Support Us

ވާހަކަ: ހިމާޔަތް އެދެމޭ- އެޕިސޯޑް 9

"ތިއީ މިކިއަލްގެ ކަމެއްތަ؟" އެ ސުވާލު މާޔާގެ ދުލުން ނިކުންއިރު ހިތް ބިރުން ތެޅިގަތެވެ. ޝީތު ތެޅިގެންގޮތުން ހީވީ އޭނާގެ ޝައްކުތައް ދޮގަކަށް ނުވާނެހެންނެވެ.

"ވަޓް ދަ ހެލް؟" ޝީތުއަށް ލިބުނު ސިހުމާއި އެކު އޭނާގެ ނަފްސަށް ވެރިވި ގަތީ ރުޅިވެރިކަމެވެ. މާޔާއަށް މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ.

"ނޯ، ކީއްވެތަ މިކިއަލްގެ ނަން މި ދެމެދަށް ގެނައީ؟ އޭނަ އާއި އަހަރެންގެ މެދުގައި އެއްވެސް ގުޅުމެއް ނެތް، ކުރިން އޮތް އެކުވެރިކަމެއްވެސް ނެތް، މާޔާއަށްޓަކައި އަހަރެންގެ ހިތުން މިކިއަލްގެ ޚިޔާލުވެސް ވަނީ ނެރެފައި،" ޝީތުގެ ފަރާތުން ލިބުނު ޖަވާބާއި މިކިއަލް ދިން ޖަވާބުގެ އެއްވެސް ފަރަގެއް ނެތެވެ. ދެމީހަކު އެކައްޗެއް ކިޔައިގެން އެ ތެދަކަށް ވާނެނަމަ ޝީތުގެ ކެވެލިކޮޅު އޭނާއަށް ފެންނާނީ މިކިއަލް ނިދާ އެނދަކުން ނޫނެވެ.

"މީތި އަހަރެން ދުށީ މިކިއަލްގެ އެނދުމަތިން.." ޝީތުގެ ކެވެލިކޮޅު މައްޗަށް ހިއްލާލަމުން މާޔާ ބުނެލިއެވެ. ޝީތު ބަލަހައްޓައިގެން ހުރިގޮތުން ހީވަނީ އޭނާއަށް ދުނިޔެމަތިން އަޖައިބެއް ފެނުނުހެންނެވެ. ދެބުމަ ކައިރިކޮށްލެވުނެވެ. ޝީތު އެ ކެވެލިކޮޅުގައި އަތްލުމުގެ ކުރިން މާޔާ އަތް ތިރިކޮށްލިއެވެ.

"މާޔާ، އަހަރެން މިކިއަލްގެ ކޮޓަރިއަށް ދިޔައީ ރާމީން ބުނެގެން ލެޕްޓޮޕް ހިފައިގެން، އަހަރެންގެ ޕްރޮޖެކްޓް ނިމންދެން އިނީ މިކިއަލްގެ އެނދުގައި، އެކަމަކު އަހަރެންގެ އަތުން މި ކެވެލިކޮޅު ގެއްލުނުކަން ނުވެސް އެނގޭ، އަހަރެން މިހުންނަނީ ބޯގޮވާފައި، ހިތަށް އަރާ މިއިން ކުޑަދޮރަކުން ފުންމާލަންވެސް، އަހަރެން މަރުވާންވީ،" ޝީތު އަނެއްކާވެސް އެނދުމަތީ އިށީނެވެ. ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓާލިއެވެ.

ޝީތުގެ ކައިރީ އިށީނދެ މާޔާ އަނެއްކާވެސް ޝީތުގެ ގައިގައި ބައްދާލިއެވެ.

"ޝްޝް" ކުޑަކުއްޖަކު މަސަލަސްކުރާ ފަދައިން މާޔާގެ ބުނެލިއެވެ.

"ތިކަހަލަ ވާހަކަ ނުދައްކާ، އަމިއްލައަށް މަރުވުމަކީ ކަމުގެ ހައްލެއް ނޫން، އައި ޑޯންޓް ވޯންޓް ލޫސް މައި ސިސްޓަރ." މާޔާގެ އަޑު މަޑުވެގެން ދިޔައެވެ. އޭނާގެ ހިތަށް ވަރަށް ބޮޑު އަސަރުކުރިއެވެ. މިގެއަށް އައިފަހުން އޭނާއަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާއަކީ ދައްތައެއް ލިބުމެވެ. އޭނާގެ އެކަނިވެރިކަން ފިލީ ޝީތު ބެހެއްޓި އެކުވެރިކަމުގެ ސަބަބުންނެވެ. ޝީތުއަށް އޭނާ ވަރަށް ހިތްވަރު ދިނެވެ. ދުނިޔޭގެ ލަދަށްޓަކައި ފުރާނަ ދުއްވާލުމުގެ ޚިޔާލު ނެރެލުމަށާއި ޝީތު ދެކެ މާޔާ ލޯބިވާކަން ހާމަކުރިއެވެ.

މާޔާ ދެލޯ ފޮހެލާފައި އަހައިލީ ޝީތުގެ ބަނޑުގައި އޮތީ ކާކުގެ ދަރިއެއްތޯއެވެ. އެއަޑު އަހާފައި ޝީތު ވަރަށް ގިނައިރުވަންދެން ރުޔެވެ. އެކަމަކު މާޔާގެ ގާތުގައި އޭގެ ޖަވާބެއް ނުބުންޏެވެ.

"އައި ކާންޓް ޓެލް، އެކަމަކު ބުނަން، މާޔާގެ ހިތުގައި މިކިއަލް އާއި މެދު އެއްވެސް ޝައްކެއް ބާއްވައިގެން ނުވާނެ، މިކިއަލް އަކީ ވަރަށް ރަނގަޅު ޒުވާނެއް، ހީ ލަވްސް ޔޫ އަ ލޮޓް، އެކަން އަހަންނަށްވުރެ ބޮޑަށް އެއްވެސް މީހަކަށް ނޭނގޭނެ، އަހަރެން ކުރި ކަހަލަ ކުށެއް މާޔާ ނުކުރާތި، އިޓް ވިލް ޝަޓަރ ޔުއަރ ޑްރީމްސް،" ޝީތު ދިން ނަޞޭހަތަކީ އެއީއެވެ.

އެކޮޓަރިން ނުކުމެގެން އައި އިރު ކުރިއެކޭ އެއްފަދައިން މާޔާގެ ހިތް މިކިއަލްއަށްޓަކައި ވަނީ ސާފުވެފައެވެ. އޭނާ ނިދުމުގެ ކުރިން މިކިއަލްއަށް ގުޅާލިއެވެ. ދެމީހުން ވަރަށް ގިނައިރު ވާހަކަ ދެއްކިއެވެ.

** **

ރާމީން އޮފީހަށް ދާން ނިކުންއިރު އެންމެ ތިރީގައި ޝަރުމީލާ ހުއްޓެވެ. އޭނާވެސް ހުރީ އޮފީހަށް ދާން ތައްޔާރުވެގެންނެވެ. ރާމީން ފެނުމުން އޭނާއަށް ޝަރުމީލާ ގޮވާލިއެވެ.

"އެބައޮތް ވާހަކައެއް ދައްކަން." ޝަރުމީލާގެ މޫނަށް ރާމީން ބަލައިލިއެވެ. އޭނާ ޖެހިލުންވިއެވެ. މާޔާގެ މަންމަ އޭނަ އާއި ދައްކާނީ ކޮން ވާހަކައެއް ކަމެއް ނޭނގެއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ހިތްހެޔޮ ކަމާއި އެކު ހިނިތުންވެސް ވި މީހެއް ނޫނެވެ.

"މިގަޑީގައި؟" ރާމީން ބަލައިލެވުނީ ފޯނަށެވެ. އޭނާ ގެއިން ނިކުންނަނީ ކިރިޔާ އޮފީހަށް ފޯރާ ވަރަށެވެ. ޝަރުމީލާ ނޫނެކޭ ބުނެލިއެވެ. އަދި ރާމީންއަށް ވަގުތުވީމައި ގުޅާލާށޭ ބުނެފައި އޭނާގެ ނަންބަރު ދިނެވެ.

** **

އިރުއޮއްސުމުގެ ކުލަތަކުން އުދަރެސް ފުރެމުން ދިޔަ ވަގުތެވެ. އިރުގެ ހޫނުގެ މައްޗަށް ރޭގަނޑުގެ ފިނިކަން އަތްގަދަކުރަމުން ދިޔައެވެ. މާޔާ އޮތީ އޭސީގެ ފިނިކަމާއި ހެދި ކަންނެތްވެފައެވެ. މިކިއަލްގެ ނަމުން އޭނާ ގޮވާލީ ހެޑްސެޓް ތުންފަތާއި ކައިރިކޮށްލާފައެވެ. އެކޮޅުން އިވުނު މިކިއަލްގެ އަޑުވެސް ހުރީ ބަރުވެފައެވެ. އޭނާވެސް އޮތީ އޮފީހުން އައިގޮތަށް އޮށޯވެލައިގެންނެވެ.

"މި ލެޕްޓޮޕުން އެއްވެސް އެއްޗެއް ނުފެނޭ." މިކިއަލް ދެމުން ދިޔަ އިރުޝާދުތަކާއި އެއްގޮތަށް މާޔާއަށް އަމަލުކުރަން ފަސޭހައީ ވީޑިޔޯވެސް ބަލައިގެންނެވެ. އޭނާއަށް އެއްވެސް ސައިޓަކަށް ނުވަދެވުނެވެ. ހުރީ ބުލޮކުކޮށްލާފައެވެ. އެއީ އޭނާ މިދިޔަ ހަފްތާ ވަދެ އުޅުނު ވެބްސައިޓެކެވެ.

"ޖަސްޓް އިމޭޖިން." މިކިއަލްގެ އަޑު އިހުނަށްވުރެ ބަރުވެގެން ދިޔައެވެ. އެނދުމައްޗަށް ވެއްޓިގަންނަމުން މާޔާ ދެލޯ މަރާލިއެވެ. އޭނާގެ ސިކުނޑީގައި ކުރެހެމުން ދިޔައީ މިކިއަލް ސިފަކޮށްދެމުން ދިޔަ މަންޒަރުތަކެވެ. ދެމީހުން ދެތަނެއްގައި ތިބި ނަމަވެސް އެމީހުންގެ ސިކުނޑިތަކުގައި ވަނީ ދެމީހުން އެކުގައި އުފާކުރާނެ ގޮތެވެ. ހިތްހަމަޖެހުން ހޯދަން ކުރާނެ ކަންތަކެވެ.

"ފޮޓޯކޮޅެއް ފޮނުވަބަލަ ތިހެން އޮވެފައި." މިކިއަލްގެ އަޑަށް މާޔާއަށް ދެލޯ ހުޅުވައިލެވުނެވެ. އޭނާއަށް އޮވެވުނު ހާލަތު ފެނުމުން ނިކަން އަވަހަށް ނޫނެކޭ ބުނެވުނެވެ.

"އިތުބާރުކުރަންތަ؟" މިކިއަލްއަށް މާޔާ އެއްބަސްކުރުވަން އެނގެއެވެ. އޭނާ ފެށީ އަބަދުވެސް މާޔާ ބަލިކޮށްލަން އޭނާ ފަށާ ވާހަކަތަކެވެ. "ހާދަ މިސްވެޔޭ." މިކިއަލްގެ އަޑުގައި މަސްތީ އަސަރެއް ވިއެވެ. މާޔާއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. މިކިއަލް އަށް އޭނާ އިތުބާރުކުރަނީ އަމިއްލަ ނަފްސަށްވުރެ ބޮޑަށެވެ. އެކަން އޭނާ އަމަލުން ދައްކަން ބޭނުމެވެ.

މިކިއަލް ބުނިގޮތަށް ފޮޓޯތައް ނަގައި ނިންމާފައި ފޮނުވައިދިނުމަށްފަހު މާޔާ ވަނީ ފާޚާނާއަށެވެ. ފެންވަރާލާއިގެން ނިކުތީ ބަނޑުހައިވެގެންނެވެ. އޭނާ ބަދިގެއަށް ވަންއިރު އައިސްމައިލޯ ތައްޓެއް ބޯން ޝީތު އިނެވެ. އޮފީސް ނިމިގެން ޝަރުމީލާ އައިސް ވަންތަން މާޔާއަށް ފެނުނެވެ. މާޔާ އާއި ހަމަޔަށް ޝަރުމީލާއަށް ނާދެވުނީ ސިޓިންރޫމްގައި ޓީވީބަލަން އިން ޔޫނުސް ވާހަކަ ދައްކަންވެގެން މަޑުކޮށްލަން ބުނީމައެވެ.

"ދެދުވަހެއްގެ ތެރޭގައި އަހަރެން އެބަޖެހޭ ފުރަން، ޝީތު ޑޮކްޓަރަށް ދައްކާލަން." ޓީވީގެ އަޑު މަޑުކޮށްލާފައި ޔޫނުސް ދެއްކި ވާހަކަ ބަދިގެ ތެރޭގައި ތިބި މާޔާ އާއި ޝީތުއަށް އިވުނެވެ. އެކަމާއި ގުޅޭގޮތުން ޝަރުމީލާ ކަންބޮޑުވެގެން ސުވާލުކުރަމުން ދިޔައެވެ. ޝީތު ބަލީތޯ ޔޫނުސްކުރެ އަހާލިއެވެ.

"ފޮލޯ އަޕްއަކަށް. ޝީތު އަބަދުވެސް ދައްކާނެ ތައިރޮއިޑް މައްސަލަ ހުންނާތީ." ޔޫނުސްގެ އަޑުގައި ކަންބޮޑުވުމެއް ނެތެވެ.

"އަހަރެން ބުނެފިން ބައްޕަ ކައިރީ." މާޔާގެ ގާތުގައި ޝީތު ވާހަކަ ދެއްކީ އޭނާގެ އަޑު ބޭރަށް ނުފޯރާނެހާ މަޑުންނެވެ.

"އެވްރިތިން؟" މާޔާއަށް ހުރެވުނީ ޤަބޫލުނުކުރެވިފައެވެ. ޝީތު ބޯޖަހައިލަން ފެނިފައި މާޔާގެ މެޔަށް ފިނިވެގެން ދިޔައެވެ. އޭނާއަށް އަހާލެވުނީ ޔޫނުސް ރުޅި ނާދޭތޯއެވެ.

"އަހަރެންގެ ހުރި ހަމައެކަނި މީހަކީ ބައްޕަ، ހީ ވިލް ޕްރޮޓެކްޓް މީ އެޓް އެނީ ކޯސްޓް." ޝީތު އޭނާގެ ބައްޕަ އާއި މެދު ފަޚުރުވެރިވާ ކަހަލައެވެ. ބައްޕައަށް އިތުބާރުކުރާކަން އެނގެއެވެ. އޭނާ ދެކެ ޔޫނުސް ރުޅިއެއް ނާދެއެވެ. އެއްޗެހި ކިޔައެއް ނުހަދައެވެ. ގެޔާއި މުދަލުން ވަކިކޮށެއްނުލައެވެ. އޭނާ ސަލާމަތްކުރަން ތެދުވެ ހުރީ ބައްޕައެވެ. ވަގުތުން ފުރައިގެން ދެވޭނެ ތަނަވަސްކަން ވަނީ ލިބިފައެވެ. އެންމެ ރަނގަޅު ކަމަކީ ޝަރުމީލާއަށްވެސް އެއިން ކަމެއް ޔޫނުސް ނޭންގިކަމެވެ.

ބައްޕަގެ ފަޅުކަން މާޔާއަށް އިހްސާސްކުރެވުނެވެ. ބައްޕަ އަކީ ދަރިން ހިމާޔަތްކުރާނެ ފަރާތެކެވެ. މައްސަލަތައް ހައްލުކޮށްދޭނެއެވެ. އެއީ އޭނާއަށް ލިބުނު ނަޞީބެއް ނޫނެވެ. ދުވަހަކުވެސް އޭނާ ދެކިލަން ބައްޕަ ނުވެސް އާދެއެވެ. ފޯނުގެ ޒަރިއްޔާއިން އޭނާގެ ހާލު ބަލައިލަންވެސް ބައްޕަ މަސައްކަތެއް ނުކުރެއެވެ. ސަބަބު އެނގޭނީ މަންމައަށެވެ. އެކަމަކު އެއީ އޭނާ ކުރި ކަމުގައިވިއަސް ޖަވާބު ލިބޭނެ ސުވާލެއް ނޫނެވެ.

** **

ނިދަން އޮށޯވެލައިގެން ޝަރުމީލާ އޮތެވެ. ދެދުވަހެއްގެ ތެރޭގައި ޔޫނުސް ފުރައިގެން ދިއުމުން އޭނާއަށް މާޔާ އާއި ރަނގަޅަށް ވާހަކަ ދައްކާލެވިދާނެއެވެ. އޭނާއަށް ލިބުނު މައުލޫމާތަކީ ހިތުތެރޭގައި ބަހައްޓައިގެން ހުރެވޭ ވަރުގެ އެއްޗެއް ނޫނެވެ. އެންމެ ދުވަހެއްވެސް މާޔާ މިކިއަލް އާއި އެކުގައިވާން އޭނާ ނޭދެއެވެ. މިކިއަލްގެ ހަޤީޤަތް އެނގުމަށްފަހު އެއްވެސް މަޔަކު އެމީހެއްގެ އަންހެންދަރިއަކު މިކިއަލްގެ އަތްމައްޗަށް ދޫކޮށްލަން ބޭނުންނުވާނެކަން ޔަޤީނެވެ.

** **

ރޭގަނޑު އެންމެން ނިދާ ހިމޭންވި ވަގުތެވެ. ވަރަށް ސިއްރުން ގޭތެރެއިން ނުކުމެ ގޮސް ވަނީ މިކިއަލްގެ އެޕާރޓްމެންޓަށެވެ. އޭނާ ވަންނައިރު ސޯފާގައި ރާމީން ނިދަން އޮންނާނެއެވެ. އެކަމަކު މިރޭ ރާމީންއެއް ނެތެވެ. މިކިއަލްގެ ކޮޓަރިއަށް ވަންއިރު މިކިއަލް ހުރީ ކުޑަދޮރުގެ ކައިރީ ސިނގިރެޓެއް ބޯށެވެ.

"މިކިއަލް، ރާމީން ނެތީތަ؟" މިކިއަލްގެ ކައިރީ ހުއްޓެމުން މާޔާ އަހައިލިއެވެ. މިކިއަލްއަށް ދެބުމަ ކައިރިކޮށްލެވުނެވެ. އެސުވާލުން އޭނާގެ ތަބީއަތް ބަދަލުވެއްޖެކަން އޭނާގެ މޫނަށް ބަލައިލިނަމަ މާޔާއަށް އެނގުނީހެވެ. އެކަމަކު މާޔާގެ ނަޒަރުހުރީ މަގުމައްޗަށެވެ. މި ދަންވަރުވެސް ދޭތެރެއަކުން ދުމެއްޖަހާފައި ސައިކަލެއް އެމަގުން ދެއެވެ. ޕޭމަންޓްމަތީ ސަކަރާތްޖަހަން ފިރިހެން ކުދިންތަކެއް ތިއްބެވެ.

"ރާމީން ހޯދަންތަ ތިއައީ؟" މިކިއަލްގެ އަޑުގައި ނުރުހުމުގެ އަސަރުވިއެވެ. މާޔާއަށް މިކިއަލްގެ މޫނަށް ބަލައިލެވުނެވެ. ނިކަން އަވަހށް ނޫނެކޭ ބުނެވުނެވެ.

"އޭނަ ހިނގައްޖެ މިގެއިން." މިކިއަލް ދެވަނަ ސިނގިރެޓެއް ނެގިއެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވެފައިވާކަން އެނގެއެވެ. އެ ހާސްކަމާއި ނުތަނަވަސްކަން ފިލުވަން ސިނިގިރެޓެއްގެ އެހީ އޭނާ ހުރީ ބޭނުންވެފައެވެ.

