ނިޔާވެފައިވާ ލޯބިވާ މީހުން ފެންނަ ހުވަފެން ތައުބީރު ކުރުމަކީ އިންސާނީ ތާރީހުގައި އެތައް ޒަމާނެއްވެފައިވާ ކަމެކެވެ.
ނަފުސާނީ އިލްމްވެރިން ވިދާޅުވަނީ މި ކަމުން އިންސާނުންގެ ސިކުނޑިއަށް އަންނަ ކަންތައްތައް ދެނެގަންނަން "ދޮރެއް ހުޅުވިގެން"ދާ ކަމަށެވެ.
ބައެއް މީހުން ސުވާލުކުރަނީ މި ފަދަ ހުވަފެނުގައި ހާއްސަ މެސެޖްތަކެއް ނުވަތަ މާނަތަކެއް އެކުލެވޭތޯއެވެ.
ނިޔާވެފައިވާ ގާތް މީހުން ހުވަފެނުން ފެނުމުގައި އެކި މުޖުތަމައުތަކުން ދެކޭ ނަފުސާނީ، ސަގާފީ އަދި ރޫހީ ގޮތްތަކަށް ބަލައިލާނަމެވެ.
ނަފުސާނީ މާނަތައް:
އޮސްޓްރިއާގެ މަޝްހޫރު ނަފުސާނީ އިލްމްވެރިޔާ ސިގްމަންޑް ފްރޮއިޑް ދެކެވަޑައިގަތް ގޮތުގައި ނިޔާވެފައިވާ ގާތް މީހުން ހުވަފެނުން ފެނުމަކީ އެ މީހާ ނިޔާވުމުން އެ ކަމާ ހިތާމަކުރުމުގެ ބައެކެވެ. މިއީ "ކޮޅެއްގައި އަދި ނުޖެހޭ ޖަޒުބާތުތަކާއި އެދޭ އެދުންތަކަށް ވެދާނެ" ކަމަށް ފްރޮއިޑް ވިދާޅުވެފައިވެއެވެ. ހުވަފެން ތައުބީރު ކުރުމަށް މަޝްހޫރު ސްވިޒަލެންޑްގެ ކާލް ޔުންގް ވިދާޅުވެފައިވަނީ މި ފަދަ ހުވަފެންތަކަކީ ސިކުނޑީގެ "ނަފުސާނީ ތިލަފަތަށް ބެލެންސެއް ގެންނަން" ސިކުނޑިން ބޭނުން ކުރާ އުކުޅަކަށް ވެދާނެ ކަމަށެވެ.
ހިތާމަތަކާ ކުރިމަތިލުން:
ނިޔާވެފައިވާ ގާތް މީހުން ހުވަފެނުން ފެނުމަކީ އެ މީހަކު ނިޔާވުމުން އެ ލިބޭ ހިތާމަ ސިކުނޑީގައި "ޕްރޮސެސް"ކޮށް ނުވަތަ އެ ކަމާ ކުރިމަތިލައި އެ މަރުހަލާ ކަޑައްތު ކުރުމަށް އެހީވެދޭ ކަމެކެވެ. މިއީ ހަޔާތުން "ގެއްލޭ އެއްޗަކާމެދު" ސިކުނޑި އެ ކަމަށް ހޭނުވުމަށް ކުރިމަތިވާ ކަމެއް ކަމަށްވެއެވެ. މި ފަދަ ހުވަފެން ފެނުމުން އެ ގެއްލުނު މީހާއާމެދު "ނަފުސާނީ ގާތްކަމެއް" ގާއިމުކޮށް، އެ ކަމުން "ޒަހަމްވެފައިވާ ތިބާގެ ހިތަށް ހިތްހަމަޖެހުން ގެނެސްދެ"އެވެ.
ހައްލު ނުކުރެވިފައިވާ ޖަޒުބާތުތައް:
ނިޔާވެފައިވާ ގާތް މީހުން ހުވަފެނުން ފެނުމަކީ ވަކި ގޮތަކަށް ހައްލުނުކުރެވި ހުންނަ ޖަޒުބާތުތަކަށް ތަސައްލީއެއް ލިއްބައިދޭ އެއްޗެއް ކަމަށް ބެލެވެއެވެ. އެ ގޮތުން އެ ނިޔާވި މީހާ ދުނިޔޭގައި ދިރިހުރިއިރު އޭނާއާ ކޮށްފައިވާ މުއާމަލާތްތަކުގައި އޭނާއާމެދު ބެހެއްޓި ޖަޒުބާތުތަކުގައި ވަކި ސިފައެއް ޖެހިފައި ނުވާތީ ފެންނަ ހުވަފެންތަކަކަށް ވުން ވެސް އެކަށީގެންވެއެވެ.
ސަގާފީ އަދި ރޫހީ ކަންތައްތައް:
ތަފާތު މުޖުތަމައުތަކުގައި ސަގާފީ އަދި ރޫހީ ނަޒަރަކުން ބަލާއިރު އެ ފަރާތްތަކުން ދެކެނީ ނިޔާވެފައިވާ ގާތް މީހުން ހުވަފެނުން ފެނުމަކީ "ހާއްސަ މެސެޖްތަކެއް" ލިބޭ ކަމެކެވެ.
ކާބަފައިންގެ އިރުޝާދު: ބައެއް މުޖުތަމައުތަކުން ގަބޫލު ކުރާ ގޮތުގައި ނިޔާވެފައިވާ ގާތް މީހުން ހުވަފެނުން ފެނުމަކީ ކާބަފައިން ދީފައިވާ އިރުޝާދުތަކާއި ރައްކާތެރިކަމުގެ މެސެޖްތަކާއި އަދި ރަނގަޅު ބުއްދިތައް ތިބާ ނިދާފައި އޮންނައިރު ތިބާގެ ސިކުނޑިއަށް "ފެންނަ ފެނުމެވެ".
އަލުން ބައްދަލުވުން:
ނިޔާވެފައިވާ ގާތް މީހުން ހުވަފެނުން ފެނުމަކީ އަލުން އެ މީހުންނާ ބައްދަލުވުމުގެ އުފާވެރިކަން އިހުސާސްކުރެވޭ ކަމެކެވެ. މިފަދަ ހުވަފެންތަކުން އުފަލާއި ހިތްހަމަޖެހުން ލިއްބުވައިދެއެވެ.
މުއާމަލާތްކުރުން: ބައެއް ހުވަފެންތަކުގައި ނިޔާވެފައިވާ ގާތް މީހާ ތިބާއާ ވާހަކަދައްކައެވެ. އެ ގޮތުން ތިބާއަށް ނަސޭހަތްތެރިވެ، ހިތްވަރު ދީ، އަދި މާނަވީ ވާހަކަ ދެއްކުމުގައި މަސްއޫލުވެއެވެ. މި ގޮތުން ކުރާ މުއާމަލާތްތަކަކީ ހާއްސަ އަދި ހަގީގީ މުއާމަލާތްތަކެއްކަން އިހުސާސް ކުރެވެއެވެ.
ހާއްސަ މެސެޖް ދިނުން:
ބައެއް ފަހަރަށް ހުވަފެނުގައި ގާތް މީހާ އަންނަނީ ހާއްސަ މެސެޖެއް ދޭށެވެ. އެ ގޮތުން ބުނާ ބަހުންނާއި ކުރާ އަމަލުން އަދި ޚުދު ހުވަފެނުން ފެނުނު މާހައަލުން ތިބާއަށް ހާއްސަ މެސެޖެއް ލިބިދާނެއެވެ.
އަމިއްލަ ނަފުސަށް ކުރެވޭ މާނަ:
ނިޔާވެފައިވާ ގާތް މީހުން ފެންނަ ހުވަފެނަކީ ތިބާއަށް ހާއްސަ ޒާތީ މާނައެއް އެކުލެވޭ ހުވަފެނަކަށް ވެދާނެއެވެ. މުހިންމީ ހުވަފެނުގައި ފެންނަ ކަންތައްތަކާއި އުފެދޭ ޖަޒުބާތުތައް ތިބާގެ ހަޔާތާ ގުޅޭތޯ ބެލުމެވެ.
ފުން ނަޒަރަކުން ބަލައިލުން:
ނިޔާވެފައިވާ ގާތް މީހުން ފެންނަ ހުވަފެނާމެދު ފުންކޮށް ވިސްނައިލުން ބުއްދިވެރިއެވެ. މިހެން ހެދުމުން އޭގެން ތިބާގެ ޖަޒުބާތުތަކަށް ކުރާ އަސަރުތަކުން އެ ހުވަފެނުގެ މާނަ ވިސްނައިގަތުމަށް އެހީއަކަށްވެދެއެވެ. އެ ގޮތުން އެ ހުވަފެނުން ތިބާއަށް ކުރެވުނު އިހުސާސްތަކާއި ނިޔާވެފައިވާ އެ ގާތް މީހާއާ ތިބާއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް ވިސްނުން ހިންގައިލައިށެވެ.
ހުވަފެން ނޯޓު ކުރުން:
ނިޔާވެފައިވާ ތިބާގެ ގާތް މީހުން ފެންނަ ހުވަފެންތައް "ރެކޯޑު" ކުރާ ޑައިރީއަށް ގެންގުޅޭށެވެ. މިހެން ހެދުމުން މި ފަދަ ހުވަފެންތަކުގައި ފެންނަ އެއްގޮތް މައުލޫއުތަކެއް ފާހަގަކުރެވޭނެއެވެ. މި ކަމުގެ ސަބަބުން ކުރިމަގުގައި މި ފަދަ ހުވަފެންތަކުގެ މާނަ ފަހުމްވުމަށް އެހީއަކަށްވާނެއެވެ.
ނިޔާވެފައިވާ ގާތް މީހުންގެ ހުވަފެނަކީ ބާރުގަދަ ޖަޒުބާތުތަކެއް ކުރިމަތިވެދާނެ ހުވަފެންތަކެކެވެ. އޭގެން ތިބާއަށް ހާއްސަ މެސެޖްތަކެއް ލިބުން ބިނާވެފައިވަނީ ތިބާގެ ގަބޫލުކުރުންތަކާއި ތިބާ އެ ހުވަފެންތައް މާނަކުރާ ގޮތްތަކަށެވެ. ނަފުސާނީ ނަޒަރަކުން ބަލައިފި ނަމަ މި ފަދަ ހުވަފެންތަކަކީ ތިބާއަށް ލިބިފައިވާ ހިތާމަތަކާ ކުރިމަތިލައި ވަކި ގޮތަކަށް ނިމުމެއް ނައިސްހުރި ޖަޒުބާތުތަކަށް ވަކި ގޮތަކަށް ނިމުމެއް ގެންނަ ހުވަފެންތަކަކަށް ވެދާނެއެވެ.
ހަގީގަތުގައި މި ފަދަ ހުވަފެންތަކަކީ ވަރަށް ޒާތީ އެއްޗެކެވެ. ނިޔާވެފައިވާ ގާތް މީހުންގެ ހުވަފެނުން އުފާވެރިކަމާއި ހަޔާތުން "ގެއްލިގެން ދިޔަ" އެ މީހުންނާ އަލުން ގުޅުމުގެ އިހުސާސްތައް ކުރެވޭނެއެވެ. ހުޅުވިފައިވާ ސިކުނޑިއަކާއެކު މި ފަދަ ހުވަފެންތައް ތައުބީރުކުރުމުން އަހަރެމެންގެ ޖަޒުބާތީ އަދި ރޫހީ ދުޅަހެޔުކަމަށް ގިނަގުނަ ފައިދާތަކެއް ކުރާނެއެވެ.
