަންތަނަށް ދިއުމަކީ ދަތިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ގޭންގްގެ މެންބަރުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ޕީޓަރ ވިދާޅުވިއެވެ.
"ހަމައެކަނި ލައިގެން ހުރި ހެދުން ފިޔަވާ އިތުރު އެއްޗެއް ނުގެންގޮސް އެތައް ބަޔަކު ވަނީ ސަލާމަތްވާންވެގެން ޖަންގަލީގެ ތެރެއަށް ފިލައިގެން ގޮސްފައި. މީހުންތަކެއް ގެއްލިގެން މި ހޯދަނީ މިހެންވެ. ފުލުހުން މިއަދު ދަނީ މި ކަމުގައި ހަރަކާތްތެރިވަމުން. ތަހުގީގު ކުރުމުން މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވޭ،" ޕީޓަރ ވިދާޅުވިއެވެ.
ސަލާމަތްވި މީހަކު ފުލުހުންގެ ގާތުގައި ބުނީ އޭނާގެ ވިލެޖްގައި ހުރި ހުރިހާ ގެދޮރެއް އަންދައިލައިފައިވާ ކަމަށާއި ގޭންގުން އިތުރު ހަމަލާއެއް ދީފާނެތީ ބިރުގަންނަ ކަމަށެވެ.
ގޭންގުން ވިލެޖްތަކަށް ހަމަލާ ދިން ސަބަބު އަދި ނޭނގޭ ކަމަށް ޕީޓަރ ވިދާޅުވިއެވެ. ގޭންގްގެ އެއްވެސް މެންބަރެއް އަދި ހައްޔަރުނުކުރެވޭ ކަމަށާއި މިހެންވެ އިތުރަށް ފުލުހުން ފޮނުވައިދޭން މައި ސަރުކާރުގައި އެދިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ވޮލްކަރ ތުރްކު ވިދާޅުވީ މި ގޭންގްގެ ހަމަލާތައް ގުޅިފައިވަނީ ބިމާއި ފެނާ ބެހޭ ކޯޅުމުގެ މައްސަލަތަކަކާ ހެދި ކަމަށް ބެލެވޭ ހަމަށެވެ.
"މަރައިލި މީހުންގެ އަދަދު 50 އަށްވުރެ މައްޗަށް އެރުން އެކަށީގެންވޭ. އަވަސް، ވަކިފަރާތަކަށް ނުޖެހޭ، އަދި ދެފުށްފެންނަ ތަހުގީގެއް ހިންގަން އަހަރެމެން ގޮވައިލަން. އެއީ މި ޖަރީމާތަކުގައި ޒިންމާވާންޖެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަން،" ވޮލްކަރ ވިދާޅުވިއެވެ.
މަރުވި މީހުންގެ އާއިލާތަކަށް ބަދަލު ދީ، ގެދޮރު ވެސް ހޯދައިދީ، އަދި ކުރިމަގުގައި މި ފަދަ ހަމަލާތަކުން ރައްކާކޮށްދީ، ނަފުސާނީ ކައުންސެލިން ދިނުމަށް ވޮލްކަރ ގޮވައިލެއްވިއެވެ.
"ބިމާއި ފެން ބޭނުންކުރުމާ ގުޅޭ އަރައިރުންތަކުގެ އަސްލު ސަބަބުތައް ދެނެގަނެ، ކުރިމަގުގައި އަނިޔާވެރި ހަމަލާތައް ނުހިންގާނެ ގޮތްތައް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވައިލަން،" އޭނާ ވިދާޅުވިއެވެ.
މިދިޔަ ފެބްރުއަރީ މަހު ޕެޕުއަ ނިއު ގިނީގެ ވާދަވެރި ގަބީލާތަކުގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައިވަނީ އެތައް ބަޔަކު މަރުވެފައެވެ. އެ ކަމުގެ އަސްލު ސަބަބުތައް ހޯދުމަށް އދ.އިން އެއިރު ގޮވައިލިއެވެ.
"ޕެޕުއަ ނިއު ގިނީގައި 2022 ގައި ބޭއްވި އާއްމު އިންތިހާބަށް ފަހު އެ ގައުމުގައި ދިރިއުޅޭ 17 ގަބީލާގެ މީހުންގެ މެދުގައި މައްސަލަތައް ދަނީ ހޫނުވަމުން،" އދ.އިން އެއިރު ބުނެފައިވެއެވެ.
ޕެޕުއަ ނިއު ގިނީގެ ގަބީލާތަކުގެ މެދުގައި އަނިޔާވެރި ހަމަނުޖެހުންތައް ހިނގާތާ އެތައް ގަރުނެއްވެއްޖެއެވެ. ނަމަވެސް ފަހަކަށް އައިސް ކުލީ ސިފައިންނާއި އޮޓޮމެޓިކް ހަތިޔާރު ބޭނުންކުރަން ފެށި ފަހުން ހަމަނުޖެހުންތައް ވަނީ ވަރަށް ސީރިއަސް މިންވަރަކަށް ނުރައްކާވެފައެވެ.
އެ ގައުމުގެ އާބާދީ 1980 ވަނަ އަހަރުން ފެށިގެންވަނީ ދެގުނަ އިތުރުވެފައެވެ. އެ ގޮތުން މިހާރު އާބާދީ 10 މިލިއަންއަށް އަރައިފައިވާއިރު ބިމާއި އެހެނިހެން ގުދުރަތީ ވަސީލަތްތައް ލިބުން ދަތިވުމުގެ ސަބަބުން ގަބީލާތަކުގެ މެދުގައިވާ ވާދަވެރިކަން ވަނީ އިތުރަށް ގޯސްވެފައެވެ.



advertisment