Support Us

އިރާންގެ ރައީސް ކަމަށް މަސްއޫދު ޕަޒަޝްކިއަން

އިރާންގެ ރިޔާސީ އިންތިހާބު، އިސްލާހަށް މަސައްކަތް ކުރައްވާ މަސްއޫދު ޕަޒަޝްކިއަން ކާމިޔާބުކުރައްވައިފިއެވެ.

މަސްއޫދަށް ވަނީ 53.3 ޕަސެންޓްގެ ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ ވާދަކުރެއްވި ސައީދު ޖަލީލީއަށް ލިބިވަޑައިގަތީ 44.3 ޕަސެންޓް ވޯޓެވެ.

އިންތިހާބުގައި 30 މިލިއަން މީހުން ވޯޓުލިއެވެ. އެއީ އިންތިހާބުގެ ފުރަތަމަ ބުރަށްވުރެ 50 ޕަސެންޓް އިތުރު އަދަދެކެވެ.

މަސްއޫދަށް ކާމިޔާބު ލިބިވަޑައިގަތީ މިދިހަ މަހުގެ 28 ގައި ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުން އެއްވެސް ބޭފުޅަކަށް ކާމިޔާބު ނުލިބުމުން ބޭއްވި "ރަން-އޯފް" ނުވަތަ ދެވަނަ ބުރުންނެވެ. ފުރަތަމަ ބުރުގައި ވޯޓުލީ އެންމެ 40 ޕަސެންޓް ރައްޔިތުންނެވެ. މިއީ 1979 ގައި އިސްލާމީ އިންގިލާބު ގެނައުމަށްފަހު ވޯޓުލި މީހުންގެ އަދަދު އެންމެ މަދު ފަހަރެވެ.

އިންތިހާބު ބޭއްވީ މެއި މަހު ކުރީގެ ރައީސް އިބްރާހީމް ރައިސީ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި އަވަހާރަ ވުމުންނެވެ. އެ ހާދިސާގައި އިތުރު ހަތް މީހުން ވެސް މަރުވިއެވެ.

އުމުރުން 71 އަހަރުގެ މަސްއޫދަކީ ހިތުގެ ބަލިތަކާ ބެހޭ ޑޮކްޓަރެކެވެ. އޭގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ. އޭނާއަށް ބޮޑަށް ތާއީދު ލިބިފައިވަނީ ޒުވާނުންގެ ފަރާތުންނެވެ.

މަސްއޫދުގެ އެންމެ ފާހަގަ ކުރެވޭ ވައުދަކީ ގައުމީ އެއްބައިވަންތަކަން ނެގެހެއްޓުމާއި ދުނިޔޭގައި އެ ގައުމު އެކަހެރިކޮށްލައިފައިވާ އެކަހެރިކޮށްލުމަށް ނިމުމެއް ގެނައުމެވެ. މީގެ އިތުރުން އިރާންގެ ސަރުކާރުން ހިންގާ "މޯރަލިޓީ ޕޮލިސް" ނުވަތަ އަހުލާގު ހިފަހައްޓާ ފުލުހުންނަށް އޭނާގެ ނުރުހުން އަމާޒުވެފައިވެއެވެ.

މަސްއޫދުގެ އިތުރު ސިޔާސަތުތަކުގެ ތެރޭގައި 2015 ގައި ހުޅަނގުގެ ގައުމުތަކާއެކު އެއްބަސްވި ނިއުކްލިއަރ ހަކަތަ މުއާހަދާ އަލުން ހަމަ މަގަށް އެޅުވުން ހިމެނެއެވެ. ބޭނުމަކީ އިރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމެވެ.

ސައީދަށް މައިގަނޑު ގޮތެއްގައި ތައީދު ކުރަނީ ދީނީ މީހުންނެވެ. އޭނާއަކީ ހުޅަނގުގެ ގައުމުތަކާ ދެކޮޅު ބޭފުޅެކެވެ. އަދި އެ ގައުމުތަކާއެކު ހެދި ނިއުކްލިއަރ މުއާހަދާ އާކުރުމާ ވެސް ދެކޮޅެވެ.

އިންތިހާބުގައި ވޯޓުލި މީހުންގެ އަދަދު މަދުވުމުގެ ސަބަބުތަކުގެ ތެރޭގައި ރައީސްގެ މައްޗަށް ބާރު ފޯރުވޭ ރޫހީ ލީޑަރު އަލީ ހާމަނާއީ އަދިވެސް އެ މަގާމުގައި ހުންނެވުން ހިމެނެއެވެ. ގިނަ ބަޔަކު މަސްއޫދަށް ވޯޓުލާން ދިޔައީ ވެސް ސައީދަށް ވެރިކަން ލިބިދާނެތީއެވެ.

އިންތިހާބަށް ކުރިމަތިލެވެނީ ވެސް 12 ދީނީ އިލްމްވެރިންނާއި އިސްލާމީ ޝަރީއަތުގެ ތަޖުރިބާކާރުން ހިމެނޭ "ގާޑިއަން ކައުންސިލު"ން ފާސް ކުރާ މީހުންނަށެވެ. އެ ގޮތުން އެތައް އަންހެނުންނާއެކު 74 ކެންޑިޑޭޓުންނަށް ވޯޓުގައި ބައިވެރިނުވެވޭ ގޮތަށް މި ކައުންސިލުން ނިންމިއެވެ. އެތައް މިލިއަން ބަޔަކު ވޯޓުލާން ނުދިޔައީ ވެސް މި ސަބަބާ ހުރެއެވެ.

ނަމަވެސް ހާމަނާއީ މި ކަމާ ދެކޮޅެވެ.

"ސިޔާސީ ފަރާތްތަކާއި އިޖުތިމާއީ އިލްމްވެރިން މި އިންތިހާބުގެ ނަތީޖާ ދިރާސާ ކުރުމުން ހާމަވާނެ އިރާންގެ ދައުލަތް ހިނގާ ގޮތާ ރައްޔިތުން ދެކޮޅު ނޫންކަން،" ހާމަނާއީ ވިދާޅުވިއެވެ.

ނަމަވެސް އިރާންގައި މިހާރު އޮތް ވެރިކަމާ ބައެއް ރައްޔިތުން ދެކޮޅުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އަހަރެމެން އެ މީހުން ބުނާ ވާހަކަތައް އަޑުއަހަމު. އެ މީހުން ބުނާ ވާހަކަތައް ފަހުމްވޭ. އެ މީހުންނަކީ މީހުންނަށް ނުފެންނަ ގޮތަށް ސިއްރިޔާތުގައި އުޅޭ ބައެއް ނޫން،" ހާމަނާއީ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް