އިސްރާއީލުން ޔަމަނަށް ދިން ހަމަލާތަކުގައި ތިން މީހުން މަރުވެ 87 މީހުން ޒަހަމްވެއްޖެއެވެ. މިއީ އިސްރާއީލުން ޔަމަނަށް ފުރަތަމަ ފަހަރަށް ދިން ހަމަލާތައް ކަމަށް އިސްރާއީލުގެ އޮފިޝަލުން ބުންޏެވެ.
ޔަމަންގެ ހޫތީ އަސްކަރިއްޔާއިން ބުނީ ހަމަލާތައް ދިނީ އިއްޔެ ހުދައިދާ ބަނދަރަށް ކަމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން މި ހަމަލާތައް ދިނީ މީގެ އެއް ދުވަސް ކުރިން ހޫތީން އިސްރާއީލުގެ ވެރިރަށް ތެލް އަވީވަށް ދިން ނުރައްކާތެރި ހަމަލާއަކަށް ފަހުއެވެ.
"މިއީ ހޫތީން ހުކުރު ދުވަހު ހަމަލާ ދީ އުމުރުން 50 އަހަރުގެ އިސްރާއީލުގެ ރައްޔިތަކު މަރައިލުމުން އޭގެ ބަދަލުގައި ހޫތީންނާ ދެކޮޅަށް އިސްރާއީލުން ދިން ހަމަލާއެއް،" އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ބުންޏެވެ.
އިރާންގެ ތާއީދު ލިބިފައިވާ ހޫތީން ހިންގާ އަލް މަސައިރާ ޓީވީން ބުނީ އިސްރާއީލުން އަމާޒުކުރީ ޔަމަންގެ ހުޅަނގު އައްސޭރީގައި ހުރި ތެޔޮވަޅުތަކަށް ކަމަށެވެ.
"އިސްރާއީލުން ދިން ހަމަލާތައް އާއްމުން ދިރިއުޅޭ ތަންތަނާއި އިންޖީނުގެއަކަށް ވެސް އަރައިފައިވޭ. މިއީ އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކެއް. ޔަމަންގެ ރައްޔިތުންނަށް ލިބެމުންދާ ވޭންތައް އިތުރުކުރަން ދިން ހަމަލާތަކެއް. އަދި ޣައްޒާއަށް ހޫތީން ކުރަމުންދާ ތާއީދު ހުއްޓުވައިލުން ބޭނުމަކީ،" ހޫތީންގެ ތަރުޖަމާނު މުހައްމަދު އަބްދުއްސަލާމް ވިދާޅުވިއެވެ.
ހޫތީންގެ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވީ އިސްރާއީލުގެ މުހިންމު އަމާޒުފަތްގަނޑުތަކަށް ހަމަލާ ދީ ބަދަލުހިފާނެ ކަމަށެވެ.
"އެކި ގައުމުތަކުގެ އެމްބަސީތައް ހުރި ތެލް އަވީވަކީ އަދިވެސް ރައްކާތެރި ތަނެއް ނޫން. އިސްރާއީލުގެ ހަމަލާތައް ހުއްޓާލައި، ފަލަސްތީނު ރައްޔިތުން ހިސޯރުކޮށްފައި އޮތްއޮތުން ދޫކޮށްލަންދެން އަހަރެމެން އިސްރާއީލާ ދިގު ހަނގުރާމައެއް ކުރުމަށް މި ތިބީ ތައްޔާރަށް،" ޔަހްޔާ ވިދާޅުވިއެވެ.



advertisment