ދެކުނު ކޮރެއާގެ ސަގާފަތަށް ތާއީދު ކުރާ އުތުރު ކޮރެއާގެ އުމުރުން 22 އަހަރުގެ ޒުވާނަކު އުތުރު ކޮރެއާއިން މަރައިލައިފައިވާކަން ހާމަވެއްޖެއެވެ.
ދެކުނު ކޮރެއާގެ އެއްބައިވަންތަކަމުގެ ވުޒާރާ ނުވަތަ ޔުނިފިކޭޝަން މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނީ މި ކަމެއް ހިނގައިފައިވަނީ 2022 ވަނަ އަހަރު ކަމަށެވެ. އެ ގޮތުން ދެކުނު ކޮރެއާގެ 70 ލަވަ އަޑުއަހައި އަދި ތިން ފިލްމް ބަލައި އެ ތަކެތި އެހެން މީހުންނަށް ފޯރުކޮށްދިން ޒުވާނާ މަރައިލީ އާއްމު ތަނެއްގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
އުތުރު ކޮރެއާގެ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން މިނިސްޓްރީން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ މި މައުލޫމާތު ލިބުނީ އުތުރު ކޮރެއާއިން ފިލައިގެން ދެކުނު ކޮރެއާއަށް ހިޖުރަކުރި 649 މީހުންގެ ފަރާތުން ކަމަށެވެ. ރިޕޯޓްގައި ބުނެފައިވަނީ ހުޅަނގުގެ ސަގާފީ ކަންތައްތަކަށް ތާއީދު ކުރާ މީހުންނަށް އުތުރު ކޮރެއާގެ ސަރުކާރުން ހަރުކަށި އަދަބު ދޭ ކަމަށެވެ. އެއީ 2020 ވަނަ އަހަރު ހެދި ގާނޫނެއްގެ ދަށުންނެވެ.
އުތުރު ކޮރެއާއިން އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ނުހިތާ ކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކާމެދު އުތުރު ކޮރެއާގެ ސަރުކާރުން ބުނަނީ ދެކުނު ކޮރެއާ އާއި ހުޅަނގުގެ ގައުމުތަކުން ބޭނުންވަނީ ޒައީމް ކިމް ޖޮންގް-އުންގެ ސަރުކާރު ވައްޓާލަން ކަމަށެވެ.
އުތުރު ކޮރެއާއިން މަނާކޮށްފައިވާ ސަގާފަތްތަކުގެ ތެރޭގައި ކައިވެނީގެ ރަސްމިއްޔާތުގައި އަންހެނުން ހުދު ކުލައިގެ ހެދުން ލުމާއި ފިރިން އަނބިން އުފުއްލައިލުމާއި އަވިއައިނު އެޅުން ހިމެނެއެވެ. މީގެ އިތުރުން އުތުރު ކޮރެއާގެ ރައްޔިތުން ގެންގުޅޭ މޮބައިލް ފޯން ވެސް ސަރުކާރުން އަބަދު ޗެކު ކުރެއެވެ. އެ ގޮތުން ފޯނަށް ސޭވްކޮށްފައިވާ މީހުންގެ ނަމުގެ ސްޕެލިންގ ޖަހާފައި ހުންނަ ގޮތާއި މެސެޖް ކުރާ ބަހުރުވަ އާއި އައުގުރާނަ ބަހުރުވަ ބޭނުން ކޮށްފައިވޭތޯ ބަލައެވެ.
"އެކަކު އަނެކަކާ ތަފާތުކޮށް އުޅުމާއި މިނިވަން މީޑިއާ އާއި ސިވިލް ސޮސައިޓީ ޖަމާއަތްތަކާއި ޓްރޭޑް ޔުނިއަންތައް ވެސް ވަނީ މަނާކޮށްފައި. މީގެ އިތުރުން ފަރުދީ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމާއި ޖަމާއަތްތައް އުފެއްދުމާއި ދީނީ މިނިވަންކަން ވެސް ވަނީ މަނާކޮށްފައި،" އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތް ހިއުމަން ރައިޓްސް ވޮޗުން އުތުރު ކޮރެއާއާމެދު މިދިޔަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.
އުތުރު ކޮރެއާއިން ފިލައިގެން ދެކުނު ކޮރެއާއަށް ހިޖުރަ ކުރި އުމުރުން 20ގެ އަހަރުތަކުގެ އަންހެނަކު ބުނީ ދެކުނު ކޮރެއާގެ ސަގާފަތް އުތުރު ކޮރެއާގެ ރައްޔިތުން ބަލައިގަތީ ވަރަށް އަވަހަށް ކަމަށެވެ.
"އުތުރު ކޮރެއާގެ ޒުވާން ފުރައިގެ މީހުން ދެކުނު ކޮރެއާގެ ސަގާފަތް ބަލައިގަތްފައިވޭ. ދެކުނު ކޮރެއާގެ ސަގާފަތް ކޮޕީ ކުރަމުން ވެސް ދޭ،" އޭނާ ބުންޏެވެ.
އޭނާ ބުނީ ކިމް އާބެހޭ ގޮތުން ބަދުބަހެއް އާއްމު ތަންތާނގައި ބުނުން މަނާ ކަމަކަށް ވިޔަސް ރަހްމަތްތެރިންނާއި ލޯބިވެރިންނާއި އާއިލާ މެންބަރުންނާއެކު ވަގުތު ހޭދަ ކުރާއިރު ކިމް އާ ބެހޭ ނުރަނގަޅު ވާހަކަތައް ދައްކާ ކަމަށެވެ.
ތަންކޮޅެއް ކުރިން އުތުރު ކޮރެއާއިން ކުށްވެރިންނަށް މަރުގެ އަދަބު ތަންފީޒު ކުރަމުންދިޔައީ ވިލެޖްތަކާއި ޖަލުތަކުގައެވެ. ނަމަވެސް އެ މަންޒަރުތައް ބަލަން އަންނަނީ ކޮން ބައެއްކަން ޔަގީން ކުރެވެން ނެތުމުން މިހާރު ވަނީ އެކަން ހުއްޓައިލައިފައެވެ. މީގެ އިތުރުން ބޯޑަރާއި ސެޓެލައިޓަށް މަންޒަރު ނެގޭ ހިސާބުތަކުގައި ވެސް މަރުގެ ހުކުމް ތަންފީޒުކުރުން ވަނީ ހުއްޓައިލައިފައެވެ.
އުތުރު ކޮރެއާއިން މިދިޔަ މަހު ވަނީ ކުނި އަޅައިފައިވާ ބޮޑެތި ފުއްޕާހަން ދެކުނު ކޮރެއާއާ ދިމާއަށް ފޮނުވަން ފަށައިފައެވެ. މި ކަމާ ގުޅިގެން ދެކުނު ކޮރެއާއިން މިދިޔަ އަންގާރަ ދުވަހު ބުނީ އުތުރު ކޮރެއާއާ ދެކޮޅު ވާހަކަތައް ލިޔެފައިވާ ލިޔުން އުތުރު ކޮރެއާގެ ތެރެއަށް އަޅަން ފަށާފާނެ ކަމަށެވެ.
ދެ ކޮރެއާއިން 1950 އިން 1953 އަށް ކުރި ހަނގުރާމަ ނިންމައިލުމަށް ވި އެއްބަސްވުން ނިމުމަކަށް އައިސްފައިވާތީ ދެ ގައުމުން އަދިވެސް ތިބީ ހަނގުރާމަ ނުނިމޭ ހާލަތެއްގައެވެ.



advertisment