Support Us

ވާހަކަ: ކަނބުލޮ- އެޕިސޯޑް 3

އަހަރެން ދުވެފައި ގޮސް ގޭތެރެއަށް ވަނީމެވެ. ހިތުގައި ހުރި ހުރިހާ ރިހުމެއް ފިލައިގެން ދާންދެން ގިސްލަ ގިސްލާފައި ރުއީމެވެ. އަހަރެންގެ ފިރިމީހާ އަލީއަށް އަހަރެންގެ މި ޚަބަރު ލިބުނީ ދޯނީގެ ކޮންމެވެސް މީހެއްގެ ފަރާތުންނެވެ. އޭނާ ހުރީ އޭނާ މަހަށްދާ ދޯނި އެހެލާ އޭގެ ފެހިކަހާ ސާފުކުރުމާއި އަދި ކުރަން ޖެހޭ ކުދި މަރާމާތުތައް ކުރާށެވެ. އޭނާ އައިސް އަހަރެންގެ އަތުގައި ހިފާލިއެވެ.

"ކޮންމެ އިންސާނަކީ އިމްތިހާނު ކުރެވޭނޭ ބަޔެއް. އެކަލާނގެ މިންވަރު ކުރެއްވި ބަޔަކަށް އަންހެން ދަރިން ދެއްވާ. އަދި މިންވަރު ކުރެއްވި ބަޔަކަށް ފިރިހެން ދަރިން ދެއްވާ. އަދި ބައެއް މީހުންނަށް އަންހެން ދަރީންނާއި ފިރިހެން ދަރީން ދެއްވާފައި އަނެއްބަޔަކަށް ދަރީން ނުދެއްވަވާ. އަދި ދަރީން ދެއްވާފައި ބޮޑު އިމްތިހާނަކުން އިމްތިހާނު ކުރުމަށްޓަކައި އެދަރިންގެ ފުރާނަ ގެންދަވާ. ފުރާނައަކީ ﷲގެ މިލްކެއް. އެކަލާނގެއަށް ތައުބާވެ ފާފަ ފުއްސެވުމަށް ދަންނަވާ. އެއަށްވުރެ މަތީ ފަރާތެއްވޭތަ؟ ވީއިރު ފަހަރިދައިތަ ބުނާއެއްޗަކަށް ހިތް ޒަޚަމު ކޮށްލާކަށް ނުޖެހެއެއްނު. ދަރިން ނުލިބުނީމާ އަހަރެން ދެރަ ނުވާނީތަ؟ ނޫން. އަހަރެންވެސް ވަރަށް ދެރަވޭ. ހުރިހާވެސް ކަމަކީ ކެތްތެރިވުން." ފިރިމީހާ އަހަރެންނަށް ނަސޭހަތް ދިނެވެ.

އޭގެ ދެމަސް ފަހުން އަހަރެން މާބަނޑުވިއެވެ. ލޯބިލޯބި އަންހެން ކުއްޖެއް ލިބުނެވެ. އެއަށްފަހު ފަހަރަކު ކުއްޖެއް ފަހަރަކު ކުއްޖެއް ލިބެމުންދިޔައެވެ. އެއްކުއްޖަކު ކިރުތުނބުން ނުވީއްލެނީސް އަނެއް ކުއްޖަކު ލިބެމުން ދިޔައެވެ. ނަމަވެސް އެހީވާނެ ފަރާތެއް އަތް ގާތްކޮށްލަދޭނެ އެއްވެސް ފަރާތެއް ނެތެވެ. އެއްދަރިއަކު މޫދުން ގެންނައިރަށް އަނެއްދަރިއަކު ހޯދަން އަތިރިމައްޗަށް ދާން ޖެހެއެވެ. ރަށުގެ އެހެން ކުދިންހެން އެކުދިން ހާވިޔާކޮށްލަން ނޭދެވޭތީއެވެ. ބޮޑުވަމުންދާ ވަރަކުން ނުބައި އަޚުލާގުގެ ޝިކާރައަކަށްވާން ހިތް ނުރުހޭތީއެވެ.

ޒަމާނުގެ މޫސުން ބަދަލުވުމަކީ ދަރިންނަށް އޭގެ އަސަރު ކުރާކަމެކެވެ. އެ މޫސުމުގައި ބަދަލުވާ ރޯޅިތަކަށް ރަނގަޅަށް ފަރުވާތެރި ނުވެވިއްޖެނަމަ ނުބައި ގޯޅިތަކުން އެދަރިން ދަތުރު ކުރެއެވެ. އެ ރޯޅިތަކުގެ ފިނިން އުފާ ހޯދުމަށް ފުރާވަރަށް އަޅަމުންދާ ދަރިން އުޅެމުންދާއިރު އެދަރިންގެ ޢަމަލުތަކަށް ފާރަވެރި ނުވެވިއްޖެ ނަމަ ލަދުގަންނަން ޖެހިދެއެވެ.

ދަރިން ހަރުދަނާ އުސޫލެއްގެ ތެރޭގައި ބޮޑުކުރުމަކީ ބޮޑު މަސްއޫލިއްޔަތެކެވެ. ކޮންމެ ކުއްޖެއްގެ ހުރިހާ ކަމެއް ރަނގަޅަށް ބެލެހެއްޓުމާއެކު ބޮޑު ގެއެއްގެ ގޭތެރޭގެ މަސައްކަތްތައް ކުރުމަކީ ވަރަށް ކެތްތެރި މީހަކަށް ނޫނީ ނުކުރެވޭނެ ކަންކަންކަމެވެ. ކިތަންމެ ބުރަކޮށް މަސައްކަތް ކުރަމުން ދިޔަޔަސް ގޭގެ މަސައްކަތުގެ ހާލަތު ބަދަލެއް ނުވެއެވެ. އަދި އަހަރެމެން ދެމަފިރިންނަށް އޮންނަ މަޤާމެއް ބަދަލެއްވެސް ނުވެއެވެ. ނަމަވެސް މިހާރު ބާރުގަދަ މައިންބަފައިން މުސްކުޅިވެ އެމީހުން ބަލިވެއްޖެއެވެ. ތަންމަތީގައި އޮންނަން ޖެހުމުން ހޭހަން ކުރާނެ އަތްތައް ގެއްލިއްޖެއެވެ.  މާލޯބިން ކަމަށް ހެދިގެން އުޅުންމީހުންގެ ހިތްތަކުން އެމީހުނަށް އޮތް ލޯބި ފެނުނީ މަހަކު އެއްފަހަރުވެސް މައިންބަފައިންނަށް ގޮވާލަން ނައުމުންނެވެ.

"އަހަރެންގެ އަހަންމަދު އަޅެފަހެ ރަށުގައި ނޫޅެނީތަ؟" ބަލި އަޑަކުން މައިންބަފައިން މި އަހާ ސުވާލު ކޮންމެ ދުވަހަކުވެސް އަހަރެންނާއި ކުރިމަތިވެއެވެ.

