Support Us

ދެވަނަ ދައުރަކަށް ކުރިމަތިނުލައްވަން ބައިޑަން ނިންމަވައިފި

ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިނުލައްވަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ނިންމަވައިފިއެވެ.

އަންނަ ނޮވެމްބަރު މަހު ބާއްވާ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީން ކުރިމަތިލައްވަން ތާއީދު ކުރައްވަނީ ނައިބު ރައީސް ކަމާލާ ހެރިސްއަށް ކަމަށް އުމުރުން 81 އަހަރުގެ ބައިޑަން ނެރުއްވި ސިޓީއެއްގައި ވިދާޅުވިއެވެ.

"ދެވަނަ ދައުރަކަށް ކުރިމަތިލާން ހިޔާލުކުރި ނަމަވެސް، އަހަރެން ގަބޫލުކުރަނީ އަހަރެންގެ (ޑިމޮކްރެޓިކް) ޕާޓީ އާއި ގައުމުގެ އެންމެ ރަނގަޅު މަސްލަހަތަކަށްވާނީ އަހަރެން ވެރިކަމުން ފައިބައި، އަހަރެންގެ ދައުރުގެ ބާކީ އޮތް ބައިގައި ރައީސްގެ ގޮތުން އަހަރެން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުން ކަމަށް،" ބައިޑަން އިއްޔެ އާއްމު ކުރެއްވި ސިޓީގައި ވިދާޅުވިއެވެ.

ސިޓީގައި ބައިޑަންވަނީ ކަމާލާއަށް ޝުކުރު އަދާކުރައްވައިފައެވެ. އޭގެ ފަހުން ކުރެއްވި ޓްވީޓެއްގައި ބައިޑަން ވިދާޅުވީ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށްވުމަށް ތާއީދުކުރައްވަނީ ކަމާލާއަށް ކަމަށެވެ. ބައިޑަން ވިދާޅުވީ މި ހަފުތާގެ ފަހުކޮޅު ރައްޔިތުންނާ މުހާތަބުކުރައްވާ ތަފުސީލީ ގޮތެއްގައި ވާހަކަ ދައްކަވާނެ ކަމަށެވެ.

"ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަން ގަބޫލު ނުކުރަން އަހަރެން ނިންމައިފިން. ޕާޓީން އަހަރެން 2020 ގައި ހޮވުމުން އަހަރެން އެންމެ ފުރަތަމަ ނިންމި ނިންމުމަކީ އަހަރެންގެ ނައިބު ރައީސްގެ ގޮތުގައި ކަމާލާ ހަމަޖެއްސުން. މިއީ އަހަރެންނަށް މިހާތަނަށް ނިންމުނު އެންމެ ރަނގަޅު ނިންމުން،" ބައިޑަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭނާގެ ފުރިހަމަ ތާއީދު އޮތީ ކަމާލާއަށް ކަމަށާއި އަންނަ ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ހޮވަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކަށް ވުމަށް ކަމާލާ ބަލައިގަންނަ ކަމަށެވެ.

"މިއީ އަހަރެމެން އެކަތިގަނޑަކަށްވެ (ކުރީގެ ރައީސް ޑޮނަލްޑް) ޓްރަމްޕް ބަލިކޮށްލަންވީ ވަގުތު. އަހަރެމެންނަށް މި ކަންތައް ކުރެވޭނެ،" ބައިޑަން ވިދާޅުވިއެވެ.

އެމެރިކާ އާއި މުޅި ދުނިޔެ ސިއްސުވައިލި މި ނިންމުން ބައިޑަން އިއުލާންކުރެއްވީ ބައިޑަން ހުންނަވައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުން ބުނަމުން އަންނަތާ އެތައް ހަފުތާއެއްގެ ފަހުންނެވެ. އެ ގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސްގައި ހިމެނޭ 30 އަށްވުރެ ގިނަ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންވަނީ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށް ބައިޑަންއަށް ގޮވައިލައްވައިފައެވެ.

މިދިޔަ ހުކުރު ދުވަހާ ހަމައަށް ވެސް ބައިޑަންވަނީ ރިޔާސީ އިންތިހާބު ދޫނުކޮށްލައްވާނެ ކަމަށް ވިދާޅުވެފައެވެ. އޭ.ބީ.ސީ ނިއުސް އާއި އިޕްސޮސް ޖަމާއަތް ގުޅިގެން އިއްޔެ ނެގި ހިޔާލު ހޯދުމުގެ ޕޯލްއަކުން ދެއްކި ގޮތުގައި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ތެރެއިން 60 ޕަސެންޓް ބައިޑަން ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ތާއީދެއް ނުކުރެއެވެ. ހަމަ މި ޕޯލުން ދެއްކި ގޮތުގައި 76 ޕަސެންޓް މެންބަރުން ތާއީދު ކުރަނީ ރިޔާސީ އިންތިހާބަށް ކަމާލާ ކުރިމަތިލެއްވުމަށެވެ. ކަމާލާއަކީ ދެކުނު އޭޝިއާ އާއި ކަޅު ނަސްލަށް ނިސްބަތްވާ އަންހެން ބޭފުޅެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް