Support Us

ގްރޭންޑް ހަޔަޓް އިރަވަން ހޮޓެލްގައި ތައިލެންޑްގެ ފުލުހުން ހަރަކާތްތެރިވަނީ

ސައިނައިޑް ދީގެން ބެންކޮކް ހޮޓަލެއްގައި ހަ މަރު

ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ މަތީފަންތީގެ ގްރޭންޑް ހަޔަޓް އިރަވަން ހޮޓެލްއިން ފެނުނު ހަ ހަށިގަނޑަކީ ސައިނައިޑް މާއްދާއިން ވިހަވަގެން މަރުވި މީހުން ކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެ އާއްމުކުރި އޮޓޮޕްސީ ރިޕޯޓްތައް ދެއްކި ގޮތުން ހަ މީހުން ވެސް މަރުވެފައިވަނީ ސައިނައިޑް ހަޖަމު ކުރެވިފައިވުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ޝައްކު ކުރަނީ މި ބިދޭސީ ހަ މީހުންގެ ތެރެއިން ކޮންމެވެސް އެކަކު، އެ މީހާ ވެސް ހިމެނޭ ގޮތަށް، އަނެއް ފަސް މީހުންގެ ސަޔަށް ވެސް ސައިނައިޑް އެޅީ ކަމަށެވެ.

"އަންގާރަ ދުވަހު ފެނުނު މި ހަ މީހުންގެ ހަށިގަނޑުތައް އޮތް އެޕާޓްމަންޓްގެ ތެރެއިން ސައިނައިޑްގެ އަސަރުތައް ފެނުނު،" ފުލުހުން އިއްޔެ ބުންޏެވެ.

ރަސްމީ އިދާރާތަކުން ބުނީ މި މައްސަލައަކީ "ޒާތީ" ކަމެއް ކަމަށް ބެލެވޭ ކަމަށާއި ތައިލެންޑްގެ މުހިންމު ޓޫރިޒަމް ސިނާއަތަށް ހުރި ނުރައްކަލެއް ކަމަށް ނުބެލެވޭ ކަމަށެވެ. އެ ގޮތުން މި ހާދިސާ ހިނގީ މަރުވި ހަ މީހުންގެ ތެރެއިން އެކަކު ހުރިހާ އެންމެންގެ ސަޔަށް ސައިނައިޑް އެޅުމުން ކަމަށާއި މި ގޮތަށް އޭނާ ކަންތައް ކުރީ ފައިސާގެ މައްސަލައެއްގައި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.

"ހަ ޖޯޑުގައި ވެސް ސައިނައިޑް ހުރި. ހޮޓެލްގެ މުވައްޒަފަކު ސައި ތަށިތައް ގެނައީ. އެއާއެކު ހޫނުފެން ދެ ފުޅި އާއި ކިރާއި ސައި ޖަގުތަކެއް ވެސް ގެނައި. ދެން އެ ތަކެއްޗަށް ސައިނައިޑް އެޅީ އެ ހަ ބިދޭސީންގެ ތެރެއިން އެކަކު،" ފުލުހުންގެ ފޮރެންސިކް ބައިގެ ކޮމާންޑަރު ޓްރައިރޮންގް ފެޕަން ވިދާޅުވިއެވެ.

މަރުވެފައިވަނީ ތިން ފިރިހެނުންނާއި ތިން އަންހެނުންނެވެ. އެ ތަނުން ދެ މީހުންނަކީ ވިއެޓްނާމާ ގުޅުން ހުރި އެމެރިކާގެ ދެ މީހެކެވެ. ދެން ހިމެނޭ ހަތަރު މީހުންނަކީ ވިއެޓްނާމު މީހުންނެވެ. އުމުރު އުޅެނީ 37 އާއި 56 އާ ދެމެދުގައެވެ.

އެ މީހުން އެންމެން އަމިއްލައަށް މަރުވީ ކަމަށް ނުބެލެވޭ ކަމަށް ޓްރައިރޮންގް ވިދާޅުވިއެވެ.