"މަންމަ ދެރަނުވޭ. ރަށަށް އައިހާ އަވަހަކަށްް ބޭބެ ގާތު މަންމަގެ ވާހަކަ ބުނާނަން." ކޮންމެ ސުވާލަށް އަހަރެން  ދޮގުހަދަނީ އެމީހުން ހިތް ރުއްސުމަށްޓަކައެވެ.  އެމީހުންގެ މި މާޔޫސްކަން ކަނޑުވާލަދޭން ދައްކަމުން ދިޔަ އެއްވެސް ވާހަކައެއް ތެދަކަށް ނުވިއެވެ. މައިންބަފައިން ދެލޮލުގެ ކޮއި ފަދައިން ބެލި ބޮޑުބޭބެ އެމީހުން ގާތަށް ޒިޔާރަތް ކުރާނެ ކަމަށް ދެކުނަސް އެދުވަހެއް އެ މަންމައަކަށް ނުފެނުނެވެ. މުސްކުޅި ދެމަފިރިންގެ ހުރިހާ މުދަލަކާއި ފައިސާއެއް ދޫކޮށްފައި ދެމިއޮތުމުގެ އާލަމަށް ދަތުރުކުރީ ލޯބިން ހޭހަން ކުރި ދަރިންގެ ފަރާތުން އޭގެ ބަދަލު ނުލިބިއެވެ. މައިންބަފައިން މަރުވުމުން އަހަރެންނަށްވެސް މިނިވަންކަމުގެ ނޭވާއެއް ލެވުނެވެ. ކިތަންމެ ބުރަކޮށް އުޅެމުންވެސް އެމީހުން ނުހަނު ގަދަރާއި ލޯތްބާއެކީ ބަލާދެވުނުގެ ޔަގީންކަން އަހަރެންގެ ހިތުގައި އޮތީތީ ހިތްހަމަޖެހެއެވެ.

ސާޅީސް ނުވަނީސް މައިބަފައިންގެ މުދާބަހަން އައިރު މައިންބަފައިން ނުބަލާ މީހެއް އެމީހުންގެ ނަމުގައި ނެތެވެ. ތަރިކަމުދާ ބަހަން އައިއިރު ހުރިހާ ފައިސާއަކާއި މުދަލަށް ވީގޮތެއް އެނގުނު މީހެއްނެތެވެ. ދެންވެސް ހުރި އެއްޗަކުން އިންސާފެއް ނެތްގޮތަށް ބަހާލެވުނު މުސްކުޅި މުދަލުން ބޯތައްޓަކާއި ބަތްކާތައްޓަކާއި ސަމްސަލެއް އަހަރެންގެ ފިރިމީހާއަށް ލިބުނެވެ. މީހުން ބުނާގޮޮތުންވިއްޔާ އަދަދެއް ނެތްވަރަށް ލިބުުނު ފައިސާތައް އަދުލުވެރި ކަމެއްނެތި އެއްބަނޑުގައި ތިބި ބާރުގަދަ މީހުންގެ ގޭގައި ވަޅުލީއެވެ. ހަގީގަތުގައި ގެޔަށް ލިބުނު ހުރިހާ ފައިސާއެއް ދިޔަ ދިމާއެއް ދެނެވޮޑިގަންނަވާނީ ޚާލިގްވަންތަ ﷲއެވެ.

މުއްސަނދި ބޮޑުބޭބެގެ ދަރީން އީދުގައި ރީތި ހެދުންލާތަން ފެނުމުން އަހަރެން ދަރިންގެ ކުރި ޝަކުވާއަށް ޖަވާބެއް ނުދިނީ އެކުދިންދެކެ ލޯބި ނުވާތީއެއް ނޫނެވެ. މުއްސަނދި ބޮޑުދައިތަގެ ދަރީން ގެނައި ކެމެރާތަކުގެ ފޮޓޯތަކަށް އަހަރެންގެ ދަރީން ނާރުވައިގެން އެކުދީން ރޯތީ އެއްޗިހިކީ އެކުދިން އެމީހުންގެ އުފާތަކުގައި ބައިވެރި ނުކުރާކަށެއްވެސް ނޫނެވެ.

އަހަރެމެންނަކީ މުއްސަނދި އާއިލާއިން އޭގެ ފޮނި މީރުކަމެއް ނުލިބި މަސްވެރިކަމުގެ އަމިއްލަ މަސައްކަތުން އުޅެމުން ދިޔަ ބަޔަކަށްވީތީ އެ ދަރިންގެ އަންނައުނުގައިވެސް އެތަފާތުކަން ފެނިގެން ދިޔައެވެ. ހުރިހާކުދިން ބައިވެރިވާ ކަންކަމުގައި އަހަރެންގެ ކުދިން ބާކީ ކުރަމުންދިޔައީ އެމީހުންނާއި އެއްހަމައެއްގައި ދިރިއުޅުމުގެ ފެންވަރުގެ ގޮތުން ހިފަހައްޓާ ނުލެވުނީތީއެވެ. އެއްދުވަހަކު އަހަރެންގެ ދަރިން ބޮޑުބޭގެ ދަރިންނާއެކު ކުޅެން އުޅުނެވެ. ބޮޑުބޭބެގެ ދަރިއެއް އިންޑިޔާގައި ކިޔަވަން ހުރެފައި އައިއިރު ގެނައި ބޮޑު ކެމެރާއިން އާއިލާގެ ކުދިން ފޮޓޯ ނަގަމުން ދިޔައެވެ. އެއިން އެންމެ ފޮޓޯއަކަށްވެސް އަހަރެންގެ ދަރިންނަކަށް ޖާގައެއް ނުދިނެވެ. އެކުދިން ގެއަށް އައިސް ވަރަށް ރުޔެވެ.

"ކިތައްފަހަރު ވިސްނާދެވުުނުތަ ނެތް ފެންވަރުން ނޫޅުމަށް. މީހުން ބޭނުންކުރާހާއެއްޗެއް ހޯދަން ހިތް އެދިއްޖެނަމަ ތިމާއަކީ އަމިއްލަ އެދުންބޮޑު އަދި މިންވަރަށް އީމާން ނުވާ ބަޔަކަށް ވެދާނެ." ކުދިންގެ ބައްޕަ އެކުދިންނަށް އެތައް ނަސޭހަތެއް ދިނެވެ.

އެފަދަ ކިތަންމެ ހާދިސާއެއް އަހަރެންނަށް ތާރީޚާއެކު ކިޔާލަން އެނގެއެވެ.

އޭގެ އެއްދުވަހަކީ ބޮޑުދައިތަގެ ދަރިއެއް ކައިވެނި ކުރެވުނު ދުވަހު އަހަރެންގެ ދޮށީ އަންހެންދަރި ބަހައްޓާފައި އެންމެން ދަތުރު ދިޔަ ދުވަހެވެ. ރޯދަމަހު އާއިލާ ހުރިހާ ކުދިން ބޭއްވި ތަރާވީހުގައި އަހަރެންގެ ކުދިންނަށް އަންގާނުލާ ބޭއްވި ބޮޑު ތަރާވީހެވެ. ކުޑަބޭބެގެ ދަރި ރަށުގެ ބޮޑު މުއްސަންޖަކާއި ކައިވެނިކޮށް ރަށުގެ އެންމެންނަށް ދައުވަތު ދީގެން ބޭއްވި ޕާޓީއެއްގައި އަހަރެންގެ ކުދިންނަށް ދައުވަތު ނައުމުގެ އިތުރުން ވަމުންދާ ގޮތްގޮތް ނޭނގޭ އަހަރެންގެ ކުދިން ދިއުމުން އެކުދިންނަށް ކުރި މަލާމާތެވެ. އެދުވަސްތަކުގައި އެކުދިން ރުއިރުއިމަށް އެއްޗިހި ކިޔުނީ އަހަރެންގެ ދަރިންމެދުގައި ކުރަމުންދާ ތަފާތު ބޮޑު އަމަލުތަކުން ކުދިންނަށް ކުރަމުން ދިޔަ އަސަރުތައް ދެކެން ކެތް ނުވުމުންނެވެ. މައިންބަފައިންގެ މުދަލުން އަހަރެންގެ ދަރިންނަށް ލިބެންޖެހޭ ހައްގު އުނިވުމުން އަހަރެން ޝަކުވާ ނުކުރިޔަސް ކުދިންގެ ކެކުޅުމަށް ބީރު ކަންފަތެއް ދިނީ އެކުދިންނަށް ދިރިއުޅުމަކީ މިއީކަން އަންގައި ދިނުމަށްޓަކައެވެ. އެކުދިން ހަރުދަނާ ދަރިން ތަކަށް ހަދާ ދިނުމަށްޓަކައެވެ.

މި ހުރިހާކަމެއް މިހެން ދާއިރު ފިރިމީހާ ޤުރުއާން ޅެންބަޔާއި، ޤިޔާމަތު ނާމާ ކިޔަން ނުވަތަ ޤުރުއާން ކިޔަވަން އުނދޯލީގައި އިންނާތީ އަހަރެން އެއްޗިހި ކިޔަމެވެ. އުމުރުން ދުވަސްވީ މީހުން އެއްކޮށްގެން އެމީހުންނަށް އަލިފް ލައިލާ ވާހަކަޔާއި ޚާތިމް ތޯއީ ވާހަކަ ކިޔަން އިންނާތީ ކުދިކުދި ބަސްބަސް ބުނެލަމެވެ. ބަދަލުގައި  އޭނާ ފޮތް ލައްޕާލާފައި އުނދޯލި ހުއްޓާލާފައި އަހަރެންނަށް ބަލަން ހުންނާނެއެވެ.

"ކަނބުލޯ ތިހާ ރުޅިއެއް އަންނަންވީ ކީއްކުރަން. ދުނިޔެއަކީ ހިނދުކޮޅެއްގެ ތަނެއް. ޝަކުވާޔާނުލާ ދިރިއުޅެން ދަސްކުރަން އަދިވެސް އާދަ ނުވަނީ ދޯ. ނިކަން އަހަރެންގާތު މިތާ އިށީނދެލަ ބަލަ." އޭނާ ހިނިތުންވެ ހުރެގެން އުނދޯލީގައި އިށީންނަންވީތަން ދައްކާލާފައި ބުނެއެވެ.  ވާ ފޫހިން މޫނު ހަދާލާފައި ދާތީ އޭނާ ގާތަށް އަބަދުވެސް އަންނާނީ  ހިންޏެވެ. އަދި އެ އަންނަ މުސްކުޅިންވެސް އަލީގެ ކޮޅަށް ހިފާލާ އޭނާއަށް ތާއީދު ކުރެއެވެ.

"ކަނބުލޯ އެއްފަހަރުވެސް ސައިފް ރަސްގެފާނުގެ ބާރުގަދަކަމުގެ ވާހަކަޔާއި ކައުންޓް އޮފް ދަ މޮންޓެ ކުރިސްޓޯ ގެ ބަދަލު ހިފާލިގޮތް އަޑުއަހާލުމުން މިދުނިޔޭގެ ކަންކަމަށް މާބޮޑު ފޯރިއެއް ނުހުންނާނެ. ބޮޑު ތަކުރުފާނުގެ ވާހަކަޔާއި ތޫރުސީނާގެ ވިދުވަރު އެއްފަހަރުނަމަވެސް އަޑު އަހާލަން އާދެބަލަ. ކުދިންނަށް އެދިމާވާ ކަންކަމާއި މާބޮޑަށް ފިކުރު ނުކުރޭ. އެއީ ކޮންމެ ކުއްޖެއްގެ ހަޔާތުގައިވެސް ދިމާވާނެ ކަންކަން. އެކަމުން އެމީހުން އެތައް ފިލާވަޅެއް ދަސްކުރާނެ." ފިރިމީހާ ބުނެއެވެ.

"ތިޔަ ފޮތްތައް ކިޔާކަށް މަށަކަށް ވަގުތެއް ނެތް." އަހަރެން ބުނަމެވެ.

އުމުރުން ދުވަސް ވީ މީހުންގެ ތެރޭގައި އަލީއަކީ ލޯބި ލިބިގެން ވާ މީހެކެވެ. އެމީހުންނަށް ވާހަކަ އިއްވައިދޭ އިރު އަހަރެން ރުޅި މޫނު ދައްކަމެވެ. މީގެއިތުރުން އެ އިބުރާހިމްބޭއާއި އާދަނުބޭމެން މިގެއަށް ނާންނަ ނަމަ އަހަރެންގެ ބޮލަށް ހާދަ ފަސޭހަ ވާނޭ ބުނެފައި ކިރުސަރުބަތު ގެނެސް ދިނުމުން އަހަރެންނަށް އަބަދުވެސް އެމީހުން ހެޔޮ ދުޢާ ކުރެއެވެ.

ލިބުނު ހަކުދިންގެ ތެރޭން ހަތަރު ކުދީން ރަށު ސްކޫލުން ގްރޭޑް ހަތަކާއި ހަމަޔަށް ކިޔަވާ ނިމިއްޖެއެވެ. އެކުދިިން ވީ ރަށުގެ އެންމެން އިހުތިރާމު ކުރާ މޮޅު އަދި އަޚުލާގު ރަނގަޅު ކުދިންނަށެވެ. ހަޔާތުގައި ދިމާވި ކަންކަމުގެ ތެރޭގައި ޅައުމުރު ހޭދަކުރި ގޮތާއި ފިރިމީހާގެ މައިންބަފައިން ގޭގައި އުޅުނު ދުވަސްތަކާއި، އަމިއްލަ ގެއަށް ބަދަލުވެފައި އުޅުނު ދުވަސްވަރު ލިބުނު ފައިސާގެ ދަތިކަމަށްވުރެ ބޮޑަށް އަހަންނަށް އުނދަގޫވީ ދަރިން ބޮޑުވުމުންނެވެ. އިތުރު ތަޢުލީމް ހާސިލް ކުރުމަށްޓަކައި ކުދިން އަހަރެންނާ ވަކި ކުރުމަކީ އަހަރެންނަށް ވަރަށް އުނދަގޫ ނިންމުމަކަށްވިއެވެ.

ނުހަނު ހިތްވަރު ކޮށްފައި ރަށުން ނުލިބޭ މޮޅު ތަޢުލީމް ހޯދައިދޭން އެކުދިން މާލެއަށް ފޮނުވީމެވެ. އެކިކުދިން އެކިގޭގައި ގުލާނު ކޮށްގެން ކިޔެވީ އަހަރެމެންގެ ތަނަވަސްކަން ނެތްކަން އެނގި ހުރެއެވެ. ނުހަނު ލޯބިން ބަލާބޮޑުކުރި ކުދިން އެހެން ރަށަކަށް ފޮނުވާލުމުން އަހަރެން ވަރަށް ރުއީމެވެ. ރަށުން ކިޔެވޭނެ އެންމެ މައްޗަކަށް ކިޔެވުމުން އެ ނިމުނީ ކަމާއި ދަރިން މަށާ ދުރުކުރުމުން މައިލަނގޮޑިއަކަށް ކެތެއް ނުވާނެ ކަމުގައި ބުނެ އެ ނިންމުން ބަދަލުކުރަން ފިރިމީހާގާތު އާދޭސް ކުރީމެވެ. އަހަރެން ހިތަށް އަރާ އެއްޗިހިން ފިރިމީހާއާއި ޝަކުވާ ކުރެވުނު އަދަދެއް ނޭނގެއެވެ.

"އެކުދިން މޮޅު ކުދިންނަށް ހަނދަން ޖެހޭނެ. ކޮންމެވެސް ދުވަހަކުން އަހަރެމެން ފަޚުރުވެރިވާނެ ދަރިއަކަށް ވާތަން އަހަރެންނަށް ފެންނާނެ. އެކުދިންނަށްޓަކައި މުޅި މިޤައުމު ފަޚުރުވެރިވާނެ. ދަރިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައި ދިނުމެއްނޫންތަ އެންމެ ބޮޑު އުފަލަކީ؟" ފިރިމީހާ ކިޔަމުން ދިޔައެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *