އެތައް ހަފުތާއެއް ވަންދަން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބަންގްލަދޭޝްގައި ފެންބޮޑުވެ 1.8 މިލިއަން މީހުން ހާލުގައި ޖެހިއްޖެއެވެ.
އެ ގައުމުގެ އިރުއުތުރު ސަރަހައްދުތަކުގައި ގެދޮރާއި ދަނޑުބިންތައް ވަނީ ހަލާކު ވެގެން ގޮސްފައި ކަމަށް ދައުލަތުގެ މީޑިއާ އާއި އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން އިއްޔެ ބުންޏެވެ.
މިއީ އެއް މަސް ތެރޭގައި ފެން ބޮޑުވި ދެ ވަނަ ފަހަރެވެ. އާއްމުކޮށްފައިވާ ވީޑިއޯތަކުން ފެންނަނީ ސިލްހަތު ސިޓީ އާއި އެ ތާ ކައިރީގައިވާ ސުނަމްގަންޖް ޓައުނުގެ ބޮޑެތި ސަރަހައްދުތައް ފެނު އަޑީގައިވާ މަންޒަރުތަކެވެ.
"އިންޑިއާގެ ބޯޑަރާ ކައިރި ސަރަހައްދުން ފައިބައިގެން އައި ފެންގަނޑުގެ ސަބަބުން މި ގޮތަށް ދިމާވީ،" ދައުލަތުގެ މީޑިއާ ބަންގްލަދޭޝް ސަންގްބަދު ސަންގަސްތާ (ބީ.އެސް.އެސް)އިން ރިޕޯޓްކުރިއެވެ.
މީގެ ހަފުތާއެއް ކުރިން ވޯޓަރ ޑެވެލޮޕްމަންޓް ބޯޑުން ބުނީ ފެން ބޮޑުވުމުގެ އަސްލަކީ އިންޑިއާގެ ބޯޑަރު ކައިރީގައިވާ ހަތަރު ކޯރެއްގެ ފެންގަނޑު އެކުވެ، އައްސޭރި ފަށުން ބޭރަށް ފެންގަނޑު ފައިބައިގެން ދިއުމުން ކަމަށެވެ. މި ބޯޑަކީ ފެނުގެ ވަސީލަތްތައް ކޮންޓްރޯލް ކުރުމުގެ ޒިންމާ ނަގާ އިދާރާއެވެ.
ސިލްހަތުގައި ފެން ބޮޑުވެފައިވަނީ މީހުންގެ މެއާ ހިސާބަށް ފޯރާ ވަރަށެވެ.
"އެތައް ބަޔަކަށް ކާބޯތަކެއްޗާއި ސާފު ބޯފެން ނުލިބުމުގެ ބިރު އެބައޮތް،" ބަންގްލަދޭޝްގެ ނޫހަކުން ބުންޏެވެ.
ސިލްހަތުގައި 964،000 މީހުން ހާލުގައި ޖެހިފައިވާއިރު ސުނަމްގަންޖްގައި 792،000 މީހުން ވަނީ ހާލުގައި ޖެހިފައެވެ.
"ސަރުކާރުން ބުނީ ގެދޮރު ގެއްލުނު މީހުންނަށް 6،000 ވަގުތީ ހިޔާ ގާއިމުކޮށްދީފައިވާ ކަމަށް،" ބީ.އެސް.އެސް.އިން ބުންޏެވެ.
އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމާއަތް ކަމަށްވާ ޔުނިސެފުން ބުނީ 772،000 ކުޑަކުދިންނަށް ކުއްލި އެހީ ބޭނުންވެފައިވާ ކަމަށެވެ. އެ ގޮތުން 800 ސްކޫލަށް ފެން ވަދެފައިވާ ކަމަށާއި އިތުރު 500 ސްކޫލް މިހާރު ބޭނުން ކުރަމުން އަންނަނީ ވަގުތީ ހިޔާގެ ގޮތުގައި ކަމަށް ޔުނިސެފުން ބުންޏެވެ.
"މީހުންގެ މެއާ ހިސާބަށް ފެންގަނޑު އުފުލިފައި އެބަހުރި. މި ކަމުގެ ސަބަބުން ކުޑަކުދިން ޣަރަގު ވުމުގެ ބިރު އެބައޮތް. މީގެ އިތުރުން ކާބޯތަކެތި ނުލިބުމާއި ފެނުގެ ޒަރީއާއިން ފެތުރޭ ބަލިތަކަށް ހުށަހެޅުމާއި ގެދޮރު ނެތިގެން ދިއުމުން ލިބޭ ނަފުސާނީ ބަލިކަމާއި ތޮއްޖެހިގެން ވަގުތީ ހިޔާގައި އުޅެން ޖެހުމުގެ ސަބަބުން ކުރިމަތިވެދާނެ ގެވެށި މައްސަލަތަކަކީ ސީރިއަސް ކަންތައްތައް،" ޔުނިސެފުން ބަންގްލަދޭޝްއަށް ކަނޑައަޅައިފައި ހުންނަވާ މަންދޫބު ޝެލްޑަން ޔެޓް ވިދާޅުވިއެވެ.
ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމާއަތް ބަންގްލަދޭޝް ރޫރަލް އެޑްވާންސްމަންޓް ކޮމިޓީ (ބީ.އާރް.އޭ.ސީ)އިން ބުނީ ސިލްހަތާއި ސުނަމްގަންޖަށް ކާބޯތަކެއްޗާއި ސިއްހީ އެހީ ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެ ޖަމާއަތުން ބުނީ ފެން ބޮޑުވުމުގެ ސަބަބުން 2.25 މިލިއަން މީހުންނަށް އެކި ގޮތްގޮތުން އަސަރުކޮށްފައިވާ ކަމަށެވެ.
"ކަރަންޓްގެ ހިދުމަތް ނުލިބި 12،000 މީހުން އެ ސަރަހައްދުގައި އެބައުޅޭ،" ބީ.އާރް.އޭ.ސީ.އިން ބުންޏެވެ.
"ފެންބޮޑުވުމުގެ ނުރައްކާ ދަނީ އިތުރަށް ބޮޑުވަމުން. އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކަށް ގެއްލުން ލިބުމާއި ދިރޭތަކެތި ނެތިގެންދިއުމާއި ހަރުމުދަލަށް ގެއްލުން ލިބުމުގެ އިތުރުން ކިޔަވައިދޭ ތަންތަނާއި އަދި ސިއްހީ ހިދުމަތް ދޭ ތަންތަނަށް ވެސް ވަނީ ގެއްލުން ލިބިފައި،" ބީ.އާރް.އޭ.ސީން ހިންގާ ޕްރޮގްރާމްތަކުގެ އިސްވެރިޔާ ކޮންޑޮކަރު ގުލާމް ތައުހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފެން ބޮޑުވުމުގެ މައްސަލައަށް ބަންގްލަދޭޝް ހޭނިފައިވާ ނަމަވެސް މޫސުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ކުރިއަށް ވުރެ އިތުރަށް ފެން ބޮޑުވުމުގެ މައްސަލަ ނުރައްކާތެރިވެފައިވާ ކަމަށެވެ.
"މިހާރު ކުރިއަށް ކިޔައިކަށް ނޭނގޭ މޫސުން ލަފާ ކުރާނެ ގޮތެއް. މިހެންވެ އާއިލާތަކަށް ރައްކާތެރިކަމެއް ނުލިބޭ. އަދި ކަންތައްތައް ކުރިއަށް ރާވަން ފުރުސަތެއް ނުލިބޭ،" ކޮންޑޮކަރު ވިދާޅުވިއެވެ.
ދަނޑުގޮވާން ކުރާ ޒާތަށް މަސް ފެންގަނޑު ހަދައިގެން މަސްމަހާމެހި އާލާ ކުރާ މީހުންނަށް ވަރަށް ބޮޑު އިގުތިސާދީ ގެއްލުމެއް މި ފަހަރު ލިބިފައިވާ ކަމަށްވެއެވެ. އެ ގޮތުން މި ފަދަ މަސް ކޮށިތައް ނެތިގެން ގޮސްފައިވާތީ 11.4 މިލިއަން ޑޮލަރުގެ ގެއްލުން މި ފަދަ މަސްވެރިންނަށް ލިބިފައިވާ ކަމަށް ރަސްމީ ފަރާތްތަކުން އަންދާޒާ ކުރެއެވެ.
ވޯލްޑް ބޭންކު ބުނާ ގޮތުގައި 2050 ވަނަ އަހަރު އަންނައިރު އާބާދީގައިވާ 170 މިލިއަން މީހުންގެ ތެރެއިން 13 މިލިއަން މީހުން "ތިމާވެށީގެ ރެފިއުޖީން"ނަށް ވާނެއެވެ. އަދި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީ.ޑީ.ޕީ ނުވަ ޕަސެންޓްގެ ނިސްބަތުން ދަށަށް ދާނެއެވެ.



advertisment