އަފްޣާނިސްތާނުގެ ވެރިކަމާ ތޯލިބާން ޖަމާއަތުން ހަވާލުވި ފަހުން ހުޅަނގުގެ ގައުމުތަކުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިލަން ތޯލިބާނުން ގޮވައިލައިފިއެވެ.
ބައިނަލްއަގުވާމީ މުޖުތަމައު އާއެކު ތޯލިބާނުން އިއްޔެ ފެށި ވާހަކަތަކުގެ ތިން ވަނަ ބުރުގައި ތޯލިބާނުން އިތުރަށް ގޮވައިލީ ބޭރުގެ ބޭންކްތަކުގައި ފްރީޒްކޮށްފައި ހުރި އަފްޣާނިސްތާނުގެ ރިޒާވްތައް ދޫކޮށްލުމަށެވެ.
އދ.އިން އިސްނަގައިގެން ގަތަރުގައި ކުރިއަށްދާ ދެ ދުވަހުގެ ބައްދަލުވުމުގައި ތޯލިބާނުން ބުނީ އަފްޣާނިސްތާނުގައި އަންހެނުން ކިޔެވުމަށާއި މަސައްކަތް ކުރުމަށް އަޅައިފައިވާ ހުރަސްތަކަށް ނުބަލައި، ހުޅަނގުގެ ގައުމުތަކުން ތޯލިބާންގެ ސަރުކާރު ބަލައިގަންނަން ޖެހޭނެ ކަމަށެވެ. އެއީ އަފްޣާނިސްތާނާއެކު ހާރިޖީ ގުޅުންތައް ރަނގަޅު ކުރުމަށެވެ.
އަންހެނުންނާއި އަޣުލަބިއްޔަތު ނެތް މީހުންނާއި އެހެނިހެން ރައްޔިތުންގެ އިންސާނީ ހައްގުތަކަށް ތޯލިބާން ސަރުކާރުން އިހުތިރާމް ނުކުރާތީ ހުޅަނގުން ކިޔާ ފާޑުތަކަށް އަފްޣާނިސްތާނުން އަދިވެސް ދެނީ ބީރު ކަންފަތެކެވެ. ހުޅަނގުގެ ގައުމުތަކާއެކު ގުޅުންތައް ބާއްވައި، އަފްޣާނިސްތާނުގެ އިގުތިސާދު ރަނގަޅު ކުރަން ތޯލިބާނުން ބޭނުންވަނީ އެ ގައުމުގެ އަންހެނުންގެ ބައިވެރިވުމެއް ނެތިއެވެ.
"މި ބައްދަލުވުމަކީ މާނަވީ ވާހަކަތަކެއް ކުރިއަށްގެންދިއުމަށް މުހިންމު ފުރުސަތެއް. އެއީ ހަނގުރާމަތަކުގެ ސަބަބުން ސުންނާފަތިވެފައިވާ އަފްޣާނިސްތާނުގެ ހާލަތު ރަނގަޅު ކުރަން،" ތޯލިބާނުންގެ އިސް ތަރުޖަމާނު ޒަބީއުﷲ މުޖާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތޯލިބާނުން އަންނަނީ ދީނީ ގޮތުންނާއި ސަގާފީ ގޮތުން އެ ގައުމުގެ ރައްޔިތުން އެދޭ ކަންތައްތަކެއް ނަގަހައްޓަމުން ކަމަށާއި މި ކަމުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުން ތޯލިބާން ސަރުކާރާ ގުޅުން ކަނޑައިލައިގެން ނުވާނެ ކަމަށެވެ.
"ތޯލިބާނުންނާ ބައިނަލްއަގުވާމީ މުޖުތަމައުން ގުޅުންތައް ރަނގަޅު ކުރަން މި ފަދަ ކަންތައްތައް ބަލައިގަންނަން ޖެހޭނެ،" ޒަބީއުﷲ ވިދާޅުވިއެވެ.
އަފްޣާނިސްތާނުގެ އެއްވެސް އަންހެނެއްގެ ބައިވެރިވުމެއް ނެތި އދ.އިން މި ބައްދަލުވުން ކުރިއަށް ގެންދާތީ އދ.އަށް ވަނީ އެތައް ފަރާތަކުން ފާޑުކިޔައިފައެވެ.
"އަފްޣާނިސްތާނުގައި އަޅައިފައިވާ ބައެއް ފިޔަވަޅުތަކަކީ ބައެއް ގައުމުތަކުން ހިތްހަމަނުޖެހޭ ކަންތައްތަކެއް ކަމަށް ވެދާނެ. އެކި ގައުމުތަކުގެ ސިޔާސަތުތައް ތަފާތުވުމަކީ ގުދުރަތީ ކަމެއް. ތަޖުރިބާހުރި ޑިޕްލޮމެޓުންގެ ދައުރަކަށް ވާންޖެހޭނީ ކުރިމަތިލުމަކަށް ނުގޮސް ގުޅުންތައް ރަނގަޅުކުރަން،" ޒަބީއުﷲ ވިދާޅުވިއެވެ.
ތޯލިބާން ސަރުކާރުން ވަނީ އަފްޣާނިސްތާނުގެ ސްކޫލްތަކާއި މަސައްކަތް ކުރާ ތަންތަނުން 50 މިލިއަނަށްވުރެ ގިނަ އަންހެނުން މަނާކޮށްފައެވެ. އަދި އަންހެނަކަށް ގެއިން ބޭރަށް ދެވެނީ ވެސް ފިރިމީހާ ނުވަތަ ބައްޕަ ފަދަ މަހްރަމަކާ އެކުގައެވެ.
ވަރަށް ގިނަ ފަހަރަށް މަސައްކަތް ކުރި ނަމަވެސް އެއްވެސް ގައުމަކުން އަދިވެސް ތޯލިބާން ސަރުކާރު ބަލައިނުގަނެއެވެ. އދ.އިން ބުނީ ކިޔެވުމަށާއި ވަޒީފާ އަދާކުރުމަށް އަންހެނުންނަށް ހުއްދަ ނުދޭހާ ހިނދަކު ތޯލިބާން ސަރުކާރު ބަލައިނުގަންނާނެ ކަމަށެވެ.
ޒަބީއުﷲ ވިދާޅުވީ ތޯލިބާނުން ކުރިން ޓެރަރިސްޓް ހަރަކާތްތައް ހިންގި ނަމަވެސް ކަޒަކްސްތާނު ސަރުކާރުން މިހާރު ވަނީ ތޯލިބާން އަކީ ޓެރަރިސްޓް ޖަމާއަތެއް ނޫން ކަމަށް ކަނޑައަޅައިފައި ކަމަށެވެ.
"އަފްޣާނިސްތާނާ އެކުވެރި ރަޝިއާއިން ވެސް މިހާރު ވަނީ އެ ގޮތަށް އަމަލު ކުރުމަށް ނިންމައިފައި. އަދި އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުރި ސައޫދީ އަރަބިއްޔާގެ އެމްބަސީ އަލުން ހުޅުވުމަށް ވެސް އެ ގައުމުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި،" ޒަބީއުﷲ ވިދާޅުވިއެވެ.
އޭނާ ގޮވާލެއްވީ އަފްޣާނިސްތާނުގެ މަރުކަޒީ ބޭންކްގައި ފްރީޒްކޮށްފައި ހުރި އެތައް ބިލިއަން ޑޮލަރެއް ދޫކޮށްލުމަށެވެ. އަދި އަފްޣާނިސްތާނުގެ ޕްރައިވެޓް ސެކްޓަރާ ދެކޮޅަށް އދ.އިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް ނައްތައިލުމަށެވެ.
"ބޭންކުގައި ހުރި ހުރިހާ ބޭރުގެ ރިޒާވަކީ އަފްޣާނިސްތާނު ރައްޔިތުންނަށް ހައްގު މުދަލެއް،" ޒަބީއުﷲ ވިދާޅުވިއެވެ.
ޖޫން 2021 ގައި ދެއްކި ގޮތުން އަފްޣާނިސްތާނުގެ މަރުކަޒީ ބޭންކްގައި ރިޒާވްގެ ގޮތުގައި 9.5 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
ހަރުކަށި ފިކުރުގެ ތޯލިބާނުން އަފްޣާނިސްތާނުގެ ސަރުކާރާ ހަވާލުވީ 2021 ވަނަ އަހަރުގެ އޯގަސްޓް މަހު އެމެރިކާ އާއި ނޭޓޯގެ ސިފައިން އެ ގައުމުން ފޭބުމުންނެވެ. އަދި އަންހެނުންނާ ދެކޮޅަށް ތޯލިބާނުން އަޅައިފައިވާ ފިޔަވަޅުތަކާ ދެކޮޅަށް ގައުމުތަކުން ފާޑުކިޔުމުން ތޯލިބާނުން ބުނަނީ އެއީ އެ ގައުމުގެ ދާހިލީ ކަންކަމާ ބެހުން ކަމަށެވެ.
އަފްޣާނިސްތާނުގެ ސަރުކާރާ ހަވާލުވި ފުރަތަމަ ދުވަސްވަރު ތޯލިބާނުން ބުނީ އެ ޖަމާއަތުން މެދުމިނުގައި ހިފަހައްޓާނެ ކަމަށެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވަނީސް އެ ޖަމާއަތުން ވަނީ 1990ގެ އަހަރުތަކުގައި ގެންގުޅުނު ހަރުކަށި ސިޔާސަތުތައް އަލުން ގެނެސްފައެވެ. އެ ގޮތުން ސެލޫންތަކާއި ޕާކްތަކާއި ޖިމްތަކާއި އެހެނިހެން އާއްމު ތަންތަނަށް އަންހެނުން ނުކުތުން މިހާރު ވަނީ މަނާކޮށްފައެވެ.
އިގުތިސާދީ އަދި އިންސާނީ ކާރިސާތައް ކުރިމަތިވެފައިވާ އަފްޣާނިސްތާނު މި ފަހުން ވަނީ ފެންބޮޑުވުމުގެ އިތުރުން ހަނަފަސްކަމާ ވެސް ކުރިމަތިލާން ޖެހިފައެވެ. އަދި އަންހެނުންނާ ކުޑަކުދިން ގޭތެރޭގައި މަޑުކުރަން ޖެހޭތީ އަފްޣާނިސްތާނަށް އައި ބިންހެލުންތަކުގައި ވެސް އެންމެ ބޮޑަށް ނޭދެވޭ އަސަރު ކޮށްފައިވަނީ އެ ފަރާތްތަކަށެވެ.
ގަތަރުގައި ކުރިއަށްދާ ބައްދަލުވުމަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ ތޯލިބާނުން އަފްޣާނިސްތާނުގައި މަސައްކަތް ކުރަނީ އަންހެނުން "ފޮހެލައި" އަދި "ޖެންޑާ އެޕާތައިޑް"އެއް ނުވަތަ ޖިންސުގެ އެކަހެރިކޮށްލުމެއް ހިންގަން ކަމަށެވެ.



advertisment