އިސްރާއީލުން ހަމާސްއާ ދެކޮޅަށް ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި އިސްރާއީލަށް އިންޑިއާއިން ހަތިޔާރު ދޭ ކަމަށް ޝައްކުތައް އުފެދެން ފަށައިފިއެވެ. މިކަން މިހެންވީ އިސްރާއީލުން ކުރިން އިންޑިއާއަށް ކަނޑައެޅި އެމްބެސަޑަރެއް ބުނި ވާހަކައަކުންނެވެ.
"ޕާކިސްތާނާ ދެކޮޅަށް 1999 ވަނަ އަހަރު އިންޑިއާއިން ކުރި ހަނގުރާމައިގައި އިސްރާއީލުން އިންޑިއާއަށް އަސްކަރީ އެހީ ފޯރުކޮށްދީފައިވާތީ އިންޑިއާއިން މިކަމުގެ ބަދަލެއްގެ ގޮތުން އިސްރާއީލަށް މިހާރު އެހީ ފޯރުކޮށްދޭ ކަމަށް ބެލެވޭ،" އިންޑިއާއަށް 2014 އިން ފެށިގެން 2018 އަށް އިސްރާއީލުން ކަނޑައެޅި އެމްބެސެޑަރު ޑެނިލް ކާމަން ބުންޏެވެ.
ޑެނިލް މިހެން ކޮމެންޓް ކުރީ އިސްރާއީލުގެ ނޫހެއް ކަމަށްވާ ވައިނެޓްނިއުސްއަށެވެ. އޭނާ މި ގޮތަށް ވާހަކަ ދެއްކީ ހަމާސް ނައްތައިލަން އިސްރާއީލުން ހިންގަމުންގެންދާ އަށް މަސް ވެފައިވާ ހަނގުރާމައިގައި އިންޑިއާއިން އިސްރާއީލަށް ޑްރޯނާއި އެހެނިހެން ހަތިޔާރު ފޯރުކޮށްދޭ ކަމުގެ ރިޕޯޓުތައް ފެންމަތިވުމުންނެވެ. ނަމަވެސް އިންޑިއާއިން މި ކަމާ އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
"ކަރްގިލް ހަނގުރާމައިގައި އިންޑިއާއަށް ތާއީދުކުރި މަދު ގައުމުތަކުގެ ތެރޭގައި އިސްރާއީލު ހިމެނޭ. އިސްރާއީލުން އެ ހަނގުރާމައަށް އިންޑިއާއަށްވަނީ ހަތިޔާރު ފޯރުކޮށްދީފައި. އިންޑިއާއިން މިކަން ހަނދާންކުރޭ. މި ކަމުގެ ބަދަލުގެ ގޮތުގައި އިންޑިއާއިން މިހާރު އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދެނީ ކަމަށް ބެލެވޭ،" ޑެނިލް ބުންޏެވެ.
ޑެނިލް އިޝާރާތްކުރީ 1999 ވަނަ އަހަރު މޭ މަހާއި ޖުލައި މަހާ ދޭތެރޭގައި ޖައްމޫ އަދި ކަޝްމީރުގެ ކަރްގިލްގައި އިންޑިއާ އާއި ޕާކިސްތާނު ކުރި ހަނގުރާމައަށެވެ. މި ހަނގުރާމައިގައި އިސްރާއީލުން ވަނީ އިންޑިއާއަށް ވަރަށް މުހިންމު ހަތިޔާރާއި އަސްކަރީ އާލާތްތައް ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ޑްރޯން ވެސް ހިމެނެއެވެ.
އިންޑިއާއިން ކަނޑުގެ މަގުން އިސްރާއީލަށް ފޮނުވި ހަތިޔާރުތަކެއް މިދިޔަ މަހު ސްޕޭނުން ވަނީ ހުއްޓުވައިފައެވެ. ސްޕޭނުން ބުނީ "އެއްވެސް ހަނގުރާމައަކަށް އެހީތެރިވާން ބޭނުންނުވާތީ ސްޕޭންގެ ބަނދަރުތައް ބޭނުން ކުރުމަށް ހުރަސްއެޅީ" ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހު އިންޑިއާގެ މީޑިއާތަކުން ބުނީ އިންޑިއާގައި އުފެއްދި 900 ޑްރޯން އިސްރާއީލަށް ދީފައިވާ ކަމަށެވެ. މިއީ އިންޑިއާގެ އަސްކަރިއްޔާއަށް ހަތިޔާރު ދޭން އިސްރާއީލުން އިންޑިއާގައި ގާއިމު ކުރި ހަތިޔާރު އުފައްދާ ކާރުހާނާއެއްގެ އުފެއްދުންތައް ކަމަށްވެއެވެ. އެ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާގައި ހުރި ޑްރޯންތައް މަދުވުމުން މި ކާރުހާނާއިން އުފެއްދި 20 ޑްރޯން އިސްރާއީލަށް ދީފައިވާ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކަށް އިންޑިއާއިން އަދި ސީދާ ފާޑެއް ނުކިޔައެވެ. ތިން ވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ވެރިކަމުގައި ދެ ގައުމުން ވަނީ ގުޅުންތައް ވަރުގަދަކޮށްފައެވެ. އިންޑިއާގެ ހާރިޖިއްޔާއިން ބުނެފައިވަނީ ހަމާސްއާ ދެކޮޅަށް އިސްރާއީލުގެ އަސްކަރިއްޔާއިން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ތާއީދުކުރާ ކަމަށާއި ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ދެ ދައުލަތް މެދުއިރުމަތީގައި ގާއިމުކުރަން ތާއީދުކުރާ ކަމަށެވެ.
އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫގެ އިގުތިސާދީ އެއް ސިޔާސަތަކަށް އިންޑިއާއިން ތާއީދުކުރެއެވެ. އެއީ ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ ވަޒީފާތަކުން ބޭރުކުރުމެވެ. މި ކަމަށް ތާއީދުކޮށް، އިސްރާއީލުގެ އިގުތިސާދު ރަނގަޅު ކުރުމަށް އެހީވުމަށް އިންޑިއާއިން ވަނީ އިންޑިއާގެ އެތައް ހާސް މަސައްކަތްތެރިން އިސްރާއީލަށް ފޮނުވައިފައެވެ.
ޣައްޒާގައި އިސްރާއީލުން 37،000 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފައިވާ ހަނގުރާމައާ ދެކޮޅަށް އިންޑިއާގެ އާއްމު ރައްޔިތުން އަދިވެސް އަޑުއުފުލަމުންދެއެވެ.



advertisment