"ސަބަބަކީ އޭގެ ތެރެއިން ބައެއް މީހުންވަނީ ތައިލެންޑްގައި ފަހުން ހޭދަކުރާނެ ދުވަސްތަކަށް ޓުއަރ ގައިޑުންނާއި ޓެކްސީކޮށްދޭނެ މީހުންނަށް އެޑްވާންސްކޮށް ފައިސާ ދައްކައިފައި،" އޭނާ ވިދާޅުވިއެވެ.

ޓްރައިރޮންގް ވިދާޅުވީ އެކި މީހުންގެ ހަށިގަނޑު ފެނުނީ އެޕާޓްމަންޓްގެ އެކި ތަނުން ކަމަށްވާތީ ވެސް މިއީ އަމިއްލައަށް މަރުވުމުގެ މައްސަލައެއް ކަމަށް ނުބެލެވޭ ކަމަށެވެ.

"ބައެއް ހަށިގަނޑުތައް ފެނުނީ ނިދާކޮޓަރިން. އަނެއް ބައި ހަށިގަނޑުތައް ސިޓިންގ ރޫމް ތެރެއިން. މިހެންވެ އެނގި ހުރެ ސައިނައިޑް ކެއީ ކަމަކަށް ނުބެލެވޭ،" ޓްރައިރޮންގް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަމިއްލައަށް މަރުވާން އުޅުނު ނަމަ ސައިނައިޑް ކައިގެން އެންމެން އެކުގައި މަރުވުމަށް ތިބޭނީ އެއް ތަނަކަށް ޖަމާވެފައި ކަމަށެވެ.

ތައިލެންޑްގެ ޗުލަލޮންގްކޯން ޔުނިވާސިޓީގެ ބޭހާ ބެހޭ ބައިގެ ޑީން ޗެންޗައި ސިޓިޕުންޓް ވިދާޅުވީ ހަ މީހުން ވެސް މަރުވީ ސައިނައިޑްގެ އަސަރުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"އެ މީހުން ނިދާ ބޭސް ނުވަތަ އެހެން ވެސް އެއްޗެއް ބޭނުން ކުރި ކަމެއް ނޭނގޭ. ނަމަވެސް ހަށިގަނޑުގައި ސައިނައިޑް ހުރި މިންވަރުން އެނގޭ ސައިނައިޑްގެ ސަބަބުންކަން ހަ މީހުން ވެސް މަރުވީ،" ޗެންޗައި ވިދާޅުވިއެވެ.

ހަ  މީހުންގެ ސައި ތައްޓަށް ސައިނައިޑް އެޅީ އެ ތަނުން ކޮންމެވެސް އެކަކު ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވާ ބުނުމަށް މި ކަމުން ބާރުލިބެއެވެ.

"މަރުވި ހަ މީހުންގެ ތެރެއިން ކޮންމެވެސް އެކަކު އެ އެންމެންގެ ސަޔަށް ސައިނައިޑް އެޅީ،" ބެންކޮކް ފުލުހުންގެ ވެރިޔާގެ ނައިބު ނޮޕަސިލް ޕޫންސަވަސް ވިދާޅުވިއެވެ.

މަރުވި މީހުންގެ ތިމާގެ މީހުންގެ ވާހަކައަށް ބަލައިފައި ފުލުހުން ބުނީ މި މައްސަލައަކީ އެތައް ހާސް ޑޮލަރަކާ ގުޅޭ މައްސަލައެއް ކަމަށް ބެލެވޭ ކަމަށެވެ. އެ ގޮތުން މަރުވި މީހުންގެ ތެރޭގައި ހިމެނޭ ދެމިފިރިން ވަނީ މީގެ ތެރެއިން ދެ މީހުންނާ ގުޅިގެން އިންވެސްޓްކޮށްފައި ކަމަށްވެއެވެ. މި އިންވެސްޓްމަންޓަކީ ޖަޕާނުގައި ހޮސްޕިޓަލެއް އަޅަން ބޭނުން ކުރަން އެއްކުރި ފައިސާ ކަމަށާއި ބެންކޮކްގައި ހަ މީހުން ބައްދަލުކުރީ މި މަޝްރޫއު އާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކަމަށް ވެދާނެ ކަމަށް ނޮޕަސިލް ވިދާޅުވިއެވެ.

ޖަރުމަނުގެ ނޫސް އެޖެންސީއަކުން ބުނީ ސަޔަށް ސައިނައިޑް އެޅީ މި ގްރޫޕްގައި ހިމެނޭ އުމުރުން 56 އަހަރުގެ އަންހެނެއް ކަމަށް ބެލެވޭ ކަމަށެވެ.

ވިއެޓްނާމު ސަރުކާރުން ބުނީ މި ހާދިސާގެ ތަހުގީގާބެހޭ ކަންތައްތަކުގައި ބެންކޮކްގައި ހުންނަ އެ ގައުމުގެ އެމްބަސީން ތައިލެންޑްގެ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ.

އެމެރިކާގެ ހާރިޖިއްޔާއިން ބުނީ މި ހާދިސާ ގާތުން ބަލަމުން އަންނަ ކަމަށާއި ނަމަވެސް މި ކަމާ ގުޅޭ ތަހުގީގު ހިންގުމަކީ ތައިލެންޑްގެ ބާރުގެ ދަށުގައިވާ ކަމެއް ކަމަށެވެ.

ތައިލެންޑްގެ ބޮޑު ވަޒީރު ސްރެތާ ތަވިސިން ވަނީ އަވަސް ތަހުގީގެއް ހިންގުމަށް ހިތްވަރު ދެއްވައިފައެވެ. އެއީ މި މައްސަލައިގެ ސަބަބުން އެ ގައުމުގެ ޓޫރިޒަމް ސިނާއަތަށް ކޮށްފާނެ އަސަރު ކުޑަކުރުމަށެވެ.

އޭނާ އާއި ރަޝިއާގެ ހަކަތައާ ބެހޭ ވަޒީރު ސަރްގޭ ސިވިލެވް އެ ހޮޓަލްގައި އިއްޔެ ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމަށް ނޭދެވޭ އަސަރެއްކޮށްފާނެތޯ ސުވާލު ކުރުމުން ސްރެސްތާ ވިދާޅުވީ އެއަކު މައްސަލައެއް ނެތް ކަމަށެވެ.

"މިއީ ޓެރަރިސްޓް ހަމަލާއެއް ނޫން. ނުވަތަ ސެކިއުރިޓީ މައްސަލައެއް ވެސް ނޫން. ހުރިހާ ކަމެއް ވެސް ރަނގަޅު،" އޭނާ ވިދާޅުވިއެވެ.

ނޮޕަސިލް ވިދާޅުވީ މި މައްސަލަ ބެލެވެނީ މި މައްސަލައިގައި ހިމެނުނު މީހުންގެ މެދުގައި ހިނގި ޒާތީ މައްސަލައެއް ކަމަށާއި މިހެންވެ އެ ގައުމަށް އަންނަ ފަތުރުވެރިންނަށް ނުރައްކަލެއް ނެތް ކަމަށެވެ.

ނަމަވެސް މި މައްސަލަ ތައިލެންޑްގެ މީޑިއާއިން ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ބަޑިޖެހުމުގެ ހާދިސާއެއްގެ ގޮތުގައި ކަމަށްވާތީ ތައިލެންޑްގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ބެލެވެއެވެ. ތައިލެންޑަކީ ޓޫރިޒަމް ސިނާއަތަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެކެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު އިގުތިސާދު އަދިވެސް ހަމައަކަށް ނޭޅެއެވެ.

ތައިލެންޑަށް މި އަހަރު 35 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާކުރެއެވެ. މިދިޔަ އަހަރު އައީ 28 މިލިއަން ޓޫރިސްޓުންނެވެ. އަދި މިދިޔަ އަހަރު ޓޫރިޒަމުން 33 ބިލިއަން ޑޮލަރު ލިބިފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް