Support Us

ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި ސިފައިން ހަރަކާތްތެރިވަނީ

ބަންގްލަދޭޝްގައި ކާފިއު، މިހާތަނަށް 115 މަރު

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 115 އަށް އަރައިފިއެވެ. ބަންގްލަދޭޝްގައި ވަނީ ކާފިއު ހިންގައިފައެވެ.

އިންޓަނެޓްގެ ހިދުމަތް މެދުކަނޑައިލައި، ރައްޔިތުން ގެއިން ބޭރަށް ނުކުތުން މިހާރުވަނީ މަނާކޮށްފައެވެ. އަދި މި ހިންގާ ކާފިއުއަށް ތަބާނުވެ ބޭރަށް ނުކުންނަ މީހުން ބަޑިޖަހައި މަރައިލުމަށް ފުލުހުންނަށް ވަނީ އަންގައިފައި ކަމަށް ވެރިކަން ކުރާ އަވާމީ ލީގް ޕާޓީގެ އަމީން އާއްމު އުބައިދުލް ގާދިރު ވިދާޅުވިއެވެ.

ބަންގްލަދޭޝްގައި ދަރިވަރުން މުޒާހަރާ ފެށީ ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން 30 ޕަސެންޓް ދޭނީ 1971 ގައި ޕާކިސްތާނުގެ ބާރުގެ ދަށުން ސަލާމަތްވުމަށް ބަންގްލަދޭޝުންކުރި މިނިވަންކަމުގެ ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އާއިލާތަކަށް ކަމަށް ބޮޑު ވަޒީރު ޝައިހު ހަސީނާގެ ސަރުކާރުން ނިންމުމުންނެވެ.

ފުލުހުންގެ އިތުރުން ސިފައިން ވެސް ވަނީ ވެރިރަށް ދާކާގެ މަގުމަތީގައި ފޯރިމަރަން ފަށައިފައެވެ. މިހާރު ބެލެވޭ ގޮތުގައި ކާފިއު ނިމުމަކަށް ގެންނާނީ މިއަދު ހެނދުނެވެ.

ބައެއް އަސާސީ ހިދުމަތްތައް ހޯދުމަށް މަގުފަހިކޮށްދިނުމަށް އިއްޔެ މެންދުރުފަހު ވަނީ ކުޑަ ވަގުތުކޮޅަކަށް ކާފިއު ހުއްޓައިލައިފައެވެ. ނަމަވެސް އެއްވެއުޅުމާއި މުޒާހަރާކުރުންވަނީ މަނާކޮށްފައެވެ. ހުރިހާ ޒާތެއްގެ މުވާސަލާތީ ހިދުމަތް ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ވަނީ މެދުކަނޑައިލައިފައެވެ. އޭގެ ތެރޭގައި އިންޓަނެޓާއި ސޯޝަލް މީޑިއާގެ ހިދުމަތް ހިމެނެއެވެ.

ޔުނިވާސިޓީތަކުގައި ދަރިވަރުން މި މަހު ކުރީކޮޅު މުޒާހަރާކުރަން ފެށީ ވަޒީފާގެ ކޯޓާ ކަނޑައެޅީ އަވާމީ ލީގުގެ މެންބަރުންނަށް ފައިދާވާނެ ގޮތަށް ކަމަށާއި މިއީ ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅުން ކަމަށް ބުނެފައެވެ.

މި މުޒާހަރާ ދެން ފެތުރިގެންދިޔައީ ހަސީނާގެ ސަރުކާރާ ދެކޮޅު ހަމަނުޖެހުންތަކަކަށެވެ. އެ ގޮތުން 2009 ގައި ވެރިކަމަށް ވަޑައިގަތް ހަސީނާގެ ސަރުކާރަކީ ހުދުމުހުތާރު ވެރިކަމެއް ކަމަށާއި ފުލުހުންގެ އަނިޔާވެރިކަމާއި ކޮރަޕްޝަން ހައްދުފަހަނަޅައިގެން ދިޔައީ ކަމަށް މުޒާހަރާގެ ބައިވެރިން ތުހުމަތުކުރިއެވެ.

މިދިޔަ ޖަނަވަރީ މަހުގެ އިންތިހާބު އިދިކޮޅު ފަރާތްތަކުންވަނީ ބޮއިކޮޓްކޮށްފައެވެ. ހަސީނާގެ ސަރުކާރުން އިންތިހާބުގައި ނާއިންސާފުން ކަންތައްތައްކުރި ކަމަށް އެތައް ބައިވަރު ހެކި އެބަހުއްޓެވެ.

ކޮވިޑްގެ ބަލިމަޑުކަމާހުރެ ބަންގްލަދޭޝްގެ އިގުތިސާދު އަދިވެސް ހަމައަކަށް ނޭޅެއެވެ. އެތައް މިލިއަން ބަޔަކު ވަޒީފާ ނެތިފައި ތިބިއިރު އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު ވަނީ ރެކޯޑު ނިސްބަތުން ބޮޑުވެފައެވެ.

ދާކާގައި އޮތް މުޒާހަރާގައި ބައިވެރިވި އުމުރުން 28 އަހަރުގެ ޝަފްކަތު މަހްމޫދު ބުނީ އަހުލީ ހަނގުރާމައެއް ފަދަ މަދަނީ ބަސްނޭހުމަކަށް މި މުޒާހަރާ ވެއްޖެ ކަމަށެވެ.

"ސަރުކާރުން އިންޓަނެޓްގެ ހިދުމަތް މެދުކަނޑައިލުމަށްފަހު ފުލުހުންވަނީ ރަބަރު އުންޑަ ބޭނުންކުރުމުގެ ބަދަލުގައި އަސްލު ވަޒަން ބޭނުންކޮށްފައި. ސަރުކާރަށް ތާއީދުކުރާ މީހުންވަނީ އަހަރެމެންނަށް ކަތިވަޅި އާއި ބަޑިން ހަމަލާ ދީފައި. އޭގެ ފަހުން މަރައިލި އެތައް ބައެއްގެ ހަށިގަނޑު ބަސްތަކަށް އަރުވައިގެން ގެންދަނިކޮށް އަހަރެން ދުށިން،" ޝަފްކަތު ބުންޏެވެ.

އޭނާ ބުނީ މުޒާހަރާ ފެށީ ވަޒީފާގެ މައްސަލައިގައި ނަމަވެސް ފުލުހުންގެ އަނިޔާވެރިކަން ފެނިފައި މިހާރު މި މުޒާހަރާވަނީ ބަންގްލަދޭޝްއަށް ބަދަލެއް ގެންނަން ކުރާ މުޒާހަރާއަކަށް ބަދަލުވެފައި ކަމަށެވެ.

"އަހަރެމެން މިހާރު ބޭނުމީ މި ސަރުކާރު އިސްތިއުފާ ދޭން،" ޝަފްކަތު ބުންޏެވެ.

ސަރުކާރަށް ތާއީދުކުރާ ދަރިވަރުންވަނީ ސަރުކާރާ ދެކޮޅު ދަރިވަރުންނަށް މި ހަފުތާގެ ކުރީކޮޅު ހަމަލާ ދޭން ފަށައިފައެވެ. މީގެ އިތުރުން މި މައްސަލަ ހޫނުވީ ފުލުހުން ކަރުނަ ގޭހާއި ރަބަރު އުންޑަ އާއި ސްޓަން ގްރެނޭޑް ބޭނުންކުރަން ފެށިފަހުން ކަމަށް ސަރުކާރާ ދެކޮޅު ދަރިވަރުން ބުންޏެވެ. މި ކަމާ ގުޅިގެން މުޒާހަރާގެ ބައިވެރިންވަނީ ދައުލަތުގެ މީޑިއާ ބީ.ޓީ.ވީ.އަށް ވަދެގަނެ އެ ތަނުގައި ހުޅުޖަހައިފައެވެ. އަދި ހުކުރު ދުވަހު ވަނީ ޖަލެއް ފަޅައިލައި އެތައް ސަތޭކަ ބަޔަކު މިނިވަންކޮށްފައެވެ.

މުޒާހަރާ ފެށި ފަހުން މިހާތަނަށް އެންމެ ގިނަ މީހުން މަރުވީ ހުކުރު ދުވަހުއެވެ. އެއީ ފުލުހުން އަސްލު އުންޑަ ބޭނުންކުރުމުން މަރުވި 40 އެއްހާ މީހުންނެވެ.

މައްސަލަ ހައްލުކުރެވޭތޯ ދެ ފަރާތުންވަނީ ހުކުރު ދުވަހު ބައްދަލުކޮށްފައެވެ. މި މަޝްވަރާތަކުގައި ވަޒީފާގެ ކޯޓާ ކަނޑައެޅުމުގެ ނިޒާމު މުޅިން ބަދަލުކުރަންޖެހޭ ކަމަށް ދަރިވަރުން ބުންޏެވެ. އަދި ޔުނިވާސިޓީތައް އަލުން ހުޅުވުމަށް ސަރުކާރަށް ގޮވައިލިއެވެ.

"ދަރިވަރުން ބޭނުންވާ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރަން ސަރުކާރުން ތައްޔާރު،" ގާނޫނާއި އިންސާފާ ބެހޭ ވަޒީރު އަނީސުލް ހައްގު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް