ބިލިއަނަޔަރު އީލޮން މަސްކް އުފައްދާ ޓެސްލާ ކާރު އެންމެ ބޮޑަށް މަޝްހޫރުވެފައިވާ އެއް ސަބަބަކީ އެ ކާރު "ސެލްފް-ޑްރައިވް" ނުވަތަ އަމިއްލަ ބާރުގައި ދުވާ "އޮޓޯޕައިލެޓް" ގޮތަށް ޓެކްނޯލޮޖީ ތައާރަފު ކޮށްފައިވާތީއެވެ. ނަމަވެސް އަނެއްކާވެސް މި އޮޓޯޕައިލެޓް މިއީ ރަނގަޅު ޓެކްނޯލޮޖީއެއްތޯ ވަނީ ސުވާލު އުފެދިފައެވެ. ސަބަބަކީ އެމެރިކާގެ އޮރެންޖް ކައުންޓީގައި ޓެސްލާ ކާރެއް ފުލުހުންގެ ކާރަކާ މުޑިއެރުމުންނެވެ.
ރޭ ދަންވަރު ހިނގި މި ހާދިސާގައި ފުލުހުންގެ އެކަކު ހުރީ ފުލުސް ކާރުގެ ބޭރުގައެވެ. އެއީ އެ ހިސާބުގައި ހިނގި އެކްސިޑެންޓެއް ތަހުގީގު ކުރުމަށެވެ. ތަހުގީގު ކުރި އެކްސިޑެންޓަކީ މީހަކު މަރުވެފައިވާ އެކްސިޑެންޓެކެވެ.
އަނެއް ފުލުސް މީހާ އިނީ ފުލުސް ކާރުގެ ތެރޭގައެވެ. ޓެސްލާ ކާރު އަންނަން ފެށުމުން އޭނާ ވަނީ އޭގެން ރެކެން މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ކަމެއް ނުވިއެވެ.
ޓެސްލާ ކާރު ފުލުހުންގެ ކާރާ މުޑިއެރުމުގެ ކުރިން ފުލުހުން ވަނީ އެ ހިސާބުގެ ޓްރެފިކް ބަލަހައްޓައިފައެވެ. އަދި މަގުމަތީގައި އެމަޖެންސީ ފްލެއާ ވެސް ބަހައްޓައިފައެވެ.
ފުލުސް ކާރުގެ އެމަޖެންސީ ލައިޓްތައް ވެސް ވަނީ ދިއްލައިފައެވެ. އެ ކާރުގެ ބޭރުގައި ހުރި ފުލުސް މީހާ ސަލާމަތްވީ ޓެސްލާ ކާރުގެ ކިބައިން ރެކުނީމާ ކަމަށްވެއެވެ. ކާރުގެ އެތެރޭގައި އިން ފުލުސް މީހާ ޒަހަމްވިތޯ ނުވަތަ ނޫންތޯ ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ޓެސްލާ ކާރު ދުއްވަން އިން މީހާ ޒަހަމްވިތޯ ނުވަތަ ނޫންތޯއާމެދު ވެސް ފުލުހުން އަދި އެއްޗެކޭ ނުބުނެއެވެ. ނަމަވެސް އޭނާއާ ހަވާލާ ދީ ފުލުހުން ބުނީ އޭނާ ދުއްވަން އިނީ ކާރު އޮޓޯޕައިލެޓަށް ލައި، އޭނާގެ ސްމާޓްފޯނު ބޭނުން ކުރަމުން ކަމަށެވެ.
"އޭނާ މަޑު ކުރި އަދި ތަހުގީގަށް އެއްބާރުލުން ދިން،" ފުލުހުން ބުންޏެވެ.
ޓެސްލާ ކާރެއް މި ފަހުން މި އެކްސިޑެންޓު ވީ 2018 ގެ އެކްސިޑެންޓެއްގައި މީހަކު މަރުވުމުން އޭނާގެ އާއިލާއަށް ކޯޓުން ބޭރުގައި ފައިސާ ދީގެން މައްސަލަ ނިންމިތާ މާގިނަ ދުވަސް ނުވަނީހެވެ. އެ މައްސަލަ ހައްލު ކުރީ ކިހާ ފައިސާއެއް ދީގެން ކަމެއް ޓެސްލާއިން ހާމައެއް ނުކުރެއެވެ.
ޓެސްލާގެ އޮޓޯޕައިލެޓް ޓެކްނޯލޮޖީން އެ މަރުކާގެ ކާރުތައް އަމިއްލަ ބާރުގައި ބުރަކި ޖެއްސުމާއި އަނބުރާލުމާއި އެއް ލޭނުން އަނެއް ލޭނަށް ދެއެވެ. ނަމަވެސް މިއީ "މުޅިއަކުން އަމިއްލަ ބާރުގައި ދުވާ" ކާރެއް ކަމަކަށް ނުވެއެވެ. މިހެނީ އޮޓޯޕައިލެޓްގައި ޓެސްލާ ކާރު ދުއްވައިގެން އެތައް ސަތޭކަ ފަހަރު މުޑިއެރުމުގެ ހާދިސާތައް ހިނގައިފައިވާތީއެވެ. އޭގެ ތެރޭގައި މީހުން މަރުވެފައިވާ އެކްސިޑެންޓްތައް ވެސް އެމެރިކާ ސަރުކާރުން ވަނީ ތަހުގީގުކޮށްފައެވެ. މި އޮޓޯޕައިލެޓް ސޮފްޓްވެއާގައި ހުރި "މައްސަލަތައް" ހައްލު ކުރަން ޓެސްލާއިން މިދިޔަ އަހަރުވަނީ އެތައް ކާރެއް އަނބުރާ މާކެޓުން ނަގައިފައެވެ.



advertisment