އަންހެނުން އެއްދާންކުރަނީ ފިރިހެންމީހާއަށް ހިތްކިޔާތީއެވެ. ފިރިހެނުން އެއްދާންކުރަނީ ޖިންސީއެދުން ފުއްދަން ބޭނުންވާތީއެވެ. މި ކަމުގައި ހުރި ތަފާތެއް ފާހަގަކުރެވޭ ހެއްޔެވެ؟ އެއްދާންކުރުމަކީ ފިރިހެނުންނަށް ޖިސްމާނީ ކަމެކެވެ. ނަމަވެސް އަންހެނުންނަށް އެއީ ޖިސްމާނީ ކަމެއްގެ އިތުރުން ޖަޒުބާތީ ވެސް ކަމެކެވެ.
ލޯބީގެ ޖަޒުބާތުގައި އަންހެނުން އެއްދާންކޮށްފާނެއެވެ. ނަމަވެސް އެ ކަހަލަ އެއްވެސް ޖަޒުބާތެއް ނެތި ވެސް ފިރިހެނުން އެއްދާންކޮށްފާނެއެވެ. ޖިންސީ އެދުން ފުއްދައިލުމަށެވެ.
ފިރިހެނަކާއެކު އެއްދާން ކުރުމުގެ ކުރިން އެ މީހަކު ދެކެ ލޯބިވުމަށް އަންހެނުން ބޭނުންވެއެވެ. އެ ގޮތުން އެއްދާން ކުރުމުގެ ކުރިން ފިރިހެން މީހާއާއެކު ޖަޒުބާތީ ގުޅުމެއް ބާއްވަން އަންހެން މީހާ ހިތްއެދެއެވެ.
ލޯބިނުވާ ފިރިހެނަކާއެކު އެއްދާންކުރާ އަންހެނުން މަދެވެ. ހަށިވިއްކާ އަންހެނުން މެނުވީއެވެ. ނަމަވެސް ފިރިހެނުން ދިމާ އިދިކޮޅެވެ. ލޯބީގެ ކަންފުޅެއް ވެސް ނެތް އަންހެނަކާއެކު ފިރިހެނަކު އެއްދާންކޮށްފާނެއެވެ. ހަމައެކަނި އެއްދާން ކޮށްލުމަށްޓަކައި، އަންހެނަކު ކުއްޔަށް ހިފަން ފިރިހެނުން ފަސްނުޖެހެނީ މިހެންވެއެވެ. ސަބަބަކީ ހަށިވިއްކާ އަންހެނަކާއެކު ޖިންސީ އެދުން ފުއްދުމަށް އެ އަންހެންމީހާ ދެކެ އެ ފިރިހެންމީހާ ލޯބިވާކަށް ނުޖެހެއެވެ.

މި ހިސާބުން ކަމެއް ފާހަގަކޮށްލާނަމެވެ:-
ތިބާއަކީ އަންހެނަކަށް ވާތީ، ފިރިހެނާގެ ޖިންސީ އެދުން ފުއްދަން އޭނާ ތިބާ "ބޭނުންކޮށްލައިފާނެ"އެވެ. އޭނާ ތިބާއަށް ފައިސާ ވެސް ދީފާނެއެވެ. ތިބާއާއެކު ބޭރަށް ޖައްސައިލައި ވެސް ފާނެއެވެ. އޭނާގެ އެދުމަކީ ޖިންސީ އެދުން ފުއްދުމެވެ. އެ ނޫން ގޮތަކަށް ތިބާއަކީ އޭނާއަށް މުހިންމު މީހެއް ކަމަކަށް އޭނާ ނުދެކިދާނެއެވެ.
ތިބާ ދެކެ އޭނާ ހަގީގީ ލޯބިވޭތޯ ބަލައިލުމަށް އޭނާއާއެކު އެއްދާންނުކޮށް މަޑުކޮށްލާށެވެ. އޭނާ ކަންތައް ކުރާ ގޮތް ބަލައިލުމަށެވެ. އޭނާއާއެކު ތިބާ އެއްދާން ނުކުރުމުން އޭނާ ތިބާ ދޫކޮށްލައިފި ނަމަ އޭގެ މާނައަކީ އޭނާ ތިބާ ދެކެ ލޯބިނުވާ ކަމެވެ. އޭނާ "ލޯބި"ވަނީ ހަމައެކަނި ޖިންސީ އެދުން ދެކެއެވެ.
ތިބާއަކީ ފުރާފުރިހަމަވެ ކައިވެންޏެއް ކުރަން ކައިރިވެފައިވާ އަންހެނެއް ނަމަ މިފަދަ ކަންތައްތަކަށް ސަމާލުވާންޖެހެއެވެ. ސަބަބަކީ ޒަވާޖީ ހަޔާތަކާ ދިމާއަށް މިސްރާބު ބަހައްޓާއިރު ފިރިއަކު ހޯދުމަކީ ތިބާގެ ބާރުގެ ދަށުގައިވާ ކަމެއް ނަމަވެސް ތިބާއަށް ލިބޭ ދަރިންނަށް، އެ ދަރިންގެ ބައްޕައަކު ކަނޑައެޅުމަކީ އެ ކުދިންގެ ބާރުގެ ދަށުގައިވާ ކަމެއް ނޫނެވެ. އެއީ ތިބާގެ ބާރުގެ ދަށުގައިވާ ކަމެކެވެ. އެހެންކަމުން ތިބާގެ ދަރިންނަށް ހެޔޮލަފާ ބައްޕައެއް ހޯދައިދީ، އެ ފިރިހެންމީހާއާ ކައިވެނިކުރަން ނިންމާއިރު މި ފަދަ ކަންތައްތައް ފަހުމްވެފައި އޮންނަން ޖެހެއެވެ. މިހެންވެ ތިބާގެ ފިރިމީހާއަކީ ރަނގަޅު ބައްޕައަކަށް ވާންޖެހެއެވެ. މީގެ އިތުރުން ރަނގަޅު ރަހްމަތްތެރިއަކަށް ވެސް ވާންޖެހެއެވެ. އަދި އޭނާއަކީ ރަނގަޅު ދަރުސާއި އިރުޝާދު ދެވޭނެ މީހަކަށް ވެސް ވާންޖެހެއެވެ.
އަދި ހަނދާން ނައްތައިނުލާށެވެ؛ ތިބާ ވެސް ވާންޖެހޭނީ ރަނގަޅު މަންމައަކަށެވެ. ތިބާގެ ދަރިން "ބަތަލުން"ގެ ގޮތުގައި ބޮޑު ކުރުމަށްޓަކައެވެ.
ކައިވެނީގެ އަނގޮޓިއަކީ އަތުގައި އަޅާ އެންމެ ކުޑަ "ހޭންޑްކަފް" ނުވަތަ "ބިޑި"އެވެ. އެހެންވީމާ ފުންކޮށް ވިސްނައިލުން ހުއްޓެވެ. ތިބާ ވަންނަ "ޖަލު ގޮޅީ"ގައި ތިބާއާއެކު ހުންނަން ބޭނުންވާ "ގައިދީ"އަކީ ރަނގަޅު މީހެއްތޯ ކުރިން ކަނޑައަޅާށެވެ. ތިބާއަށް ތިބާ ކަނޑައަޅާ "ޖަލު ހުކުމަކީ" ރަނގަޅު ހުކުމެއް ކަމަށް ހަދާށެވެ. އެހެން ނޫނީ އޮންނާނީ "ޖަލު ފަޅައިލައިގެން" ނުކުންނަން ޖެހިފައެވެ.

One Response
މައުލޫމާތު ވަރަށް ރަގަނޅު. އެކަމަކު ޢާޓިކަލްގެ ފޮޓޯ ކަމަކު ނުދޭ. މުނާސަބު ފޮޓޯ އެއް ހޯދުމުގައިވެސް އިސްލާމް ވަންތަ ކަމާއި ލަދުވެތި ކަމަށް ބަލަންޖެހޭ.