Support Us

ނުސައިރާ ހަމަލާއަކީ އިސްރާއީލު ސިފައިން ހިންގި ގަތުލުއާއްމެއް: ޔޫރަޕް

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ހަމަލާ ދީ، ރަހީނު ކުރި ޔަހޫދީންނާއި އިތުރު 16 ގައުމެއްގެ ރައްޔިތުންގެ ތެރެއިން ހަތަރު މީހަކު ސަލާމަތް ކުރަން އިސްރާއީލު އަސްކަރިއްޔާއިން ފަލަސްތީނުގެ މެދުތެރޭގައި ޣައްޒާގައި ހުންނަ ނުސައިރާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއަކީ "ގަތުލުއާއްމެއް" ކަމަށް ޔޫރަޕްގެ އިއްތިހާދުން ސިފަކޮށްފިއެވެ.

އިސްރާއީލުގެ އެއް ފުލުހަކު މަރުވެފައިވާ އެއްޔެ ދިން މި ހަމަލާގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު އަދިވެސް ދަނީ މައްޗަށެވެ. މިއަދު ހެދުނު ޝަހީދުވި މީހުންގެ އަދަދު ހުރީ 210 ގައި ކަމަށްވިޔަސް، ޣައްޒާގެ ހޮސްޕިޓަލްތަކުން ބުނިގޮތުގައި މެންދުރު އަތަށްއެޅިއިރު ޝަހީދުވި މީހުންގެ އަދަދު 283 އަށް ވަނީ އަރައިފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 814 އަށް ވުރެ މައްޗަށް އަރައިފައި ވާއިރު ޣައްޒާގެ ހޮސްޕިޓަލުތަކަށް މި "އިންސާނީ ކާރިސާ" ތަހައްމަލު ކުރާނެ ޖާގައެއް ނުވަތަ ވަސީލަތްތަކެއް ނެތް ކަމަށް ވެސް އެ ހޮސްޕިޓަލްތަކުން ބުންޏެވެ. 

"މެދުތެރޭ ޣައްޒާގެ އަލް-އަގްސާ ހޮސްޕިޓަލުގެ ތެރެ ހީވަނީ ލެއިން ތަތްތެޅިފައިވާ ނާމުސޫފި ކަތިލާ ތަނެއްހެން،" އަލް-އަގްސާ ހޮސްޕިޓަލްގެ ސިއްހީ އެހީތެރިއެއް ބުންޏެވެ.

ފްރާންސްގެ ހިލޭސާބަހަށް މަސައްކަތް ކުރާ ޑޮކްޓަރުންގެ ޖަމިއްޔާ ޑޮކްޓަރސް ވިތައުޓު ބޯރޑާރސްއިން ބުނީ އަލް-އަގްސާގެ އިތުރުން ނާސިރު ހޮސްޕިޓަލުގައި ވެސް ފަރުވާ ދޭން ޖެހޭ އެންމެންނަށް އެކަން ކުރެވޭނެ ޖާގަ އާއި ވަސީލަތްތަކެއް ނެތް ކަމަށެވެ. 

ހަތަރު ރަހީނުން ސަލާމަތްކުރަން ނުސައިރާގައި ހުންނަ ފަލަސްތީނުގެ ރެފިއުޖީ ކޭމްޕަށް ދިން ހަމަލައިގައި މިހާ ގިނަ އަދަދަށް މައުސޫމް ފަލަސްތީނު މީހުން ޝަހީދުކޮށްލައިފައިވާތީ އެތައް ގައުމަކާއި އެތައް ޖަމިއްޔާތައް މިއަދު ވަނީ އިސްރާއީލަށް ބަހުގެ ހަމަލާތައް ފޮނުވައިލައިފައެވެ.

ނުސައިރާއަކީ މިހާރު ފަލަސްތީނު މީހުންނަށް ހިމާޔަތް ލިބިފައިވާ ހަމައެކަނި ތަނެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ހަމަލައިދީ 1،139 މީހުން މަރައިލައި، 250 އެއްހާ މީހުން ރަހީނު ކުރުމުން އެކަމުގެ ބަދަލުހިފުމެއްގެ ގޮތުގައި ކަމަށް ބުނެ ވޭތުވިދިޔަ އަށް މަސް ދުވަސްތެރޭގައި ޣައްޒާ ސުންނާފަތިކޮށްލުމުގެ ކެމްޕޭނުގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ 37,084 މީހުން ޝަހީދުކޮށްލައި، 84،494 މީހުން ޒަހަމްކޮށްލައިފައެވެ.

ޣައްޒާ ސުންނާފަތި ކުރަމުން ދިޔައިރު ފަލަސްތީނުގެ އެންމެން ރަފަހުން ހިމާޔަތް ހޯދުމަށް އިސްރާއީލު ސަރުކާރުން އެންގުމުން، ފަލަސްތީނު ރައްޔިތުން އެ ގޮތަށް އަމަލު ކުރުމަށް ފަހު ވެސް އިސްރާއީލު ސިފައިން ވަނީ ރަފަހް ހިފައިފައެވެ. އަދި މިހާރު ހިމާޔަތް ލިބިފައި އޮތީ ހަމައެކަނި ނުސައިރާއިން ކަމަށްވެފައި ނުސައިރާ ސުންނާފަތިކުރަން ފެށުމުން ފަލަސްތީނުގެ ރައްޔިތުން މިހާރު ތިބީ ދާނެ އިތުރު ތަނެއް ނެތިފައެވެ. 

އިސްރާއީލުން މިހާރު ވެސް ދައްކައި އުޒުރަކީ އިސްރާއީލު ސިފައިން ހަމަލާ ދެނީ ހަމައެކަނި ހަމާސްގެ ހަނގުރާމަވެރިން ފިލައިގެން އުޅޭ ތަންތަނަށް ކަމަށެވެ. އެ ގޮތުން ނުސައިރާގައި ހުރި އދ.ގެ ސްކޫލެއް ސުންނާފަތި ކޮށްލަމުން ވެސް ބުނީ މިހެންނެވެ. އަދި ނުސައިރާގެ ރެފިއުޖީ ކޭމްޕަށް އިއްޔެ ހަމަލާ ދިނީ ވެސް އެ ކޭމްޕްގައި ހަމާސްގެ ހަނގުރާމަވެރިން ތިބުމުން ކަމަށާއި އިސްރާއީލު ސިފައިން މިނިވަން ކުރި ހަތަރު ރަހީނުން ވެސް ހަމާސްއިން ހައްޔަރުކޮށްގެން ގެންގުޅުނީ އެ ކޭމްޕްގައި ކަމަށް ތުހުމަތުކޮށްފައެވެ.

"ބައެއް އާއިލާތައް އެއްކޮށް ވަނީ ޝަހީދުކޮށްލައިފައި،" ނުސައިރާގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ ހިންދު ކައުދަރީ ބުންޏެވެ. 

އޭނާ ބުނީ ނުސައިރާ ހަމަލާގައި ޒަހަމްވީ މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އެ ގޮތުން ބައެއް މީހުންގެ ގުނަވަންތައް ވެސް މިހާރުން މިހާރަށް ބުރިކޮށްލަން ޖެހޭ ކަމަށް ޑޮކްޓަރުންނާ ހަވާލާ ދީ އޭނާ ބުންޏެވެ.

"ނުސައިރާގައި ތިބި އަންހެނުންނާއި ކުޑަކުދިން ބުނީ ނުސައިރާ ދޫކޮށްފައި ދާނެ އެހެން ތަނެއް ނެތް ކަމަށް. އެ މީހުންނަށް އިހުސާސް ކުރެވެނީ ބަންދެއްގައި ތިބި ކަމަށް. ޣައްޒާގެ އުތުރުގައި ވެސް އަދި ދެކުނުގައި ވެސް ހިމާޔަތް ލިބިދާނެ ކަހަލަ ތަނެއް ނެތް. އިއްޔެ އިސްރާއީލު ސިފައިން ދިން ކަހަލަ ހަމަލާއެއް އަނެއްކާ ވެސް ދީފައިނެތީ އެންމެން ތިބީ ބިރުން،" ހިންދު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *