މުޅި އިސްލާމީ ދުނިޔޭގައި ބޮޑު އީދު މިއަދު ފާހަގަ ކުރަމުން އަންނައިރު ފަލަސްތީނުގެ ރައްޔިތުން އީދު ފާހަގަ ކުރަމުންދަނީ ނެގިމަޑުވެފައިވާ ހިތާމަވެރި ކަމެއްގައެވެ.
އީދެއް ކަމަކު އިސްރާއީލު ސިފައިން މިއަދު ވެސް ދަނީ ޣައްޒާގައި ދޭ ހަމަލާތައް ކުރިއަށް ގެންދަމުންނެވެ. އަދި އަލް-އަގްސާ މިސްކިތަށް މުސްލިމުން ވަނުމަށް ވެސް ދަނީ ހުރަސްތަކެއް އަޅަމުންނެވެ.
ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުން އީދު ނަމާދު ކުރީ ސުންނާފަތިވެފައިވާ އިމާރާތްތައް ކައިރީގައި ސަފުތައް ރާވަމުންނެވެ. އަދި އިސްރާއީލުން ޝަހީދުކޮށްލާފައިވާ 37،000 މީހުންނަށް އެ މީހުން ވަނީ ހެޔޮ ދުއާކޮށްފައެވެ.
އީދު ނަމާދު ކުރަމުން ދިޔައީ ޣައްޒާގެ ރަފަހްގެ ހުޅަނގުގެ ސަރަހައްދުތަކަށް އިސްރާއީލު ސިފައިން ދޭ ހަމަލާތައް ވަރުގަދަ ކޮށްފައިވަނިކޮށެވެ. މީގެ އިތުރުން އެއްގަމު މަގުން ރަފަހްގައި ހަމަލާތައް ދެމުންދިޔައިރު މެދުތެރޭ ޣައްޒާއަށް ދެމުންދިޔަ ހަމަލާތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
"މި ކަމުގެ ސަބަބުން ފަލަސްތީނު ރައްޔިތުންގެ ތެރެއިން ގެދޮރު ނެތެމުންދާ މީހުންގެ އަދަދު ދަނީ އިތުރުވަމުން. ޣައްޒާގެ އުތުރުގައި ދިރިއުޅޭ މީހުން އަދިވެސް ތިބީ ބޮމާއި އެހެނިހެން ހަމަލާތައް އައިސްފައިނެތީ ބިރުން. މީގެ އިތުރުން ފެނަށްޖެހުމާއި ބަނޑަށްޖެހުމުގެ ނުރައްކާއާ ވެސް އެ މީހުންނަށް ވަނީ ކުރިމަތިލާންޖެހިފައި،" ޣައްޒާގެ މެދުތެރޭގައި އޮންނަ ޒައިރު އަލް-ބަލާހްގައި ހުރި އަލް ޖަޒީރާގެ ނޫސްވެރިޔާ ހާނީ މަހްމޫދު ބުންޏެވެ.

އޭނާ ބުނީ މި ހާލަތް ކުރިމަތިވެފައި މި ވަނީ މިއަދު އީދު ދުވަހު ކަމަށާއި ގެދޮރު ނެތިފައިވާ އެތައް ލައްކަ ފަލަސްތީނު މީހުންގެ މެދުގައި ކަމަށެވެ.
ހަމަ މި ސަރަހައްދުގައި ހުރި އަލް ޖަޒީރާގެ ނޫސްވެރިޔާ ތޯރިގު އަބޫ އައްޒޫމް ބުނީ "ފަލަސްތީނު ރައްޔިތުން އަދިވެސް ތިބީ ލިބޭނެ އިތުރު އުއްމީދަކަށް އެދިއެދި" ކަމަށެވެ.
"އިސްރާއީލު ސިފައިންގެ ހަމަލާތައް ކުރިމަތިވަމުން ދިޔަ ނަމަވެސް ފަލަސްތީނުގެ ކުޑަކުދިންނަށް އުފާވެރިކަން ލިބޭނެ މަގުތައް ހޯދަމުން ފަލަސްތީނު ރައްޔިތުން އެބަދޭ. މީގެ ތެރެއިން ގިނަ ކުޑަކުދިން މިއަދު އީދު ފާހަގަ ކުރުމަށް ހޭލީ މައިންބަފައިންނާ ނުލައި ޔަތީމު ހާލަތުގައި އީދު ފާހަގަ ކުރުމަށް،" ތޯރިގު ބުންޏެވެ.
ޣައްޒާގައި ހުންނަ ފަލަސްތީނު ސަރުކާރުގެ މީޑިއާ އިދާރާއިން ރޭގައި ބުނީ އީދު އުލްހިޔާ ކަތިލުމަށް ހުރަސްއެޅުމުގެ ގޮތުން އިސްރާއީލު ސިފައިން ދަނީ ޣައްޒާއަށް ނާމުސޫފި ނުވެއްދޭ ގޮތަށް ފިޔަވަޅު އަޅަމުން ކަމަށެވެ.
އިސްރާއީލު ސިފައިން މިއަދު އިއުލާންކުރީ ކުރިއަށް އޮތް ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެދުނު 8 އިން ރޭގަނޑު 7 އަށް ހަމަލާތައް ހުއްޓާލާނެ ކަމަށެވެ. އެއީ ކަރީމް އަބޫ ސަލީމް މަގުން އެހީ އެތެރެ ކުރެވޭނެ ގޮތަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ. ނަމަވެސް އިސްރާއީލު ސިފައިން ބުނީ ޣައްޒާގެ ދެކުނުގައި ކުރިއަށްދާ ހަނގުރާމަ ހުއްޓާނުލާނެ ކަމަށެވެ.
ހަނގުރާމަ މި ގޮތަށް މަޑުޖައްސައިލައިނެ ކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނުމުން އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން-ގްވިރު ބުނީ މިއީ "ބުއްދި ހަމަޖެހޭ ނިންމުމެއް ނޫން" ކަމަށެވެ. ސަބަބަކީ އިއްޔެ އެކަނިވެސް ހަމާސްއިން އިސްރާއީލުގެ 10 ސިފައިން މަރައިލައިފައި ވާތީއެވެ. މިއީ ހަމާސްއާ އިސްރާއީލު ސިފައިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފެށި ހަނގުރައިމައިގައި މިދިޔަ ޖަނަވަރީ މަހަށް ފަހު އެއް ދުވަހެއްގައި އެންމެ ގިނަ އިސްރާއީލު ސިފައިން މަރައިލި ދުވަހެވެ.
ގުދުސްގައި ހުރި އަލް-އަގްސާ މިސްކިތަށް މުސްލިމުން ވަނަނުދޭން އިސްރާއީލު ސިފައިން ހުރަސްއެޅިއިރު އަޅުކަން ކުރުމުގައި ތިބި މީހުންނަށް ވެސް ވަނީ ހަމަލާދީފައެވެ. ނަމަވެސް 40،000 މުސްލިމުންނަށް އެ މިސްކިތަށް ވަދެވުނު ކަމަށާއި އިތުރު ބައެއް މީހުން މިސްކިތުން ބޭރުގައި އީދު ނަމާދުކޮށްފައިވާ ކަމަށް ވަފާ ނޫސް އެޖެންސީން ބުންޏެވެ.
އެ އެޖެންސީން އިތުރަށް ބުނިގޮތުގައި އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲގައި ބައިވަރު ޗެކުޕޮއިންޓްތައް ގާއިމުކޮށް، ބަލާފާސް ކުރުމުގެ ނަމުގައި ފަލަސްތީނު ރައްޔިތުންނަށް ޖެއްސުންކޮށް، އެއް ތަނުން އަނެއް ތަނަށް ނުދެވޭ ގޮތަށް އިސްރާއީލު ސިފައިން ހުރަސްއަޅަމުން ދިޔަ ކަމަށެވެ. މި ގޮތުން ދަތުރުކުރަމުން ދިޔަ ފަލަސްތީނު މީހުންގެ އެތައް އުޅަނދެއް އިސްރާއީލު ސިފައިން ހުއްޓުވި ކަމަށް ވަފާއިން ބުންޏެވެ.
އދގެ އިސް ދެ އޮފިޝަލުން ވިދާޅުވީ ވޭތުވެދިޔަ އަށް މަސް ދުވަހުގެ ހަމަލާ ބަދަލުކުރުންތަކަށް ފަހު އިސްރާއީލު ސިފައިންނާއި ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ކުރަމުންދާ ހަނގުރާމަ ފުޅާވެފައިވަތީ "އޮޅުމަކުން ނަމަވެސް މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އެބައޮތް" ކަމަށެވެ.
"ލުބްނާންގައާއި އެހެނިހެން މުސްލިމުން ދުނިޔޭގެ ކަންކޮޅުތަކުގައި މިއަދު އީދު ފާހަގަ ކުރަމުން އަންނައިރު، ހުރިހާ އެންމެން ވެސް ހަތިޔާރު ބަހައްޓައި، ސުލްހައިގެ މަގު ހިޔާރު ކުރަން އދ.ގެ އާއިލާއިން ގޮވައިލަން،" ދެ އޮފިޝަލުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.



advertisment