"ކީއްވެ؟" މާޔާ އަހައިލިއެވެ. މިފަހަރު މިކިއަލް ޕިސް ޖަހާލި އަޑުއަހާފައި މާޔާ ލަދުގަތެވެ. އަނެއްކާވެސް ރާމީން އާއި ބެހޭގޮތުން މި އެހުނީ މިކިއަލް ހިތްހަމަނުޖެހޭކަން އެނގިއެވެ. އެކަމަކު ރާމީން ފިޔަވައި މިކިއަލްގެ އާއިލާއިން އޭނާއަށް އެއްވެސް މީހަކު ފެނުނީކީ ނޫނެވެ. ރާމީން އަކީ ރަނގަޅު އެކުވެރިއެކެވެ. ކުއްލިއަކަށް ގެއިން ނިކުމެގެން ދިޔަ ޚަބަރާއި އެކު އޭނާގެ ދޫ ހިމޭން ނުކުރެވުނީ ހިތަށް ގިނަވި އަދަދު ނުކުރެވޭ ސުވާލުތަކުގެ ސަބަބުންނެވެ.

"އޭނައަށް އަހަރެން ކިޔަވައިދިނިން. ވަޒީފާ ހޯދައިދިނިން، އެކަމަކު އޭނާއަށް އަމިއްލައަށް އުޅެވޭނެހެން ހީވީމާ އެދިޔައީ ކޮށްދިން ހުރިހާ ކަމެއް ހަނދާން ނައްތާލާފައި، މިއީ ދުނިޔެ، ލޯބި ލިބޭނެ ކަމަށް ލޯބި ދިނުމަކީ މީހަކަށް ކުރެވޭނެ އެންމެ މޮޔަކަންތައް، މާޔާ، އަހަރެން މިހާރު ބިރުގަންނަނީ އެންމެން ދިޔަފަދައިން މާޔާވެސް ހިނގައިދާނެތީ." މިކިއަލް ވައިގެ ތެރެއަށް ދުންގަނޑެއް ދޫކޮށްލިއެވެ. މާޔާ އާއި ހަތަރުކަޅި ހަމަކޮށްލިއިރު އެދެލޮލުގައިވި ރިހުން ފެންނަން ހުރީ ކަރުނައިގެ ގޮތުގައެވެ.

"މިކިއަލް." މާޔާއަށް މަޑުމަޑުން ގޮވާލެވުނެވެ.

"އައި ވިލް ބީ ވިތު ޔޫ. ފޮރ އެވަރ" އެއީ ހަމައެކަނި މާޔާގެ ދުލުން ބުނެލި ބަސްތަކެއް ނޫނެވެ. އެއީ އޭނާގެ އެންމެ ފުންމިނުން ވެވުނު ވައުދެއްވެސް މެއެވެ. މިކިއަލްގެ އަތުގައި މާޔާ ހިފީ އިތުރަށް ޔަޤީންކަން ދޭންވެގެންނެވެ. މާޔާގެ ހިތަށް އަސަރުކުރީ މިކިއަލްގެ ދެލޮލުން އެ ކަރުނަތިކި ފައިބައިގެންތަން ފެނިފައެވެ. ފިރިހެނުންނަކީ އެމީހުންގެ ޖަޒްބާތުތައް ކޮންޓްރޯލްކުރަން ދަންނަ ބައެކެވެ.

"އެކަމަކު އަހަންނަކަށް ހިޔެއް ނުވޭ އަހަރެމެން ދެމީހުން ކިތަންމެ ބޭނުންވިއަސް އަދި އުޅެވިދާނެހެންނެއް." މިކިއަލް މަޑުމަޑުން މާޔާގެ ކޮލުގައި އިނގިލިތައް ޖައްސާލިއެވެ. ލުއި ބީހުމަކާއި އެކު މާޔާގެ ކޮލުގައި ފިރުމާލިއެވެ.

"ކީއްވެ؟" އަރުތެރެ ހިކިގެން ގޮސް މާޔާގެ އަޑު ނުކުތީ ކިރިޔާއެވެ.

"ސަމްވަން އިޒް ޓްރައިން ޓު ޑިސްޓްރޯއި މީ." މިކިއަލްގެ އަޑު ތުރުތުރުލާހެން ހީވެއެވެ. ދުވަހަކުވެސް މިކިއަލް މިހާ ޖަޒްބާތީވެފައިވާތަން މާޔާއަށް ފެނިފައެއް ނުވެއެވެ.

"ކާކު؟" މާޔާއަށް މިކިއަލްގެ އަތުގައި ހިފަހައްޓާލެވުނެވެ. އެއީ ކާކުކަން އެނގެން މާޔާ ބޭނުމެވެ. މިކިއަލް ދެރަވެ ހިތުގައިޖެހިފައިވާތަން ބަލަން އޭނާއަށް ކެތެއް ނުވެއެވެ.

"މާޔާގެ މަންމަ." މިކިއަލް ނޭފަތް ދަމާލިއެވެ. އޭނާ ކަރުނަތައް ކޮންޓްރޯލްކުރިއެވެ. މާޔާ ސިހިގެން ދިޔަތަން ފެނިފައި މިކިއަލްގެ ދެއަތުން މާޔާގެ މޫނުގައި ހިފަހައްޓާލިއެވެ.

"މިއަދު ރާމީންވެސް އެދިޔައީ މާޔާގެ މަންމަ ދެއްކި ވާހަކައަކުން، މާދަމާ ނޭނގެ މާޔާ ނޫން ކަމެއް." މިކިއަލް އަށް އިތުރަށް ވާހަކަ ނުދެއްކިގެން ހުއްޓާލިއެވެ. ލިބުނު ސިހުމާއި އެކު އިތުރު ލަފްޒެއްވެސް ނުބުނެވި މާޔާއަށް ހުރެވުނެވެ. މަންމަ ދެކެ ރުޅި އާދެވުނެވެ. މިކިއަލް އާއި އޭނާގެ ދެމެދަށް ވަދެ މަންމައަށް ހާސިލްވާނެ އެއްވެސް ކަމެއް ނެތެވެ. މިކިއަލް ދެކެ މަންމަ ރުޅި އަންނަންވީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ.

"މިކިއަލް ، ލިސެން." މާޔާ އަށް މިކިއަލްގެ މެދުހަށީގައި ބައްދާލެވުނެވެ. އޭނާގެ މޫނު މިކިއަލްގެ މޭގައި ޖައްސާލިއިރު ހިތުގެ ތެޅުމުގެ އަޑު އިވެއެވެ.

"އަހަރެން މިކިއަލް ދޫކޮށެއް ނުލާނަން، މިކިއަލް އެންމެ ރަނގަޅަށް އެނގެނީ އަހަންނަށް، މިފަހަރު މަންމައަކަށް ނޫން ކާމިޔާބުވާނީކީ." މިކިއަލް ދެއަތުން މާޔާގެ ހަށިގަނޑުގައި ބައްދާލިއެވެ. އެއީ މާޔާ ދެމުން ދިޔަ ޔަޤީންކަމުން އޭނާއަށް އުފާވެރިކަން ލިބިގެންނެއް ނޫނެވެ. އޭނާ އޮހޮރޮވި މަސްނޫއީ ކަރުނަތަކުގެ އަވައިގައި މި މޮޔަ އަންހެންކުއްޖާ ޖެހިގެންދާތީ އެކަމުގެ އުފަލުގައެވެ.

ރާމީން އާއި އޭނާ ޒުވާބުކުރީ މިއަދު ޝަރުމީލާ އާއި ބައްދަލުކުރުމަށްފަހު އައިސް ރާމީން ދައްކަން ފެށި ވާހަކަތަކުންނެވެ. ރާމީންގެ ފަރާތުން ޝަރުމީލާއަށް އެނގުނު ކަންތައްތަކަކީ ދުވަހަކުވެސް އޭނާ މާޔާއަށް އަންގަންވެސް ބޭނުންވާ ކަންތައްތަކެއް ނޫނެވެ. ޝަރުމީލާ އެވާހަކަ ދެއްކުމުގެވެސް ކުރިން މިކިއަލް އަވަހަށް އޭނާއަށް ކުރިލިބޭނެ މަގު ތަނަވަސްކުރިއެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
430143
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *