Support Us

ކަތުމަންޑޫ ކައިރީގައި އޮންނަ ވާދީއަށް ވެއްޓުނު ފްލައިޓްގެ ހަލާކުވެފައިވާ ބައިތައް

ފްލައިޓެއް ވެއްޓި ނޭޕާލުގައި 18 މަރު، ސަލާމަތްވީ ޕައިލެޓެއް އެކަނި

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގެ ޓްރިބްހުވަން ބައިނަލްއަގުވާމީ އެއާޕޯޓުން މިއަދު ހެނދުނު ނައްޓައިލި ފްލައިޓެއް ވާދީއަކަށް ވެއްޓި އޭގައި ތިބި 18 މުވައްޒަފުން މަރުވެއްޖެއެވެ. ސަލާމަތްވީ އެއް ޕައިލެޓް އެކަންޏެވެ.

ސައުރްޔާ އެއާލައިންސްގެ، ސައިޒުގެ ގޮތުން ކުޑަ މި ޑޮމެސްޓިކް ފްލައިޓްގައި އެއްވެސް ފަސިންޖަރަކު ނެތެވެ. ނައްޓާލީ މި މަތިންދާބޯޓުގެ މަރާމާތަކަށް ނޭޕާލުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޕޮކާރާއަށް ދިއުމަށެވެ. ފްލައިޓް ވަނީ ރަންވޭ މަތިން އަރިއަޅައިލައި، އޭގެ ފިޔަގަނޑު ބިންމަތީގައި ޖެހުމުގެ ސަބަބުން ފުރޮޅިގެން ގޮސްފައެވެ. އަދި އެ ވަގުތު އަލިފާން ހިފައި، ވާދީގެ ތެރެއަށް ވެއްޓުނެވެ.

ޕޮކާރާއަކީ ގުދުރަތީ ރީތިކަން ބަލައިލުމަށް ޓްރެކިންއަށާއި ހިނގަންދާ ގިނަ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އެތައް ރިސޯޓެއް ހުންނަ ސަހަރެކެވެ.

"ފްލައިޓް ވެއްޓުނީ މިއަދު ހެނދުނު 11 ޖަހާ އެހާކަންހާއިރު،" "ދަ ކަތުމަންޑޫ ޕޯސްޓް" ނޫހުން ރިޕޯޓްކުރިއެވެ.

ވެއްޓުނު ފްލައިޓް ކައިރީގައި މީހުން ސަލާމަތްކުރުމުގައި އުޅުނު މުވައްޒަފުން ހަރަކާތްތެރިވަނީ

ފްލައިޓް ވެއްޓުނު ސަރަހައްދުން 18 ހަށިގަނޑު މިހާރު ހޯދިފައިވާ ކަމަށް އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވިއެވެ.

"ޕައިލެޓް ސަލާމަތްވި. ނަމަވެސް އޭނާގެ ބޯ ޒަހަމްވި. އަދި ލޮލަށް ވެސް ގެއްލުން ލިބިފައިވޭ. އޭނާވަނީ ހޮސްޕިޓަލަށް ގެންގޮސްފައި،" އެ އޮފިޝަލް ވިދާޅުވިއެވެ.

އެއާޕޯޓުގެ ތަރުޖަމާނު ޕްރޭމްނާތު ތާކޫރު ވިދާޅުވީ 9އެން-އޭ.އެމް.އީ ސީ.އާރް.ޖޭ.200 މަރުކާގެ ފްލައިޓަށް އެރި 19 މީހުންގެ ތެރޭގައި ދެ ފަޅުވެރިންނާއި ކުޑަކުއްޖަކު ހިމެނޭ ކަމަށެވެ.

އެއާޕޯޓުގެ އިންފޮމޭޝަން އޮފިސަރާ ހަވާލާ ދީ "ދަ ހިމަލަޔަން ޓައިމްސް" ނޫހުން ބުނީ އެއީ މުޅިން ވެސް އެއާލައިންގެ ފަންނީ މުވައްޒަފުން ކަމަށާއި އާއްމު ފަސިންޖަރުންނެއް ނެތް ކަމަށެވެ. ކުޑަކުއްޖާއަކީ ކާކުކަމެއް އަދި ފްލައިޓަށް އެރީ ކީއްވެ ކަމެއް މިހާތަނަށް ސާފެއް ނުވެއެވެ. އިނގިރޭސި ވިލާތުގެ "ދި އިންޑިޕެންޑެންޓް" ނޫހުން ބުނީ އިތުރު ތަފުސީލު ހޯދުމަށް ސައުރްޔާ އެއާލައިންސްއަށް ސުވާލުތައް ފޮނުވައިފައިވާ ކަމަށެވެ.

ފްލައިޓް ވެއްޓި އޭގައި އަލިފާން ހިފުމުން ދުން އަރަނީ

"ޕައިލެޓް އެކަނި ފުރާނައާއެކު ސަލާމަތްކުރެވުނީ. އޭނާއަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން،" އެއާޕޯޓުގެ ތަރުޖަމާނު ތޭޖް ބަހާދުރު ޕައުޑްޔަލް އާ ހަވާލާ ދީ ރޮއިޓާސްއިން ރިޕޯޓްކުރިއެވެ.

އެއާލައިނުން ބުނީ އެތެރޭގެ އުދުހުމަށް ބޭނުންކުރި މި ޑޮމެސްޓިކް ފްލައިޓްގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ނޭޕާލު މީހުން ކަމަށާއި އެކަކުއަކީ ޔަމަނުގެ އިންޖިނޭރެއް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެއާޕޯޓް މިއަދު ވަގުތީ ގޮތުން ބަންދުކުރިއެވެ. ނަމަވެސް މަދު ގަޑިއިރެއްގެ ތެރޭގައި އަލުން ހުޅުވިއެވެ.

ވައިގެ އުދުހުންތަކުގައި ރައްކާތެރިކަން ދޯދިޔާވުމުގެ ސަބަބުން މާޒީގައި ނޭޕާލަށް އެކި ފަރާތްތަކުން ފާޑުކިޔައިފައިވެއެވެ. ޔޫރަޕްގެ އިއްތިހާދުގެ ވައިގެ ސަރަހައްދުގައި ދަތުރުކުރުންވެސް ނޭޕާލުގެ އެއާލައިންތަކަށްވަނީ މަނާކޮށްފައެވެ.

ވެއްޓުނު ފްލައިޓްގެ ހަލާކުވެފައިވާ ބައިތަކުގެ ކައިރީގައި ސިފައިން ހަރަކާތްތެރިވަނީ

ފްލައިޓްތަކުގެ ދަތުރުފަތުރު ބަލަހައްޓާ ވެބްސައިޓެއްކަމަށްވާ "ފްލައިޓްރާޑާ24″އިން ބުނީ މިއަދު ސައުރްޔާ ފްލައިޓްގެ ހަރަކާތްތައް ނުބަލައި ކަމަށާއި ސަބަބަކީ މި ޒަމާނުގެ "އޮޓޮމެޓިކް ޑިޕެންޑެންޓް ސާވެއިލަންސް ބްރޯޑްކާސްޓް" (އޭ.ޑީ.އެސް-ބީ) ޓްރާންސްޕޮންޑަރ މި ފްލައިޓްގައި ހަރުކޮށްފައި ނެތީމައެވެ.

ހިމާލިޔާ ފަރުބަދަތަކުގެ ގާތުގައިވާ ޕޮކާރާ އެއާޕޯޓަށް ޖައްސަން ދަނިކޮށް މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ވަނީ ޔެޓީ އެއާލައިންސްގެ ދެ އިންޖީނު ލީ އޭ.ޓީ.އާރް 72-500 މަރުކާގެ މަތިންދާބޯޓެއް ވާދީއަކަށް ވެއްޓި އެ ފްލައިޓުން ދަތުރުކުރި 72 މީހުން މަރުވެފައެވެ. އެއީ އެއާޕޯޓްގެ ރަންވޭ އާ 1.6 ކިލޯމީޓަރާ ކައިރިވެފައިވަނިކޮށެވެ. ވެއްޓުނީ ކަނޑުގެ ލޮނުގަނޑަށްވުރެ 820 މީޓަރު އުހުންނެވެ. ތަހުގީގު ކުރުމުން އެނގުނީ ފްލައިޓް ވެއްޓުނީ ދެ ޕައިލެޓުންނަށް އޮޅުމަކުން މަތިންދާބޯޓުގެ ކަރަންޓް ކަނޑައިލުމުން ކަމަށެވެ.

މިއީ 1992 ގެ ފަހުން ނޭޕާލުގައި ހިނގި އެންމެ ނުރައްކާތެރި ފްލައިޓް ވެއްޓުމުގެ ހާދިސާއެވެ. އެ ގޮތުން 1992 ގެ ހާދިސާގައި ކަތުމަންޑޫއަށް ދަތުރުކުރި ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްގެ އެއާބަސް އޭ300 މަރުކާގެ މަތިންދާބޯޓެއް ވަނީ ފަރުބަދައަކަށް ވެއްޓިފައެވެ. އޭގައި ތިބި އެންމެން މަރުވިއެވެ. އެއީ 167 މީހުންނެވެ.

އޭގެ ފަހުން 2018 ގައި ބަންގްލަދޭޝްގެ ފްލައިޓެއް ވަނީ ކަތުމަންޑޫ އެއާޕޯޓަށް ޖެއްސި ވަގުތު ވެއްޓި އަލިފާން ރޯވެ، އެ ފްލައިޓްގައި ތިބި 70 މީހުންގެ ތެރެއިން މަދުވެގެން 49 މީހުން މަރުވެފައެވެ.

ހަމަ 2018 ތައިލެންޑްގެ ތައި އެއާވޭސް ފްލައިޓެއް ކަތުމަންޑޫ އެއާޕޯޓު ކައިރިއަށް ވެއްޓި 113 މީހުން މަރުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް