ރޭލެއްގެ ކުރިމައްޗަށް ފުއްމައިލައިގެން އެއްމާބަނޑު ދެ އަންހެން ދަރިން ސަލާމަތްކުރަން އުޅުނު މީހަކު އޮސްޓްރޭލިއާގައި މަރުވެއްޖެއެވެ.
ސިޑްނީ ސިޓީގެ ކާލްޓަން ރެއިލްވޭ ސްޓޭޝަނުގައި ހިނގި މި ހާދިސާގައި އިންޑިއާ ދަރިކޮޅުގެ އުމުރުން 40 އަހަރުގެ އާނަންދު ރަންވާލް އާއި އުމުރުން ދެ އަހަރުގެ އޭނާގެ އެއް ދަރިއަކުވަނީ މަރުވެފައެވެ.
ހާދިސާ ހިނގަން ދިމާވީ ދަރިން ލާފައިވާ ޕްރޭމް އަތުން ދޫކޮށްލި ވަގުތެއްގައި ރޭލުދަގަނޑު މައްޗަށް ޕްރޭމް ވެއްޓުމުންނެވެ. ރޭލުދަގަނޑު މައްޗަށް އާނަންދު ވަގުތުން ފުއްމައިލިއެވެ. ނަމަވެސް ރޭލުގައި އޭނާ އާއި އޭނާގެ ދެ ދަރިން ލާފައިވާ ޕްރޭމް ޖެހުނެވެ.
"މަރުނުވި ދަރިފުޅު ސަލާމަތްވީ މުއުޖިޒާތެއް ފަދައިން،" ފުލުހަކު ބުންޏެވެ.
ރޭލު އައީ އެ ސްޓޭޝަނަށް މަޑުކުރާ ގޮތަކަށް ނޫނެވެ.
"ބަފައެއްގެ ވިސްނުން އާނަންދަށް އެ ވަގުތު އައީ. އޭނާ މަސައްކަތްކުރީ ދެ ދަރިން ސަލާމަތްކުރަން. އެ ކަމުގެ ތެރޭގައި އޭނާގެ ފުރާނަ ގެއްލިގެން ދިޔައީ،" ފުލުހުންގެ ސުޕަރިންޓެންޑެންޓް ޕޯލް ޑަންސްޓަން ވިދާޅުވިއެވެ.
ހާދިސާއާ ގުޅިގެން ރޭލު ހުއްޓުމަކަށް ގެނެސް ކުއްލި އެހީ ދޭ އޮފިޝަލުން އެ ތަނަށް އައުމުން ރޭލުގެ ދަށުން ކުޑަކުއްޖަކު ރޯ އަޑު އިވުނު ކަމަށް ޕޯލް ވިދާޅުވިއެވެ.
"ފުލުހަކު ރޭލު ދަށަށް ވަދެ ސަލާމަތްވި ދަރިފުޅު ނަގައިގެން ގެނެސް އޭނާގެ މަންމަ (ޕޫނަމް ރަންވާލް)އާ ހަވާލުކުރި. ހިތާމައަކީ އަނެއް ދަރިފުޅު ސަލާމަތް ނުވިކަން. އަދި ދެ ދަރިން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އާނަންދުގެ ފުރާނަ ގެއްލުނުކަން،" ޕޯލް ވިދާޅުވިއެވެ.
މަންޒަރު ދުށް ލޯރެން ލަންގެލާރު ބުނީ އާނަންދު ޕްރޭމް ނަގާ ޕްލެޓްފޯމްއަށް ލީ ވަގުތު ދިމާވީ ރޭލު އައިސް ޖެއްސި ވަގުތާ ކަމަށެވެ.
"އަހަރެން އޮތީ ޕްލެޓްފޯމް މައްޗަށް ތިރިވެ ރޭލުގެ ދަށަށް ބަލަން. އަހަރެންނަށް އިވުނީ އެންމެ ކުއްޖަކު ރޯ އަޑު،" ލޯރަން ބުންޏެވެ.
ސަލާމްވި ދަރިފުޅާއި ޕޫނަމް ގެންދިޔައީ ސެއިންޓް ޖޯގް ހޮސްޕިޓަލަށެވެ.
އާއްމު މީހުން މިހާރު ވަނީ އެ ސްޓޭޝަންގައި މަލާއި މެސެޖްތައް ބަހައްޓައިފައެވެ. ހިތާމަ ފާޅުކުރުމުގެ ގޮތުންނެވެ. އެ ތަނުން އެއް މެސެޖުގައި ބުނެފައިވަނީ އާނަންދަކީ "ހީރޯ"އެއް ނުވަތަ ބަތަލެއް ކަމަށެވެ.
ސިޑްނީއަކީ ނިއު ސައަތު ވޭލްސް ސްޓޭޓްގެ ވެރިރަށެވެ. އެ ސަހަރުގެ ޕްރެމިއަރ ކްރިސް މިންސް ވަނީ އާނަންދާއި ޕޫނަމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
"އާނަންދު މަރުވީ އާދަޔާހިލާފު ހިތްވަރުގަދަކަމުންކަން އިހުސާސްކުރެވުމުން ކޮންމެވެސް ވަރެއްގެ ހިތަށް ފިނިކަމެއް އޭނާ އާއި ޕޫނަމްގެ އާއިލާތަކަށް ލިބޭނެ ކަމަށް އުއްމީދުކުރަން. އޭނާގެ ފުރާނަ އޭނާ ގުރުބާންކޮށްލީ އޭނާގެ ދެ ދަރިފުޅު ސަލާމަތްކުރަން،" ކްރިސް ވިދާޅުވިއެވެ.
ސިޑްނީގެ ރޭލު ދަތުރުފަތުރާ ބެހޭ ޗީފް އެގްޒެކެޓިވް މެޓް ލޯންގްލޭންޑް ވިދާޅުވީ މި ހާދިސާ ފުލުހުން ތަހުގީގުކުރާނެ ކަމަށެވެ.
"މި ހާދިސާއާ ގުޅޭ ހުރިހާ މައުލޫމާތެއް ފުލުހުންނަށް ހުށަހަޅައިފިން. އޭގެ ތެރޭގައި ސްޓޭޝަންގައި ހުރި ކެމެރާތަކުގެ ފުޓެޖް ވެސް ހިމެނޭ،" މެޓް ވިދާޅުވިއެވެ.



advertisment