ކައިވެނިކުރާ ދުވަހު އެންމެ އަތްމަތީ ބަހަކަށްވުން އެކަށީގެންވަނީ "އަހަރެމެން ދެ މީހުން ވަކިވާނީ މަރުވާ ހިސާބުންނެވެ." މިއީ ވަރަށް މަޝްހޫރު އިނގިރޭސި ބުނުމެކެވެ: "ޓިލް ޑެތު ޑޫ އަސް ޕާޓް"އެވެ.
މި ފަދަ އަހުދުތައް ވީ ނަމަވެސް މިއަދު ތިބާގެ ގާތުގައި ތިބާގެ ލޮބުވެތި ފިރިމީހާ ނެތީ ކީއްވެ ހެއްޔެވެ؟ އޭނާ އެހެން އަންހެނަކާއެކު އުޅެނީ ކީއްވެގެން ބާވައެވެ؟ އޭނާ އެއްއިރެއްގައި އެހާ ލޯބިވި އަނބިމީހާ އެހެން އަންހެނަކަށްޓަކައި ދޫކޮށްލީ ކީއްވެ ހެއްޔެވެ؟
މި ފަދަ ވައުދުތައް ވީ އަނބިމީހާ އާއެކު ހަޔާތުގެ ބާކީ އޮތް ބައި އުޅެން ބޭނުންނުވި ހިސާބަށް ދިޔައީ ކީއްވެ ހެއްޔެވެ؟ އަނބިމީހާ ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން ނަމަވެސް ދޫކޮށްލަން ފިރިން ނިންމާނިންމުމުގެ ނުވަ ސަބަބަކަށް ބަލައިލަމާ ހެއްޔެވެ؟
1. ޒަވާޖީ ހަޔާތާމެދު ފޫހިވުން:
އިނގިރޭސި ބަހުން މި ކަމަށް "ބޯޑް"ވީއޭ ވެސް ބުނެވިދާނެއެވެ. ކައިވެނިކޮށްގެން އުޅޭއުޅުމުގައި ފިރިމީހާ ހަގީގަތުގައި ވެސް "ބޯޑް"ވެދާނެއެވެ. ބައެއް ފަހަރަށް މުޅި ހަޔާތް އެއްކޮށް އެއް އަންހެނަކާއެކު ވޭތުކޮށްލަން ބިރުގަންނަ ފިރިހެނުން ވެސް އުޅެއެވެ. ސަބަބަކީ ކުރިން ޝައުގުހުރި ކަންތައްތަކަށް ފަހުން ޝައުގުވެރިކަން ނެތިގެން ހިނގައިދާނެތީއެވެ. މި ފަދަ ފިރިން ބޭނުންވާނީ އަބަދުވެސް އާ ކަންތައްތައް ކޮށްލުމަށެވެ. މުޅި ހަޔާތް އެއް އަންހެނަކަށް ހުސްކޮށްލާނެކަމުގެ ހުވާކުރި ނަމަވެސް، މި ސިފައިގެ ސަބަބުން ހަޔާތުގައި އެއް ބައިވެރިއަކު ނުގެންގުޅެވިދާނެކަމުގެ ބިރު އޭނާއަށް ހީވެދާނެއެވެ. ޒަވާޖީ ހަޔާތުގެ ފުރަތަމަކޮޅުގައި ތަޖުރިބާކުރެވުނު މަޖާކަން އަލުން ހޯދުމަށް އެހެން އަންހެނަކާ ދިމާއަށް މިސްރާބު ޖަހައިފާނެއެވެ.
2. ލޯތްބަށް ނިމުމެއް އައުން:
އަނބިމީހާއަށް އޮތް ލޯބި ނިމުމަކަށް އަތުވެއްޖެ ނަމަ އަނބިމީހާ ކުރާ ކަންތައްތަކަށް ފިރިމީހާއަށް ޝައުގުވެރިކަމެއް ނުދެވޭނެއެވެ. މިހެންވުމުން އެހެން އަންހެނުންނަށް ސަމާލުކަން ދެވޭ ގޮތްވެއެވެ. އަދި އަލަށް ފެންނަ އެހެން އަންހެނަކާ އަނބިމީހާ އަޅާކިޔޭގޮތްވެއެވެ. ދެން މިހާ ހިސާބުން ފިރިމީހާ ނިންމާނީ އޭނާގެ އާ ލޯބިވެރިޔަކީ އަލަށް ފެނުނު އަންހެން މީހާ ކަމަށެވެ. ދެން ފެންނާނީ އަނބިމީހާއާއެކު މުވާސަލާތުނުކޮށް، ޒަވާޖީ ހަޔާތުގެ މައްސަލަތައް ހައްލުކުރުމަށް މާބޮޑު މަސައްކަތެއް ނުކުރާތަނެވެ. ނަތީޖާއަކަށް ވާނީ ކައިވެނި ސަލާމަތްކުރަން ކުރިން ހުރި ޝައުގުވެރިކަން ނެތިގެން ގޮސް، އޭނާއަށް އަލަށް ފެނުނު އަންހެން މީހާއަށް ހިތް ހަދިޔާކުރެވޭ ތަނެވެ.
3. އިހުތިރާމްނުކުރާކަން އިހުސާސްކުރެވުން:
އަނބިމީހާގެ ފަރާތުން އަބަދުމެ އިހުތިރާމް ނުލިބޭ ކަމަށް ފެންނަންޏާ ފިރިމީހާއަށް މިސްރާބު ޖެހޭނީ އޭނާއަކީ "ރަންގަނޑެއް" ފަދަ ފިރިހެނަކުކަން އޭނާއަށް އިހުސާސްކޮށްދޭ އަންހެނަކާ ދިމާއަށެވެ. ފިރިމީހާއަށް އިހުތިރާމް ނުކުރެވޭ ކިތައްމެ ގޮތެއް ހުރެއެވެ. ފިރިމީހާ ބުނާ ވާހަކަ "ދަށްކޮށްލުމާއި"، ފިރިމީހާ ކަންތައްތަކާމެދު ދެކޭގޮތް އަގުނުކުރުމާއި އެހެން ފިރިހެނުންނާ ފިރިމީހާ އަޅާކިޔުމާއި އޭނާ ކޮށްދޭ ކަންތައްތަކުގެ އަގުވަޒަންނުކުރުން ފަދަ ސަބަބުތަކާ ހުރެ އޭނާއަށް އިހުތިރާމްކުރާ އަންހެނަކާ ދިމާއަށް ދާން ފަށައިފާނެއެވެ.
4. ހަޔާތާމެދު އުފެދޭ "ވަރުބަލިކަން":
ޒަވާޖީ ހަޔާތާއި ދަރިން ލިބުން ފަދަ ކަންތައްތަކަށް ފިރިމީހާ ތައްޔާރުވެފައިނުވާ ނަމަ އޭނާއަށް އިހުސާސްކުރެވެން ފަށާނީ އަބަދުވެސް ވަރުބަލިކަމެއްގެ ތެރޭގައި އުޅެވޭ ކަމަށެވެ. މަންމައިންނަށް ވުރެ ބޮޑަށް ބައްޕައިންނަށް މި މައްސަލަ ދިމާވަނީ މިހެންވެގެންނެވެ. ދަރިންގެ ކަންތައްތަކުގެ ޒިންމާއިން ފިރިމީހާ ފަސޭހައިން ރެކިގަންނަނީ މިހެންވެއެވެ. މި ފަދަ ވަރުބަލިކަމަކުން ނުކުމެ، "ނޭވާލާނެ ޖާގަ" ހޯދުމަށް ދަރިން ނެތް އަންހެނަކާ ދިމާއަށް ފިރިމީހާ ގޮސްފާނެއެވެ. މީގެ އިތުރުން ފިރިމީހާގެ "ނޭވާހާސްކޮށްލަފާނެ" އިތުރު ކަމަކީ އޭނާ ކުރާ ކޮންމެ ކަމަކަށް އަނބިމީހާ ފާރަލުމެވެ. ނުވަތަ އޭނާގެ ޒާތީ ކަންތައްތަކާ ބެހުމެވެ. މިއީ "ޖެލަސް" ނުވަތަ ހަސަދަވެރިކަން އިހުސާސްކުރެވޭ އަނބިންގެ ފަރާތުން ފާހަގަކުރެވޭ ސިފައެކެވެ. އެ ގޮތުން ފިރިމީހާ އެހެން މީހުންނާއެކު އިޖުތިމާއީ ގުޅުންތައް ބޭއްވުމަށް މި ފަދަ އަނބިން ނޭދެއެވެ.
5. އިހުމާލުވުން އިހުސާސްކުރެވުން:
ކައިވެނިކުރުމުގެ އެއް ބޭނުމަކީ އެކަކު އަނެކަކަށް ބޭނުންވާ ކަންތައްތަކުގައި އެހީތެރިވެދިނުމެވެ. ނަމަވެސް އަނބިމީހާ އިހުމާލުވާ ފިރިންނަށް އިހުސާސް ކުރެވޭނީ "ހުސްހަށިބައި"ކޮށް އަދިވެސް ހުރެވޭކަމެވެ. ފިރިމީހާގެ ބޭނުންތަކާމެދު އަނބިމީހާ އަޅާނުލާ ނަމައެވެ. މިހެންވުމުން ފިރިމީހާ ބޭނުންވާ ކަންތައްތައް ލިބޭނެ ދިމާއަކަށް އޭނާ ދާނެއެވެ. ގިނަ ފަހަރަށް ފިރިމީހާއަށް ބޭނުންވަނީ ޖަޒުބާތީ އަދި ޖިންސީ ގޮތުން ބާއްވާ ގުޅުމެވެ. މި ދެ ކަންތައް ފުރިހަމަ ނުކޮށްދޭ ނަމަ، ފިރިމީހާއަށް އިހުސާސްކުރެވޭނީ އަނބިމީހާ އޭނާއާމެދު އިހުމާލުވާ ކަމެވެ.
6. އަނބިމީހާގެ ރީތިކަން ގެއްލުން:
ބައެއް ފިރިން ބުނާ ގޮތުގައި ދުވަސްތައް ދާ ވަރަކަށް އަނބިމީހާގެ ހަށިގަނޑާމެދު ޝައުގުވެރިކަން ކުޑަވެއެވެ. މިހެންވުމުން ޖިންސީ ކަންތައްތަކަށް އޮންނަ ޝައުގުވެރިކަން ހަމަ ޔަގީނުން ވެސް ކުޑަވެއެވެ. މިހެން ކަންތައް ދިމާވުމުގައި އެތައް ސަބަބެއްވެއެވެ. އުމުރުން ދުވަސްވުމާއި ދަރިމައިވުމާއި ބަލިމަޑުކަން ފަދަ އެތައް ކަމެއް ދިމާވުމެވެ. ނަތީޖާއަކީ އެއްދާންކުރުމަށް ފިރިމީހާގެ ޝައުގުވެރިކަން ނެތިގެންދިއުމެވެ. އާޚިރުގައި ފިރިމީހާ ދެން ދާނީ އޭނާއަށް ޖިންސީ ނަޒަރަކުން ރީތިކަމަށް ފެންނަ އަންހެނަކާ ދިމާއަށެވެ.
7. ޖިންސީ އެދުން ނުފުދުން:
ޖިންސީ އެދުން ނުފުދުމަކީ އަނބިމީހާ ދޫކޮށްލައިފައި އެހެން އަންހެނުން ގާތަށް ވަރަށް ގިނަ ފިރިން ދާ ސަބަބެކެވެ. ޒަވާޖީ ހަޔާތް ސަލާމަތް ނުކުރެވޭ ހިސާބަށް ދާ އެއް ސަބަބަކީ މިއީއެވެ. ފިރިމީހާ އެއްދާންކުރުމަށް ބޭނުންވާއިރު އަނބިމީހާ އެ ކަމާ ދެކޮޅު ހަދާ ފަހަރު އާދެއެވެ. ބައެއް އަންހެނުންނަށް ހީވަނީ މީރުކޮށް ކައްކައި، ގޭތެރެ ސާފުކޮށް، ކުދިން ބަލަހައްޓައި، ބަރާބަރަށް ދޮވެ އިސްތިރިކޮށްދިނުމުން ހުރިހައި ކަމެއް ފުރިހަމަވީ ކަމަށެވެ. އެތައް ސަބަބުތަކާ ހުރެ ނަމަވެސް ފިރިމީހާއަށް ޖިންސީ އެދުން ނުފުއްދައިދިނުމަށް އަނބިމީހާ މަސައްކަތްކުރާ ނަމަ، ކެތްނުލަވާ ހިސާބަށް ދިއުމުން ފިރިމީހާ ދެން މިސްރާބުޖަހާނީ އޭނާއަށް ޖިންސީ ގޮތުން އޮތް ފުރުސަތުތަކާ ދިމާއަށެވެ.
8. ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް އިހުސާސްކުރެވުން:
ޒަވާޖީ ހަޔާތަކީ ބިރެއް ނެތި ރައްކާތެރިކަމުގެ މާހައުލެއްގައި އުޅެމުންދެވޭކަމުގެ އިހުސާސް ފިރިމީހާއަށް ކުރެވޭ ތަނެވެ. ނަމަވެސް އަނބިމީހާގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން ފިރިމީހާ އެ "ގެ"އިން ނުކުންނަން ނިންމައިފާނެއެވެ. އޭނާއަށް ރައްކާތެރިކަން އިހުސާސް ކުރެވޭ މާހައުލެއްގައި ދިރިއުޅުމައިގެން ކުރިއަށް ދިއުމަށެވެ. މި ބާވަތުގެ ނުރައްކާތަކުގެ ތެރޭގައި ފިރިމީހާއަށް އަމާޒުކުރާ ގެވެށިއަނިޔާ ނުވަތަ ފިރިމީހާގެ ބަދަލުގައި އެހެން ތަކެތި ބޭނުންކޮށްގެން އަނބިމީހާ ޖިންސީ އެދުން ފުއްދުން ފަދަ ކަންތައްތައް ހިމެނެއެވެ. މި ފަދަ ހާލަތެއް ކުރިމަތިވުމުން ފިރިމީހާ ބޭނުންވާނީ ކައިވެނި ސަލާމަތް ކުރުމުގެ ބަދަލުގައި އޭނާގެ އަމިއްލަ ނަފުސު ސަލާމަތްކުރުމަށެވެ. ނަތީޖާއެއްގެ ގޮތުން މި ފަދަ ރައްކާތެރިކަމެއް ފޯރުކޮށްދޭ އަންހެނެއްގެ "އުނގަށް" ފިރިމީހާ "ފުއްމައިލައި"ފާނެއެވެ.
9. އުފާނުވުން:
އުފާނުވުމުގެ އިހުސާސަކީ ބައެއް ފިރިންނަށް ތަހައްމަލު ކުރެވޭ ޖަޒުބާތެކެވެ. އަނބިމީހާއަކީ ކޮންމެ ކަހަލަ މީހެއް ނަމަވެސް ނުވަތަ ކޮންމެ ކަހަލަ ކަންތައްތަކެއް ކޮށްދޭ އަނތްބަކު ނަމަވެސް، ހިތްހަމަނުޖެހުމުގެ އިހުސާސް ކުރެވޭ ފިރިހެނުން ތިބެއެވެ. މިހެން ދިމާވުމުން މި ފަދަ ފިރިންނަށް އަނބިމީހާއާ ދޭތެރޭ އުފަލެއް ނުވެއެވެ. މިހެން ދިމާވުމުގެ އެއް ސަބަބަކީ އެހެން ފިރިހެނުންގެ އަނބިން އެއީ ތިބާގެ އަނބިމީހާއަށްވުރެ މާ ރަނގަޅު އަނބިން ކަމުގައި ދެކެވުމެވެ. ނަތީޖާއަކީ އެހެން ފިރިން ގެންގުޅޭ މިފަދަ "ފުރިހަމަ" އަނތްބަކު ހޯދަން އެހެން އަންހެނުން ފަހަތުން މުގޯލިއެޅުމެވެ. މި ކަހަލަ ހާލަތްތަކުގައި އަނބިމީހާ ދޫކޮށްލަން ފިރިމީހާ ނިންމުމަކީ އޭނާގެ އަނބިމީހާގެ ކުށެއް އޮތް ކަމެއް ނޫނެވެ. މި ފަދަ ފިރިންނަކީ ކަންތައްތަކުން އުފާ ނުލިބޭ މީހުންނެވެ. ކައިވެނިކުރެވުނު އަންހެން މީހާއާމެދު އުފާނުކުރަންޏާ ޒަވާޖީ ހަޔާތުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމުގެ ކެތްތެރިކަމެއް މި ފަދަ ފިރިހެނުންގައި ނުހުންނާނެއެވެ. ކިރިޔާ ވެސް ދަތިކަމެއް ކުރިމަތިވާއިރަށް ކައިވެނި ރޫޅާލާހިތްވެދާނެއެވެ.
މި ފާހަގަކޮށްލީ ޒަވާޖީ ހަޔާތުގެ ބާއްޖަވެރިކަމަށް ހުރަސްއެޅޭ ބައެއް ކަންތައްތަކެވެ. މި ކަމާ ފުންކޮށް ވިސްނައިލުމަށް ފަހު ރަނގަޅު ފިޔަވަޅުތަކެއް އެޅުމަކީ އެހާ އުނދަގޫކަމެއް ނޫނެވެ. ތިބާ ގާތުގައި ތިބާގެ ފިރިމީހާ އަބަދުގެއަބަދަށް ހުންނަން ބޭނުން ނަމަ މި ފާހަގަކޮށްލި ނުވަ ނުގުތާއާއެމު ސަމާލުވާށެވެ.
ނޯޓު: ތަރުޖަމާއެއް
