އެއް ދުވަހަކު ފިރިހެން ދަރިފުޅަކު އޭނާގެ ބައްޕަ ގާތުގައި ބުންޏެވެ: "ބައްޕާއެވެ. ވާހަކައެއް ބުނަން ހެއްޔެވެ؟"
ބައްޕަ: "އާނއެކެވެ. ބުނެބަލާށެވެ."
ދަރިފުޅު: "އަހަރެންގެ ކްލާސް ކުދިންތަކުގެ ތެރެއިން ކާރެއް ނެތީ ހަމައެކަނި އަހަރެންގެ އަތުގައެވެ. އެ ކަމާ އަހަރެން ލަދުގަނެއެވެ."
ބައްޕަ: "އަހަރެން ކޮށްދޭންވީ ކޮން ކަމެއް ހެއްޔެވެ؟"
ދަރިފުޅު: "އަހަރެން ކާރެއް ބޭނުމެވެ. ކްލާސް ކުދިންގެ މެދުގައި އަހަރެންނަކީ ބާކީވެފައިވާ ކުއްޖެއްގެ ގޮތުގައި ހުންނާކަށް އަހަރެން ބޭނުމެއް ނޫނެވެ."
ބައްޕަ: "ދަރިފުޅު ބޭނުންވަނީ ވަކި މަރުކާއެއްގެ ކާރެއް ހެއްޔެވެ؟"
ދަރިފުޅު: "އާނއެކެވެ."
ބައްޕަ: "ބޭނުމީ ކިހާ ފައިސާއެއް ހެއްޔެވެ؟"
ދަރިފުޅު: "ބައި މިލިއަން ޑޮލަރެވެ".
ބައްޕަ: "ވަކި ޝަރުތެއްގެ މަތިން ފައިސާ ދީފާނަމެވެ."
ދަރިފުޅު: "އެ ޝަރުތަކީ ކޮބައިހެއްޔެވެ؟"
ބައްޕަ: "ފައިސާ ފުރަތަމައިން ބޭނުން ކުރަން ވާނީ ކާރު ގަތުމަކަށް ނޫނެވެ. އޭގެ ބަދަލުގައި ފައިސާ ޖެހޭނީ ފުރަތަމަ އިންވެސްޓް ކުރާށެވެ. އެ ކުރާ އިންވެސްޓްމަންޓަކުން ފުދޭވަރެއްގެ ފައިދާ ލިބިއްޖެ ނަމަ، ކާރު ގަންނާށެވެ.
ދަރިފުޅު: "ތިޔަ ގޮތަށް އަހަރެން އެއްބަސްވަމެވެ."
ދެން، ބައްޕަ، 500،000 ޑޮލަރުގެ ޗެކެއް ދަރިފުޅަށް ދިނެވެ. ބައްޕައާއެކު އެއްބަސްވި މޭރުމުން ދަރިފުޅު ޗެކަށް ފައިސާ ނަގައިފައި އިންވެސްޓް ކުރިއެވެ.
އޭގެ ހަތް މަސް ފަހެވެ. އިންވެސްޓް ކޮށްގެން ފެށި ވިޔަފާރި ކުރިއަށް ދަނީ ކިހިނެތްތޯ ބައްޕަ އޭނާގެ ދަރިފުޅު ގާތުން އެއްސެވެ. ވިޔަފާރި ރަނގަޅަށް ކުރިއަށްދާ ކަމަށް ދަރިފުޅު ޖަވާބު ދިނެވެ.
އޭގެ ބަރާބަރު އެއް އަހަރު ފަހެވެ. ވިޔަފާރީގެ އަދުގެ ހާލަތު އަންގައިދިނުމަށް ދަރިފުޅުގެ ގާތުން ބައްޕަ އެދުނެވެ. ދަރިފުޅު ވަގުތުން އެއްބަސްވިއެވެ.
ބައްޕަ: "ދަރިފުޅަށް ވަރަށް ގިނަ ފައިސާ ލިބިއްޖެދޯއެވެ."
ދަރިފުޅު: "އާނއެކެވެ."
ބައްޕަ: "އަހަރެމެން ދެ މީހުންގެ ދެމެދުގައި ވި އެއްބަސްވުން އަދިވެސް ހަނދާން އެބަހުރި ހެއްޔެވެ؟"
ދަރިފުޅު: "އާއެނކެވެ."
ބައްޕަ: "އެ އެއްބަސްވުމަކީ ކޮބައިހެއްޔެވެ؟"
ދަރިފުޅު: "އަހަރެމެން އެއްބަސްވީ ބައްޕަ އަހަރެންނަށް ދިން ފައިސާ އިންވެސްޓް ކޮށްފައި އޭގެން ލިބޭ ފައިދާއިން ކާރު ގަތުމަށެވެ."
ބައްޕަ: "އެހެންވީއިރު ދަރިފުޅު އަދިވެސް ކާރު ނުގަންނަނީ ކީއްވެ ހެއްޔެވެ؟"
ދަރިފުޅު: "އަހަރެން މިހާރު ކާރެއް ބޭނުމެއް ނޫނެވެ. އަހަރެން ބޭނުންވަނީ އިތުރަށް އިންވެސްޓް ކުރާށެވެ."
ބައްޕަ: "ރަނގަޅެވެ. ދަރިފުޅަށް އަހަރެން ދަސްކޮށްދޭން ބޭނުންވި ފިލާވަޅުތައް ދަރިފުޅަށް ދަސްވެއްޖެއެވެ. އެ ގޮތުން އެއް ފިލާވަޅަކީ ދަރިފުޅު ހަގީގަތުގައި ކާރެއް ބޭނުން ނޫން ކަމެވެ. ދަރިފުޅުގެ ހަމައެކަނި އެދުމަކީ ކްލާސްކުދިންގެ މެދުގައި ބާކީ ނުވުމެވެ. އެ ދުވަސްވަރު ކާރު ގަތް ނަމަ، އެ ވާނީ އަރަންޏަކަށް ނޫނެވެ. ނަމަވެސް ދަރަންޏަކަށެވެ. އެ ކަމުގެ ސަބަބުން މާލީ ޕްރެޝަރުތަކެއް ދަރިފުޅަށް ކުރިމަތިވީހެވެ. ދެވަނަ ފިލާވަޅަކީ ކުރިމަގަށް އިންވެސްޓް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭގެ ފަހުން ރަސްކަލެއްހެން ދިރިއުޅެވިދާނެއެވެ."
ބައްޕަ މިހެން ބުނެފައި ދަރިފުޅު އެއިރު ބޭނުންވި މަރުކާގެ ކާރުގެ އެންމެ ފަހުގެ މޮޑެލްގެ ކާރެއްގެ ތަޅުދަނޑިފަތި ދަރިފުޅާ ހަވާލުކުރިއެވެ.
މި ހާދިސާއިން ލިބޭ ތިން ފިލާވަޅު:
- ތިބާ ބޭނުންވާ ގޮތަކަށް ދިރިއުޅުމުގެ ކުރިން ކޮންމެވެސް ކަމަކަށް ފައިސާ އިންވެސްޓް ކުރާށެވެ.
- ތިބާ "ބޭނުންވާ" އެއްޗެއް އެއީ ކޮންމެހެން "ބޭނުންތެރި" އެއްޗަކަށް ނުވެދާނެއެވެ. މި ވަގުތަށް "ބޭނުންތެރި" އެއްޗެއްހެން ހީވާ އެއްޗެއް، ފަހުން ވިސްނައިލައިފި ނަމަ އެއީ ހަމައެކަނި "ބޭނުންވާ" އެއްޗަކަށް ވެދާނެއެވެ. މިއީ ތަފާތު ދެ ކަމެކެވެ. މި ދެ ގޮތުގެ ތަފާތުކަން ދެނެގަނެވޭނީ ތިބާގެ ޖަޒުބާތުތަކާމެދު ވިސްނައިލުމުންނެވެ.
- އަރަނި ("އެސެޓް") އާއި ދަރަނި ("ލަޔަބިލިޓީ")ގެ ފަރަގާ މެދު ވިސްނާލާށެވެ. ސަބަބަކީ މިއަދު އަރަންޏެއް ގޮތަށް ހުރި އެއްޗެއް މާދަމާ ދަރަންޏަކަށް ބަދަލުވިޔަ ނުދިނުމަށެވެ.
ނޯޓް: ތަރުޖަމާއެއް
