Support Us

ބުރާސްފަތި އަދި ހުކުރު ދުވަހުގެ ކުރިމަތިލުންތަކުގައި އެކަނިވެސް 50 އެއްހާ މީހުން މަރުވި

ދަރިވަރުންގެ ޕްރެޝަރާ ހުރެ ބަންގްލަދޭޝްގެ ވަޒީފާ ކޯޓާއަށް ބަދަލުގެނެސްފި

ބަންގްލަދޭޝްގެ މިނިވަންކަމަށް 1971 ގައި ކުރި ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އާއިލާތަކަށް ކަނޑައަޅާފައިވާ ވަޒީފާގެ ކޯޓާއަށް ބަދަލު ގެނެސްފިއެވެ.

ސަރުކާރު ވަޒީފާތަކުގެ ތެރެއިން 30 ޕަސެންޓް ދޭނީ އެ މީހުންނަށް ކަމަށް ބުނުމުން ދަރިވަރުން ކުރި މުޒާހަރާތަކުގައި މިހާތަނަށް ވަނީ 151 މީހުން މަރުވެފައެވެ.

ސުޕްރީމް ކޯޓުން އިއްޔެ ބުނީ އަލަށް ގެނައި ބަދަލުގައިވަނީ އެ އާއިލާތަކަށް ދޭނީ ފަސް ޕަސެންޓް ވަޒީފާ ކަމަށެވެ.

އެ ކޯޓްގެ މި ނިންމުމުގައި ބުނީ 93 ޕަސެންޓް ވަޒީފާ ދޭނީ އެ މީހެއްގެ ގާބިލުކަމަށް ނުވަތަ "މެރިޓް"އަށް ބަލައިފައި ކަމަށެވެ. ބާކީ އޮތް ދެ ޕަސެންޓް ވަޒީފާ ދޭނީ މީސްކޮޅު މަދު ނަސްލުތަކުގެ މީހުންނަށް ކަމަށާއި ތިން ވަނަ ޖިންސު ނުވަތަ ޓްރާންސްޖެންޑަރ މީހުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކަމަށެވެ.

ދަރިވަރުންނާއި ވަޒީފާ ބޭނުންވާ މީހުން މުޒާހަރާކުރަނީ

ފުޅާ ދާއިރާއެއްގައި މުޒާހަރާކުރުމުގެ ސަބަބުން 30 ޕަސެންޓްގެ ކޯޓާ 2018 ގައިވަނީ ކެންސަލްކޮށްފައެވެ. ނަމަވެސް މިދިޔަ ޖޫން މަހު ހައި ކޯޓުން މި ކޯޓާ އަނބުރާ ގެނައުމުން ފެށުނު މުޒާހަރާތަކުގައި ދަރިވަރުންނާ ފުލުހުންނާ ދޭތެރޭ ކުރިމަތިލުންތައް ހިނގައި އެތައް ބަޔަކު މަރުވެ އަދި ޒަހަމްވެފައިވެއެވެ.

މި މުޒާހަރާތަކުގެ ސަބަބުން އިންޓަނެޓާއި ސޯޝަލް މީޑިއާގެ ހިދުމަތްވަނީ ކަނޑައިލައިފައެވެ. އަދި ހުރިހާ ޔުނިވާސިޓީތަކެއް ބަންދުކޮށްފައެވެ.

"ސުޕްރީމް ކޯޓުގެ ނިންމުމަކީ ތާރީހީ ކަމެއް. ވަޒީފާގެ ކޯޓާ މައްސަލަ ހައްލުކުރަން ފަށައިގަތުމަށް އެޅި ރަނގަޅު ފިޔަވަޅެއް،" ބައެއް ދަރިވަރުން ތަމްސީލުކުރާ ގާނޫނީ ވަކީލެއް ވިދާޅުވިއެވެ.

ގާނޫނާ ބެހޭ ވަޒީރު އަނީސުލް ހައްގު ވިދާޅުވީ އެ ކޯޓްގެ ނިންމުމަކީ ވިސްނުންތެރި ނިންމުމެއް ކަމަށެވެ. އަދި ދަށް ކުރެވުނު ކޯޓާ ބަލައިގަންނަ ކަމަށެވެ.

ދަރިވަރުން މިހާރު އެދިފައިވަނީ ޔުނިވާސިޓީތަކުގެ ބައެއް އޮފިޝަލުން އިސްތިއުފާ ދެއްވުމަށެވެ. އެ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުނުކޮށްދެވުމުންނެވެ.

ބޮޑު ވަޒީރު ޝައިހް ހަސީނާވަނީ 30 ޕަސެންޓްގެ ކޯޓާއަށް ތާއީދުކުރައްވައިފައެވެ.

"ހަނގުރާމަ ކުރި މީހުންނަށް އެންމެ މަތީ ގަދަރު ދޭން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

މި ކަމާ ހިތްހަމަނުޖެހޭ ދަރިވަރުން ބުނީ ހަސީނާ މި ގޮތަށް ތާއީދު ކުރައްވާ ސަބަބަކީ ޕާކިސްތާނުގެ ކިބައިން ބަންގްލަދޭޝް މިނިވަންވި ހަނގުރާމައިގެ ކުރީ ސަފުގައި ހަރަކާތްތެރިވީ ވެރިކަން ކުރާ އަވާމީ ލީގް ޕާޓީ ކަމަށްވާތީ އެ ޕާޓީއާ ގުޅިފައިވާ ފަރާތްތަކަށް ހަސީނާ ނާޖާއިޒު ފައިދާ ފޯރުކޮށްދެއްވަން ބޭނުންވެވަޑައިގަންނަވާތީ ކަމަށެވެ.

މަދުމަދުން ނަމަވެސް ފުލުހުންނާއި ސިފައިންނާ ދޭތެރޭ ދަރިވަރުންގެ ކުރިމަތިލުންތައް އަދިވެސް ކުރިއަށްދާތީ ސަރުކާރުން ވަނީ އިއްޔެ އާއި މިއަދަކީ ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް