ދާދި ފަހުން އެމެރިކާގައި ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދެއްކީ އަންނަ ނޮމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ޖޯ ބައިޑަންއަށް ނާކާމިޔާބުވާނެ ކަމަށެވެ. އެ ގޮތުން 70 އަށް ވުރެ ގިނަ ޕަސެންޓް މީހުން ބުނެފައިވަނީ ރައީސްކަން ކުރުމަށްވުރެ އުމުރުން 81 އަހަރުގެ ބައިޑަން މިހާރު މުސްކުޅި ކަމަށެވެ.
ބައިޑަންއާ ވާދަކުރައްވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އުމުރު ބައިޑަންއާ ހުރީ އެންމެ ތިން އަހަރާއި ބައިގެ ތަފާތެވެ. ނަމަވެސް އެމެރިކާގެ މީހުންނަށް މިކަން މައްސަލައަކަށް ނުވާ ކަހަލައެވެ. އެ ގޮތުން ޓްރަމްޕް މިހާރު ކުރައްވާ ހަމަނުޖެހޭ ކަންތައްތަކާވެސް ބައެއް ރައްޔިތުން އަޅައިނުލައެވެ.
އެންމެ ފަހުން މި ކަހަލަ ކަމެއް ދިމާވީ ދާދި ފަހުން ޓްރަމްޕް ހެއްދެވި ވިސްނުންތޫނުކަން ބަލާ ތަހުލީލެއްގައި އޭނާއަށް ރަނގަޅު ނަތީޖާއެއް ލިބުމުންނެވެ. ނަމަވެސް ހަމައެއާއެކު އޭނާވަނީ ހަމަނުޖެހޭ ކަމެއް ވެސް ކުރައްވައިފައެވެ. އޭނާގެ ޓެސްޓް ހެއްދެވި ޑޮކްޓަރުގެ ނަން އޭނާ ވަނީ ހަނދާން ނެތިފައެވެ. އަދި އެ ޑޮކްޓަރަށް އޭނާ މުހާތަބު ކުރެއްވީ ނުބައި ނަމަކުންނެވެ. މި ޑޮކްޓަރަކީ ޓްރަމްޕް ރައީސްކަން ކުރެއްވިއިރު ވެސް އޭނާގެ ޑޮކްޓަރެވެ. ނަމަކީ ރޮނީ ޖެކްސަންއެވެ. ނަމަވެސް މި ޓެސްޓްގެ ނަތީޖާ ހާމަކުރައްވަމުން ޓްރަމްޕްއަށް ވިދާޅުވެވުނީ މި ޑޮކްޓަރުގެ ނަމަކީ ރޮނީ "ޖޯންސަން" ކަމަށެވެ.
"އަހަރެންނަކީ އެމެރިކާގެ ތާރީހުގައި އެންމެ ސިއްހަތު ރަނގަޅު ރައީސްކަމަށް ރޮނީ 'ޖޯންސަން' ވިދާޅުވެއްޖެ،" ފަހަރުވެރިކަމާއެކު ޓްރަމްޕް ވިދާޅުވިއެވެ.
އަނެއްކޮޅުން މި ކަމަށް މަލާމަތް ކުރައްވަމުން ބައިޑަންވަނީ ޓްރަމްޕްގެ 78 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި "އެއް މުސްކުޅި މީހަކު އަނެއް މުސްކުޅި މީހަކަށް މަރުހަބާ" ކިޔާކަމަށް ވިދާޅުވެފައެވެ.
"އުމުރަކީ ހަމައެކަނި އަދަދެއް،" އުމުރުގެ ގޮތުން ޓްރަމްޕާ މާބޮޑު ތަފާތެއް ނެތްކަން ފާހަގަކުރައްވަމުން ބައިޑަން އެކްސްގައި ލިޔުއްވިއެވެ.



advertisment