ތިބާގެ އަނބިމީހާ ތިބާއާމެދު ހިތްހަމަނުޖެހެނީ ކީއްވެ ހެއްޔެވެ؟ އޭނާގެ ގާތަށް އެހާ ފަސޭހައިން ރުޅިއައިސް، ރުންކުރުވެ، މާޔޫސްވެ، އަދި ތިބާއާމެދު ކަތި ނަޒަރަކުން ބަލަނީ ކީއްވެ ހެއްޔެވެ؟ ކައިވެނި ކުރުމަށް ފަހު ތިބާއަށް އޭނާ ކުރި އިހްތިރާމް ގެއްލިގެން ދިޔައީ ކީއްވެ ހެއްޔެވެ؟ ޖަޒުބާތީ އަނދަވަޅަކަށް ވެއްޓުމުގެ އިތުރުން އޭނާ ތިބާއާއެކު އެއްދާން ކުރުމާ ދުރުވީ ކީއްވެ ހެއްޔެވެ؟
ތިބާގެ ޒަވާޖީ ހަޔާތުގައި މި ގޮތަށް ކަންތައްތައް ކުރިމަތިވުމަށް ދިމާވި 10 ސަބަބަކަށް ބަލައިލާނަމެވެ.
1. އަންހެނުންގެ ރަނގަޅު ކަންތައްތައް ތިބާ ބަލައިނުގަތުން:
ބައެއް ފިރިންނަކީ ޝަކުވާ ކުރުމާއި ފާޑުކިޔުމުގައި ކުޅަދާނަ ބައެކެވެ. އެ މީހުންނަށް ހީވެފައި އޮންނަނީ އަނބިންނަށް ތައުރީފުކޮށް ވާހަކަ ދައްކާ ނަމަ އަނބިން ނުކިއްސަރު ގޮތަކަށް އަމަލުކުރަން ފަށައިފާނެ ކަމަށެވެ. ތިބާއަކީ އެ ކަހަލަ ފިރިއެއް ނަމަ، އުފާވެރި އަނތްބަކު ތިބާގެ ފުރާޅު ދަށުގައި ނުގެންގުޅެވޭނެއެވެ. "ޝުކުރިއްޔާ"، "ތިބާ ކަންތައްތައް ކުރާ ގޮތް ނުހަނު ރަނގަޅު"، އަދި "އަހަރެންގެ ހަޔާތުގައި ތިބާ ހުރުމަކީ އަހަރެން ވަރަށް އުފާވާ ކަމެއް،" މި ކަހަލަ ހެޔޮ ބަސްތައް އަނބިމީހާ ގާތުގައި ބުނުމުން އޭގެ ޖާދޫ ފެންނާނެއެވެ. ތިބާގެ ޒަވާޖީ ހަޔާތުގައެވެ. ތިބާ އުފާކޮށްދޭން ތިބާގެ އަންހެނުން މަސައްކަތްކުރާ ނަމަ އެ ކަން ބަލައިގަންނާށެވެ. އެ ކަމާ އޭނާ އުފާ ކުރާނެއެވެ. އަދި ތިބާގެ ޒަވާޖީ ހަޔާތުގައި ކުންޏެއް ޖެހިފައިވާ ނަމަ އެ ކަން ފިލައިގެންދާނެއެވެ.
2. އަންހެނުން ދައްކާ ވާހަކަ ތިބާ އަޑުނޭހުން:
އަހަރެމެން އިންސާނުންނަކީ އެކަކު އަނެކަކާ މުވާސަލާތް ކުރާ ބައެކެވެ. އަންހެނުންނަކީ ވާހަކަ ދެއްކުމަށް ލޯބިކުރާ ބައެކެވެ. އޭގެ އިތުރުން އެ މީހުން ދައްކާ ވާހަކަ އަޑުއެހުމަށް އެ މީހުން އެދެއެވެ. އަދި އެ ވާހަކަތައް ފަހުމްވުމަށް ވެސް އެދޭނެއެވެ. މި ކަހަލަ ވަގުތުތަކުގައި ކަންދިމާކުރި ގޮތުން ތިބާ ބިޒީ ނަމަ، އޭނާއާ ހަތަރުކަޅި ހަމަކޮށްލައި، ފުންކޮށް ބަލައިލާށެވެ. މާތްކަލާނގެ ނަގައިފައި ތިބާއަށް އެންމެ މުހިންމީ އޭނާ ކަމަށް ބުނާށެވެ. ތިބާއަކީ ބިޒީ މީހެއް ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ތިބާގެ އަންހެނުންނާމެދު އަޅާނުލާ މީހަކަށް ތިބާ ނުވާށެވެ. ކޮންމެ ދުވަހަކު ވެސް ތިބާއާ ވާހަކަ ދައްކަން އޭނާ ބޭނުންވާނެއެވެ.
3. އަންހެނުންނަށް ބޭވަފާތެރިވުން:
ތިބާ ބޭވަފާތެރިވެއްޖެ ނަމަ، ތިބާއާ އޮތް ގުޅުން އޭނާ ކަނޑައިލައިނެއެވެ. އެހެން އަންހެނުންގެ ފަހަތުން ދުވެ، އެ ފަދަ ހިލޭ އަންހެނުންނާ ޖަޒުބާތީ އަދި ޝަހުވާނީ ވާހަކަ ދައްކާ ނަމަ، ތިބާގެ އަންހެނުންގެ ސިކުނޑިއަށް އެކަން ބަރުދާސްތެއް ނުކުރެވޭނެއެވެ. އެއްވެސް އަންހެނަކީ ބޭވަފާތެރި ފިރިޔަކާ އެކު އުޅެން ބޭނުންވާނެ އަންހެނެއް ނޫނެވެ. ތިބާ ބޭވަފާތެރި ވެފައިވާ ނަމަ، ތިބާގެ ޒަވާޖީ ހަޔާތް ސަލާމަތް ކުރަން ވަގުތުން ފިޔަޅު އަޅާށެވެ. އެހެން ނޫނީ އިސާހިތަކު ވަރިފަށަށް އަރައިފާނެއެވެ.
4. އަނބިމީހާގެ "ރީތިކަން" ބަލައިގަންނަން ނޭނގުން:
ބައެއް ފިރިންނަށް އެ މީހުންގެ އަނބިންގެ ރީތިކަން ފެނުނަސް، އެ ކަން ބަލައިގަންނަކަމުގެ ވާހަކަ ބުނާކަށް ނޭނގެއެވެ. ތިބާއަކީ މި ކަހަލަ ފިރިއެއް ނަމަ އަނބިމީހާ ރީތި ކަމަށް އޭނާގެ ގާތުގައި ކޮންމެ ދުވަހަކު ވެސް ބުނާށެވެ. އެ ކަމަކީ ތިބާއަށް އެހެން މީހަކު ދަސްކޮށްދެވޭނެ ކަމެއް ނޫނެވެ. އެކަން ކުރަން ޖެހޭނީ ތިބާއެވެ. ތިބާގެ ހިތްހަމަޖެހުމަށްޓަކައި އަނބިމީހާ ނަލަ ވާ ނަމަ އެ ކަން ބަލައިގަންނަ ކަމަށް ބުނާށެވެ. އޭނާގެ އިސްތަށިގަނޑާއި ހަށިގަނޑާއި ގުދުރަތީ ގޮތުން ލިބިފައިވާ ރީތި ސިފަތަކަށް ތައުރީފު ކުރާށެވެ. އަންހެނުންނަކީ ވީހާ ވެސް ގިނައެއްކޮށް ތައުރީފު ބޭނުންވާ ބައެކެވެ.
5. އެއްދާން ކުރުމުގައި އަވަސްއަރުވައިލުން:
ޖިސްމާނީ ގޮތުންނާއި ޖަޒުބާތީ ގޮތުން އަންހެނުންނާއި ފިރިހެނުން ތަފާތެވެ. ފިރިހެނުންނަށް ޖިންސީ އެދުން ފުދުމުން އެ ނިމުނީއެވެ. ނަމަވެސް އަންހެނުން އެހެނެއް ނޫނެވެ. އެއްދާން ކުރުމުގެ ކުރިން "ލޯބިކުރުން" ނުވަތަ "ފޯޕްލޭ"އަކީ އަންހެނުންނަށް ވަރަށް މުހިންމު ކަމެކެވެ. ޖިންސީ އެދުން ފުއްދުމުގައި އަވަސްއަރުވައިލުމަކީ ޒަވާޖީ ހަޔާތަށް މުހިންމުވާ ޖިންސީ އެދުން ހަނަފަސްކޮށްލައި ކަމެކެވެ. "ރޮމޭންޓިކް" ފިރިއަކަށް ވާން ތިބާ ދަސްކުރާށެވެ. އަނބިމީހާއާ ކެތްތެރިކަމާއެކު މުއާމަލާތް ކުރާށެވެ. ޖިމާއުވުމާ ގާތްވާން ވާނީ އެ ކަމަށް މަޑުމަޑުން މަގުފަހިކޮށްގެންނެވެ. އަދި ކުންނު އައުމަށްފަހު އެނދުގެ އަނެއް ފަރާތަށް އެނބުރި ވަގުތުން ނިދަން ނޫޅޭށެވެ. އަނބިމީހާގެ ގައިގައި ބައްދައިލައިގެން އޮންނާށެވެ. ތިބާގެ އަތުތެރޭގައި ނިދައިލަން އޭނާއަށް ފުރުސަތު ދޭށެވެ. ފިރިމީހާގެ އަތުތެރޭގައި ވުމަކީ އަނބިމީހާއަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ.
6. ގޭތެރޭގެ މަސައްކަތުގައި ބައިވެރިނުވުން:
ތިބާ އަބަދު އިންނަނީ ރިމޯޓު ހިފައިގެން ޓީވީ ދޮށުގައި ހެއްޔެވެ؟ ބަދިގެ ތެރޭގައި އަންހެނުން ކައްކަން އުޅޭއިރުއެވެ. ދަރިފުޅުގެ ނެޕީ ބަދަލު ކުރުމުގައި އޭނާ އުޅޭއިރުއެވެ. ސްކޫލަށް ދާ ކުދިންގެ ހޯމްވޯކް ހެދުމަށް އޭނާ އެހީވުމުގައި އުޅޭއިރުއެވެ. ގޭތެރެ ކުނިކެހުމުގައި އޭނާ އުޅޭއިރުއެވެ. ޖެހިގެން އަންނަ ދުވަހަށް ކުރަން ހުރި ކަންތައްތައް ކުރުމަށް އޭނާ ތައްޔާރުވަމުން ދާއިރުގައެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. ތިބާގެ އަންހެނުން ތިބާއާ އެއްވަރަށް ނުވަތަ އެއަށްވުރެ އިތުރަށް ވެސް މަސައްކަތް ކޮށްފާނެއެވެ. ގޭތެރޭގެ ކަންތައްތަކުގައި އޭނާއަށް އެހީތެރިވެދޭށެވެ. އޭނާއަކީ ތިބާގެ ގޭގައި ގެންގުޅޭ "މެއިޑް" ނުވަތަ ނޯކަރެއް ކަމަށް ނުދެކޭށެވެ. އެހާ ބޮޑު ސްޓްރެސްއަކަށް އޭނާ ދިއުމަށް ދޫނުކޮށްލާށެވެ.
7. އެހެން އަންހެނުންނާ އަޅާބެލުން:
ނަމަނަމަ މި ފަދަ ކަމެއް ނުކުރާށެވެ. މިއީ ލަދުވެތި ކަމެކެވެ. އެހެނަސް، އެހެން އަންހެނުންގެ ދިރިއުޅުން ހުރި ގޮތެއް އެއްވެސް މީހަކަށް ހަގީގަތުގައި ނޭނގޭނެއެވެ. ތިބާގެ ބަގީޗާއަށް ވުރެ އެހެން ފިރިންގެ ބަގީޗާ ރީތިވެދާނެ ކަމަށް ތިބާއަށް ހީކުރެވިދާނެއެވެ. ނަމަވެސް އެއީ ހަގީގަތަކަށް ނުވެދާނެއެވެ. ތިބާ ސަމާލުކަން ދޭންވާނީ ތިބާގެ އަނބިމީހާއަށެވެ. ތިބާގެ ޒަވާޖީ ހަޔާތް ރަނގަޅު ކުރެވޭތޯއެވެ.
8. އާއްމު ތަނެއްގައި އަނބިމީހާގެ ކުށް ދެއްކުން:
އެއަށްވުރެ ލަދުގަންނަ ކަމެއް އަންހެނަކަށް ކުރިމައްޗެއް ނުވާނެއެވެ. އެހެން މީހުން ތިބޭ އާއްމު ތަންތާނގައި އޭނާއަށް ކުރެވޭ ކުށްތައް ފާހަގަނުކުރާށެވެ. އަދި އޭނާއާ އަޑުގަދަކޮށް ވާހަކަ ނުދައްކާށެވެ. އޭނާއާ ދިމާއަށް ހަޅޭއް ވެސް ނުލަވާށެވެ. އެއީ ވަރަށް ލަދުވެތި ކަމެކެވެ. އޭނާގެ ފަރާތުން ކުށެއް ފެނިއްޖެ ނަމަ، އެ ކަން ރަނގަޅު ކުރަން ވާހަކަ ދައްކާނީ ދެމަފިރިން ގެއިން ބޭރަށް ދިއުމުގެ ކުރިންނެވެ. އަދި ކިތައްމެ ކުއްލި ހާލަތެއް ދިމާވި ނަމަވެސް، މި ގޮތަށް ވާހަކަ ދައްކަންވާނީ މަޑުމައިތިރިކަމާއި ސިއްރުންނެވެ. އޭނާގެ "އިމޭޖް" ނުވަތަ އެހެން މީހުންނަށް އޭނާ ފެންނަ ގޮތް ރައްކާތެރި ކޮށްދިނުމުން އޭނާ ތިބާއަށް ކުރާ ގަދަރު އިތުރުވެ، ތިބާއާމެދު ހިތްހަމަޖެހުން އިތުރުވާނެއެވެ.
9. އާއިލީ މައްސަލަތަކުގައި އަނބިމީހާގެ ކޮޅަށް ނޭރުން:
މިސާލެއް ދައްކާ ނަމަ، ތިބާގެ މަންމަ އާއި ތިބާގެ އަނބިމީހާއާ މައްސަލައެއް ޖެހުނީއެވެ. މި "ޒުވާބު"ގައި ތިބާ އެރީ ތިބާގެ މަންމަ ކޮޅަށެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ. ތިބާއަކީ މިހާރު ތިބާގެ މަންމައާ ގުޅިފައިވާ މީހެއް ނޫނެވެ. ތިބާ މިހާރު ގުޅިގެން އުޅެނީ ތިބާގެ އަނބިމީހާއާއެވެ. ކަންތައްތައް ނިންމުމުގައި އަޑުއަހަންޖެހޭނީ އަނބިމީހާ ދައްކާ ވާހަކައަށެވެ. މަންމައާ ވާހަކަ ދައްކަން ޖެހޭނީ ދެމަފިރިން އެކައްޗެއް ކިޔައިގެންނެވެ. ބައެއް ފިރިން އެ މީހުންގެ ޒަވާޖީ ހަޔާތުގެ ކަންތައްތައް ނިންމަން ދޫކޮށްލަނީ މަންމައަށެވެ. އަދި އަނބިމީހާ ގެންގުޅެނީ އަޅެއްހެންނެވެ. މި ކަހަލަ ގޮތަކަށް އާއިލާގެ ކަންތައްތައް އިންތިޒާމު ކޮށްފި ނަމަ، ތިބާގެ އަންހެނުން ތިބާއާމެދު އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހޭނެއެވެ.
10. އަނބިމީހާގެ ކަންތައްތަކަށް ފައިސާ ހަރަދު ނުކުރުން:
ބައެއް ފިރިން ފައިސާ ހަރަދު ކުރަނީ އަމިއްލަ ނަފުސު ބޭނުންވާ ކަންތައްތަކަށެވެ. ނޫނީ އޭނާގެ އާއިލާ މީހުންނަށެވެ. އަނބިމީހާ އާއި ދަރިފުޅަށް ކުޑަ ހަރަދެއް ނުވަތަ އެއްވެސް ހަރަދެއް ނުކޮށެވެ. މި ފަދަ ފިރިން ބޭފުރުށުން ފެންނާނީ ވަރަށް ރަނގަޅު އަދި ދީލަތި ބައެއްގެ ގޮތުގައެވެ. ނަމަވެސް އަނބިމީހާއަށް ކުރިމަތިވާނީ ވޭނާއި ހިތާމައާއި ބަނޑުހައިހޫނުކަމާއި ބޮލުގައި ދަރަނި އެޅުމެވެ. ސަދަގާތަކީ ގޭތެރެއިން ފެށޭ ކަމެކެވެ. ތިބާގެ އަނބިމީހާ އާއި ދަރިންނަކީ އެހެން މީހުންނަށް ވުރެ ތިބާއަށް މުހިންމު ބައެކެވެ. އެހެން މީހުންނަށް ކަންތައްތައް ކޮށްދިނުމުގެ ކުރިން އަނބިދަރިންގެ ކަންތައްތައް ހަމަޖައްސައިދޭށެވެ. ކާންބޯންދިނުމާއި އަންނައުނު ފަދަ ތަކެތި ދިނުމުން ތިބާގެ އާއިލާއަށް އުފާވެރިކަން އިހުސާސް ކުރެވޭނެއެވެ.
އެހެންކަމުން ފުރަތަމަ ކުރަން ހުރި ކަންތައް ފުރަތަމަ ކުރާށެވެ. ތިބާގެ އާއިލާ ހަމަމަގުން ރަނގަޅު މިސްރާބުގައި ދަތުރު ކުރާނީ ތިބާގެ އަނބިމީހާ ތިބާއާ ރުހޭ ނަމައެވެ. އޭނާއަށް ހިތާމަ ލިބޭނެ ކަހަލަ ކަންތައްތައް ކުރުމުން ދުރުވާށެވެ. އޭގެ ސަބަބުން ޒަވާޖީ ހަޔާތަށް ލިބޭނީ ދެރައެވެ.
ނޯޓު: ތަރުޖަމާއެއް
