ބަންގްލަދޭޝްގައި ކުރިއަށްދާ ހަމަނުޖެހުންތަކުގައި މި ހަފުތާ ތެރޭގައި މަރުވި މީހުންގެ އަދަދު 38 އަށް އަރައިފިއެވެ.
އިއްޔެ ވަނީ 32 މީހުން މަރުވެފައެވެ. އޭގެ ކުރިން މި ހަފުތާ ތެރޭގައި ހަ މީހުން މަރުވެފައިވެއެވެ.
ބަންގްލަދޭޝްގައި ކުރިއަށްދާ މުޒާހަރާތަކަކީ 1971 ގައި ޕާކިސްތާނުގެ ބާރުގެ ދަށުން ބަންގްލަދޭޝް މިނިވަންވުމަށްކުރި ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އާއިލާތަކަށް ބަންގްލަދޭޝްގައި ހުރި ވަޒީފާތަކުގެ ތެރެއިން 30 ޕަސެންޓް ދޭނެ ކަމަށް ބޮޑު ވަޒީރު ޝައިހު ހަސީނާގެ ސަރުކާރުން ނިންމުމުން ފެށި މުޒާހަރާތަކެކެވެ.

މުޒާހަރާކުރާ އެތައް ހާސް ބަޔަކު އިއްޔެ ވަނީ ދައުލަތުގެ މީޑިއާ ބީ.ޓީ.ވީ.އަށް ވަދެ އެ ތާނގައި ހުރި ފަރުނީޗަރުތައް ހަލާކުކޮށްލައި، ކުޑަދޮރުތައް ތަޅައިލައި، އިމާރާތުގެ ބައެއް ތަންތަނުގައި ހުޅުޖަހައިފައެވެ.
ސަރުކާރުން މިއަދު ވަނީ ޓީ.ވީ ޗެނަލްތައް ބްރޯޑްކާސްޓްކުރުން ހުއްޓުވައިލައި އިންޓަނެޓާއި މޮބައިލްފޯނުގެ ހިދުމަތްތައް ކަނޑައިލައިފައެވެ. އެ ގޮތުން ފޭސްބުކް އަދި ވަޓްސްއެޕް ކަހަލަ ސޯޝަލް މީޑިއާ ވިއުގަތައް ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.
މުޒާހަރާތައް ފެށުނީ އާދައިގެ ގޮތަކަށް މިދިޔަ މަހުއެވެ. ނަމަވެސް މި ހަފުތާގައި ވަނީ ވަރަށް ފުޅާ ދާއިރާއަކަށް މިކަން ގޮސްފައެވެ. މުޒާހަރާތަކުގައި ބައިވެރިވަނީ ގިނައިން ދަރިވަރުންނެވެ. އެ މީހުން ބުނަމުން އަންނަނީ ވަކި ބަޔަކަށް ވަޒީފާ ދިނުމަކީ މީސްތަކުންގެ މެދުގައި "ޑިސްކްރިމިނޭޝަން" ނުވަތަ ތަފާތުކުރުން ގެންގުޅުން ކަމަށެވެ.
މުޒާހަރާތައް ފެށީ ވަކި ބަޔަކަށް ވަޒީފާ ދިނުމާ ދެކޮޅަށް 2018 ގައި ފާސްކުރި ގާނޫނެއް ހައި ކޯޓުން އުވާލުމުންނެވެ. ހައި ކޯޓުގެ މި ނިންމުން މިހާރު ވަނީ ސުޕްރީމް ކޯޓުން މަޑުޖައްސައިލައިފައެވެ. އެއީ ހައި ކޯޓުގެ ނިންމުން އިސްތިއުނާފުކޮށްފައިވާތީއެވެ. މި މައްސަލައިގެ އިތުރު މަޝްވަރާތައް އާދީއްތަ ދުވަހު ބާއްވަން ހަމަޖެހިފައިވެއެވެ.

ސަރުކާރުން ބުނީ މި މުޒާހަރާތަކުގެ އަޑީގައިވަނީ އިދިކޮޅު ފަރާތްތައް ކަމަށެވެ.
މުޒާހަރާގެ ބައިވެރިން އިމާމުންނަށް މިއަދު ގޮވައިލީ މުޒާހަރާގައި މަރުވި މީހުންގެ މައްޗަށް ހުރިހާ މިސްކިތެއްގައި ކަށުނަމާދު ކުރުމަށެވެ.
މީގެ އިތުރުން މުޒާހަރާގެ ބައިވެރިން އެދޭ ގޮތަށް ސަރުކާރުގެ ސިޔާސަތު ބަދަލުނުކޮށްފި ނަމަ ދަތުރުފަތުރުގެ ނިޒާމުތަކާއި ވިޔަފާރިތަކާއި ސްކޫލްތައް ބަންދުކޮށްލާނެ ކަމަށް މުޒާހަރާގެ ބައިވެރިންވަނީ އިންޒާރު ދީފައެވެ. މި ކަމަށް އިދިކޮޅު ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީން ތާއީދުކުރިއެވެ.
"ނުކުޅެދޭ މީހުންނަށާއި އަޣުލަބިއްޔަތު ނެތް މީހުންނަށް ފިޔަވާ ވަޒީފާގެ ކޯޓާ ކަނޑައިލުމަށް ސަރުކާރުން ނިންމުމަށް އަހަރެމެން ގޮވައިލަން،" ވެރިރަށް ދާކާ ޔުނިވާސިޓީގެ ދަރިވަރު ޕަރްވޭޒް މުޝައްރަފް ބުންޏެވެ.

"ދަ އިކޮނޮމިކް ޓައިމްސް" ނޫހުން ބުނީ ގާނޫނު ނަގަހައްޓައި ސުލްހަ ގާއިމުކުރުމަށް ރޭ ސިފައިން ނެރުއްވީ ހަސީނާއަށް މަޖުބޫރުވެވަޑައިގެން ކަމަށެވެ.
މިއަދަކީ ހުކުރު ދުވަސް ކަމަށްވާތީ ހެނދުނު މަގުތައް އޮތީ ފަޅަށެވެ. އެ ގޮތުން ޓްރެފިކް ވަރަށް މަދެވެ. މަދުމަދުން ރިކްޝޯތައް ދުއްވައެވެ. އަދި މޭވާ އާއި ތަރުކާރީ ފިހާރަކަތުން ވެސް ފެންނަނީ މަދު މީސްކޮޅެކެވެ.



advertisment