Support Us

ޑަޔާނާގެ ހެދުމެއް ނީލަމުގައި ހަތަރު ލައްކަ ޑޮލަރަށް

ކާރު އެކްސިޑެންޓެއްގައި އަވަހާރަވެފައިވާ އިނގިރޭސި ވިލާތުގެ ޕްރިންސަސް ޑަޔާނާ ސްޕެންސާގެ ހެދުމެއް ނީލަމުގައި 400،000 ޑޮލަރަށް ވިކޭނެ ކަމަށް ބެލެވެން ފަށައިފިއެވެ.

އިނގިރޭސި ރަސްގެފާނު ޗާލްސް ވިންޑްސަރގެ ކުރީގެ އަނބިކަނބަލުން ޑަޔާނާގެ ބައެއް އަމިއްލަ މުދާ މި ހަފުތާގައި އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ނީލަމަކުން ވިއްކައިލަން ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހެދުމާއި އަތްދަބަހާއި ފައިވާނާއި ތޮފި ހިމެނެއެވެ. އެ ގޮތުން މުޅިއެކު 50 އެއްހާ ތަކެތި ވިއްކައިލުމަށް ހަމަޖެހިފައިވެއެވެ.

ޑަޔާނާ 1997 ގައި އަވަހާރަވުމުގެ ކުރިން ވެސް ވަނީ އެތައް ހެދުމެއް ނީލަމުގައި ވިއްކަވައިލައްވައިފައެވެ. މި ފަހަރުގެ ނީލަމުގައި ޑަޔާނާއަށް އެންމެ ކަމުދާ ޑިޒައިނަރުން އޭނާއަށް ފަހައިދީފައިވާ ހެދުން ހިމެނެއެވެ. މި ޑިޒައިނަރުން ތެރޭގައި ވިކްޓަރ އެޑެލްސްޓައިން، މަރީ އަރބައިޑް، އަދި ކެތަރިން ވޯކަރ ހިމެނެއެވެ.

އަރބައިޑް ތައްޔާރުކޮށްދިން ހެދުމެއް ތުރުއްކުރައްވައިގެން ޑަޔާނާ ވަނީ 1986 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގައި އޮތް އެންޑްރޫ ލޮއިޑް ވެބަރގެ "ދަ ފެންޓަމް އޮފް ދަ އޮޕެރާ" ޝޯއަށް ވަޑައިގެންފައެވެ. މި ހެދުން 400،000 ޑޮލަރަށް ވިކޭނެ ކަމަށް ބެލެވޭ ކަމަށް، ނީލަން އިންތިޒާމް ކުރާ ޖޫލިއެންސް އޯކްޝަންސްއިން ބުންޏެވެ.

މިދިޔަ އަހަރު އޮތް ނީލަމެއްގައި ޑަޔާނާގެ ހެދުމެއް ވަނީ 1.14 މިލިއަން ޑޮލަރަށް ވިކިފައެވެ.

"ޑަޔާނާގެ ރީތިކަން އަހަރެމެން މި ފާހަގަ ކުރަނީ،" ޖޫލިއެންސް އޯކްޝަންސްއިން ވާހަކަ ދެއްކި ގަބްރިއެލާ ޝްވާޒް ބުންޏެވެ.

އޭނާ ބުނީ ޑަޔާނާގެ ވަރަށް ހާއްސަ ހެދުންތަކެއް ނީލަމުގައި ވިއްކައިލަން ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޑަޔާނާ ވަރަށް ފަހުރުވެރިކަމާއެކު ތުރުއްކުރެއްވި، އޭނާގެ ސްޓައިލް ރަމްޒުކޮށްދޭ ހެދުންތަކެއް ހިމެނޭ ކަމަށް ގަބްރިއެލާ ބުންޏެވެ.

ޑަޔާނާ ޗާލްސްއާ ކައިވެނި ކުރެއްވީ 1981 ގައި އެތައް މިލިއަން މީހުން ޓީވީގެ ޒަރީއާއިން ވަގުތުން ބެލި ހަފުލާއެއްގައެވެ. ނަމަވެސް އެއަށް ފަހު ޗާލްސް މިހާރު ކައިވެނި ކުރައްވައިގެން އުޅުއްވާ ކެމީލާ ޕާކާ ބައުލްސްއާ ގުޅުން ބާއްވައިކަން ފަޅާއެރުމުން ޑަޔާނާއާއެކު އޮތް ގުޅުން ހީނަރުވެ އެންމެ ފަހުން ޑަޔާނާ 1996 ގައި ވަރިވެވަޑައިގަތެވެ. އޭގެ ފަހުން ޑަޔާނާ ވަނީ މިސްރުގެ މަހުޖަނު މުހައްމަދު އަލްފާއިދުގެ ދަރިކަލުން ޑޯޑީ އަލްފާއިދުއާ ލޯބީގެ ގޮތުން ގުޅިވަޑައިގެންފައެވެ. ޑަޔާނާ އަވަހާރަވީ ނޫސްވެރިންނަށް ފިއްލަވަން ވެގެން ޑޯޑީއާއެކު ކާރެއްގައި ބާރު ސްޕީޑެއްގައި ދަނިކޮށް ފްރާންސްގެ ވެރިރަށް ޕެރިހުގައި ހިނގި އެކްސިޑެންޓެއްގައެވެ.

ޑަޔާނާއަކީ އިނގިރޭސި ވަލީ އަހުދު ޕްރިންސް ވިލިއަމްގެ މަންމައެވެ.

ޑަޔާނާ އަވަހާރަވިތާ ގަރުނެއްގެ ހަތަރުބައިކުޅައެއްބައި ވީއިރުވެސް އޭނާއަކީ އަދިވެސް އެހެން މަޝްހޫރު މީހުންނަށް ދޫކުރާވަރުގެ ސެލެބްރިޓީއެއް ނޫނެވެ. އޭނާގެ ހެދުން އެޅުމާއި އެހެނިހެން ޒާތީ ސްޓައިލަކީ އަދިއަދަށް ވެސް އެތައް މިލިއަން ބަޔަކު މިސާލު ނަގާ ސެލެބްރިޓީއެވެ.

ޖޫލިއެންސް އޯކްޝަންސްއިން މިއަދު ނީލަން ނިންމައިލުމުގެ ކުރިން ވޭތުވެދިޔަ މަސްތަކުގައި ވަނީ ޑަޔާނާގެ މުދާތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކައިލައިފައެވެ.

މި ނީލަމުގައި ޑަޔާނާއަށް އެންމެ ކަމުދާ ފައިވާން ޑިޒައިނަރުންގެ ބޫޓު ފަދަ ތަކެތި ހިމެނެއެވެ. އޭގެ ތެރޭގައި ސަލްވަޓޯ ފެރަގަމޯ، ކާޓް ގައިގަރ އަދި ރައިން ހަދާފައިވާ ފައިވާން ހިމެނެއެވެ.

ޖޫލިއެންސް އޯކްޝަންސްއިން ބުނީ ޑަޔާނާ އަތުން ލިޔުއްވައިފައިވާ ސިޓީތަކަކާއި އިނގިރޭސި ޝާހީ އާއިލާއާ ގުޅުން ހުރި ބައެއް ތަކެތި ވެސް ނީލަމުގައި ހިމެނޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *