ކިރުގެ ތާޒާކަން ކެނޑުމުން އެ ބަދަލުވަނީ ޔޯގަޓަށެވެ. ޔޯގަޓަކީ ކިރަށްވުރެ އަގުބޮޑު އެއްޗެކެވެ. ކިރުގެ ރާހަތު އެއަށްވުރެ ނުބައިވެއްޖެ ނަމަ އެ ބަދަލުވަނީ ޗީޒްއަށެވެ. ޗީޒްއަކީ ޔޯގަޓާއި ކިރަށް ވުރެ ވެސް އަގުބޮޑު އެއްޗެކެވެ.
މޭބިސްކަދުރުފަނި ހުތްވެއްޖެ ނަމަ، އެ ބަދަލުވަނީ ބަނގުރަލުގެ ވައްތަރެއް ކަމަށްވާ ވައިންއަށެވެ. ވައިންއަކީ މޭބިސްކަދުރުފަންޏަށްވުރެ އަގުބޮޑު އެއްޗެކެވެ.
ގުދުރަތުގެ މި ކަންތައްތަކަށް ބަލައިލައިފި ނަމަ، މި ކަމުން ހަޔާތުގެ މުހިންމު ފިލާވަޅެއް އެބަ ދަސްވެއެވެ. އެ ފިލާވަޅަކީ ތިބާ ހަދައި ގޯހެއްގެ ސަބަބަކުން ތިބާއަކީ ނުބައި މީހެއް ކަމަށް ބުނެވެން ނެތް ކަމެވެ. އިންސާނުންނަށް ކުށްކުރެވޭނެއެވެ. ކުށްކުރެވުމުން އެ ލިބެނީ ހަޔާތަށް މުހިންމު ފިލާވަޅުތަކެކެވެ. މި ކަމުގެ ސަބަބުން އެ ލިބޭ ތަޖުރިބާއިން ތިބާ ބަދަލުވެގެން އަންނަނީ އަގުހުރި އިންސާނަކަށެވެ.

ޖެނޯއާގެ ރައްޔިތެއް ކަމުގައިވާ ކްރިސްޓޮފަރ ކޮލަމްބަސްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟ އޭނާގެ މާލިމީކަމުގެ ދަށުގައި ހެދުނު ގޯހަކުން 1492 ވަނަ އަހަރު އޭނާއަށްވަނީ އެމެރިކާ ބައްރު ހޯދިފައެވެ.
ދެން ސްކޮޓްލެންޑްގެ ބޭސްވެރިޔާ އެލެކްސެންޑަރ ފްލެމިންގެ ހަޔާތަށް ބަލައިލަމާ ހެއްޔެވެ؟ އޭނާއަށް ހެދުނު ގޯހަކުން 1928 ގައި އޭނާއަށް ވަނީ ޕެނިސިލިން އެންޓިބަޔޮޓިކް އީޖާދު ކުރެވިފައެވެ. އެންމެންނަށް ވެސް އެނގޭ ފަދައިން މި އެންޓިބަޔޮޓިކަކީ އެތައް އެތައް ބައްޔެއްގެ ފަރުވާއެވެ. އެ ގޮތުން ނިއުމޯނިއާ ހުމާއި ޖިންސީ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި ހަމުގެ ބަލިތަކާއި ކަރުގެ ބަލިތަކާއި ކަންފަތުގެ ބަލިތަކަށް ވެސް މިއަދު ވެސް ބޭނުން ކުރަމުން އަންނަނީ މި އެންޓިބަޔޮޓިކްއެވެ.

އެހެންކަމުން، ތިބާއަށް ހެދޭ ގޯހެއްގެ ސަބަބުން، ނުވަތަ ކުރެވޭ ކުށެއްގެ ސަބަބުން، އެއީ ތިބާ އަބަދު ދެރަވެފައި ހުންނަންޖެހޭ ވަރުގެ ކަމަކަށް ނަހަދާށެވެ. އޭގެން ލިބޭ ފައިދާއެއް، ފިލާވަޅެއް ނުވަތަ އެހެންވެސް ރަނގަޅު ކަމެއް އޭގައި ވޭތޯ ބަލައިށެވެ.
އިނގިރޭސި ހަރުބަހެއްގައި ބުނެއެވެ: "ޕްރެކްޓިސް މޭކްސް ޕަރފެކްޓް"އެވެ. ނަމަވެސް އެހެން ގޮތަކަށް ބަލައި ނަމަ، ޕަރފެކްޓްކަން ނުވަތަ ފުރިހަމަކަން އަންނަނީ ހަމައެކަނި ޕްރެކްޓިސް ނުވަތަ ތަކުރާރުކޮށްގެންނެއް ނޫނެވެ. އަހަރެމެންގެ ހަޔާތުގެ ކަންތައްތައް ފުރިހަމަވަނީ ހެދޭ ގޯސްތަކުން ފިލާވަޅު ވެސް ލިބިގަތުމުންނެވެ.
