ހުޅަނގު އައްސޭރީގައި އިސްރާއީލުން ގަސްދުގައި ފަލަސްތީނުގެ އާއްމުންނަށް ހަމަލާ ދެމުންދާ ކަމަށް އދ.އިން ބުނެފިއެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާގެ ވެރިޔާ ވޮލްކާ ޓާކް، އދ.ގެ 47 މެންބަރުންގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރައްވަމުން ވިދާޅުވީ ހުޅަނގު އައްސޭރީގަ އާއި ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ އާއްމު ރައްޔިތުން, ހަނގުރާމައިގެ އުސޫލުތަކާ ހިލާފަށް "ޣައިރު ގާނޫނީ" ގޮތަކަށް އިސްރާއީލު އަސްކަރިއްޔާއިން ޝަހީދުކޮށް، އަނިޔާ ދެމުންދާ ކަމަށެވެ.
"ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ،" ވޮލްކާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއީލު ސިފައިންނާއި ހަމާސްއިން ހަނގުރާމަ ފެށިފަހުން ހުޅަނގު އައްސޭރީގައި 528 ފަލަސްތީނު މީހުން ޝަހީދުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި 133 ކުޑަކުދިން ހިމެނޭ ކަމަށެވެ. މި މަރުތަކަކީ އިސްރާއީލު ސިފައިންނާއި ހުޅަނގު އައްސޭރީގައި ގަވައިދާ ހިލާފަށް ވަޒަންވެރިވަމުންދާ ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންނާއި ކުޑަކުދިން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އަދަދަކީ ވޭތުވެދިޔަ އަށް މަސް ތެރޭގައި ޝަހީދުވި އަދަދު ކަމަށް ވެސް ވޮލްކާ ވިދާޅުވިއެވެ.
ހަމަ މި މުއްދަތުގެ ތެރޭގައި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު މީހުންނާއި އިސްރާއީލުގައި ދިރިއުޅޭ ޔަހޫދީންނާ ދޭތެރޭ ހިނގި ކުރިމަތިލުންތަކުގައި 23 ޔަހޫދީން މަރުވި ކަމަށާއި އޭގެ ތެރޭގައި އިސްރާއީލުގެ އަސްކަރިއްޔާގެ އަށް ސިފައިން ހިމެނޭ ކަމަށް ވޮލްކާ ވިދާޅުވިއެވެ.
މީގެ ދެ ހަފުތާ ކުރިން ވޮލްކާ ވިދާޅުވީ ހުޅަނގު އައްސޭރީގައި "ކޮންމެ ދުވަހަކު"ހެން ފަލަސްތީނު ރައްޔިތުން ޝަހީދު ކުރަމުންދާ ކަމަށެވެ.
ވޮލްކާ މިހާރު ވިދާޅުވީ ވޭތުވެދިޔަ އަށް މަސް ދުވަހުގެ ތެރޭގައި ޣައްޒާގައި އެކަނިވެސް 120،000 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.
"މިއީ އިސްރާއީލު ސިފައިން ދިން ހަރުކަށި ހަމަލާތަކުގެ ނަތީޖާ،" ވޮލްކާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިދިޔަ މަހުގެ ކުރީކޮޅު ރަފަހްގައި އިސްރާއީލުގެ އަސްކަރީ ކެމްޕޭން ފުޅާކޮށްލުމާ ގުޅިގެން ގެދޮރު ނެތިގެން ގޮސްފައިވާ އެއް މިލިއަން ފަލަސްތީނު މީހުން ވަނީ އަނެއްކާ ވެސް އެހެން ސަރަހައްދުތަކަށް ދާން މަޖުބޫރުވެފައިވާ ކަމަށެވެ.
"އިންސާނީ އެހީއާއި އެހެނިހެން އަސާސީ ހިދުމަތްތަކުން ފަލަސްތީނު ރައްޔިތުން ވަނީ މަހްރޫމްވެފައި،" ވޮލްކާ ވިދާޅުވިއެވެ.
ހުޅަނގު އައްސޭރީގެ އިތުރުން ލުބްނާނާއި އިސްރާއީލާ ދެމެދު ބަދަލު ކުރަމުންދާ ހަމަލާތައް މިހާރު ފުޅާވަމުންދާތީ އެ ކަމާވެސް "ވަރަށް ކަންބޮޑުވެވަޑައިގަންނަވާ" ކަމަށް ވޮލްކާ ވިދާޅުވިއެވެ.
"ލުބްނާންގައި 401 މީހުން ޝަހީދުވެއްޖެ. އޭގެ ތެރޭގައި ސިއްހީ އެހީތެރިންނާއި ނޫސްވެރިން ހިމެނޭ،" އޭނާ ވިދާޅުވިއެވެ.
ލުބްނާންގެ ހިޒްބުﷲ ޖަމާއަތާ އިސްރާއީލު އަސްކަރިއްޔާ ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ލުބްނާންގައި 90،000 މީހުންގެ ގެދޮރު ނެތިގެން ގޮސްފައިވާ ކަމަށާއި އިސްރާއީލުގައި ވެސް 60،000 ޔަހޫދީންގެ ގެދޮރު ނެތިގެން ގޮސްފައިވާ ކަމަށް ވޮލްކާ ވިދާޅުވިއެވެ.
"ހިޒްބުﷲ އާއި އިސްރާއީލުގެ އަސްކަރިއްޔާއިން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އިސްރާއީލުގެ 25 ޔަހޫދީން ވެސް ވަނީ މަރުވެފައި،" ވޮލްކާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ "އާއްމުން ޝަހީދު ކުރުމާއި ޒަހަމް ކުރުން މިހާރު ކޮންމެ ދުވަހަކު ހިނގާ ކަމަކަށް ވެއްޖެ" ކަމަށެވެ.
"ކުޑަކުދިންނާ ދިމާއަށް ބަޑިޖެހުން، ހޮސްޕިޓަލްތަކަށް ބޮންއެޅުން، ބަރު ހަތިޔާރުން މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާ ދިނުން އާއްމު ކަމަކަށް ވެއްޖެ. މިއާއެކު ނަފުރަތުގެ ބަސްތައް އިއްވައި، ރުޅުވެރިކަމާއި ބައިބައިވުން އުފައްދައި، އަދި އިންސާނިއްޔަތުކަން ނަގާލާ ވާހަކަތައް ފަތުރަމުންދޭ،" ވޮލްކާ ވިދާޅުވިއެވެ.
މުޅި ދުނިޔޭގެ ހާލަތަށް ބަލައިފި ނަމަ 2022 އާ އަޅާބަލާއިރު މިދިޔަ އަހަރު ހަނގުރާމަ ހިނގާ ސަރަހައްދުތަކުގައި މަރުވި ކުޑަކުދިންގެ ނިސްބަތް ތިންގުނަ އިތުރުވެފައިވާ ކަމަށާއި މަރުވި އަންހެނުންގެ އަދަދު ދެގުނަ އިތުރު ކަމަށް އޭނާ ވިދާޅުވިއެވެ.
ވޮލްކާ ފާހަގަ ކުރެއްވީ ހަނގުރާމަ ހިނގަމުންދާ ގައުމުތައް ކަމަށްވާ ޔޫކްރެއިން، ކޮންގޯ، ސޫދާން އަދި ސީރިއާގައި ދިރިއުޅޭ މީހުންގެ ހާލަތު ރަނގަޅު ކުރަން ބޭނުންވާ ފައިސާ އާއި އެހީ ލިބުން މަދުވަމުންދާ ކަމަށެވެ.
"މިދިޔަ މަހާ ހަމައަށް ބަލާއިރު ބޭނުންވާ އެހީ އާއި ލިބިފައި ހުރި އެހީގައި 40 ބިލިއަން ޑޮލަރުގެ ފަރަގެއް އުޅޭ. މިދިޔަ އަހަރު އަސްކަރީ ހަރަދަށް ގައުމުތަކުން 2.5 ޓްރިލިއަން ޑޮލަރު ހޭދަކުރި،" ވޮލްކާ ވިދާޅުވިއެވެ.