ޣައްޒާގެ ޝާތީ އަދި ތުއްފާހު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި މަދުވެގެން 42 މީހުން ޝަހީދުވެއްޖެއެވެ.
ޝާތީގެ ހަތް ގެއަށް ހަމަލާ ދީ ޝަހީދުކޮށްލައިފައިވަނީ 24 މީހުންނެވެ. ތުއްފާހުގެ ހަމަލައިގައި ޝަހީދުކޮށްލައިފައިވަނީ 18 މީހުންނެވެ. ކަން މިހެން ހުރި ނަމަވެސް، އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އިސްރާއީލު ސިފައިން ހަމަލާ ދީފައިވަނީ "ހަމާސްގެ އަމާޒުފަތްގަނޑުތަކަށް" ކަމަށެވެ.
އދ.ގެ ސިއްހަތު ޖަމިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން ބުނީ އަލް-މަވާސީއަށް ވެސް އިސްރާއީލުން ހަމަލާ ދިނުމުން ޒަހަމްވެފައިވާ އެންމެންނަށް އަލް-އަގުސާ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ދަތިވެފައިވާ ކަމަށެވެ. އަދި މިހެންވެ، އަލް-އަހުލީ ހޮސްޕިޓަލަށް ވެސް ޒަހަމްވެފައިވާ މީހުން ގެންނަމުންދާ ކަމަށް ޑަބްލިޔު.އެޗް.އޯ.އިން ބުންޏެވެ.
އދ.އިން ބުނީ ފަލަސްތީނުގެ އާއްމު ހާލަތު ރަނގަޅުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ދިނުމަކީ އިސްރާއީލުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ.
އިސްރާއީލުން މިއަދު ވެސް ދަނީ ހަނގުރާމަ މަތީ މަތިންދާބޯޓާއި ބަރުހަތިޔާރާއެކު ހުޅަނގު ރަފަހްއަށް ހަމަލާ ދެމުންނެވެ. މި ކަމުގެ ބަދަލެއްގެ ގޮތުން ހަމާސްއިން ވަނީ އިސްރާއީލުގެ ހަތިޔާރު އެޅި އެއްގަމު އުޅަނދެއް ގޮއްވައިލައިފައެވެ.
އިސްރާއީލުން ބުނީ ހުޅަނގު އައްސޭރީގެ ގަލްގިލިޔާގައި މިއަދު ޔަހޫދީ މީހަކު މަރައިލައިފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަން ފަށައިފައިވާ ކަމަށެވެ.
އދ.އިން މިއަދު ބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 37،551 މީހުން ޝަހީދުކޮށްލައިފައިވާ ކަމަށެވެ. އަދި 85،911 މީހުން ޒަހަމްކޮށްލައިފައިވާ ކަމަށެވެ. އިސްރާއީލުގެ ފަޅިން މަރުވެފައިވަނީ 1،139 ޔަހޫދީންނެވެ. އަދި ހަމާސްއިން ރަހީނުކޮށްފައިވާ އެތައް ޔަހޫދީންނެއް ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.