Support Us

އުތުރު ކޮރެއާގެ ހައިޕަސޮނިކް މިސައިލް ޓެސްޓު ފޭލިވެއްޖެ

އުތުރު ކޮރެއާއިން ތަހުލީލުކުރި ހައިޕަސޮނިކް މިސައިލް ތަހުލީލެއް ފޭލިވެއްޖެއެވެ. ހައިޕަސޮނިކް މިސައިލަކީ ސިކުންތަކު ފަސް މޭލު ދުވެލީގައި އުދުހޭ މިސައިލެކެވެ.

ނަން ހާމަ ނުކުރާ ދެކުނު ކޮރެއާގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ މިސައިލް ފޮނުވައިލައިފައިވަނީ 60 މޭލުގެ އުސްމިނުން ކަމަށެވެ.

ވެރިރަށް ޕިޔޮންގްޔޭންގުން އުދުއްސައިލި މިސައިލް 120 މޭލަށް ދަތުރުކޮށްފައި ފަޒާގެ ތެރޭގައިވަނީ ގޮވައިފައި ކަމަށް ދެކުނު ކޮރެއާގެ އޮފިޝަލް ވިދާޅުވިއެވެ. ހަލާކުވި މިސައިލް ގޮވީ އުތުރު ކޮރެއާގެ އައްސޭރި ސަހަރެއް ކަމަށްވާ ވޮންސާގެ މަތިންނެވެ. އަދި ހަލާކުވި ބައިބައި ވަނީ އެތައް މޭލު ދުރަށް ބުރަބުރައިގެން ގޮސްފައެވެ.

މި ހާދިސާ މި ހިނގީ ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން މިދިޔަ ހަފުތާގައި އުތުރު ކޮރެއާއަށް ދަތުރެއް ކުރައްވައި އުތުރު ކޮރެއާގެ ޒައީމު ކިމް ޖޮންގް-އުން އާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ހަތިޔާރު ބަދަލު ކުރުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފައިވަނިކޮށެވެ. އިއްޔެގެ މި މިސައިލް އަޖުމަ ބެލުމަކީ ޕުޓިންގެ ދަތުރަށް ފަހު އުތުރު ކޮރެއާއިން ހައިޕަސޮނިކް މިސައިލެއް ތަހުލީލު ކުރި ފުރަތަމަ ފަހަރެވެ.

އުތުރު ކޮރެއާ އާއި ރަޝިއާއިން ސޮއި ކުރި އެއްބަސްވުމުގައި ބުނެފައިވަނީ ދެ ގައުމަށް ކުރިމަތިވެދާނެ ހަނގުރާމައިގެ ހާލަތެއްގައި އެއް ގައުމުން އަނެއް ގައުމަށް އެހީވެދޭނެ ކަމަށެވެ. މި އެއްބަސްވުމާ ދެކޮޅަށް ދެކުނު ކޮރެއާ، އެމެރިކާ އަދި ޖަޕާނުން ވަނީ އަޑުއުފުލައިފައެވެ. ސަބަބަކީ ޔޫކްރެއިން ހިފަން ރަޝިއާއިން ކުރަމުންދާ އަހަރުތަކެއް ވީ ހަނގުރާމައިގައި އުތުރު ކޮރެއާއިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭން އެއްބަސްވުމުންނެވެ.

އިއްޔެ ހައިޕަސޮނިކް މިސައިލް ޓެސްޓެއް އުތުރު ކޮރެއާއިން މިކުރީ ދެކުނު ކޮރެއާ އާއި ޖަޕާނާއެކު އަސްކަރީ ހަރަކާތްތަކެއް ހިންގުމަށް އެމެރިކާގެ އަސްކަރީ މަނަވަރު ޔޫ.އެސް.އެސް ތިއޮޑޯ ރޫޒްވެލްޓް ކޮރެއާ އާއި ޖަޕާނު ސަރަހައްދަށް އެމެރިކާއިން ފޮނުވައިފައިވަނިކޮށެވެ. އުތުރު ކޮރެއާއިން މި ކަމާ ރުޅިއައިސްފައިވާ ކަމަށްވެއެވެ.

"ދެކުނު ކޮރެއާއާ އެމެރިކާއިން ގުޅިގެން އުތުރު ކޮރެއާއަށް ނުތަނަވަސްކަން ގެންނަން ކުރާ މަސައްކަތާ ދެކޮޅު ހަދަން. މި ކަމުގެ ބަދަލުހިފާނަން،" އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭ.ސީ.އެން.އޭ)އިން އިންޒާރުދިނެވެ.

ރޫޒްވެލްޓް މަނަވަރު ބަނދަރުކޮށްފައިވަނީ ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ އިތުރުދެކުނުން 200 މޭލު ކައިރީގައިވާ ބުސާން ސަހަރުގެ އައްސޭރީގައެވެ. ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔިއޯލް އިއްޔެ ނޫން އެހަށް ދުވަހު ވަނީ މި މަނަވަރަށް ޒިޔާރަތްކުރައްވައިފައެވެ.

"ބޭނުމަކީ ދެކުނު ކޮރެއާއަށް އެމެރިކާގެ ރައްކާތެރިކަން ލިބިފައިވާކަން ކިމްއަށް ދެއްކުން،" ޔޫން ވިދާޅުވިއެވެ.

އުތުރު ކޮރެއާއިން މި ދުވަސްވަރު ދެކުނު ކޮރެއާއަށް ވަނީ އެކި ޒާތުގެ ދުއްތުރާތައް ކުރަން ފަށައިފައެވެ. އެ ގޮތުން އިއްޔެ ވަނީ ކުނިބުނި އެޅި 25 ފުއްޕާހަން ދެކުނު ކޮރެއާއާ ދިމާއަށް އުދުއްސައިލައިފައެވެ. މި ކަމުގެ ސަބަބުން ސޯލްއަށް ހިދުމަތް ދޭ އިންޗިއޮން އެއާޕޯޓުގެ މަސައްކަތް ތިން ގަޑިއިރަށް މެދުކެނޑުނެވެ.

"މަތިންދާބޯޓުތައް ނައްޓައިލުމާއި ޖެއްސުމަށް ހުރަސްއެޅުނު. ސަބަބަކީ އެއް ފުއްޕާހަން ރަންވޭ މައްޗަށް ވެއްޓުމުން. މިހެންވެ ތިން ރަންވޭ ވަގުތީ ގޮތުން ބަންދުކުރަން ޖެހުނު،" އެއާޕޯޓުގެ އޮފިޝަލެއް ވިދާޅުވިއެވެ.

ފަހަކަށް އައިސް މި ފަދަ ފުއްޕާހަންތައް އުތުރު ކޮރެއާއިން ދެކުނު ކޮރެއާއާ ދިމާއަށް ފޮނުވަމުންދެއެވެ. އޭގެ ތެރޭގައި ގެރިގުޔާއި ގުނގުރެޓު ކުނޑި އާއި އެހެނިހެން ބާވަތްތަކުގެ ކުނި އަޅައިފައިވާ ފުއްޕާހަންތައް ހިމެނެއެވެ. އުތުރު ކޮރެއާއިން ބުނީ މި ކަމެއް ކުރަން ފެށީ އުތުރު ކޮރެއާއިން ފިލައިގެން ގޮސް ދެކުނު ކޮރެއާއަށް ހިޖުރަކޮށްފައިވާ މީހުން ތަފާތު ބާވަތުގެ ޕްރޮޕެގެންޑާ އުތުރު ކޮރެއާގެ ބޯޑަރު ސަރަހައްދުތަކަށް ފޮނުވާތީ ކަމަށެވެ. މި ކަންތައް މިހާރު ވެފައިވަނީ ދެ ގައުމުގެ ދެމެދުގައި "އަލަށް ހިނގަން ފެށި ކުރިމަތިލުންތަކަ"ކަށެވެ.

އުތުރު ކޮރެއާއިން ދާދި ފަހުން ވަނީ ޕިޔޮންގްޔޭންގްގައި ހާއްސަ ހަފުލާއެއް ބާއްވައިފައެވެ. އެއީ އެމެރިކާއިން އުތުރު ކޮރެއާއާ ދެކޮޅަށް ފެށި ހަނގުރާމައަށް 74 އަހަރު ފުރުން ފާހަގަ ކުރުމަށެވެ.

"މި ހަފުލާގެ ބޭނުމަކީ އެމެރިކާގެ އިސްތިއުމާރާ ދެކޮޅު ހެދުން ދައްކައިލުން. އެމެރިކާއަކީ އަހަރެމެންގެ އެންމެ ބޮޑު ދުޝްމިނު،" އުތުރު ކޮރެއާގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *