Support Us

ޖަލަށް ލައިފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން

އިމްރާން ހާން ޕާޓީގެ މެންބަރުން ހައްޔަރުކުރަނީ

ޖަލަށް ލައިފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާންގެ ތަހުރީކޭއިންސާފު ޕާޓީގެ މެންބަރުން ހައްޔަރުކުރަން ފަށައިފިއެވެ.

ކުރީގެ މަޝްހޫރު ކްރިކެޓް ތަރީގެ ޕާޓީގެ ވަގުތީ ޗެއާމަން ޖައުހަރު އަލީ ހާން އާއި އިންފޮމޭޝަން ސެކްރެޓަރީ ރައޫފު ހަސަން ހައްޔަރުކުރީ އިއްޔެއެވެ.

އިމްރާންގެ ގާނޫނީ ވަކީލު އަލީ އިޖާޒު ބުއްތަރު ވިދާޅުވީ ޖައުހަރާއި ރައޫފު ހައްޔަރުކުރީ ޕާޓީގެ ޖަގަހަ ތެރެއިން ކަމަށެވެ.

"ޖައުހަރާއި ރައޫފު ހައްޔަރުކުރުމަށް 300 އާއި 400 އާ ދެމެދުގެ އަދަދެއްގެ ފުލުހުން އައި،" އިޖާޒު ވިދާޅުވިއެވެ.

ޖައުހަރު ވަނީ ފަހުން ދޫކޮށްލައިފައި ކަމަށް ޕާޓީން ބުންޏެވެ.

ޕާޓީގެ ބައިނަލްއަގުވާމީ މީޑިއާ ވިލަރެސްކުރުންތެރިޔާ އަހްމަދު ވަގަސް ޖަންޖުއަ ވަނީ ހޮނިހިރު ދުވަހު ފަތިހު ހައްޔަރުކޮށްފައެވެ. ޕާޓީން ބުނީ އެ ޕާޓީގެ އިސް މެންބަރުން ހައްޔަރުކުރުމަކީ ގާނޫނަށް ކުރާ މަލާމާތެއް ކަމަށެވެ.

ޕާޓީގެ އޮފީހުގައި ފުލުހުން ހަރަކާތްތެރިވި މަންޒަރު ޕާޓީންވަނީ އާއްމުކޮށްފައެވެ.

ޕާޓީގެ ލިޔެކިޔުންތަކާއި އާލާތްތައް ފުލުހުން އަތުލައި، ކޮޓަރިއްގައި ޕާޓީގެ މުވައްޒަފުން ބަންދުކުރިކަމަށް ޕާޓީގެ އިސް މެންބަރެއް ކަމަށްވާ ކުއްރާމް ޝައިރު ޒަމާން ވިދާޅުވިއެވެ.

ޕާޓީގެ ވަރަށް ގިނަ މެންބަރުން ހައްޔަރުކުރިކަމަށް ޕާޓީގެ މެންބަރުން ކަމަށްވާ އަސްއަދު ގައިސަރާއި ފަވާދު ޗައުދަރީ ވިދާޅުވިއެވެ. މި ކަމުގެ ސަބަބުން ސިޔާސީ ހަމަނުޖެހުން އިތުރުވާނެ ކަމަށް އަސްއަދު އާއި ފަވާދު ވިދާޅުވިއެވެ.

"މި ގައުމުގެ ހުރިހާ ގާނޫނަކަށް މަލާމާތްކޮށް ގާނޫނުތައް ފުލުހުން މުގުރައިލަމުން ދިއުމަކީ ބޮޑު ލަދުވެތިކަމެއް. ޕާކިސްތާނުގައި މިހާރު އޮތީ ޖަންގަލީގެ ގާނޫނު،" ޕާޓީގެ އެކްސް އެކައުންޓްގައި ލިޔެފައިވެއެވެ.

ޣައިރު ގާނޫނީ ކައިވެންޏެއް ކުރި ކަމަށް އިމްރާނާއި އޭނާގެ އަނބިމީހާ ބުޝްރާ ބީބީ އާދެކޮޅަށް ކުރި ތުހުމަތުން އެ ދެމެފިރިން ދާދި ފަހުން ސަލާމަތްވި ނަމަވެސް އެހެން ތިން މައްސަލައެއްގައި އަވަސްއަރުވައިލައިގެން އިމްރާންވަނީ އަލުން ހައްޔަރުކޮށްފައެވެ. މިއީ އޭނާ ޖަލުގައި ބަހައްޓަން ބޭނުންކުރާ އުކުޅެއް ކަމަށް ޕާޓީން ބުންޏެވެ.

އިމްރާނާދެކޮޅަށް ފައިލްކޮށްފައިވާ 100 ވަރަކަށް ޖިނާއީ ދައުވާގެ ތެރެއިން ގިނަ ދައުވާއިން އޭނާވަނީ ސަލާމަތްވެފައެވެ. މި ދައުވާތައްކޮށްފައިވަނީ 2022 ގައި އޭނާ މަގާމުން ދުރުކުރުމަށް ފަހުއެވެ. އޭނާ ވިދާޅުވީ މި ތުހުމަތުތަކަކީ ސިޔާސީ އެދުމެއްގައި އޭނާއާދެކޮޅަށްކޮށްފައިވާ ތުހުމަތުތަކެއް ކަމަށާއި އޭނާ އެއްވެސް ކުށެއްކޮށްފައި ނޯންނާނެ ކަމަށެވެ.

އުމުރުން 71 އަހަރުގެ އިމްރާން ޖަލަށް ލީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައެވެ. ސިޔާސީ މަގާމެއް ހޯއްދެވުމާއި މި އަހަރު ކުރީކޮޅު އޮތް ގައުމީ އިންތިހާބުގައި ވާދަކުރެއްވުން ވެސް އޭނާއަށްވަނީ މަނާކޮށްފައެވެ. އޭނާގެ ޕާޓީން ބުނީ އިންތިހާބުވަނީ "ރިގް"ކޮށްފައި ވަކި ބަޔަކު މޮޅުވާނެ ގޮތަށް ހަދައިފައި ކަމަށެވެ.

ކަން މިހެންވި ނަމަވެސް ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ގާނޫނު ހަދާ މަޖިލިހުގެ އެންމެ ގިނަ ގޮނޑި ލިބުނީ އިމްރާނަށް ވަފާތެރި ކެންޑިޑޭޓުންނަށެވެ. ނަމަވެސް އެ ކެންޑިޑޭޓުން ވެރިކަމަށް އައުމަށް ހުރަސްއެޅުމުގެ ގޮތުން އިމްރާނާ ދެކޮޅު ޕާޓީތަކުންވަނީ ގުޅިފައެވެ. އެއީ ބާރުގަދަ އަސްކަރިއްޔާ ތާއީދުކުރާ ބޮޑު ވަޒީރު ޝަހްބާޒް ޝަރީފްގެ އިސްނެންގެވުމުގެ ދަށުންނެވެ.

އިމްރާންގެ ޕާޓީ އުވާލުމަށް ތައްޔާރުވެފައިވާ ކަމަށް ސަރުކާރުން މިދިޔަ ހަފުތާގައި އިއުލާންކުރިއެވެ.

ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތާ ބެހޭ ވަޒީރު އައްތައުﷲ ތަރާރު ވިދާޅުވީ އިމްރާންގެ ޕާޓީ އުވައިލުމުގެ މައްސަލަ ކެބިނެޓްގައި މަޝްވަރާކުރާނެ ކަމަށެވެ. އަދި އުވައިލުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ސުޕްރީމް ކޯޓަށް ވެސް ސަރުކާރުން މައްސަލަ ހުށަހަޅާނެ ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް