Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އަމިއްލަ ނަފުސާމެދު ފަހުރުވެރިވުމާއި ނުބައި ނަސޭހަތް ގަބޫލުކުރުން

އެކަނިވެރި މަޔަކު ރަނގަޅު ފިލާވަޅެއް ކިޔައިދިނެވެ. ބުންޏެވެ:

އަހަރެމެންގެ ބައިވެރިންގެ ކިބައިގައި ކަމުނުދާ ސިފަތަކެއް ހުރި ނަމަވެސް އެ މީހުން ބަލައިގަތުމަކީ ރަނގަޅު ކަމެކެވެ.

އަހަރެންގެ އުމުރަކީ 32 އަހަރެވެ. ވަރިވި ފިރިމީހާއާ ރައްޓެހިވެގެން އަހަރެން ހަ އަހަރު އުޅުނީމެވެ. އަހަރެމެން ދެ މީހުން އުޅުނީ ގާތް ދެ ރަހްމަތްތެރިން ފަދައިންނެވެ.

އޭނާގެ ކިޔެވުން ނިންމައި ވަޒީފާއަކަށް ދާންދެން އަހަރެން މަޑުކުރީމެވެ. އަހަރެންގެ އާއިލާއާ އޭނާގެ އާއިލާ ބައްދަލުކުރީ ދެނެވެ.

އަހަރެމެން ދެ މީހުން ކައިވެނިކުރީމެވެ. އަދި ފިރިހެން ދަރިފުޅަކު ލިބުނެއެވެ. ދަރިފުޅަށް މިހާރު ހަތް އަހަރެވެ.

އަހަރެންގެ ފިރިމީހާއަކީ ބައެއް ފަހަރަށް ރުންކުރު މީހެކެވެ. ނަމަވެސް ހަގީގީ މައްސަލަތައް ދިމާވާން ފެށީ އޭނާއަށް އަހަރެން ކޮންޓްރޯލް ނުކުރެވޭނެކަން އަހަރެން އޭނާއަށް ދައްކަން ފެށީމައެވެ.

ކޮންމެ ޒުވާބެއް ކޮށްފައި ފޮށިތަންމަތި ހިފައިގެން އަހަރެން އަހަރެންގެ އާއިލާގެ ގެއަށް ދަމެވެ. އަދި ވީގޮތް ކިޔައިދެމެވެ. މިހެން ހެދުމުން އަހަރެންގެ ދައްތަމެން އޭނާއަށް ފޯނުކޮށް ވަރަށް އެއްޗެތިކިޔާހަދައެވެ.

އޭނާ އަހަރެން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަން ފެށުމުން، އޭނާ ބޭނުން ނަމަ އަހަރެން ވަރިކޮށްދޭން ބުނަމެވެ. ނަމަވެސް ހަގީގަތަކީ އަހަރެން ވަރިވާން އެއްގޮތަކަށް ވެސް ބޭނުންނުވާ ކަމެވެ.

އަހަރެންގެ މައްސަލައަކީ އަހަރެން އަހަރެންގެ ނަފުސާމެދު ފަހުރުވެރިވަނީއެވެ. ނަމަވެސް އަހަރެންނަކީ ސުލޫކީ ގޮތުން ދަށުދަރަޖައިގެ، އަދި އެހެން ފިރިހެނުންނަށް ހިތްކިޔާ މީހެއް ކަމަށް އޭނާ ދުށުން އަހަރެން ނޭދެމެވެ.

އެއް ދުވަހަކު އަހަރެން އޭނާއަށް ޕްރެޝަރު ކުރިލެއް ބޮޑުކަމުން އޭނާ ފުރަތަމަ ފަހަރަށް އަހަރެންގެ ގައިގައި ޖެހިއެވެ. އަދި ގެއިން ބޭރަށް ލައި ދޮރު ތަޅުލިއެވެ.

އަހަރެންގެ އާއިލާގެ ގާތަށް އަހަރެން ދިޔައީމެވެ. އަހަރެންގެ އާއިލާ އޭނާ ފުލުހަށް ގެންދިޔައެވެ. ކޮންމެ ފަހަރަކު އަނިޔާ ލިބެނީ އަހަރެންނަށް ކަމަށް ދެއްކިއެވެ. ނަމަވެސް ހަގީގަތަކީ އަހަރެން އޭނާއަށް ޖަޒުބާތީ އަނިޔާ ދޭ ކަމެވެ.

އޭނާ ހައްޔަރުކުރިއެވެ. އަދި މުއްދަތް ޖެހިއެވެ.

އޭނާއާ ދެކޮޅަށް ފުލުސް އޮފީހުގައި އަހަރެން ފައިލްކުރި ކޭސް އަނބުރާ ގެންދިއުމަށް އޭނާގެ އާއިލާއިން އަހަރެންގެ ކިބައިން އެދުނެވެ.

އަހަރެންނަށް ވެސް އިހުސާސް ކުރެވުނީ އަހަރެންނަށް ކަންތައްތައް ކުރެވެމުން ދިޔައީ ރަނގަޅަށް ނޫން ކަމެވެ. އޭނާއަކީ އަނިޔާވެރި މީހެއް ނޫނެވެ. ޖަޒުބާތީ ގޮތުން އަހަރެން އޭނާއަށް ޕްރެޝަރު ކުރިކުރީނުން އޭނާ ކުޑަކަކޫމައްޗަށް ތިރިވެ، އަހަރެންގެ ކިބައިން މައާފަށް ވެސް އެދުނެވެ. އޭނާއާ ދެކޮޅަށް އަހަރެން ފައިލް ކުރި ކޭސް އަހަރެން އަނބުރާ ގެންދިޔައިމެވެ. އަދި ދެ މީހުން އަލުން ގުޅުނީމެވެ.

އޭގެ ތިން މަސް ފަހުން ކުޑަކުޑަ މައްސަލައެއްގައި އަހަރެން ދަބަހަށް އެއްޗެހި އަޅައިގެން އަހަރެން ގެއިން ނުކުތީމެވެ. އޭނާ އެކަނިކޮށްލައިފައެވެ.

އޭގެ ދެ ދުވަސް ފަހުން އަހަރެންނަށް ކޯލެއް ލިބުނެވެ. ހަބަރު ލިބުނީ އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި ކަމަށެވެ.

އަހަރެންގެ އާއިލާއިން ނަސޭހަތް ދިނީ އޭނާގެ ގާތަށް ހޮސްޕިޓަލަށް ނުދިޔުމަށެވެ. ސަބަބަކީ އަހަރެން އަލުން ބަލައިގަތުމަށް އޭނާގެ ކިބައިން އަހަރެން އާދޭސް ކުރަނީ ކަމަށް އޭނާއަށް ހީވެދާނެތީއެވެ. އަހަރެންގެ ދައްތަމެން ގަބޫލު ކުރީ އޭނާ ބަލި ކަމަށް ހެދެނީ ކަމަށެވެ.

މި ހުރިހާ ކަމެއް ހިނގިއިރު މީހުންގެ ހަމްދަރުދީ ލިބުނީ އަހަރެންނަށެވެ. އަނިޔާ ލިބުނީ އަހަރެންނަށް ކަމަށް ހީކޮށެވެ.

އޭނާ ހަފުތާއެއް ވަންދެން ހޮސްޕިޓަލުގައި އޮތެވެ. އެއަށް ފަހު އޭނާ ހޮސްޕިޓަލުން ދޫކޮށްލުމުން އަހަރެންނަށް އައީ ކޯޓު ޗިޓެކެވެ. އަހަރެން ވަރިކުރަން ބޭނުންވާ ކަމަށް އޮތް ޗިޓެކެވެ.

ވަރިވުމަށް ނޭދޭ ކަމަށް އަހަރެން ބުނަން ބޭނުންވިއެވެ. ނަމަވެސް އަހަރެންނަށް އަހަރެންނާމެދު އޮތް ފަހުރުވެރިވުމުގެ ސިފައިގެ ސަބަބުން އަހަރެން ބޭނުންވީ އޭނާގެ ހިޔާލު ބަދަލުކޮށް އަލުން އަހަރެން ބަލައިގަތުމަށް އޭނާ އަހަރެންގެ ކިބައިން އާދޭސް ކުރުމަށެވެ.

އަހަރެން އޭނާއަށް ގުޅީމެވެ. އަދި އޭނާ ބޭނުންވާ ގޮތަށް އަހަރެން ވަރިކުރިއަސް ހެޔޮކަމަށް ބުނީމެވެ. ސަބަބެއް ކަމަށް ދެއްކީ އޭނާގެ ގާތުގައި އަހަރެން އުޅެން ޖެހިފައިވަނީ ނަރަކައެއް ފަދަ ދުނިޔެއެއްގައި ކަމެވެ.

އަހަރެމެން ކޯޓަށް ދިޔައިރު އަހަރެން ހުރީ އޭނާ އިނދަޖައްސައިލުމުގެ ހިޔާލެއްގައެވެ. މިހެންވެ އަހަރެން ކޯޓުގައި އެދުނީ އޭނާގެ މުދާ އަހަރެންނާ ހިއްސާ ކުރުމަށެވެ.

ދެން އޭނާ ބުނި އެއްޗަކުން އަހަރެންނަށް ހައިރާންކަމެއް ލިބުނެވެ. އޭނާ ކޯޓުގައި ބުނީ އަހަރެންނާ އޭނާ އެކުގައި އުޅުނުއިރު ލިބުނު ހުރިހާ މުދަލެއް އަހަރެންނަށް ހިބަކޮށްދިނުމަށެވެ. އޭނާ ހަމައެކަނި ބޭނުންވާހާ ވެސް ކަމަކީ އަހަރެން ވަރިކުރުން ކަމަށެވެ.

އަހަރެމެން ވަރިވީ 2009 ވަނަ އަހަރުގެ ޖުލައި މަހުއެވެ.

މިހާރު އޭނާ ވަނީ އެހެން ކައިވެންޏެއް ކޮށްފައެވެ. އަހަރެން ގުނަމުން މިދަނީ ބޭކާރު ދުވަސްތަކެކެވެ.

އަހަރެންގެ އާއިލާގެ މީހުން އަހަރެންނާމެދު ފާޑުފާޑު ސުނބިސުނބިލައްވައެވެ.

އަހަރެންނަށް މިހާރު ދިރިއުޅެން ޖެހިފައިވަނީ އަހަރެންގެ ދަރިފުޅުގެ ހަރަދަށް އޭނާ ދޭ އެއްޗަކުންނެވެ.

އަހަރެންގެ ކައިވެނި އެއީ ބޭކާރު އެއްޗެއް ކަމަށް އަހަރެން ހެދި ކަމަށް އަހަރެންނަށް އެނގެއެވެ.

މި ވާހަކަ އަހަރެން ކިޔައިދިނުމުގެ ބޭނުމަކީ މީހުން ދޭ ނަސޭހަތް ގަބޫލު ކުރުމުގައި ފުންކޮށް ވިސްނައިލުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އާއިލާއިން ތިބާއަށް މަކަރު ހެދިޔަ ނުދޭށެވެ. ތިބާގެ ޒަވާޖީ ހަޔާތާ ބެހުމަށް އާއިލާއަށް ޖާގަ ނުދޭށެވެ.

އަހަރެންގެ ހަގަށް ތިބި ކުދިންނަށް ވެސް އަހަރެންނަށްވުރެ ބޮޑަށް އިހުތިރާމް ލިބެއެވެ.

އަހަރެންގެ ފިރިމީހާގެ ކިބައިން ވަރިވުމަށް ނަސޭހަތް ދިން މީހުން އަހަރެންނަށް މަލާމަތްކޮށް އަހަރެންނާމެދު ބަދުބަސްތައް ބުނެއެވެ.

ޒަވާޖީ ހަޔާތުގައި ކޮންމެ މީހަކު ވެސް އުޅެންވާނީ ހުށިޔާރު ކަމާއެކުއެވެ.

އަހަރެންގެ ހަޔާތުގެ ވާހަކަ މި ކިޔައިދިނީ ތިބާގެ ކައިވެނި ސަލާމަތް ކުރެވިދާނެ ކަމުގެ އުއްމީދެއް ދެވޭތޯއެވެ.

އަމިއްލަ ނަފުސާމެދު ފަހުރުވެރިވުމުގެ ބޭނުމެއް ނެތް ތާނގައި އެއީ ބޭކާރު އެއްޗެކެވެ.

ޒަވާޖީ ހަޔާތުގައި ބައެއް ފަހަރު ފިރިމީހާގެ ކުށެއް ނޯވެދާނެއެވެ. މައްސަލައަކީ ތިބާގެ ނަފުސާމެދު އޮންނަ ފަހުރުވެރިވުމަކަށް ވެދާނެއެވެ. އަދި ތިބާއަށް ނަސޭހަތްތެރިވި މީހުން ދިނީ ނުބައި އިރުޝާދެއް ކަމަށް ވެދާނެއެވެ.

އެހެންކަމުން ރަނގަޅު ވިސްނުމެއް ގެންގުޅޭށެވެ. އަދި ކައިވެނީގައި ސަމާލުވެ ހުންނާށެވެ.

ނުބައި ކަންތައްތަކުންނާއި ނުބައި ކަންތައްތައް ކުރާ މީހުންގެ ކިބައިންނާއި ނުބައި ކަންތައްތައް ކުރުމަށް ދައުވަތު ދޭ މީހުންގެ ކިބައިން މާތް ﷲ އަހަރެމެން ރައްކާތެރިކުރައްވާށިއެވެ. އާމީން.

 

ނޯޓް: ތަރުޖަމާއެއް